Roadha Mihaaru

އެއާޕޯޓުގެ ހާލަތު ބެލުމަށް އެސްއޯއީ ކޮމިޓީގެ މެންބަރުން އައްޑުއަށް

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ހާލަތު ކައިރިން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ މެންބަރުން އައްޑު އަށް ދާން ނިންމައިފި އެވެ.

އެއާޕޯޓުގެ ހާލަތު ބެލުމަށް އެސްއޯއީ ކޮމިޓީ އައްޑުއަށް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

18 ޖުލައި 2019

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ހާލަތު ކައިރިން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ މެންބަރުން އައްޑު އަށް ދާން ނިންމައިފި އެވެ.

އިއްޔެ ބޭއްވި އެސްއޯއީ ކޮމިޓީގައި މެންބަރުން ވަނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ހާލަތާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް އެ ކުންފުނީގެ އިސްވެރިންނާ އަމާޒުކުރައްވައިފަ އެވެ.

އިއްޔެ ބޭއްވި އެސްއޯއީ ކޮމެޓީ އަށް ވަޑައިގެން، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ބޯޑު މެމްބަރު އިބްރާހިމް ނޫރައްދީން ވިދާޅުވީ އެއާޕޯޓުގެ ހާލަތު އެންމެ ފުރިހަމަ އަށް ފެންނާނީ މެމްބަރުން އެތަނަށް ވަޑައިގަންނަވައިގެން ކަމަށެވެ. އެތަނުގެ އިމާރާތަކީ ވަރަށް ދުވަސްވެފައިވާ އިމާރާތެއް ކަމަށާއި ކުރާ ގިނަ އޮޑިޓްތަކުން އެއާޕޯޓް ފެއިލްވާ ކަމަށް ވެސް އިބްރާހިމް ނޫރައްދީން ވިދާޅުވި އެވެ.

"އެތަން ވީރާނާވެފައިވާ ވަރު އެނގޭނީ އެތަނަށް ގޮސް ބަލައިލުމުން،" އޭނާ ވިދާޅުވި އެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމު ވިދާޅުވީ، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނި އުފެއްދި މަގްސަދަކީ އައްޑު އަށް ތަރައްގީ ގެންދިއުން ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި އެންމެ ކާމިޔާބު ވިޔަފާރިވެރިން ނިސްބަތްވާ ކާސާ ހޯލްޑިންސްގެ 30 ޕަސެންޓާއި ސަރުކާރުގެ 70 ޕަސެންޓް ހިއްސާވާ ކުންފުންޏެއް ފެއިލްވެގެން ދިޔުމަކީ ސަރުކާރުގެ ފަރާތުން ބޯޑުގައި އިންނަވާ މެންބަރު ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

"ސަރުކާރުގެ ފަރާތުން ބޯޑު ރެޕްރެޒެންޓް ކުރާ ބޭފުޅަކު، މިނިސްޓްރީތަކާއި ސަރުކާރު އޮފީސްތަކާ ހިންގަންޖެހޭ މުއާމަލާތްތައް ހިންގަން ވާނެ. ސަރުކާރުގެ ޒިންމާ އޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެ ކުންފުނި ހިންގަނީ ޗެއާމަނެއް، އެމްޑީއެއް ވެސް ނެތި،" އޭނާ ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި އެ ކުންފުނި އޮތީ ދާނެ ގޮތަކަށް ދާން ދޫކޮށްލާފައި ކަމަށެވެ. އޭނާ ވިދާޅުވީ، އެ ކުންފުންޏަށް ލިބިގެން އުޅޭ ބަދުނާމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި މިކަމުން ކާސާގެ ނަމަށް ވެސް ގެއްލުން ލިބޭ ކަމަށެވެ.

"މިކަން މިގޮތަށް މިވީ، ކާސާ މިކަމާ ހަވާލުވި އިރު ތަރައްގީ ކުރަން 130 ރޫމެއްގެ ހޮޓަލެއްގެ ވާހަކަ މި ޕްރޮޕޯސަލްގައި ހިމެނުމުން އެއިން ލިބޭ އެއްޗަކުން އެއާޕޯޓް ތަރައްގީ ކުރުމަށް އޮތީ. އެ ވިސްނުމުގައި ތިބި ބަޔަކު އެ އިމޭޖް ގޯސް ކުރަނީ،" އޭނާ ވިދާޅުވި އެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާމް ވިދާޅުވީ، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ހާލަތުން އެނގިގެންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އައްޑޫގެ ރައްޔިތުންނަށް އިހުމާލުވެފައިވާ މިންވަރު ކަމަށެވެ.

"އަޅުގަނޑަށް ފެންނަނީ 70 ޕަސެންޓް އޮތް ޝެއާހޯލްޑަރު ނިދާފަ އޮވެ، ކާސާގެ ބޮލުގައި ހުރިހާ އެއްޗެއް އަޅުވައިގެން ތިބި މަންޒަރު،" އޭނާ ވިދާޅުވި އެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވީ، އައްޑޫ އެއާޕޯޓު ނުހިނގާ އޮތުމަކީ އައްޑޫގެ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

"އައްޑޫ އެއާޕޯޓު ހިންގަން ހުރަސް އެޅީ ސަރުކާރުން. ސަރުކާރުން އެއޮތީ އެކަން ނިންމައިފަ. މިކަން ސީރިއަސްކޮށް ބަލާ އަޅުގަނޑުމެންނަށް އެޅޭ އެ ފިޔަވަޅެއް ބަލަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވަނީ އެސްއޯއީތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) ގެ މެންބަރުގެ އިސްތިއުފާއަށް ގޮވާލަށްވާފަ އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ނަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ބަދަލުކޮށް، އެ ކުންފުނީގެ 30 ޕަސެންޓް ހިއްސާ ކާސާ ހޯލްޑިންސް އަށް ދީފައިވަނީ 2012 ވަނަ އަހަރު އެވެ. މި ބަދަލު ގެނެސްފައިވަނީ ބޮޑު ބިޒްނަސް ޕްލޭނަކާ އެކު އެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް ޕްލޭންގައި ހުރި ކަންކަން ކުރެވިފައެއް ނުވެ އެވެ.