Roadha Mihaaru
ފައިނަލުގެ ކުރިން ޒިދާންގެ ތައުރީފް ރޮނާލްޑޯ އަށް

ފައިނަލުގެ ކުރިން ޒިދާންގެ ތައުރީފް ރޮނާލްޑޯ އަށް

03 ޖޫން 2017

ކާޑިފް، ވޭލްސް (ޖޫން 3) – ރެއާލް މެޑްރިޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އުފެދުމުގައި ވެސް ލީޑަރެއް ކަމަށް ބުނެ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ކުރިން ރޮނާލްޑޯ އަށް ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ތައުރީފް އޮއްސާލައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ކާޑިފް، ވޭލްސް (ޖޫން 3) – ރެއާލް މެޑްރިޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އުފެދުމުގައި ވެސް ލީޑަރެއް ކަމަށް ބުނެ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ކުރިން ރޮނާލްޑޯ އަށް ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ތައުރީފް އޮއްސާލައިފި އެވެ.

މެޑްރިޑުން 2014 ވަނަ އަހަރު ޗެމްޕިއަންކަން ހޯދިއިރު ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް ކޮޅަށް ރޮނާލްޑޯ ލަނޑު ޖެހިއިރު މިދިޔަ ސީޒަނުގެ ފައިނަލުގައި އެތުލެޓިކޯ އަތުން ޕެނަލްޓީ ޖަހައިގެން މެޑްރިޑް މޮޅުވީ ރޮނާލްޑޯ ވައްދާލި ޕެނަލްޓީއާ އެކު އެވެ. މުބާރާތުގެ ތަށި 27 އަހަރަށް ފަހު ދިފާއުކުރާ ފުރަތަމަ ޓީމަށް ވުމުގެ ޝަރަފް ހޯދަން ޔުވެންޓަސްއާ ދެކޮޅަށް މިރޭ މެޑްރިޑް ނުކުންނައިރު ރޮނާލްޑޯ މުހިއްމު ދައުރެއް އަދާކުރާނެ އެވެ.

"ރޮނާލްޑޯ އަކީ ރަނގަޅު މީހެއް. އޭނާ އެހެން މީހުންނާ މެދު ވެސް ވިސްނާނެ. އެންމެ މުހިއްމު ކަމަކީ އޭނާ ޕްރޮފެޝަނަލީ ކުރާ ކަންތައްތައް. އޭނާ އަބަދުވެސް އިތުރަށް ބޭނުންވާނެ. ޓްރެއިނިންގައި ކުޅޭއިރު ވެސް އޭނާ ބޭނުންވާނެ މޮޅުވާން. އޭނާ އަކީ އުފެދުމުގައި ވެސް ލީޑަރެއް، ހާއްސަކޮށް ދަނޑުމަތީގައި،" ފައިނަލުގައި މިރޭ އިދިކޮޅަށް ނުކުންނަ ޔުވެންޓަސް 1996-2001 އަށް ކުޅުނު ޒިދާން ބުންޏެވެ. "އަހަންނަށް އެންމެ މުހިއްމު ކަމަކީ އޭނާ މޮޅުވާން ބޭނުންވާ ބޭނުންވާވުން."

ޒިދާނަކީ ވެސް ރޮނާލްޑޯ ފަދައިން މެޑްރިޑުގެ ތާރީހުން ހާއްސަ ޖާގައެއް ލިބިފައިވާ ކުޅުންތެރިއެކެވެ. އެގޮތުން 2002 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު އެ ޓީމުން ކާމިޔާބުކުރީ ފައިނަލުގައި ބެޔާ ލެވަކޫސަން ކޮޅަށް ޒިދާން ވައްދާލި ލަނޑާ އެކު އެވެ.

އެކަމަކު ޒިދާން ގަބޫލުކުރާ ގޮތުގައި އޭނާ އަށް ވުރެ ރޮނާލްޑޯ މޮޅެވެ. އަދި މެޑްރިޑުގެ ދެ ލެޖެންޑުންގެ ތެރެއިން އެންމެ އަގުހުރި ކުޅުންތެރިއަކީ ރޮނާލްޑޯކަން އޭނާ ކެރިއަރު ނިންމާލާއިރު ހުންނާނީ ސާބިތުކޮށްދީފައި ކަމަށް ޒިދާން ގަބޫލުކުރެ އެވެ.

"ކްރިސްޓިއާނޯ ރޮނާލްޑޯ، ޝައްކެއް ނެތް، ސަބަބަކީ އޭނާ ގޯލް ޖަހާކަން. އެއީ އެންމެ މުހިއްމު ކަމަކީ،" އޭނާ އާއި ރޮނާލްޑޯގެ ތެރެއިން މޮޅީ ކާކުތޯ އެހުމުން ޒިދާން ބުންޏެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާ ހޯދާފައިވާ ބެލޮންޑިއޯ އެވޯޑްތަކާ އެކު. --ފޮޓޯ: އޭއެފްޕީ

ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާ ހޯދާފައިވާ ބެލޮންޑިއޯ އެވޯޑްތަކާ އެކު. --ފޮޓޯ: އޭއެފްޕީ

އޭސީ މިލާނަށް 1989 އަދި 1990 ގައި އަރީގޯ ސާޗީ މުބާރާތް ކާމިޔާބުކޮށްދިން ފަހުން ޖެހިޖެހިގެން ދެ އަހަރު މުބާރާތް ކާމިޔާބުކުރާ ފުރަތަމަ ކޯޗަށް ވުމުގެ ޝަރަފާ ފިޔަވަޅަކާ ގާތުގައި ހުރި ޒިދާން ބުނީ މިހާރު މި އުޅެނީ ކުޑައިރު ހީކުރި ދިރިއުޅުމެއްގައި ނޫން ކަމަށެވެ.

"އަހަރެން އުޅޭނީ މިގޮތަށޭ އަހަރެން ކުޑައިރު އަހަރެން ގާތު ބުނި ނަމަ ޔަގީނުން ވެސް އަހަރެން ގަބޫލެއް ނުކުރާނަން. އެކަމަކު މިހާރު މިއުޅެވެނީ އެ ދިރިއުޅުމުގައި. މި ހުރިހާ ކަމަކުން ހިތްހަމަޖެހުން އެބަ ހޯދަން،" ފްރާންސާ އެކު 1998ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޒިދާން ބުންޏެވެ.

ޒިދާން ބުނީ މޮޅުވާން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށާއި އެކަމަކު ކުޅުންތެރިއެއްގެ ގޮތުގައި މުހިއްމު އެތައް މެޗަކުން ބަލިވެފައިވާތީ އެހެން ވެސް ވެދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. ޒިދާންގެ ކެރިއަރުގައި އޭނާ އަށް ނާކާމިޔާބުވި އެންމެ ފާހަގަކޮށްލެވޭ އެއް މެޗަކީ 2006 ގެ ވޯލްޑް ކަޕް ފައިނަލެވެ. އިޓަލީ އަތުން ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިވި މެޗުގެ ފަހުކޮޅު ޒިދާނަށް ރަތްކާޑު ދެއްކިއިރު އެ މެޗުގައި އިޓަލީގެ ގޯލް ބެލެހެއްޓީ މިރޭ ޔުވެންޓަސްގެ ކެޕްޓަންކަންކުރާ ޖިއަންލުއިޖީ ބުފޮން އެވެ.

"އެންމެން ބުނޭ އަހަރެމެންނަކީ ފޭވަރިޓުން ކަމަށް. އެކަމަކު މިއީ ފައިނަލެއް. އެންމެ މެޗަކުން ކޮންމެ ކަމެއް ވެސް ވެދާނެ،" ޒިދާން ބުންޏެވެ.

މިރޭ އަރުވާނީ ސީޒަނުގެ ތެރޭގައި އަނިޔާގެ މައްސަލަތައް ކުރިމަތިވި ވޭލްސްގެ ވިންގާ ގަރެތު ބޭލްތޯ ނުވަތަ ފޯމުގައި ހުރި ސްޕެއިން މިޑްފީލްޑަރު އިސްކޯތޯ އެހުމުން ޒިދާން އޭގެ ޖަވާބެއް އޭނާ ނުދިނެވެ. އެކަމަކު ޒިދާން ބުނީ ޔުވެންޓަސްގެ ފަރާތުން މިރޭ ޑިފެންސާ ކުރިމަތިލާން ޖެހޭނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

"ދެ ޓީމުން ވެސް ހުޅުވިފައިވާ މެޗެއް ފެންނާނީ. ޔުވެންޓަސް އިން ވަރަށް ރަނގަޅަށް ޑިފެންސް ކުރޭ. އެކަމަކު އެ ނިމުނީއެއް ނޫން. އެ ޓީމުން އެޓޭކް ވެސް ކުރޭ،" ޒިދާން ބުންޏެވެ.

ވޭލްސްގެ ކާޑިފްގެ މިލޭނިއަމް ސްޓޭޑިއަމުގައި މިރޭ ކުޅޭ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން 23:45 ގަ އެވެ.