Roadha Mihaaru

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ކައްޕި އަށް ސްޓްރޯކެއް ޖެހިގެން ފަރުވާ ދެނީ

ގައުމީ ފުޓްބޯޅަ ޓީމާއި، ވިކްޓްރީގެ ކުރީގެ ކެޕްޓަން މުހައްމަދު އިބްރާހީމް (ކައްޕި) އަށް ސްޓްރޯކެއް ޖެހިގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން އެބަދެ އެވެ.

ކައްޕި އަށް ސްޓްރޯކެއް ޖެހިގެން ފަރުވާ ދެނީ

ގައުމީ ފުޓްބޯޅަ ޓީމާއި، ވިކްޓްރީގެ ކުރީގެ ކެޕްޓަން މުހައްމަދު އިބްރާހީމް (ކައްޕި) އަށް ސްޓްރޯކެއް ޖެހިގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން އެބަދެ އެވެ.

ކައްޕިގެ އާއިލާ މެމްބަރަކު ބުނީ އޭނާ އަށް ސްޓްރޯކެއް ޖެހުނީ އިއްޔެ މެންދުރުފަހު އޮފީހުގައި ހުއްޓާ ކަމަށާއި، ސިކުނޑީގެ ތިން ނާރެއް ބްލޮކްވެފައިވާ ކަމަށެވެ.

"މިހާރު ވަނީ އެންޖިއޯޕްލާސްޓީ ހަދާފައި. އެކަމަކު އަދިވެސް މައި ބްލޮކް ނުފިލާތީ، މާދަމާ އަށް ބެލުމަށް ފަހު ސިކުނޑީގެ ސާޖަރީއެއް ހަދަން ޖެހިދާނެ ކަމަށް ޑޮކްޓަރުން ބުނެފައި ވަނީ" އޭނާ ބުންޏެވެ.

"ކައްޕިގެ ހާލު ސްޓޭބަލެއް ނޫން."

ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް ޑިފެންޑަރުގެ ކުރީގެ ކޯޗުންނާއި، އެއްކޮށް ކުޅުނު ވަރަށް ގިނަ ކުޅުންތެރިން މިރޭ ވަނީ އޭނާ އަށް ގޮވާލަން ހޮސްޕިޓަލަށް ޒިޔާރަތްކޮށްފަ އެވެ.

ވިކްޓްރީ އަށް 1992 އިން 2002 އަށް ކުޅުނު ކައްޕި އަކީ އެ ޓީމުގެ ލެޖެންޑުގެ ތެރޭ ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ އެ ޓީމާ އެކު ގައުމީ މުބާރާތް ފަސް ފަހަރު، އެފްއޭ ކަޕް ދެ ފަހަރު، އަދި ކަޕްވިނާސް ކަޕް ވެސް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ހާއްސަ ކާމިޔާބަކީ 2002 ވަނަ އަހަރު ވިކްޓްރީން ގައުމީ މުބާރާތް ދެ ވަނަ ފަހަރަށް މިލްކުކުރިއިރު ކެޕްޓަނުގެ ގޮތުގައި ތަށި އުފުލާލުމެވެ.

ކައްޕި ކުޅުން ހުއްޓާލީ 2003 ވަނަ އަހަރު ވާދަވެރި ނިއު ރޭޑިއަންޓަށް ކުޅުމަށް ފަހު އެވެ. އޭނާ ވަނީ އެ އަހަރުގެ ކަޕްވިނާސް ކަޕް ނިއު އިން ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ނަމަވެސް އެ އަހަރު އަނިޔާވެ ކުޅުމާ ދުރަށް ދިޔައީ އެވެ.

ކައްޕި އަކީ ގައުމީ ޓީމުގެ ތާރީހުގެ ވެސް ވަރަށް ވިދުންގަދަ ކުޅުންތެރިއެކެވެ. އޭނާ ވަނީ 1999 ގެ ސާފް ޗެމްޕިއަންޝިޕުގެ ތިން ވަނަ ރާއްޖެ ހޯދިއިރު ކެޕްޓަން ބޭންޑް އަޅައިގެން ކުޅެފަ އެވެ. އަދި ތިން ވަނަ ހޮވި މެޗުގައި ނޭޕާލް ކޮޅަށް ގޯލު ވެސް ޖެހި އެވެ. ޖެހިގެން އައި 2000 ވަނަ އަހަރު މާލޭގައި އޮތް ގޯލްޑަން ޖުބިލީ މުބާރާތުގެ ދެ ވަނަ ރާއްޖެ ހޯދިއިރު ކެޕްޓަނަކީ ވެސް އޭނާ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި 2001 ވަނަ އަހަރު ވެސް ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އެޅި ކައްޕި އަކީ، އައްސަދު އަބްދުލްގަނީ އާއި އަކްރަމް އަބްދުލްގަނީ އަށް ފަހު އެ ޒިންމާ އެންމެ ގިނަ މެޗުގައި އުފުލި ކުޅުންތެރިޔާ ވެސް މެ އެވެ.