Roadha Mihaaru

ދިގު ވާހަކަ: ޑައިރީއަށް ފަހު -19

19 ވަނަ ބައި

ދިގު ވާހަކަ: ޑައިރީއަށް ފަހު -19

19 ވަނަ ބައި

އެ ހިސާބުން ޝިއުނާ ވަރަށް ކަންބޮޑުވިއެވެ. އަނެއްކާ ދެވަނަ ފަހަރަށް ވެސް ޒިލާލުގެ ފޯނަށް ގުޅީއެވެ. އެފަހަރު ޒިލާލު ބިޒީކޮށްލީއެވެ. އިރުކޮޅެއް ނުވަނީސް ޒިލާލު އައިސް ކޮޓަރިއަށް ވަނެވެ.

"ދޮރުމަތީގައި ހުއްޓާ ތިގުޅީ.. އެހެންވެ ބިޒީކޮށްލީ" އޭނާ އޮޅުން ފިލުވައިދިނެވެ.

ޝިއުނާ އުޅުނީ އޭނާއަށް ފެނުނު ހުވަފެން ކިޔައިދޭށެވެ. އެހެން ނަމަވެސް ޒިލާލު އެދިޔަގޮތަށް ގޮސް ފާޚާނާއަށް ވަދެ އިރުކޮޅެއްނުވެ ފެންވަރަން ފެށިއަޑު އިވުނެވެ.

"ނަށާ ނަށާ މުޅިން ދާހިތްލާ ފޯވީ އެހެންވެ ފެންވަރާލީ" އޭނާ ނުކުމެފައި ބުނެލިއެވެ. ރަނގަޅަށް ބޮލުން ފެންވެސް ނުހިއްކާ އޭނާ އޮށޯތީއެވެ. އަދި ވަރަށް ވަރުބަލި ވެއްޖެޔޭ ބުނަމުން އަނެއް ފަރާތަށް އެނބުރުނެވެ.

ޝިއުނާ ހެނދުނު ހޭލައިގެން ފާޚާނާއަށް ވަދެ ބެލިއިރު ޒިލާލު ލައިގެން ހުރި އެއްޗެހި ބާލިދީ ތެރޭގައި ހުއްޓެވެ. އެއެއްޗެހި ދޮންނަން އަޅަންވީއޭ ހިތާ ބާލިދީއިން ނެގި ވަގުތު ޒިލާލުގެ ޓީޝާޓުގެ ގިރުވާނުގައި އަޅައިގަނެފައި އިން އިސްތައްޓެއް ޝިއުނާއަށް ފެނުނެވެ. އެއީ ހަމަގައިމު ވެސް އޭނާގެ ބޮލު އިސްތައްޓެއް ނޫނެވެ.

ޝާހިދު މާލެއައި ފަހަރެއްގައި ބުޅިއިސްތަށިގަނޑަށް ޚާއްސަ ޝެމްޕޫއެއްގެ ފޮޓޯއެއް ދައްކާފައި އެ ލިބޭނެ ތަނެއް އިނގޭތޯ އެހިކަން އެވަގުތު ޝިއުނާގެ ހަނދާނަށް އައެވެ. އެޔާއެކު އޭނާއަށް އެފެނުނު ހުވަފެނާއި އެކަމާ ގުޅުވާލެވުނެވެ. އެއީ ގުރޭޝާގެ ބޮލު އިސްތަށްޓެއް ހެއްޔެވެ؟ ޒިލާލު އާއި ގުރޭޝާއާ ދެމީހުންގެ ދެމެދުގައި އަސްލުވެސް ކަމެއް ހިނގަނީ ހެއްޔެވެ؟ އެހެން ހިތަށް ވަނުމާއިއެކު ޝިއުނާ ފިނިވެގެން ދިޔައެވެ. ވަރަށް ފަރުވާތެރިކަމާއެކު އެ އިސްތަށި ނަގާ އޭނާ ގެންގުޅުނު ވާހަކަ ފޮތެއްގެ ތެރެއަށް ލާ ފޮރުވިއެވެ.

ޝިއުނާ އަލްވާން ރީތިކޮށްގެން ގޮވައިގެން ބޭރަށް ނުކުތް އިރުވެސް ޒިލާލު އޮތީ ނިދާފައެވެ. ޒިލާލުގެ މަންމަ އަލްވާން އުރާލުމުން ޝިއުނާ އަލުން ކޮޓަރިއަށް ވަނީއެވެ. އޭނާ ބޭނުންވީ ޒިލާލުއާ އެ ވާހަކަ ދައްކާށެވެ. ޝިއުނާ ކޮޓަރި ދޮރުލެއްޕި އަޑަށް ޒިލާލު ލޯ ހުޅުވާލިއެވެ. އެހިނދު ޝިއުނާގޮސް އޭނާގެ މަގަތުގައި އިށީނެވެ.

"ޒިލާ އަހަންނަށް ދޮގެއް ހަދައިފިން ދޯ؟" ޝިއުނާ އެހެން ބުނިއިރު އޭނާގެ މޭ ތުރުތުރު ލައެވެ.

"ކޮންކަމަކާ؟" ޒިލާލު މޯޅިއަކަށް ދެމިލަމުން އަހާލިއެވެ.

އެޔާއެކު ރޭގައި އޭނާއަށް ފެނުނު މަންޒަރު ކިޔައިދީފައި ގުރޭޝާއާ ވާހަކަ ނުދައްކަމެއް ނޫންހޭ ބުނީ އެއީ ދޮގެއް ނޫންހޭ ބުނެލިއެވެ.

"ސާބަސް މަ ރޭގަވެސް ބުނީމެންނު ދިމާވި ވާހަކަ. ސުޕާރީ ގަންނަން ފިހާރައަށް ގޮސްސަ އަންނަނިކޮށް އޭނައާ ދިމާވީ.. އޭނަ އަހަރެން ކައިރީ ޝާޑުގެ ވާހަކަ އެހީ" ޒިލާލު ވަރަށް ހިތްހަމަ ނުޖެހިފައި ޖަވާބުދިނެވެ.

"އުހޫ ނުބުނޭ!" ޝިއުނާ ބޯ ހޫރާލިއެވެ.

"އާނ އޯކޭ ދެން މީގެފަހުން ވާހަކަ ދައްކާހާ މީހަކާ އެ މީހަކާ ދެއްކި ވާހަކައަކަށް ދަންދެން ނޯޓު ކޮށްފައި ދައްކާނަން" ޒިލާލު އިތުރަށް ހިތްހަމަ ނުޖެހުނެވެ. މިހާރަކަށް އައިސް ހާދަ ޝަކުވާއެކޭ ތިކުރަނީ ބުނެލިއެވެ. އެވަރުން ވެސް ޝިއުނާ ދޫކުރާކަށް ބޭނުމެއް ނުވިއެވެ. ރޭގައި ޝޯ ނިންމާފައި ދެން ދިޔައީ ކޮންތާކަށް ތޯ އަހާލިއެވެ.

ޒިލާލު ބޮޑު ޗޮކެއް ކަނޑާލިއެވެ. "ޝޯ ނިމުނީމާ އަހަރުމެން ދިޔައީ ފާލަން މައްޗަށް ފިނިކޮށްލަން ... މުބީން އާއި މޯޑުވެސް ތިބޭނެ އެތަނުގައި.. ގަބޫލު ނުކުރަންޏާ އަހާބަލަ" އެހެންބުނަމުން ޒިލާލު ތެދުވިއެވެ. އޭނާގެ ފޯނު ނަގާފައި މުބީނަށް ގުޅަން އުޅުނެވެ.

"އުނހޫ.. އޯކޭ އޯކޭ" ޝިއުނާ އަވަސް އަވަހަށް ބުނެލިއެވެ.

ޒިލާލު އިތުރަށް އެއްޗެއް ނުބުނެ ގޮސް ފާޚާނާއަށް ވަނީއެވެ. ޝިއުނާ ތެދުވެ އޭނާގެ ވާހަކަ ފޮތް ހާވަން ފެށިއެވެ. އޭނާ ފޮރުވި އިސްތަށި އެފޮތުގެ ތެރެއަކުން ނުފެނުނެވެ. އޭނާ އުޅުނީ އެދައްކާފައި ސުވާލު ކުރަން ކަމަށެވެ. ފާޙާނާ އިން ނުކުތް ގޮތަށް އެއްވެސް އެއްޗެއް ނުބުނެ ޒިލާލު ނުކުތީ ބޭރަށެވެ. އެޔާއެކު އޭނާގެ ފަހަތުން ޝިއުނާ ނުކުތީއެވެ. އަލްވާން އަށް އޭނާގެ ބައްޕަ ފެނުމުން ތެޅިފޮޅިގަތެވެ. އެޔާއެކު ޒިލާލު އޭނާ އުރާލައިގެން ބޭރަށް ނުކުތީއެވެ. ނުކުންނަމުން ޝިއުނާ ކައިރީގައި ކޮފީ ހަދައިދޭށޭ ބުނެލިއެވެ. އެ ދެމީހުންގެ ދެމެދުގައި ނުތަނަވަސް ކަމެއް އުޅޭކަމެއް ޒިލާލުގެ މީހުންނަށް އަންގާކަށް ޝިއުނާ ބޭނުމެއް ނޫނެވެ. އެހެންވެ އޭނާ ބަދިގެއަށް ވަދެ އެހެންޏާއެކޭ ވެސް އެއްގޮތަށް ޒިލާލުއަށް ކޮފީ ހަދައިދިނެވެ.

އެދުވަހު ހަތަރުދަމު ޝިއުނާއަށް ވިސްނުނީ އެކަމާއެވެ. ފެނުނު ހުވަފެނާއި މެދުގައެވެ. ގުރޭޝާ މެންގޭގައި ހުންނަނީ ނޫކުލައިގެ ދޮރާއްޓެކެވެ. އެހުވަފެން އޭނާއަށް ކޮންމެވެސް އެއްޗެއް އަންގައިދޭން އުޅޭހެން ޝިއުނާއަށް ހަމަ ހީވަނީއެވެ. އޭނަ އެކާމާމެދު ވިސްނި ވަރަކަށް ހިތް ނުތަނަވަސްވަމުން ދިޔައެވެ. އެހެން ނަމަވެސް އޭނާ އެ ވާހަކަ ދައްކާނީ ކާކު ކައިރީގައި ހެއްޔެވެ؟ އެވަރުގެ މީހެއް އެރަށަކު ނެތެވެ.

މެންދުރު ވަގުތު އަލްވާންއާ ޒުހުދާގެ ކުޑަމީހާ އާއި ދެމީހުން ގޮވައިގެން އެމީހުން މޫދަށް ދިޔައިރު ޒިލާލު ވެސް ދިޔައެވެ. މޫދު އަލްވާންއަށް ވަރަށް މަޖާވިއެވެ. ޒިލާލު ހަމަ އެއްކަމެއްވެސް ނުވާކަމަށް ހެދިގެން ކުރިއެކޭވެސް އެއްގޮތަށް ޝިއުނާއާ ވެސް މަޖާކޮށް ސަކަރާތް ޖަހާ ހަދަން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ޝިއުނާއަށް ހުރެވެނީ ނެގި މަޑުވެފައެވެ. އޭނާ އަދިވެސް ޒިލާލުއާ ސުވާލުކުރަން ބޭނުމެވެ. އެކަމަކު ރަނގަޅު ފުރުސަތެއް ލިބުނީމައެވެ.

އެދުވަހު ހަވީރު އޮތީ ފުޓްބޯޅަ މެޗެކެވެ. ރަށުގައި ދިރިއުޅޭ ޒުވާނުންނާއި ރަށުން ބޭރުގައި އުޅޭ ޒުވާނުންނާއި ދެމެދުގައެވެ. ޙަމީދު އާއި ޒިލާލުއާ ދެމީހުން މިފަހަރު ދެޓީމަށް ކުޅޭތީ ގޭތެރޭގައި އޮތީ ވަރަށް ފޯރި ގަދަވެފައެވެ. މެޗުގެ ގަޑި ޖެހެންވީ އިރަށް އަލްވާންއަށް ނިދުނީއެވެ. އެހެންކަމުން އޭނާ ހޭލީމާ ގޮވައިގެން ދާން ޝިއުނާ މަޑުކުރީއެވެ.

އަލްވާން ހޭލިތަނާ ޒުހުދާ ގުޅިއެވެ. މެޗުގެ ފޯރި ވަރަށް ގަދަ ކަމަށާއި ދެބައިމީހުންވެސް ލަނޑެއް ޖަހައިފި ކަމަށް ޒުހުދާ ކިޔައިދިނެވެ. އެޓީމުން ލަނޑުޖެހީ ޒިލާލު ކަމަށް ބުނުމުން ޝިއުނާވެސް އަވަހަށް އެތަނަށް ދާހިތްވިއެވެ. ޝިއުނާ އަވަސް އަރުވާލާފައި ނުކުތީ އަލްވާން ގައިގަ މަދިރި ލޯޝަން ނުލައްވައެވެ. އެހެންކަމުން އަލުން ގެއަށް ވަދެ އަލްވާން ގައިގަ ލޯޝަން ލެއްވިއެވެ.

މަގުމައްޗަށް ނުކުމެފައި އެންމެ އަވަހަށް ދަނޑާއި ދިމާލަށް ދެވޭނީ ކިހިނެތްބާވައޭ ހިތަށް އެރިއެވެ. އޭނާ ބޮޑުމަގަށް ނުކުންނަން ދަނިކޮށް ދިހަ ބާރަވަރަކަށް އަހަރުގެ ދެކުއްޖަކު ވަރަށް ބާރަށް ބައިސްކަލުގައި ގޯޅި ތެރެއިން ނުކުތެވެ. ޝިއުނާ އެ ކުދިންނާއި ސުވާލު ކުރީމާ ދެއްކީ ޝިއުނާ ފަތިހު ހިނގަން ދާ ދިމާލެވެ. ގޮނޑުދޮށަށް ނުފައިބާ ކަނާތް ފަރާތުގައި އޮންނަ ހަނިމަގުން ދިޔައީމާ ދެވޭނެ ކަމުގައި އެތަނުން އެއް ކުއްޖަކު ބުނެދިނެވެ. ޝިއުނާ ޝުކުރު އަދާކުރަމުން އެދިމާލަށް ހިނގައިގަތެވެ.

ޝިއުނާ އަލްވާން އާއި ވާހަކަ ދައްކަމުން ކުރިއަށް ދިޔައެވެ. އޭނާގެ ބައްޕަ ލަނޑުޖެހި ވާހަކަ ކިޔައިދިނެވެ. އަދި އަލުން ބައްޕަ ލަނޑެއް ޖަހާތަން ފެނޭތޯ ބަލަން އަވަހަށް ހިނގާށޭ ބުނަމުން ހިނގުން ބާރުކޮށްލިއެވެ. އެކުދިން އެބުނި ހިސާބަށް ގޮސްފައި ޝިއުނާ ކުޑަކޮށް ޖެހިލުންވިއެވެ. ހަނިމަގަށް ވަންނަ ހިސާބުގައި ހުރީ ވަރަށް ބޮޑު ބޯކަށިކެޔޮ ގަހެކެވެ. އެކަމަކު އެގަސް ތެރޭގައި ފިލާ ބަނދެ ހަދާފައި ހުރީމާ އެއީ ކުދިން ކުޅެން އަރާ އުޅޭތަނެއްކަން ވިސްނުނެވެ. އެހެންކަމުން އޭނާ އެމަގުން ކުރިއަށް ހިނގައިގަތެވެ.

ތަންކޮޅަކަށް ދެވުނު ތަނާ ޝިއުނާއަށް އޭނާގެ ފަހަތުން ހިލަމެއްވާހެން ހީވިއެވެ. އެޔާއެކު އޭނާގެ ހިތަށް ބިރުވެރިކަމެއް އިހުސާސް ވެގެން ދިޔައެވެ. އެހެންކަމުން ފަހަތް ބަލަން ނޫޅެ ޒިކުރު ކިޔަމުން ކުރިއަށް ދިޔައީއެވެ. ވާކޮށާލާފައި އޮތް ހިސާބަށް ދެވުމުން އޭނާ ހަމަޖެހިލިއެވެ. އެދިމާލުން ދަނޑު ފެންނަން އޮތެވެ. ކުޅިބަލަން އެއްވެފައިވާ މީހުންގެ އަޑު ފައްގަނޑުވެސް އިވިއިވި ހުއްޓެވެ.

ޝިއުނާ މައިމަގަށް ނުކުންނަން ވަރަށް ކައިރިވެފައި ވަނިކޮށް އޭނާގެ ފަހަތުން ފިރިހެނަކު ޝިއުނާއޭ ކިޔާފައި ގޮވާލިހެން ހީވިއެވެ. ދެވަނަ ފަހަރަށް އެއަޑު އައީ ވަރަށް ކައިރިންނެވެ. ހަމައެޔާއެކު އޭނާގެ ކޮނޑުގައި ބޯއަޅައިގެން އޮތް އަލްވާން ތެޅި ގަނެފައި ރޮއެގަތެވެ. ބޭއިޙުތިޔާރުގައި ޝިއުނާއަށް ފަހަތް ބަލާލެވުނެވެ. އެވަގުތު ރުއްތަކުގެ ތެރެއިން ހިޔަންޏެއް ވީހެން ޝިއުނާއަށް ހީވުމުން ޝިއުނާއަށް ދުއްވައިގަނެވުނެވެ. އިސާހިތަކު ޝިއުނާއަށް މައިމަގަށް ނުކުމެވުނެވެ. އޭރުވެސް އަލްވާން ރޮނީއެވެ. އޭނާ ފަޔަށް ލެވުނުހާ ބާރެއްލާފައި ދަނޑާއި ދިމާލަށް ހިނގައިގަތެވެ. ޒުހުދާމެން ފެނޭތޯ ލޯ ހިންގަމުންނެވެ.

ވަކި ހިސާބަކުން އަލްވާން ރުއިން ހުއްޓާލިއެވެ. ދަނޑުން އިވެމުންދާ ދުންމާރި ފުމުމުގެ އަޑަށް އޭނާގެ ސަމާލުކަން ދިޔައީއެވެ. އޭރު ފުރަތަމަ ހާފު ނިމިގެން ކުޅުންތެރިން ދަނޑުން ފައިބަނީއެވެ. ޝިއުނާއަށް ޒިލާލު ފެނުނެވެ. އޭނާ ފެންފުޅިއެއް ބޮމުންބޮމުން އެއްވެފައި ތިބި މީހުންގަނޑު ކައިރިއަށް އައިސް ކޮންމެވެސް އެއްޗެކޭ ކިޔާފައި ހީގަނެފައި ދުރަށް ދިޔަ މަންޒަރެވެ. އޭނާ ހީފައި ވާހަކަ ދެއްކީ އަންހެން ގުރޫޕްގެ ތެރޭގައި ގުރޭޝާ ހުރިކަން އެނގުނު ހިނދު ޝިއުނާގެ ދެފައި ތުރުތުރު އަޅަންފެށިއެވެ.

ޒިލާލު މަންމައަށް މާދުރުން ޝިއުނާމެން ފެނިގެން އައެވެ. އަލްވާން އުރާލާފައި މިކުއްޖާ މީނީ ހުންއައިސްފައެއް ނޫންހޭ ބުނެލިއެވެ. ޝިއުނާ އޭނާގެ ނިއްކުރީގައި އަތް ޖައްސާލީ ދެނެވެ. އެބުނާހެން އޭރު ހަމަ ވަރަށް ހުންގަދައެވެ.

"އެކަމު ދާދިދެންމެއަކު ވެސް އޭނާގެ ބޮލުގައި އަތްލިން.. ހޫނެއްނޫން" ޝިއުނާއަށް ބުނެވުނެވެ.

އެހިސާބުން މެޗް ބަލަން ނޫޅެ ޝިއުނާ އާއި ޒިލާލު މަންމައާ ދެމީހުން އަލްވާން ގޮވައިގެން ގެއަށް އައީއެވެ. އެމީހުން އައީ ބޮޑުމަގުން ލާފައެވެ.

ޝިއުނާ ގެއަށް އައިގޮތަށް އޭނާގެ ބައްޕައަށް ގުޅާފައި ވީގޮތް ކިޔައިދިނެވެ. ޙަނީފު އެއީ މާބޮޑު ކަމަކަށް ނަހަދައެވެ. އެވާނީ ދަރިފުޅު ބިރުން ހުރީމާ ހީވިގޮތެއް ކަމަށޭ ބުނެލިއެވެ. އެކަމަކު އަލްވާން ބަލިވެއްޖިއްޔާ ޓިކެޓް އަވަސްކޮށްގެން މާލެ އަންނާށޭ ބުނެލިއެވެ.

ޙަނީފު ޒިލާލުއަށް ގުޅީ މެޗް ނިންމާލިތަނާއެވެ. ޝިއުނާ އޭނާއަށް ގުޅާފައި ދެއްކި ވާހަކަ ކިޔައިދިނެވެ. އަދި އެއީ ގޯހެކޭ ވީހާވެސް އަވަހަކަށް މާލެ އަންނަން އެދުނެވެ. އެހިސާބުން ޒިލާލު ސައިބޯން ވެސް މަޑުނުކޮށް އަވަހަށް ގެއަށް ދިޔައީއެވެ.

ޒިލާލު ވަންއިރު އޭނާގެ މަންމަ އާއި ޒުހުދާއާ އެންމެން ވެސް ތިބީ އޭނާގެ ކޮޓަރި ތެރޭގައެވެ. އެސޮރު ހުން އައީ މޫދަށް ދިޔައީމާ ކަމަށް ޒިލާލުގެ މަންމަ ބުނެލިއެވެ. ޝިއުނާ ވެސް މޫނު މައްޗަށް ވާންއަރާ ހުންވައްތަރު ވާހެން ހީވާން ފަށައިފިއެވެ. އޭނާގެ ބޮލުގައިވެސް ކޮންމެވެސް ވަރަކަށް ރިއްސާކަން އިހުސާސް ކުރެވެއެވެ. ޒިލާލު ފެނުމުން ޝިއުނާ ފެންކަޅިވިއެވެ. އެކަމަކު އެއީ ޒިލާލު ގުރޭޝާ އާއި މަޖާކޮށް ވާހަކަ ދެއްކިތަން ފެނުނީތީއެވެ. އޭނާއަށް ފެނުނު މަންޒަރުން ހިތްފަޅައިގެން ދާވަރު ވެއްޖެޔޭ ޒިލާލުއާ ދިމާލަށް ބުނަން ބޭނުންވިއެވެ.

ދެމީހުން އެކަނި ވީމާ ޝިއުނާއާ ދިމާވި ހާދިސާ ކިޔައިދިނެވެ. ޒިލާލުވެސް އެކަމަކަށް މާބޮޑު ސަމާލު ކަމެއް ނުދިނެވެ. އެކަމަކު އަލްވާން ހުންއައީތީ އެކަމާ ކަންބޮޑުވާ ކަމުގައި ބުނެފައި އެންމެ އަވަހަށް މާލެދާ ފުލައިޓަކަށް ޓިކެޓް ބަދަލު ކުރެވޭތޯ މަސައްކަތް ކުރަން ފެށިއެވެ.

އެރޭވެސް އެރަށުގައި އީދު ކުޅިވަރު ކުރިއަށް ދިޔައެވެ. އެހެން ނަމަވެސް އަލްވާން އާއި ޝިއުނާ ދޫކޮށްލާފައި ދިޔުން އޭހާ ރަނގަޅު ނޫންކަން ވިސްނޭތީ އޭނާ ވެސް ގޭގައި އޮތީއެވެ.

އަނެއްދުވަސް ވީއިރު އަލްވާންގެ ހުމުގެ ކަންފުޅެއްވެސް ނެތެވެ. ކުރިއެކޭ އެއްގޮތަށް ޒުހުދާގެ މަލްސާ ފެނުނީމާ އަޑު ލައްވާ ހީ ސަކަރާތް ޖަހަޖަހާފައި އުޅުނެވެ. އެހެން ނަމަވެސް ދެން ރަށުގައި އިތުރަށް މަޑުކުރާކަށް ޝިއުނާވެސް ބޭނުމެއް ނުވިއެވެ.

ޝިއުނާމެން މާލެ ދިޔައިރު އޭނާގެ ބައްޕަ ވަނީ ޢަލީ ރަޝީދު މެދުވެރިކޮށް މ.އަތޮޅުގައި އުޅޭ ރުޤްޔާ ކުރާމީހާ އާއި ވާހަކަ ދައްކާފައެވެ. އަދި ވީހާވެސް އަވަހަކަށް އޭނާ މާލެ ގެނެވޭތޯ މަސައްކަތް ފަށައިފައެވެ. ޙަނީފު އެވާހަކަ ޒިލާލު ކައިރީގައި ސިއްރުސިއްރުން ބުނެދިނެވެ. އެދިމާވީ ޖިންނިގެ އުދަނގުލެއްކަން ހަމަ ޔަގީނޭ ޙަނީފު ބުނެލިއެވެ.

އެ ދެ ކުދިން ބައިތިއްބާފައި ޙަނީފު ވާހަކަ ދެއްކީ އަނެއް ދުވަހުއެވެ. ތިޖެހުނީ ކާފަ ގެންގުޅު ޖިންނީގެ ކަންތައް ހެންނޭ ހީވަނީ ބުނުމާއިއެކު ޝިއުނާ ވަރަށް ބިރުގަތެވެ. އޭނާގެ މަންމައަށް ވީގޮތް ވާކަށް ބޭނުމެއްނޫނޭ ކިޔާފައި ވަރަށް ކަންބޮޑުވިއެވެ. ޝިއުނާއަށް ދޭތެރެ ދޭތެރެއިން ފާޑުފާޑުގެ ހުވަފެން ފެންނަ ވާހަކަ ކިޔައިދިނެވެ. އެހެންނަމަވެސް އޭނާއަށް ފެންނަ ގިނަ ހުވަފެން ހޭލާއިރުގައި ހަނދާން ނުހުންނަ ކަމަށް ވެސް ބުންޏެވެ.

ޝިއުނާއަށް ހުވަފެނުން ކަޅުބުޅަލެއް ފެންނަ ކަމަށް ބުނުމުން އެގޭ ދޮރާށިމަތިން ވެސް އެއްރޭ ފެނުނުހެން ހީވެގެން ބިރުން އުޅުނު ވާހަކަ ހުސްނާ ކިޔައިދިނެވެ. އެހިނދު ޙަނީފު ހިތްހަމަ ނުޖެހުނެވެ. އެވާހަކަ އޭރު ނުބުނީ ކީއްވެގެން ތޯ ސުވާލު ކުރިއެވެ.

"ބުނާނަމޭ ހިތާ ހުރީ ..އެކަމަކު ނޭނގެ... ހަމަ ހަނދާން ނުވީ" ހުސްނާ ދެރަވެލާފައި ބުންޏެވެ.

ނުނިމޭ