22 ވަނަ ބައި
22 ވަނަ ބައި
ޒިލާލުއަށް އޭނާގެ އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނެވެ. ގުރޭޝާ އެހެން ބުނެފައިވާކަން ހަނދާން ނުކޮށްދިނީތީއެވެ.
އަނެއްދުވަހު ހެނދުނު ޙަމީދު ގުޅިއެވެ. ޒިލާލުގެ ޚަބަރެއް ނުވެގެން ގޭ އެންމެން ކަންބޮޑުވެގެން އުޅޭތީ އޭނާ މާލެ އައީ ކަމުގައި ބުނެލިއެވެ. އޭނާ އިއްޔެ ގެސްޓުހައުސްގެ ކޮޓަރިއަށް އައިސް ފޯނު ސައިލެންޓަށް ލީގޮތަށް އަދިވެސް އޮތީ އެހެންނެވެ.
ޙަމީދު ފެނުމާއެކު ޒިލާލަށް ރޮވުނެވެ. އޭނާގެ މުޅި ދިރިއުޅުން ފުނޑުފުނޑުވެއްޖެ ކަމުގައި ބުނަމުންނެވެ. އޭނާ ދެން ދިރިއުޅެން ބޭނުން ނޫން ކަމަށް ވެސް ބުންޏެވެ. އޭނާ ޝިއުނާ ދެކެ ލޯބިވާ ވާހަކަ ކެނޑިނޭޅި ކިޔަމުން ގެންދިޔައެވެ.
ޙަމީދު އޭނާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. ކެތްތެރިވާށޭ މީގައި ޒިލާލުގެ ކުށެއް ނެތްކަން އަދި ޝިއުނާއަށް ވިސްނޭނެއޭ ބުނެލިއެވެ.
"އަހަންނަކީ ތި ހީކުރާ ވަރަށް ވުރެ މާ ގޯސް މީހެއް" އެވަގުތު ޒިލާލު ބުނެލިއެވެ. އަދި އޭނާއަށް މިހާރު ހައްގު ވަނީ ޖަލު ކަމުގައި ވެސް ބުނެލިއެވެ.
އޭނާ އާއި ޝާހިދުއާ ދެމީހުންވެގެން ކުރި ވިޔަފާރީގެ ވާހަކަ އެހިސާބުން ކިޔައިދޭން ފެށިއެވެ. މިހާރު ވެސް އެފިހާރައިގެ ގުދަނުގައި އެއްޗެހި ފޮރުވާފައި ހުންނާނެ ކަމަށާއި އެކަމަކު އޭނާއަށް ދެން ޝިއުނާގެ ބައްޕަ ފެންނަ ހިސާބަށް ވެސް ދާކަށް ނުކެރޭނެ ކަމުގައި ބުނަމުން ގެންދިޔައެވެ. އެކަމަކު އޭގެ ސަބަބުން ޝިއުނާގެ ބައްޕައަށް ލިބިދާނެ ގެއްލުމަކަށްޓަކައި އޭނާ ކަންބޮޑުވާ ކަމަށްވެ ސް ކިޔައިދިނެވެ.
"ތި ވާހަކަތައް ކިޔައިދެމާ ހިނގާ .. އެއީ އެންމެ މޮޅު ގޮތަކީ" ޙަމީދު ޚިޔާލު ދިނެވެ.
ޙަނީފާ ބައްދަލުކުރަން ޒިލާލު ދިޔައީ ފިހާރައަށެވެ. އޭނާ ދިޔައީ ޙަމީދުވެސް ގޮވައިގެންނެވެ. ޒިލާލުއަށް ވާހަކަ ދައްކާކަށް މާ ފަސޭހައެއް ނުވިއެވެ. ވަކި ހިސާބަކުން އޭނާ އަކަށް އެއްގޮތަކަށްވެސް ކުރިއަކަށް ނުގެންދެވުނެވެ. އެންމެ ފަހުން އެވާހަކަތައް ކިޔައިދިނީ ޙަމީދުއެވެ.
އެވާހަކަ އަޑުއަހަން އިން އިރު ޙަނީފު އިނީ ހަމަ ސޭކުވެފައެވެ. ޒިލާލު ދެކެ ރުޅި އަންނަން ވީތޯ ނޫނީ ހަމްދަރުދީ ވާންވީތޯވެސް ނޭނގިފައެވެ.
"އަޅުގަނޑު ބޭނުމެއްނޫން މިކަމުން ބައްޕަމެންނަށް އެއްވެސް އަސަރެއް ކުރާކަށް... ހުތުރު ނަމެއް ލިބޭކަށް" ޙަމީދު ވާހަކަ ދައްކާ ނިމުނީމާ ޒިލާލު ބުނެލިއެވެ. އެ އާއިލާގެ އަބުރާއި އިއްޒަތް ސަލާމަތްކޮށްދޭން ބޭނުން ކަމުގައި ބުންޏެވެ. އަދި އެހެންވީމާ އޭނާ ބޭނުންވަނީ އަމިއްލައަށް ފުލުހުންނަށް ހުރިހާ ވާހަކައެއް ކިޔައިދޭށެވެ.
އިރުކޮޅަކަށް ވިސްނާލަން ހުރުމަށްފަހު ޙަނީފުގެ ރައްޓެހި ފުލުހުންގެ އިސް އޮފިޝަލަކަށް ގުޅާފައި ވާހަކަ ދެއްކިއެވެ. އެމީހުން ވެސް ތަރިންދުއަށް ފާރަލާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށް ޕޮލިސް އިންޓެލިޖެންސުން ބުނެފައިވާ ކަމަށް ބުންޏެވެ. އަދި އަމިއްލައަށް އިއުތިރާފުވެ، އެ ނެޓްވޯކު އަތުލައިގަންނަން އެހީތެރިވެދީފިއްޔާ އަދަބު ލުއިކޮށްދެވޭނެ ކަމަށް ވެސް އޭނާ ބުނެދިނެވެ.
ޒިލާލުއާ މަސްތުވާ ތަކެއްޗާއި ގުޅުން އޮތްކަން އިނގުމުން ޙަނީފު އޭނާއާމެދު ދެކެމުން އައިގޮތް މުޅިން ބަދަލުވެގެން ދިޔައެވެ. އޭނާ އެ ވާހަކަ ހުސްނާއަށް ކިޔައިދީފައި އެއީ ވެސް ހަމަ ސިޙުރުގެ ސަބަބުން ވީކަމެއް ބާވައޭ ބުނެލިއެވެ.
ޙަނީފު އެވާހަކަ ޝިއުނާއަށް ކިޔައިދީފައި ދެން ޒިލާލުއާ އެކީގައި އުޅެން ވިސްނާނެކަމެއް ނެތޭ ބުނެލިއެވެ. ޝިއުނާގެ މަންމަ ވެސް، ބޮޑުދައިތަ ވެސް ހަމަ ހުރީ އެގޮތަށެވެ.
އަނެއްދުވަހުގެ ޚަބަރުގައި އިންޑިއާއިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބޮޑު ޑްރަގް ނެޓްވޯކެއް ފުލުހުން އަތުލައިގަތް ވާހަކަ ކިއެވެ. ޒިލާލުއަށް ވެސް އޭގެ އަދަބު ލިބޭނެކަން އެނގުމާއެކު ޝިއުނާ ދެރަވާން ފެށިއެވެ. އޭނާ ކޮޓަރިއަށް ވަދެފައި ޒިލާލުއަށް ގުޅިއެވެ. އެހެން ނަމަވެސް ޒިލާލު ފޯނެއް ނުނެގިއެވެ. މެސެޖް ކުރީމާ ޖަވާބެއް ވެސް ނުދިނެވެ. އެންމެ ފަހުން ޒުހުދާއަށް ގުޅައިގެން އޭނާ ހުރިތަނެއް އޮޅުންފިލުވީއެވެ.
ޝިއުނާ ގޮސް ޓަކިޖަހާލީމާ ދޮރު ހުޅުވީ ޙަމީދުއެވެ. އޭރު އެކޮޓަރި ތޭރެގައި އެހެން ފިރިހެނެއްވެސް ހުއްޓެވެ. އޭނާ ފެނުމުން ޒިލާލު ދިޔައީ ސިއްސައިގެންނެވެ. އެވަގުތު ޙަމީދު އަހަރުމެން އެބަ އަންނަމޭ ކިޔާފައި ބޭރަށް ނުކުތީއެވެ.
ޝިއުނާ ފެންކަޅިވެފައި ހުރެގެން ޒިލާލު ކުރިމައްޗަށް ހުއްޓި އައި އޭމް ސޮރީއޭ ކިޔާފައި އޭނާގެ ގައިގަ ބައްދާލިއެވެ. ޒިލާލު ޝިއުނާގެ ގައިގަ އަތެއްނުލިއެވެ.
"އައި އޭމް އޯލްސޯ ވެރީ ސޮރީ ޝިއު.. ފޮ ވަޓް އައި ޑިޑް ޓުޔޫ" ޒިލާލު ބުނެލިއެވެ. "ދެން ބޭނުމެއް ނޫން އެއްވެސް އެއްޗެއް އޮޅުވާލާކަށް.. އަހަންނަކީ މިހާރު ހުރިހާ ގޮތަކުން ވެސް ކުށްވެރިއެއް....އަދި ބޭވަފާތެރި ވެފައިވާ ފިރިއެއް..." ޒިލާލު ދުރަށް ޖެހިލަމުން ބުނެލިއެވެ.
"ނޫން ޒިލާ ތިހެން ނުބުނޭ!" ޝިއުނާގެ ލޮލުން އައި ކަރުނަ ދެ ކޯތާފަތް މައްޗަށް ފޭބިއެވެ. ޒިލާލު އެމަންޒަރު ބަލަން ހުރިއިރު އޭނާގެ ހިތް ކުދިކުދިވެގެން ދެއެވެ. އެހެން ނަމަވެސް އޭނާ އެކަން ފޮރުވިއެވެ. އަދި އޭނާއަށް އެއްވެސް އަސަރެއް ނުކުރާ ކަމަށް ދެއްކިއެވެ. ޝިއުނާ އިތުރަށް ވާހަކަދައްކަން އުޅުމުން ޒިލާލު އަތުން އިޝާރާތްކޮށްލާފައި ހުއްޓުވިއެވެ.
"ތެދަށް ބުނަންތަ؟... އަސްލު.... ސިޙުރެއް ފަންޑިތައެއް ކިޔާނެކަމެއް ނެތް .. އޭގެ ކުރިންވެސް އަހަރެން ގުރޭޝާދެކެ ލޯބިވޭ.." އެއަޑަށް ޝިއުނާއަށް ލިބުނު ސިހުމުގައި ކުޑަކޮށް ފަހަތަށް ޖެހެވުނެވެ.
"ޝިއުނާއާ ކައިރިވެވުނީ ގުރޭޝާ ޖެލަސްކުރަން.. އަހަރެން ބުނިން އެންމެ ކުރީ ދުވަހު އެހެން ވެސް..... ހަނދާން އެބަހުރިތަ؟" ޒިލާލު ސުވާލު ކުރިއެވެ.
ޝިއުނާ އެއަށް ޖަވާބު ނުދީ ދެލޯ ފޮހެން ފެށިއެވެ.
"ސޮރީ ވަރަށް ބޮޑަށް އެކަމަކު އަދިވެސް މިހިތުގައި އޮތީ ހަމަ ގުރޭޝާ! އައި ލަވް ހަރ"
އެ ޖުމްލަ ތޫނު ހަންޖަރެއްހެން ޝިއުނާގެ ހިތަށް ހެރިގެން ދިޔައެވެ. ދެން އިތުރަށް އެންމެ ހިނދުކޮޅަކު ވެސް ޒިލާލުގެ ކުރިމަތީގައި ހުންނާކަށް އޭނާ ބޭނުމެއް ނުވިއެވެ. ޝިއުނާ ދާން އުޅެން ފެށީމާ އިހަށް މަޑުކޮށްބަލާށޭ ބުނަމުން ޒިލާލު އޭނާގެ އަތުގައި ހިފިއެވެ.
"ދެން ހެޔޮ.. އިތުރަށް އެކައްޗެއް ވެސް..." އެހިސާބުން ޝިއުނާއަކަށް ކުރިއަކަށް ނުގެންދެވުނެވެ. ދެލޮލުން ހޯސްލާފައި ކަރުނަ އޮހޮރިގަތެވެ. ޒިލާލުގެ އަތް ފޮޅުވާލަން އޭނާ މަސައްކަތް ކުރިއެވެ.
"މަޑުކުރޭ .. މަޑުކުރޭ! " އެހެން ބުނަމުން އޭނާ ފޯނު ނަގާފައި ޙަމީދުއަށް ގުޅާފައި ދެމީހުން އައިސްބަލާށޭ ބުނެލިއެވެ. ޝިއުނާ އިސްޖަހައިގެން ހުރެ ދެލޮލުން އަންނަ ކަރުނަތައް ހިފެހެއްޓޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ.
އިރުކޮޅެއް ނުވަނީސް ޙަމީދުމެން އައިސް ވަނެވެ. އެޔާއެކު ޝިއުނާ އަވަސް އަވަހަށް ކަރުނަތައް ފުހެލެވޭތޯ ބެލިއެވެ.
"މިތަނުން ދިޔުމުގެކުރިން އަހަރެން ކައިރިން ސަލާމަތްވެގެން ދޭ.. މިތިބަ ދެމީހުން، އަހަރެންގެ ޅިޔަނު ޙަމީދު އާއި ލޯޔަރު ޝިފާއު ހެކިކޮށް އަހަރެން ޝިއުނާ މިނިވަން ކޮށްދެނީމި..... ތިހިރީ ވަރިކޮށްފަ.. މިހާރު ތީ މަގޭ އަންބެއް ނޫން!" އެހެންބުނެފައި ޒިލާލު ޝިއުނާގެ އަތުން ދޫކޮށްލިއެވެ. އަދި ޝިއުނާއަށް ފުރަގަސްދިނެވެ. އެއީ ޒިލާލުގެ ލޮލުން އޮހޮރެން ފެށި ކަރުނަތަށް ޝިއުނާއަށް ފޮރުވުމަށްޓަކައެވެ.
ޝިއުނާ އެކޮޓަރިން ނުކުންނަން ދިޔައީ ދުވަމުން ކަހަލަ ގޮތަކަށެވެ. އޭރު އޭނާއަށް ހަމަ ރީއްޗަށް ރޮވިއްޖެއެވެ. ޙަމީދުއަށް ލިބުނު ކުއްލި ސިހުމުގައި ބާރަށް ނޭވާ ދަމާލެވުނެވެ. އޭނާ އެ މަންޒަރު ބަލަން ހުރީ ބަސް ހުއްޓިފައެވެ.
ޝިއުނާ ނުކުމެގެން ދިޔުމާއެކު ޒިލާލު ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި އައިސް އެނދުމަތީގައި އިށީނެވެ. ޙަމީދުއާ ދިމާލަށް ބަލައިލާފައި އެކަން ވެސް އެނިމުނީ ނޫންހޭ ބުނިއިރު އޭނާގެ ދެލޮލުން އޭރުވެސް ހުއްޓުމެއް ނެތި ކަރުނަތައް އޮހޮރެމުން ދިޔައެވެ. ޙަމީދު އެ ދިޔަގޮތަށް ގޮސް ޒިލާލުގެ ގައިގަ ބައްދާލިއެވެ.
"ދުވަހަކު ވެސް .. ދުވަހަކުވެސް ހަޤީޤަތް ހާމަ ނުކުރާތި އެކަކަށް ވެސް" ޒިލާލު ރޮމުން ވާހަކަ ދެއްކިއެވެ.
އޭނާ އެގޮތަށް އެކަންކުރީ ފަހަރުގައި ވެސް ޝިއުނާދެކެ ލޯބި ނުވާތީއެއް ނޫނެވެ. އެވާހަކަ އޭނާ ޙަމީދުއަށް ކިޔައިދިނެވެ. އުބޭދު ނެތިގެން ދިޔަޔަސް އޭނާގެ ދަރިފުޅު އުބޭދުގެ އައުވާނުންގެ ކިބައިން ސަލާމަތް ކުރެވެން އޮތް ހަމައެކަނި ގޮތަކީ އެއީ ކަމަށް ޒިލާލުއަށް ޤަބޫލު ކުރެވެއެވެ. އަދި ޝިއުނާ އާއި އޭނާގެ ދަރިފުޅަށް އުފާވެރި ކުރިމަގެއް ލިބޭނީ ޒިލާލުގެ ހިތުގައި ހިލަގަނޑެއް ބޭއްވުމަށްފަހު މި ފަދަ ބޮޑު ޤުރުބާނީއެއް ވެގެންކަން ވިސްނޭތީއެވެ.
އެއީ އޭނާ ޝިއުނާއަށް ބޭވަފާތެރިވެވުނީތީ އެކަމުގެ ސަޒާއެއްގެ ގޮތުން ކަމުގައިވެސް ނަފްސަށް ވިސްނައިދިނެވެ. އަދި ޝިއުނާގެ އާއިލާއިން ޒިލާލުއަށް ދިން ލޯތްބާއި އިތުބާރު ފުނޑުފުނޑު ކޮށްލެވުނީމަ އެކަމުގެ އަދަބެއްގެ ގޮތުންވެސް ޖަލުގެ ތޭރިތަކުގެ ތެރޭގައި އޮތުން އޭނާގެ މައްޗަށް ޙައްޤުކަން އަމިއްލަ ނަފްސަށް ވިސްނައިދޭ ޙާލުގައެވެ.
ޒިލާލު އަމިއްލައަށް ކުށަށް އިޢުތިރާފުވުމުގެ އިތުރުން އެ ބޮޑް ޑްރަގް ނެޓްވޯކު އަތުލައިގަތުމަށް އެހީތެރިވެދިނީތީ އޭނާއަށް އައީ ބާވީސް އަހަރުގެ ހުކުމެކެވެ.
އެކަން ވެގެން ދިޔައީ ޒިލާލު ދަންނަ ހުރިހާ އެންމެން ސިއްސުވާލި ޚަބަރަކަށެވެ. ޒިލާލު އެފަދަ ކަމެއް ކޮށްފާނެއެކޭ އެކަކުވެސް ހިތަކަށް ނާރައެވެ. ރަށުގެ ގިނަމީހުން އެކަން އެޅުވީ ޝާހިދުގެ ބޮލުގައެވެ. އެއީ ޝާހިދު އާއި ތަރިންދުއާ ދެމީހުންވެގެން ޒިލާލުއަށް ދިން ލަނޑެއް ކަމަށް ޝިއުނާއަށް ވެސް ހަމަ ޔަގީނެވެ. އެ މައްސަލައިގައި ޝާހިދުވެސް ބެދުނެވެ. އޭނާ ޑިޓޮކްސް ނިމުނީމާ ފަންސަވީސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ވެއެވެ.
ރަށު އެންމެން ކަހަލަ ގޮތަކަށް ގުރޭޝާއަށް ނަފްރަތު ކުރަން ފެށިއެވެ. ބައެއް މީހުން އޭނާއަށް ސިހުރު ގުރޭޝާއޭ ކިޔަންފެށިއެވެ. އޭނާ ކިޔަވައިދޭ ކުލާހު ކުދިންގެ ބެލެނިވެރިން، އެކުދިން ސްކޫލަށް ނުފޮނުވާ ހިސާބަށް ދުއްވާލީމާ އެންމެ ފަހުން ގުރޭޝާ ވަޒީފާއަށް ދިޔުން ހުއްޓާލިއެވެ. އަދި ގެއިން ބޭރަށް ވެސް ނުކުންނަން ނުކެރިފައި ހަތަރުދަމު ގޭގައި އޮންނަން ފެށިއެވެ.
އެކަންތައްގަނޑު ގެ ތެރޭގައި ޙަނީފު ވެސް ވިޔަފާރި ކުރަން ފޫހިވިއެވެ. އޭނާ ނިންމީ ފިހާރަ ވިއްކާލާފައި އޭނާގެ ގެ ބުރިބުރިއަށް ހަދާށެވެ. އެހެންކަމުން ޝަހުދު ކިޔަވަންދާއިރު ގެ ހަދަންވެގެން އެންމެން ސްރީލަންކާއަށް ބަދަލުވާ ގޮތަށް ވާހަކަ ދެކެވުނެވެ.
އެއީ މިވަގުތަށް އެންމެ ރަނގަޅު ގޮތްކަމުގައި ޝިއުނާއަށް ވެސް ވިސްނުނެވެ. އޭރުން ހަމަގައިމުވެސް އޭނާ ރައްޓެހި ރަހުމަތްތެރިންނާއި ބައްދަލުކޮށް އެމީހުންގެ ސުވާލުތަކަށް ޖަވާބުދޭން އުޅޭކަށް ނުޖެހޭނެއޭ ޝިއުނާގެ ހިތަށް އެރިއެވެ.
އޭނާ މިހާރު ޒިލާލުގެ ވާހަކަ އެއްވެސް މީހަކާ ދައްކާކަށް ބޭނުމެއްނޫނެވެ. އެންމެ ގާތް އެކުވެރިޔާ އަޒީމާއަށް ވެސް އޭނާގެ ހިތުގައި ހިނގާ ޝުއޫރުތައް ބުނެދޭކަށް ބޭނުމެއް ނުވިއެވެ. މިހާރު ޝިއުނާގެ އާއިލާގައި ވެސް، ރައްޓެހިންގެ ތެރެއަކު ވެސް ޒިލާލުއަށް ހަމްދަރުދީވާނެ އެކަކު ވެސް ނެތެވެ. އޭނާއަށް އެވީ ހަމަ ވާންވީ ގޮތް ކަމަށް އަޒީމާ ވެސް ޝިއުނާއާ ދިމާލަށް ބުންޏެވެ.
އެހެން ނަމަވެސް ޒިލާލު އޭނާ ދެކެ ލޯބިނުވާ ކަމަކަށް ހަމަ ޝިއުނާއަކަށް ގަބޫލެއް ނުކުރެވުނެވެ. އެންމެފަހުން އޭނާއާ ދިމާވުމުން އެ ހެދީ ތެދެއް ނޫނޭ އޭނާގެ ހިތް ހަމަ ބުނަނީއެވެ.
ޒިލާލު ގުރޭޝާގެ ސިހުރުގައި ޖެހި އެކަން ކުރެވުނީއޭ ކިޔާފައި އޭނާ ކުރިމަތީގައި ރޮއެފާ ވަރަށް އަސަރާއެކީ އެވާހަކަ ދެއްކީ، އަދި އޭގެ ހަތަރު ވަރަކަށް ދުވަހަށްފަހު އޭނާގެ ހިތް ކުއްލިއަކަށް ބަދަލުވާނީ ކިހިނެތް ހެއްޔެވެ؟
ޝިއުނާ ޙަމީދުއަށް ގުޅާފައި އެވާހަކަ ދެއްކިއެވެ. އޭނާ ކައިރީގައި އެންމެފަހުން ޒިލާލު ބުނީ ކީކޭތޯ ބަލަން ބޭނުންވިއެވެ. ޒިލާލު އޭނާ ކައިރީގައި އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް ބުންޏެވެ. ޒިލާލު ޝިއުނާ ދޫކޮށްލުމުން އޭނާ ވެސް އިނީ ހަމަ ބުނާނެ އެއްޗެއް ނޭނގިފައި ކަމުގައި ބުނެލިއެވެ. ޒުހާދާއަކަށް ވެސް އޭނާގެ ބޭބެ ގުރޭޝާ ދެކެ އަލުން ލޯބިވެދާނެ ކަމަކަށް ޤަބޫލެއް ނުކުރެވުނެވެ. އޭނާ ހުރީ ގުރޭޝާ އާއި ޝާހިދުއާ ދެމީހުން ދެކެ އަލިފާން ކަހަލަ ރުޅި އައިސްފައެވެ.
ކޮންމެއަކަސް ޝިއުނާ އޭނާގެ އާއިލާ އާއި އެކީގައި ލަންކާއަށް ބަދަލުވާން ތައްޔާރީތައް ވަމުން ގެންދަންފެށިއެވެ. އޭނާ އޭރު ސިއްރުސިއްރުން ދުޢާ ކުރަން ފަށައިފިއެވެ. ބާވީސް އަހަރުގެ މުއްދަތު ހަމަނުވަނީސް ޒިލާލު މިނިވަންވުން އެދިއެވެ.
މިހާރު ޝިއުނާގެ އަޒުމަކީ ޒިލާލު މިނިވަން ވަންދެން އަލްވާން ގޮވައިގެން ލަންކާގައި ދިރިއުޅުމެވެ. ޒިލާލު ލޯބިވަނީ އޭނާ ދެކެ ކަމަށާއި މިނިވަންވީ ދުވަހަކުން އޭނާ ހޯދަން އަންނާނެ ކަމަށް ހިތްބުނާތީއެވެ. އޭނާ ދެން ދިރިއުޅެމުން ގެންދާނީ ޒިލާލު މިނިވަން ވާނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެދުވަހަކުން، އޭނާގެ މުޅި އާއިލާ އާއި ރައްޓެހިންނާ ދެކޮޅަށް ވިޔަސް، ޒިލާލު ކައިރިއަށް ދާނެއެވެ. އަލްވާން އަށް ޓަކައެވެ.
(ނިމުނީ)
ދިގު ވާހަކަ: ޑައިރީއަށް ފަހު - 21
ދިގު ވާހަކަ: ޑައިރީއަށް ފަހު - 20
ދިގު ވާހަކަ: ޑައިރީއަށް ފަހު -19
ދިގު ވާހަކަ: ޑައިރީއަށް ފަހު - 18
ދިގު ވާހަކަ: ޑައިރީއަށް ފަހު - 17
ދިގު ވާހަކަ: ޑައިރީއަށް ފަހު -16
ދިގު ވާހަކަ: ޑައިރީއަށް ފަހު - 15
ދިގު ވާހަކަ: ޑައިރީއަށް ފަހު - 14
ދިގު ވާހަކަ: ޑައިރީއަށް ފަހު - 13
ދިގު ވާހަކަ: ޑައިރީއަށް ފަހު - 12