08 އޯގަސްޓް 2020
މެންޗެސްޓާ (އޮގަސްޓް 8) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ރޭ ކުޅުނު މެޗުތަކަށް ފަހު ރެއާލް މެޑްރިޑާއި ޔުވެންޓަސް ކަޓުވާލައި މެންޗެސްޓާ ސިޓީ އާއި ލިޔޯން މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
މެންޗެސްޓާ (އޮގަސްޓް 8) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ރޭ ކުޅުނު މެޗުތަކަށް ފަހު ރެއާލް މެޑްރިޑާއި ޔުވެންޓަސް ކަޓުވާލައި މެންޗެސްޓާ ސިޓީ އާއި ލިޔޯން މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރެއާލް އަތުން ސިޓީ މޮޅުވީ 2-1 އިންނެވެ. ފެބްރުއަރީ މަހުގައި ރެއާލް ދަނޑުގައި ކުޅުނު މެޗުން ވެސް ސިޓީ މޮޅުވީ ހަމަަ އެ ނަތީޖާ އިންނެވެ. މިއާ އެކު ދެ ލެގަށް ބަލާއިރު ސިޓީ ކުރި ހޯދީ 4-2 އިންނެވެ. ލިޔޯން ދަނޑުގައި އެ ޓީމުން 1-0 އިން ޔުވެންޓަސް ބަލިކުރިއިރު، ރޭ ޔުވެންޓަސް ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ލިޔޯންގެ މައްޗަށް ކުރިހޯދައިފަ އެވެ. އެކަމަކު ދެ ޓީމު 2-2 އިން އެގްރިގޭޓުން އެއްވަރުވެ ލިޔޯނަށް ކުރި ލިބުނީ ރަށުންބޭރުގައި ޖެހި ގޯލުންނެވެ.
ރޭގެ މެޗަށް ނުކުތްއިރު ރެއާލަށް އޮތް އެންމެ ބޮޑު ނުތަނަވަސްކަމަކީ އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށް ސަސްޕެންޝަނުގެ ސަބަބުން މި މެޗުގައި ނުކުޅެވުމެވެ. ސިޓީން މެޗުގައި ލީޑުނެގީ ރެއާލްގެ ރަފައެލް ވަރާން އަށް ހެދުނު ގޯހެއްގެ ފައިދާނަގައި މެޗުގެ ނުވަ ވަނަ މިނިޓްގައި ރަހީމް ސްޓާލިން ވައްދާލި ގޯލުންނެވެ. ސްޓާލިން ސިޓީ އަށް ޖަހައިދިން 100 ވަަނަ ގޯލު ކާމިޔާބުކުރީ ވަރާން އަތުން ބޯޅަ ހޯދުމަށް ފަހު ގަބްރިއެލް ޖީސޫސް ދިން ބޯޅައަކުންނެވެ.
ފުރަތަމަ ހާފުގައި ރެއާލަށް އެއްވަރުކޮށްދިނީ ރޭގެ މެޗުގައި އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ފޯވާޑް ކަރިމް ބެންޒެމާ އެވެ. އޭނާ މި ގޯލު ޖެހީ ރޮޑްރީގޯ ދިން ބޯޅައަކުން ބޮލުންނެވެ. ދެ ވަނަ ހާފުގައި ރެއާލަށް ލީޑުނަގައިދޭން ބެންޒެމާ ޖެހި ބޯޅަ އަމާޒުވީ ސިޓީގެ ކީޕަރު އެޑަސަން މޮރާއޭސް އަތަށެވެ.
މެޗުގައި ސިޓީ މޮޅުވި ގޯލު ޖެހީ 68 ވަނަ މިނިޓްގައި ޖީސޫސް އެވެ. ވަރާން ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ އަށް ފަހަތަށް ދިން ބޯޅަ އޭނާ އަށް ލިބުމުގެ ކުރިން ޖީސޫސް ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ސިޓީ އަށް އިތުރު ލަނޑެއް ޖަހައިދޭން ފޮނުވާލި ހަމަލާ ކީޕަރު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.
މެޗަށް ފަހު ޒިދާން (ވ) އާއި ގާޑިއޯލާ ސަލާމްކުރަނީ. -- ފޮޓޯ: އޭއެފްޕީ
މި ނަތީޖާއާ އެކު ރެއާލްގެ ކޯޗުކަމުގައި ހުރެ ޒިނެދިން ޒިދާން ވަނީ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ނޮކައުޓު ބުރުން ކަޓައިފަ އެވެ. ރެއާލާ އެކު ޖެހިޖެހިގެން ތިން އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޒިދާން ވަނީ 2018 ވަނަ އަހަރުގެ މުބާރާތަށް ފަހު އެ ޓީމާ ވަކިވެފަ އެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ރެއާލް ކެޓިއިރު އެ ޓީމުގެ ކޯޗަކަށް ހުރީ ސަންތިއާގޯ ސޮލާރީ އެވެ.
"ބަލިވުމުން ހިތްހަމަ ޖެހެއެކޭ ނުބުނެވޭނެ. އެކަމަކު މި ސީޒަނުގައި އަހަރެމެންނަށް ހާސިލްކުރެވުނު ކަންތައްތަކާ މެދު ހިތްހަމަޖެހޭ. ޔަގީނުން ވެސް އަހަރެމެން މި ބަލިވީ ވަރަށް ރަނގަޅު ޓީމެއް އަތުން. އަހަރެމެންނަށް މި މެޗުގައި ވެސް މޮޅުވެވޭނެ ވަރަށް ފުރުސަތު ލިބިގެންދިޔަ. އެކަމަކު ބައެއް ކަންތައްތައް ދިޔައީ އެންމެ ބޭނުންވި ގޮތަކަށް ނޫން،" ރޭގެ މެޗަށް ފަހު ޒިދާން ބުންޏެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ދެ މެޗުން ރެއާލްގެ އަތުން މޮޅުވެވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި މި މެޗުގައި ސިޓީން ޖެހި ދެ ގޯލަކީ ވެސް ރެއާލަށް ހެދުނު ގޯސްތަކެއްގެ ފައިދާނަގައިގެން ޖެހި ލަނޑުތަކެއް ނަމަވެސް ހަގީގަތަކީ ސިޓީން އެކަން ހާސިލްކުރަން ބުރަކޮށް މަސައްކަތް ކުރިކަން ކަމަށެވެ.
ޔުވެންޓަސް ދަނޑުގައި ކުޅުނު މެޗު ފަށައިގެން 12 ވަނަ މިނިޓްގައި ލިޔޯނުން ވަނީ މެމްފިސް ޑިޕާއިގެ ގޯލުން ލީޑުނަގައިފަ އެވެ. ޑިޕާއި މި ގޯލު ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ. އެއީ ދޭން ޖެހޭ ޕެނަލްޓީއެއް ނޫން ކަމަށް ބުނެ ޔުވެންޓަސް ކުޅުންތެރިން ވަރަށް ބޮޑަށް އެޕީލްކުރި އެވެ. ޔުވެންޓަސް އިން ފުރަތަމަ ހާފު ނިމުމުގެ ކުރިން އެއްވަރުކުރީ ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ޕެނަލްޓީންނެވެ. މި ޕެނަލްޓީއާ މެދު ލިޔޯނުގެ ކުޅުންތެރިން ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
ދެ ވަނަ ހާފްގައި ޔުވެންޓަސް އަށް ކުރިހޯދައިދިން ލަނޑު ޖެހީ ރޮނާލްޑޯ އެވެ. އޭރިއާބޭރުން ރޮނާލްޑޯ ޖެހި ބޯޅަ ގޯލަށް ވަނީ ލިޔޯން ކީޕަރު އެންތަނީ ލޮޕޭޒް އަތުގައި ޖެހިފަ އެވެ. ކުއާޓާގެ ޖާގަ ހޯދަން އިތުރު ލަނޑެއް ޖަހަން ޔުވެންޓަސް އިން ކުރަމުން އައި މަސައްކަތަށް އުނދަގޫތަކެއް ކުރިމަތިވީ އަނިޔާގެ ސަބަބުން ޕައޮލޯ ޑިބާލާ ބަދަލުކުރަން ޖެހުމުންނެވެ. ޑިބާލާ މި މެޗުގައި ކުޅެން އެރީ ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
ލިޔޯން ކޮޅަށް ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ
މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ކެޓި ޔުވެންޓަސް އަށް މި ފަހަރުގެ ދެ ވަނަ ބުރުން މުބާރާތް ނިމުމުން އެ ޓީމުގެ ކޯޗު މައުރީޒިއޯ ސާރީގެ މުސްތަގުބަލާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ރޭގެ ނަތީޖާއާ އެކު ޔުވެންޓަސް އިން 1996 ވަނަ އަހަރަށް ފަހު ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ކުރަމުން އަންނަ އިންތިޒާރު ޔަގީނުން ވެސް އިތުރު އެއް އަހަރަށް ދިގުލައިދިޔައީ އެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް މެޗުތަކާ ހަމައިން މިނީ ޓޯނަމެންޓެއް ގޮތަށް ހުރިހާ މެޗެއް އޮންނާނީ ޕޯޗުގަލްގެ ލިޒްބަންގަ އެވެ. އެ ގޮތަށް ނިންމީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ކުރިން ކުޅޭ ގޮތަށް ދަތުރުފަތުރުކޮށްގެން ހޯމް އެންޑް އަވޭ މެޗުތައް ނުކުޅެވޭނެތީ އެވެ. ލިޔޯނާއި ސިޓީގެ އިތުރުން މިހާތަނަށް ކުއާޓާ ފައިނަލުން ފުރުސަތު ހޯދާފައިވަނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އާއި މުޅިން އަލަށް މި މުބާރާތުގައި ވާދަކުރާ އިޓަލީގެ އެޓަލަންޓާ އާއި ޖަރުމަނުގެ އާރްބީ ލައިޕްޒިގު އަދި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ކަޓުވާލުމަށް ފަހު ކުއާޓާ އިން ފުރުސަތު ހޯދި އެތުލެޓިކޯ މެޑްރިޑް އެވެ. ކުއާޓާގެ ފަހު ދެ ޖާގަ ލިބޭނީ ބާސެލޯނާ، ނަޕޯލީ، ބަޔާން މިއުނިކް އަދި ޗެލްސީގެ ތެރެއިން ދެ ޓީމަކަށެވެ.
ބޮޑެތި ބާރުތައް ދެ ވަނަ ބުރަށް ދަތުރުކޮށްފި
ސިޓީ އާއި އާސެނަލް ކަޓުވާލައި ބެޔާނާއި ރެއާލް ސެމީއަށް
ސިޓީ އާއި ރެއާލްގެ ކޯޗު ވެސް ހިތްހަމަ ޖެހިފައި
ޕެރޭޒް މެންޗެސްޓާއަށް ދަނީ އެއްދޮނުގައި ދެ ބުޅި ޖަހަން
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ
މިއީ ކަންކަން ކުރެވޭނެކަން ގަބޫލުކުރާ ޓީމެއް: ގާޑިއޯލާ
ރެއާލް ކިބައިން ބަދަލު ހިފައި ސިޓީ ފައިނަލަށް
ރެއާލް މެޗުގެ ކޮންޓްރޯލް އޮތީ ސިޓީ އަތުގައި: ގާޑިއޯލާ
ބެންޗުޓީމާއެކު މޮޅުވެ ސިޓީ މެޗަށް ރެއާލް ތައްޔާރުވެއްޖެ
ގާޑިއޯލާ ބުނިގޮތަށް ގޮތް ނިންމުން ސިޓީގެ ދަނޑުގައި