Roadha Mihaaru

ލަންކާގައި އިންޓަނޭޝަނަލް ސްޓޭޑިއަމެއް އަޅަން އޭއެފްސީން އެހީވަނީ

ޒަމާނީ ވަސީލަތްތައް ހިމެނޭ އިންޓަނޭޝަނަލް ފުޓްބޯޅަ ސްޓޭޑިއަމެއް ސްރީ ލަންކާގައި އަޅައިދޭން އެހީތެރިވެދެއްވާނެ ކަމަށް އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ރައީސް ޝެއިޚް ސަލްމާން ވިދާޅުވެއްޖެ އެވެ.

ލަންކާގައި އިންޓަނޭޝަނަލް ސްޓޭޑިއަމެއް އަޅަން އޭއެފްސީން އެހީވަނީ
މުހައްމަދު ހަމްދޫން
މުހައްމަދު ހަމްދޫން

06 އެޕްރީލް 2025

ޒަމާނީ ވަސީލަތްތައް ހިމެނޭ އިންޓަނޭޝަނަލް ފުޓްބޯޅަ ސްޓޭޑިއަމެއް ސްރީ ލަންކާގައި އަޅައިދޭން އެހީތެރިވެދެއްވާނެ ކަމަށް އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ރައީސް ޝެއިޚް ސަލްމާން ވިދާޅުވެއްޖެ އެވެ.

ލަންކާގައި ބޭއްވި ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުގައި ސަލްމާން ވަނީ އެ ގައުމުގެ ކުޅިވަރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފަ އެވެ.

އެގޮތުން ސްޓޭޑިއަމުގެ ވާހަކަ އޭނާ ދެއްކެވީ ޔޫތު އެފެއާޒް އެންޑް ސްޕޯޓްސް މިނިސްޓަރު ސުނިލް ކުމާރަ ގަމަގައާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ. ސަލްމާން ވިދާޅުވި ކަމަށް ލަންކާ މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި، އޭއެފްސީން ސްޓޭޑިއަމެއް އަޅައިދޭނީ ސަރުކާރާ ގުޅިގެން ކަމަށެވެ.

ލަންކާގައި މިހާރު ފުޓްބޯޅަ އަށް ބޭނުންކުރަނީ 60 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ސުގަތަދާސަ ސްޓޭޑިއަމެވެ. ފުޓްބޯޅައިގެ އިތުރުން ރަގްބީ، އާއި އެތުލެޓިކްސް އަށް ވެސް ބޭނުންކުރާ އެ ސްޓޭޑިއަމުގައި ޒަމާނީ ވަސީލަތްތަކެއް ނެތެވެ. އަދި ވަނީ ވަރަށް ބޮޑަށް ބާވެފަ އެވެ.

މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ބަނގުރޫޓުވި ލަންކާގެ އިގުތިސާދު މިހާރު އަންނަނީ ހަމަޔަކަށް އެޅެމުންނެވެ. އެހެންވެ ހުރިހާ ދިމާލެއްގައި ވެސް އާ ވަސީލަތްތައް ބިނާކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅެ އެވެ. އެކަމަށް ތައުރީފުކުރައްވަމުން ސަލްމާން ވިދާޅުވީ އޭޝިއާގެ ގިނަ ގައުމުތަކަކަށް އިގްތިސާދީ ގޮންޖެހުންތަކާއި ކޮރަޕްޝަންގެ މައްސަލަތައް ކުރިމަތިވެފައިވާ އިރު، ލަންކާ ކުރިއަރަމުން އައުމުގެ ސިއްރަކީ ސަރުކާރުގެ މަސައްކަތް ކަމަށެވެ.

ކުރިން ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ ބާރެއްގެ ގޮތުގައި އޮތް އަދި 1995 ވަނަ އަހަރު ސަރަހައްދުގެ ޗެމްޕިއަންކަން ވެސް ހޯދި ލަންކާގެ ފުޓްބޯޅަ ފަހަކަށް އައިސް އަނދަވަޅަކަށް ވެއްޓުނެވެ. އެކަމަކު މިހާރު އަންނަނީ އާ ޕްލޭނެއްގެ ދަށުން މަޑުމަޑުން ކުރިއެރުން ހޯދަމުންނެވެ.

ލަންކާ މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ ޖޫން މަހު ސާފް ޗެމްޕިއަންޝިޕް ބާއްވާށެވެ. މިއީ 2008 ވަނަ އަހަރު ރާއްޖެއާ ގުޅިގެން އެ މުބާރާތް ބޭއްވި ފަހުން ލަންކާގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެވެ.