Roadha Mihaaru
ރެއާލް، ލެސްޓާ އަދި ޔޫވޭ އަށް އިތުރު އިންތިޒާރެއް

ޑޯޓްމަންޑް ކޮލިފައިވިއިރު ރެއާލް، ލެސްޓާ އަދި ޔުވެންޓަސް އަށް އިތުރު އިންތިޒާރެއް

03 ނޮވެމްބަރ 2016

ޑޯޓްމަންޓް (ނޮވެމްބަރު 3) – ޕޯޗުގަލްގެ ސްޕޯޓިން އަތުން 1-0 އިން މޮޅުވެ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފް އިން ދެ ވަނަ ބުރުގެ ޖާގައެއް ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ކަށަވަރުކުރިއިރު ޗެމްޕިއަން ރެއާލް މެޑްރިޑާއި އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީ އަދި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ކުޅުނު މެޗުތައް އެއްވަރުވެ އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޑޯޓްމަންޓް (ނޮވެމްބަރު 3) – ޕޯޗުގަލްގެ ސްޕޯޓިން އަތުން 1-0 އިން މޮޅުވެ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފް އިން ދެ ވަނަ ބުރުގެ ޖާގައެއް ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ކަށަވަރުކުރިއިރު ޗެމްޕިއަން ރެއާލް މެޑްރިޑާއި އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީ އަދި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ކުޅުނު މެޗުތައް އެއްވަރުވެ އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.

ޑޯޓްމަންޑް ދެ ވަނަ ބުރުން ޖާގަ ހޯދި ރޭގެ މޮޅާ އެކު 10 ޕޮއިންޓް ހަމަކޮށްގެންނެވެ. ރޭ ރަށުން ބޭރުގައި ޕޮލެންޑުގެ ލެގާ ވޯސޯއާ 3-3 އިން ރެއާލް އެއްވަރުވިއިރު އެ ޓީމު އޮތީ އަށް ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. ތިން ވަނައިގައި ތިން ޕޮއިންޓާ އެކު ސްޕޯޓިން އޮތްއިރު ވޯސޯ އޮތީ އެންމެ ޕޮއިންޓަކާ އެކު ފުލުގަ އެވެ.

ލެސްޓާގެ ކްރިސްޓިއަން ފުކްސް (މ) ބޯޅައަށް އަރަނީ. --ފޮޓޯ: އޭއެފްޕީ

ލެސްޓާގެ ކްރިސްޓިއަން ފުކްސް (މ) ބޯޅައަށް އަރަނީ. --ފޮޓޯ: އޭއެފްޕީ

ނަސްލީ ތަފާތުކުރުންތަކާ ގުޅިގެން ވޯސޯ އަށް ޔުއެފާ އިން ދީފައިވާ އަދަބަކާ ހެދި ސަޕޯޓަރުން ނުވައްދާ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރެއާލުން ވަނީ ގަރެތު ބޭލް އާއި ކަރިމް ބެންޒެމާގެ ލަނޑުތަކުން ލީޑު ނަގައިފަ އެވެ. އޭގެ ފަހުން ވޯސޯ އިން ފަހަތުން އަރައި ތިން ލަނޑު ވައްދާލި އެވެ. ޔޫރަޕުގެ އާދައިގެ ޓީމެއްގެ އަތުން ބަލިނުވެ ރެއާލް ސަލާމަތްވީ 85 ވަނަ މިނެޓުގެ މަޓެއޯ ކޮވަސިޗް ޖެހި ގޯލުންނެވެ.

އެންމެ ހައިރާންކޮށްލުމަށް ފަހު މިދިޔަ ސީޒަނުގައި އިންގްލެންޑުގެ ޗެމްޕިއަންކަން ހޯދި ލެސްޓާ އަށް ރޭ ޑެންމާކުގެ ކޯޕެންހޭގަން އަތުން މޮޅުވެގެން ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތެވެ. އެކަމަކު އެ މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން އެ ޓީމު އިތުރު އިންތިޒާރެއް ކުރަން ޖެހުނީ އެވެ. ހަތަރު މެޗުން ހޯދި 10 ޕޮއިންޓާ އެކު ގްރޫޕް ޖީ ގެ އެއް ވަނައިގައި އޮތް ލެސްޓާ އަށް އަނެއް ބުރަށް ދިއުމަށް ދެ މެޗުން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. ހަތަރު މެޗުން ލެސްޓާ ބަލިވެފައިނުވާއިރު ބައިކޮޅަށް ލަނޑެއް ވެސް ނުވަދެ އެވެ.

އަނެއްކޮޅުން ބެލްޖިއަމްގެ ކްލަބް ބްރުގެސް އަތުން 1-0 އިން މޮޅުވެ ޕޯޗުގަލްގެ ޕޯޓޯ ވެސް ވަނީ ދެ ވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފަ އެވެ. އެ ޓީމު 10 ޕޮއިންޓް ހަމަކޮށްފައިވީ ނަމަވެސް ލަނޑުގެ ތަފާތުން ލިބެނީ ދެ ވަނަ އެވެ. ފަސް ޕޮއިންޓާ އެކު ތިން ވަނައިގައި ކޯޕެންހޭގަން އޮތްއިރު ބްރުގެސް އަށް ޕޮއިންޓެއް ނުލިބެ އެވެ.

ލިޔޯންގެ ރީބަސް އާއި ޔުވެންޓަސްގެ ޑެނިއަލް އަލްވެސް ބޯޅައަށް މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ

ލިޔޯންގެ ރީބަސް އާއި ޔުވެންޓަސްގެ ޑެނިއަލް އަލްވެސް ބޯޅައަށް މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ

އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ވެސް ރޭ އަމިއްލަ ދަނޑުގައި ފްރާންސުގެ އޮލިމްޕިކް ލިޔޯން އަތުން މޮޅުވެގެން ދެ ވަނަ ބުރުގެ ފުރުސަތު ކަށަވަރުކުރެވެން އޮތެވެ. އެކަމަކު ޕެނަލްޓީ އަކުން 13 ވަނަ މިނެޓުގައި ގޮންޒާލޯ ހިގައިން ލީޑު ނަގާފައިވަނިކޮށް މެޗުގެ 84 ވަނަ މިނެޓުގައި ލިޔޯންގެ ޓޮލިއްސޯ ޖެހި ލަނޑުން މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

އަނެއްކޮޅުން ރޭ ކްރޮއޭޝިއާގެ ޑިނަމޯ ޒެގްރެބް އަތުން 4-0 އިން މޮޅުވެ ސްޕެއިނުގެ ސެވިއްޔާ ވަނީ 10 ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނަ އަށް އަރައިފަ އެވެ. ދެ ވަނައިގައި އަށް ޕޮއިންޓާ އެކު ޔުވެންޓަސް އޮތްއިރު ލިޔޯން އޮތީ ހަތަރު ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ޕޮއިންޓެއް ނުލިބި އޮތް ޒެގްރެބް ވަނީ ކަޓައިފަ އެވެ.