Roadha Mihaaru
ރެއާލް ސަލާމަތްވީ ކިރިޔާ، ރޮނާލްޑޯ ރެކޯޑަކާ ހަމަކޮށްފި

ރެއާލް ސަލާމަތްވީ ކިރިޔާ، ރޮނާލްޑޯ ރެކޯޑަކާ ހަމަކޮށްފި

02 އޮކްޓޯބަރ 2019

ލަންޑަން (އޮކްޓޫބަރު 2) - ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑް ރޭ އަމިއްލަ ދަނޑުގައި ބެލްޖިއަމްގެ ކްލަބް ބްރޫޖާ 2-2 އިން އެއްވަރުކޮށް ބަލިނުވެ ސަލާމަތްވިއިރު، ބަޔާ ލެވަކޫސަން އަތުން 3-0 އިން ޔުވެންޓަސް މޮޅުވި މެޗުގައި ލަނޑު ޖެހި ކްރިސްޓިއާނޯ ރޮނާލްޑޯ މުބާރާތުގެ ރެކޯޑަކާ ހަމަކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (އޮކްޓޫބަރު 2) - ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑް ރޭ އަމިއްލަ ދަނޑުގައި ބެލްޖިއަމްގެ ކްލަބް ބްރޫޖާ 2-2 އިން އެއްވަރުކޮށް ބަލިނުވެ ސަލާމަތްވިއިރު، ބަޔާ ލެވަކޫސަން އަތުން 3-0 އިން ޔުވެންޓަސް މޮޅުވި މެޗުގައި ލަނޑު ޖެހި ކްރިސްޓިއާނޯ ރޮނާލްޑޯ މުބާރާތުގެ ރެކޯޑަކާ ހަމަކޮށްފި އެވެ.

ފުރަތަމަ މެޗުން ޕީއެސްޖީ އަތުން 3-0 އިން ބަލިވުމުން ރެއާލް ރޭގެ މެޗަށް ނުކުތީ މޮޅުވުން މަޖުބޫރު ކަމަށް ދެކިގެންނެވެ. އެކަމަކު ރޭގެ މެޗުގައި ވެސް އެ ޓީމަށް ކުރިމަތިވީ ހިތްދަތި ފެށުމެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ބްރޫޖުން ވަނީ ދެ ގޯލު ޖަހައި ރެއާލް ސިއްސުވާލައިފަ އެވެ. ދެ ލަނޑު ވެސް ޖެހީ 21 އަހަރުގެ އެމަނުއަލް ޑެނިސް އެވެ. ދެ ގޯލު ވަނުމުން ރެއާލުން ވަނީ ގޯލްކީޕަރު ތިބައު ކޯޓުއާގެ ބަދަލުގައި އަލްފޮންސޯ އަރެއޯލާ ވަނީ އަރުވައިފަ އެވެ.

ފުރަތަމަ ހާފުގައި ރެއާލްގެ ހަމަލާތައް ބްރޫޖްގެ ގޯލުގައި ހުރި ލިވަޕޫލްގެ ކުރީގެ ކީޕަރު ސިމޮން މިންޔޮލޭ މަތަކުރި ނަމަވެސް ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 10 މިނިޓް ތެރޭ ސާޖިއޯ ރާމޯސް ވަނީ ލަނޑެއް ޖަހައި ރެއާލަށް އުއްމީދެއް ހޯދައިދީފަ އެވެ. މި ލަނޑު ބަލައިގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު އެވެ.

މެޗުގެ 84 ވަނަ މިނިޓްގައި ކްލަބް ބްރޫޖްގެ ކެޕްޓަން ރޫޑް ވޮމާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކިތާ މިނިޓެއް ފަހުން ރެއާލަށް އެއްވަރުކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ އެވެ. އޭނާ މި ލަނޑު ޖެހީ ޓޮނީ ކްރޫސްގެ ހިލޭ ޖެހުމަކުން ހުރަސްވި ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ ފުރަތަމަ ހާފްގައި ބްރޫޖުން ދެ ގޯލު ޖެހުމަކީ ޖޯކެއް ކަމަށާއި ކަންތައްތައް އިތުރަށް ގޯސްވިޔަ ނުދޭން އޭނާ އަށް ކުރެވުނު ހުރިހާ މަސައްކަތެއްކޮށް ދެ ވަނަ ހާފްގައި ބަލިނުވެ ފަރުޖައްސާލެވުމަކީ މި މެޗުން ނެގޭނެ ހަމައެކަނި ޕޮޒިޓިވް ކަންތައް ކަމަށެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ރޭ ރަށުން ބޭރުގައި މައުރޯ އިކާޑީގެ ގޯލުން ގަލަސަތަރާއިގެ މައްޗަށް ޕީއެސްޖީ ވަނީ 1-0 އިން ކުރިހޯދައިފަ އެވެ.

ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ބަޔާ ލެވަކޫސަން ކޮޅަށް ރޭ ރޮނާލްޑޯ ޖެހި ގޯލާ އެކު އޭނާ ވަނީ ރެއާލްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް ޗެމްޕިއަންސް ލީގުގައި ތަފާތު 33 ޓީމު ކޮޅަށް ލަނޑު ޖަހައިގެން ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ. އުމުރުން 34 އަހަރުގެ ރޮނާލްޑޯ ލަނޑު ޖެހީ މެޗުގެ ފަހު މިނިޓްގަ އެވެ. ޔުވެންޓަސްގެ ފުރަތަމަ ދެ ގޯލު ޖެހީ ފެޑެރީކޯ ބާނަޑޭޝީ އާއި ގޮންޒާލޯ ހިގައިން އެވެ.

ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ މިއީ ވަރަށް އުނދަގޫވި މެޗެއް ކަމަށާއި ލެވަކޫސަން ވެސް ކުޅުނީ ތަފާތު ފުޓްބޯޅަ އެއް ކަމަށެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ލޮކޮމޯޓިވް މޮސްކޯ ދަނޑުގައި އެތުލެޓިކޯ މެޑްރިޑް ވަނީ 2-0 އިން މޮޅުވެފަ އެވެ. ޒުވާން ތަރި ޔާއޯ ފެލިކްސްގެ ގޯލުން އެތުލެޓިކޯ އިން ލީޑުނެގިއިރު، ދެ ވަނަ ގޯލު ޖެހީ ތޯމަސް ޕާޓޭ އެވެ.