Roadha Mihaaru
ސެވިއްޔާ އަތުން ބަދަލުހިފައި ލެސްޓާ ކުއާޓާ އަށް

ސެވިއްޔާ އަތުން ބަދަލުހިފައި ލެސްޓާ ކުއާޓާ އަށް

15 މާޗް 2017

ލެސްޓާ (މާޗް 15) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ރޭ ސެވިއްޔާ އަތުން 2-0 އިން ބަދަލު ހިފައި ލެސްޓާ ސިޓީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލެސްޓާ (މާޗް 15) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ރޭ ސެވިއްޔާ އަތުން 2-0 އިން ބަދަލު ހިފައި ލެސްޓާ ސިޓީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ފުރަތަމަ ލެގުން ސެވިއްޔާ ދަނޑުގައި ލެސްޓާ ވަނީ 2-1 އިން ބަލިވެފަ އެވެ. ނަމަވެސް ރޭގެ މޮޅާ އެކު ލެސްޓާ ކުއާޓާ އިން ޖާގައެއް ޔަގީންކުރީ 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

ފުރަތަމަ ލެގުގައި ލެސްޓާ އަށް އިރުޝާދުދިނީ ކްލައުޑިއޯ ރަނިއޭރީ އެވެ. ރަނިއޭރީ ދާދި ފަހުން މަގާމުން ވަކިކޮށް ލެސްޓާ އިން ވަނީ މި ސީޒަނުގެ ނިޔަލަށް އެ ޓިމުގެ އެސިސްޓަންޓް ކޯޗު ކްރެއިގް ޝޭކްސްޕިއާއާ ހަވާލުކޮށްފަ އެވެ.

ލެސްޓާ ތާރީހުގައި ފުރަތަމަ ފަހަރަށް މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވާދަކުރާއިރު އެ ޓީމަކީ މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި އިނގިރޭސި ފުރަތަމަ ޓީމެވެ.

ރޭގެ މެޗުގެ 27 ވަނަ މިނިޓްގައި ލެސްޓާ އަށް ލީޑުނަގައިދިނީ ޓީމުގެ ކެޕްޓަން ވެސް މޯގަން އެވެ. މި ލަނޑާ އެކު މޯގަން ވަނީ ތާރީހުގެ ތެރެއިން ޖާގަ ހޯދައިފަ އެވެ. އޭނާ އަކީ ޗެމްޕިއަންސް ލީގުގައި ލަނޑު ޖެހި ޖެމެއިކާ އަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާ އެވެ.

ދެ ވަނަ ހާފް ފެށިގެން ނުވަ މިނިޓް ތެރޭ ލެސްޓާގެ ދެ ވަނަ ލަނޑު ކާމިޔާބުކުރީ މާކް އޯލްބްރައިޓަން އެވެ. ސެވިއްޔާ އިން މި ސީޒަން ނިންމާލީ 10 ކުޅުންތެރިންނާ އެކު އެވެ. އެއީ މެޗުގެ 74 ވަނަ މިނިޓްގައި ދެ ވަނަ ރީނދޫ ކާޑާ އެކު ސެވިއްޔާގެ ސާމިރް ނަސްރީ އަށް ރަތް ކާޑު ދެއްކުމުންނެވެ.

މެޗުގެ 80 ވަނަ މިނިޓްގައި ސެވިއްޔާގެ ސްޓީވަން އެންޒޮންޒީ ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ނަގާލައިފަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން އެންޒޮންޒީ ފޮނުވާލި ބޯޅަ ލެސްޓާ ކީޕަރު ކެސްޕާ ޝްމައިކަލް ވަނީ މަތަކޮށްފަ އެވެ.

ރޭ ކުޅުނު އަނެއް މެޗުން މޮޅުވެގެން ޔުވެންޓަސް ވަނީ ކުއާޓާގެ ޖާގައެއް ހޯދައިފަ އެވެ. ރޭ ޔުވެންޓަސް ދަނޑުގައި ކުޅުނު މެޗުން އެ ޓީމު ވަނީ ޕައޮލީ ޑިބަލާގެ ޕެނަލްޓީން 1-0 އިން ޕޯޓޯ ބަލިކޮށްފަ އެވެ. ޔުވެންޓަސް ކުރި ހޯދީ 3-0 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ގުރުއަތުލުން އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ.