Roadha Mihaaru
ބޭނުންވަނީ ލެސްޓާއާ ނުޖެހި ސަލާމަތްވާން: ބުފޮން

ބޭނުންވަނީ ލެސްޓާއާ ނުޖެހި ސަލާމަތްވާން: ބުފޮން

15 މާޗް 2017

ޓިއުރިން (މާޗް 15) – ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީއާ ވާދަނުކުރަން ނުޖެހޭނެ ކަމަށް އުއްމީދުކުރާ ކަމަށް އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޓިއުރިން (މާޗް 15) – ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީއާ ވާދަނުކުރަން ނުޖެހޭނެ ކަމަށް އުއްމީދުކުރާ ކަމަށް އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ބުނެފި އެވެ.

ޕޯޓޯ 1-0 އިން ބަލިކޮށް 3-0 ގެ އެގްރިގޭޓަކުން ޔުވެންޓަސް ކުއާޓާ އިން ފުރުސަތު ހޯދާފައިވާއިރު ލެސްޓާ އެ ފުރުސަތު ހޯދީ ރޭ ސްޕެއިނުގެ ސެވިއްޔާ 2-0 އިން ބަލިކުރުމަށް ފަހު އެވެ. ފުރަތަމަ ލެގުން 2-1 އިން ބަލިވެފައިވަނިކޮށް ރޭ ހޯދި މޮޅާ އެކު އެ ޓީމަށް ކުރި ލިބުނީ 3-2 ގެ އެގްރިގޭޓަކުންނެވެ.

ދުނިޔެ ހައިރާންކޮށްލުމަށް ފަހު މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކުރި ޓީމު މި ފަހަރު ލީގުގައި ފޯމް ދަށްވެ ރެލިގޭޝަން ޒޯނަށް ވެއްޓުމާ އެކު ކޯޗު ކްލައުޑިއޯ ރަނިއޭރީ ވަނީ ވަކިކޮށްފަ އެވެ. އެއާ އެކު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް ވަގުތީ ކޯޗާ އެކު ލެސްޓާ ވަނީ ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅިފަ އެވެ.

"ލެސްޓާ އަކީ ވަރަށް ނުރައްކާތެރި އަދި ހިތާއި ރޫހުން ކުޅޭ ޓީމެއް. ކުޅެގަންނަން މަސައްކަތްކުރާ ޓީމެއް ހުއްޓުވައި ބަލިކުރެވޭނެ ހަތިޔާރު އެ ޓީމުގައި ހުންނާނެ. އަހަރެން ބޭނުންވަނީ ކުއާޓާ ފައިނަލުގައި ލެސްޓާއާ ނުޖެހި ސަލާމަތްވާން،" ބުފޮން ބުންޏެވެ.

ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވާ ޓީމުތަކުގެ ތެރޭގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑާއި ބަޔާން މިއުނިކް ހިމެނެ އެވެ.

"ލެސްޓާއާ ކުޅެ ބަލިވެއްޖެ ނަމަ އަހަރެމެން އަތުން ހުރިހާ އެއްޗެއް ގެއްލޭނެ،" ބުފޮން ބުންޏެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު 42 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖެހީ ޕައޮލޯ ޑިބާލާ އެވެ. އެ ޕެނަލްޓީ ލިބުނު ފައުލްކުރި ޕޯޓޯގެ މެކްސްމިލިއާނޯ ޕެރެއިރާ އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ.

ޔުވެންޓަސްގެ ކޯޗު މެކްސް އެލެގްރީ ބުނީ ކުއާޓާ ފައިނަލަށް ދެވުމުން ޓާގެޓެއް ހާސިލްވެއްޖެ ކަމަށާއި އެކަމަކު ކުޅުމުގެ ފެންވަރު އަދިވެސް ރަނގަޅުކުރަން ޖެހޭ ކަމަށެވެ.

"އަހަރެމެން އެބަޖެހޭ ކޮންމެވެސް އެއް ކަމެއް ކުރަން. އެއް ގޮތަކީ އެޓޭކްކޮށް ގިނަ ގޯލްތަކެއް ޖެހުން. އަނެއް ގޮތަކީ ބޯޅަ ހިފަހައްޓައި އިދިކޮޅު ޓީމުން ފޫހިކޮށްލައި ނިންދަވާލުން،" އެލެގްރީ ބުންޏެވެ.

"ކުރެވުނު މަސައްކަތާ ބަލާއިރު މި މެޗުގެ ނަތީޖާ ވަރަށް ރަނގަޅު. އެކަމަކު މިއީ ރަނގަޅު ގޮތެއް ނޫން. މެޗު ރަނގަޅަށް ކޮންޓްރޯލްކުރަންޏާ އެކަން ކުރަންވީ. އެކަމަކު މިއަދު މާ ތެޅިފޮޅިގަނެވުނީ ދެ ވަނަ ހާފުގައި."