18 ވަނަ ބައި
18 ވަނަ ބައި
އެދުވަހު ކެއްކި ބޮނޑިބަތާއި ބަކަރި، މެންދުރު ފަހުގެ ފުލައިޓުން ޒިލާލުމެންގެ ރަށަށް ވެސް ފޮނުވިއެވެ. އެދަރިފުޅަށް ކީ އަލްވާން ޒިލާލުއެވެ. އެދުވަހު ޙަމީދުވެސް މާލެ އައެވެ. އޭނާ އައީ ޝާހިދު ގޮވައިގެންނެވެ. ޑިޓޮކްސް އަށް ފޮނުވުމުގެ ކަންތައްތައް ހަމަ ޖެއްސުމަށެވެ.
ޝާހިދުއަށް އޭރުވެސް ކޮންމެވެސް ބަދަލުތަކެއް އައިސްފި ކަން ޒިލާލުއަށް ފާހަގަކުރެވުނެވެ. އޭނާ ތަރިންދު ކައިރިއަށް ދާކަށްވެސް ނޫޅެއެވެ. އެކަމާ ވަރަށް އުފާވާ ކަމުގައި ޒިލާލު ބުނެލިއެވެ. އޭރު ޒިލާލު ވެސް އޭނާގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ގުރޭޝާއާ ދުރުންވުން ވެސް ހިމެނެއެވެ.
ޒިލާލު ހީކުރީ ޝާޑު ނެތުނީމާ އެމީހުންގެ ސައިޑް ބިޒްނަސް ވެސް ހުއްޓުމަކަށް އައިސް އެތަނުން ވެސް ޒިލާލުއަށް ބޯދަމައިގަނެވޭނެ ކަމަށެވެ. އޭގެ އަނެއް ރޭ ތަރިންދު އެ ދެމީހުންނާ ހާބަރު ކެފޭއިން ބައްދަލު ކުރިއެވެ. ޝާހިދު ޑިޓޮކްސް އަކަށް ދާން އުޅޭ ކަން އެނގުމުން އެރަށު ކޮޅުގެ ވިޔަފާރި ޒިލާލުއާ ހަވާލުކުރަން އޭނާ އުޅުނެވެ. ޒިލާލުއަށް ވުރެކުރިން ތިކަމެއް އޭނާއަކަށް ނުވާނެޔޭ ޝާހިދު ބުނެލިއެވެ. ތަރިންދު އެހެންދޯއޭ ބުނަމުން އެހެންވިއްޔާ ކުރިއެކޭވެސް އެއްގޮތަށް އެމީހުންގެ އެއްޗެހި ފޮރުވައިދޭން އެހީތެރިވެދޭށޭ ބުންޏެވެ. ޒިލާލުއަކަށް އެއަކަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ.
ތަރިންދު ދިޔުމާއިއެކު ޝާހިދު އޭނާގެ އަންހެނުންގެ ވާހަކަ ދައްކަން ފެށިއެވެ.
"އެހެންނޭ ވާނީ ކަލޭ ތިހުންނަނީ ހަމަހެއަކު ނޫންވިއްޔާ!" އެވަގުތު ޒިލާލު ބުނެލިއެވެ. އަދި ވާހަކަ އޮއްބާލަމުގެ ނިޔަތުގައި މުޅިން އެހެން ވާހަކައެއް ފެށިއެވެ.
ޝާހިދު ފުރައިގެން ދިޔަފަހުން އިހަށް ވުރެ ވެސް ގިނައިން ގުރޭޝާ މެސެޖް ކުރަން ފެށިއެވެ. އެޔާއެކު ޒިލާލުއަށް އޭނާއަށް ހަމްދަރުދީ ވެވުނެވެ. އޭނާއާ ދުރުވާން އަޒުމު ކަނޑައެޅިކަން މުޅިން ހަނދާން ނެތުނެވެ.
ހަފްތާ ބަންދާއެކު ތިން ދުވަސް ލިބުނު ފަހަރެއްގައި ގުރޭޝާ މާލެ އައީއެވެ. އޭނާ އެ ހުންނަ ރަހުމަތްތެރިޔާގެ ގޭގައި ބަހައްޓާކަށް ޒިލާލުގެ ހިތެއް ހަމައެއް ނުޖެހުނެވެ. އެހެންކަމުން މާލެއިން ހަމަ ރަނގަޅު ފެންވަރެއްގެ ގެސްޓުހައުސް އަކުން ކޮޓަރިއެއް އޭނާ ހިފައިދިނެވެ.
އިރުއޮއްސުނުއިރު ފިހާރަ ބަންދުކޮށްފައި ޒިލާލު ދިޔައީ ގުރޭޝާއާ ބައްދަލު ކުރާށެވެ. ގުރޭޝާއާ އެކީގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު އޭނާ ގެއަށް ދިޔައީ އަށެއްވެސް ޖެހިފަހުންނެވެ. އޭނާ އިރުއޮއްސުނު ގަޑީގައި ނާންނަ ކަމެއް ވެސް އެކައްޗެއް ވެސް ޝިއުނާއަކަށް ވެސް އަދި ގޭ އެހެން މީހަކަށް ވެސް ފާހަގަވީހެނެއް ހިޔެއް ނުވެއެވެ. ގޭ އެންމެންގެ ނަޒަރު ވެސް މިހާރު ހުއްޓިފައިވަނީ އަލްވާން އަށެވެ. އެކަމުގެ ފުރިހަމަ ފައިދާ ޒިލާލު ނެގިއެވެ. އޭނާ ފިހާރައިން ލިބޭ ހުރިހާ ހުސް ވަގުތެއް ގުރޭޝާއާ އެކީގައި ހޭދަ ކުރިއެވެ.
ގުރޭޝާއާ އެކީގައި ހޭދަކުރެވޭ ކޮންމެ ވަގުތަކީ ޒިލާލުއަށް ފެންނަ ހުވަފެނެއް ފަދައެވެ. އޭނާގެ އަމިއްލަ ނަފްސު އޭނާ ކޮންޓުރޯލުގެ ދަށުން ދޫވެ، ގުރޭޝާގެ ކޮންމެ އެދުމަކަށް ތަބާވަމުން ދަނީ މިދުނިޔެމަތީގައި ހިނގާ އެހެން ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތިފައިވާ ހާލުގައެވެ.
ކޮންމެ ފަހަރަކުވެސް އެތަނުން ނުކުމެގެން ގެއަށް އައިސް ޒިލާލު ދެރަވެއެވެ. ދެން ނުދާނަމޭ ހިތަށް އަރައެވެ. އެހެން ނަމަވެސް ގުރޭޝާ މެސެޖް ކޮށްލީމާ އެކަމެއް ހަނދާނެއް ނުހުރެއެވެ. ގުރޭޝާ ފުރަން އޮތްދުވަހު ފަތިސް ނަމާދުން ފައިބައިގެންވެސް އޭނާ ދިޔައީ އެކޮޓަރިއަށެވެ.
އެދުވަހު ޝިއުނާއަށް އަނެއްކާވެސް އެއްކަލަ ހުވަފެން ފެނުނެވެ. އޭނާއަށް ފެންނަނީ އަންހެނަކާއި ފިރިހެނެކެވެ. އަންހެންމީހާ ހުންނަނީ ރީނދޫކުލައިގެ ހެދުމެއްގައެވެ. އޭނާގެ ބުޅި އިސްތަށިގަނޑު އޮންނަނީ ނިއުޅާލާފައެވެ. ފޯލި ފޯއްޔަށް ކޮނޑުމަތިން ފައިބާފައެވެ. އެމީހުންނާއި އެކީގައި ކަޅު ބުޅަލެއްވެސް ހިނގާލާފައި އަންނާތީ ފެނުނެވެ.
ޝިއުނާއަށް ހޭލެވުނީ ސިއްސައިގެން ގޮސްފައެވެ. އޭނާ ބަލައިލިއިރު ޒިލާލުއެއް ނެތެވެ. އޭގެ ބަދަލުގައި އޭނާ ކައިރީ އޮތީ އަލްވާންއެވެ. ދެލޯ ބޮޑުކޮށްގެން ޝިއުނާއާ ދިމާލަށް ބަލަން އޮތީ އަތްކޮޅު އަނގަޔަށް ޖަހާލައިގެން ބޯލަ ބޯލާއެވެ. އަލްވާން އެހެން ލޯބިކޮށް އޮތްތަން ފެނުމާއިއެކު އޭނާއަށް ފެނުނު ހުވަފެންމަތިން ހަނދާން ނެތުނެވެ.
ޒިލާލު ގެއަށް އައީ ހަތްގަޑި ބައި ވެސް ވީ ފަހުންނެވެ. އޭރު އަލްވާން ގޮވައިގެން ސިޓިންރޫމް ތެރޭގައި ޙަނީފު އާއި ޝިއުނާ ތިއްބެވެ. ޒިލާލު ކުރެން ތިއައީ ކޮންތާކުންތޯ އަހާލުމުން އޭނާގެ އެކުވެރިން ފަތިހު މަހަށް ދާ ވާހަކަ ބުނެފައި އޮތީމާ އެމީހުން ކޮބައިތޯ ބަލަން ދިޔައީ ކަމުގައި ބުނެލިއެވެ. އަދި މީހުން ހަމަނުވެގެން އެންމެފަހުން އެދަތުރު ކެންސަލްވީ ވާހަކަ އާއި ދެން އެންމެން ގޮސް ސައިބޮއެގެން އައީ ކަމަށް ކިޔައިދިނެވެ.
ޒިލާލުމެން ރަށުގައި ހެދި ފިހާރަ ބޮޑު ޢީދަށް ހުޅުވުމަށްޓަކައި ވަރަށް ބާރަށް މަސައްކަތް ކުރެވެން ފެށިއެވެ. އެދުވަސްކޮޅު ޒިލާލުވެސް ވަރަށް ގިނައިން ރަށަށް އާދެއެވެ. އެންމެ ފަހުން ބޮޑުޢީދަށް ފިހާރަ ހުޅުވަން ދިޔައިރު ދިޔައީ ޝިއުނާ އާއި އަލްވާން ވެސް ގޮވައިގެންނެވެ.
އޭރު ޒިލާލުގެ ކޮޓަރީގައި ވެސް ހުރީ އެންމެ އެޓޭޗް ފާޙާނާ ލާފައި އެންމެ ޒަމާނީ ފެންވަރަށް ހަދާ ނިންމައިފައެވެ. އޭނާ އެކަން ކުރިކަމެއް ޝިއުނާ ނުވެސް ދެނަހުއްޓެވެ. އެކަމާ ޝިއުނާ ވަރަށް އުފާވިއެވެ. ފިހާރަ ހުޅުވުން އޮތީ ޢީދު ނަމާދަށް ފަހުގައެވެ. ފިހާރަ ހުޅުވުމާއި އެކު އެތަނަށް ވަރަށް ގިނަމީހުން އައެވެ. އެއީ ރަށުގައި ނެތް ފެންވަރުގެ ސުޕަމާޓެކެވެ. އަނެއްކާވެސް ޒިލާލުގެ ހުވަފެނެއް ހަޤީޤަތަކަށް ވެގެން ދިޔައީތީ އޭނާ ވަރަށް ފަޚުރުވެރިވިއެވެ.
ޢީދުގެ އުފަލުގައި ބާއްވާ ސްޓޭޖްޝޯ އެރޭ އޮތެވެ. ޝިއުނާ ހުރީ އަލްވާން ބާއްވާފައި ނުދާން ނިންމައިގެންނެވެ. އެހެންނަމަވެސް އަލްވާން ނީދީމާ ޒިލާލުގެ މަންމަ އާއި ބައްޕަ އޭނާ ބަލައިދޭނަމޭ ބުނެފައި ޝިއުނާ ފޮނުވީއެވެ.
ޝިއުނާ އާއި ޒުހުދާއާ ދެމީހުންނަށް ދެވުނީ ޝޯވް ފެށިގެން ކުރިއަށް ދާތާ އެތައް އިރެއް ފަހުންނެވެ. އެތަނުން އާމިރާ އާއި ސަލްވާއާ ދެމީހުންނާއި ދިމާވެގެން ހަތަރު މީހުން އެކީ ހިނގާލާފައި ގޮސް މަޑުކުރީ ތަންކޮޅެއް ދުރުގައި، މީހުން މަދު ހިސާބެއްގައެވެ.
ޝިއުނާއަށް މުބީން އާއި މޯޑު އާއި އަދިވެސް އެހެން ދެމީހަކު އެކީގައި ވާހަކަ ދައްކަން ތިއްބާ ފެނުނެވެ. އެމީހުންގެ ތެރެއަކު ޒިލާލުއެއް ފެންނާކަށް ނެތެވެ. އެހެން ކަމުން ޝިއުނާ ޒިލާލު ފެނޭތޯ ވަށައިގެން ހޯދާލިއެވެ.
އޭގެ މާގިނައިރެއް ނުވަނީސް، އޭނާއަށް ފެނުނީ ގޯޅި ތެރެއިން އަނދިރި ގަނޑުންލާފައި ޒިލާލު އާއި ގުރޭޝާ އާއި ދެ މީހުން ވާހަކަ ދައްކަމުން އަންނަތަނެވެ. އެވަގުތު ޝިއުނާއަށް ވީ ގޮތެއް ބުނެދޭކަށް ނޭނގުނެވެ.
އެ ދެ މީހުންނަކަށް ޝިއުނާމެނެއް ފެނުނު ހެނެއް ހިޔެއް ނުވެއެވެ. އެކީގައި ހިނގާލާފައި ސްޓޭޖާއި ދިމާލަށް ނުކުމެފައި ދެމީހުން ދެ ދިމާލަށް ދިޔައީއެވެ. އެމަންޒަރު ޒުހުދާމެނަށް ފެނުނު ހެނެއްވެސް ހިޔެއް ނުވެއެވެ. އެ އެންމެން ތިބީ ސްޓޭޖުމަތީގައި ކުރިއަށްދާ މަޖާ ޑުރާމާއަކަށް ގެއްލި ހީހީފައި ހަޅޭއްލަވާށެވެ.
ޒިލާލު ގޮސް ހުއްޓުނީ މުބީންމެން ކައިރިއަށެވެ. އެހިސާބުން ޝިއުނާ އެތަނުގައި ހުންނާކަށް ބޭނުމެއް ނުވިއެވެ. ޝިއުނާ ދެން ގެއަށް ދަނީ ކަމުގައި ބުނުމުން ޒުހުދާ އަދި މަޑުކޮށްލަ ބަލާށޭ ބުނެލިއެވެ. މާ މަޝްހޫރު ނަށާ ގުރޫޕެއް އެތަނަށް އައިސް އުޅޭ ތީއެވެ. އެކަމަކު ވެސް ޝިއުނާ އެންމެ އިރުކޮޅަކުވެސް އިތުރަށް އެތާނގައި ހުންނަ ހިތެއް ނުވިއެވެ. ފާޚާނާއަށޭ ކިޔާފައި ބަހަނާ ދައްކާފައި ހިނގައިގަތީއެވެ. އޭރު އޭނާގެ ދެފައި ތުރުތުރު އަޅައެވެ.
ޒިލާލު ގުރެޝާއާ ވާހަކަ ދައްކަން ފެށީ ކޮންއިރަކު ހެއްޔެވެ؟ އެވާހަކަ އޭނާ ކައިރީގައި ނުބުނީ ކީއްވެގެން ހެއްޔެވެ؟
ގެއާ ހަމައަށް ގޮއްސައި އޭނާ ޒިލާލުއަށް ގުޅާލިއެވެ. ޒިލާލު ހުރީ ސްޓޭޖް ކައިރީގައި ކަމުން ދައްކާ ވާހަކައެއް މާބޮޑަށް ސާފު ނުވާކަމަށް ބުނަމުން ގެންދިޔައެވެ. ވީ ފޫހިން ޝިއުނާ ފޯނު ކަނޑާލީއެވެ.
ގެއަށް ވަންއިރު ޒިލާލުގެ މަންމަ އާއި ބައްޕަ އުނދޯލީގައި ތިއްބެވެ. އެމީހުންގެ ބިއްދޮށުގައި އަލްވާން ނިދާފައި އޮތެވެ. ހޭލީމާ ނަގައިގެން ގެނެސް މިތާނގައި ބޭއްވީމާ ނިދީކަމަށް ޒިލާލު މަންމަ ކިޔައިދިނެވެ.
ޝިއުނާ ކޮޓަރިއަށް ވަދެ އެނދުގައި އިށީނދެ ދަތްދޮޅީގައި އަތް ވިއްދާލައިގެން އިނދެވުނެވެ. އޭރު އޭނާގެ ވިސްނުން މުޅިން ނުބައި ދިމާލަށް ދަތުރުކޮށްފިއެވެ. ޝާހިދު މިހާރު ރަށުގައި ނެތްކަން އޭނާގެ ހިތަށް ވަނެވެ. އެވިސްނުމުގައި އިންދާ ޒިލާލު އައިސް ކޮޓަރި ދޮރު ހުޅުވާލުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ. އޭނާ އައީ ޝިއުނާ ގުޅާފައި ކީއެއްޗެއް ނޭނގިގެން ކަމުގައި ބުންޏެވެ. އަދި ދެން އަރާނީ މާ މަޝްހޫރު ޑާންސް ގުރޫޕެއް ކަމަށާއި ބަލާކަށް ނުދާނަންތޯ ޒިލާލު އެއްސެވެ.
ދެން ވެސް ޝިއުނާއަށް އިނދެވުނީއެވެ. އޭނާ ޒިލާލުއާ ސުވާލު ކުރަން ބޭނުމެވެ. އޭނާ ދެވަނަ ފަހަރަށް ނުދާނަން ތޯ އަހާލުމުން ޝިއުނާ ތެދުވިއެވެ. އަދި ޒިލާލުގެ ފަހަތުން ނުކުންނަން ހިނގައިގަތެވެ.
"ޒިލާ މިހާރު ގުރޭޝާއާއި ވާހަކަ ދައްކަންތަ؟" މަގުމައްޗަށް ނުކުމެ، ވަކި ހިސާބަކަށް ގޮސްފައި ޝިއުނާ އަހާލިއެވެ.
"މަ އޭނައާ ދައްކާނެ ވާހަކައެއް ނޯންނާނެ.. ކީއްވެ ތިހެން ތިއެހީ؟ އަނެއްކާ ކާކު ކީކޭ ކީ؟" ޒިލާލު އެއްފަހަރާ އެތައް ސުވާލެއް ކުރިއެވެ.
މީހަކު އެއްޗެއް ކިޔައިގެނެއްނޫނޭ ހަމަ އަހާލިއޭ ޝިއުނާ ބުނެލިއެވެ. ގުރޭޝާ އާއި ޝާހިދުއާ މައްސަލަ ޖެހުނީ ފާޑެއްގެ ބަންގާޅު މީހަކާ ގުޅުމެއް ހިންގައިގެންނޭ ކިޔައިގެން ރަށު ތެރޭގައި ދެކެވުނު ވާހަކަތައް ޝިއުނާއަށް ވެސް އޮތީ އެނގިފައެވެ. ގުރޭޝާ ޝާހިދުއަށް ވަގަށް އެމީހާއާ ބައްދަލުކުރަން ރަށުން ބޭރަށް ދާ ވާހަކައަށް ދަންދެންނެވެ.
"ކަމެއް ވެގެނެއްނޫން.. ދެން ހަމަ އަހާލީ" ޝިއުނާ މަޑުމަޑުން ބުނެލިއެވެ.
ޒިލާލު އިތުރު އެއްޗެއް ނުބުނެ ޝިއުނާގެ އަތުގައި ހިފާލިއެވެ. އަދި އޭނާ ގޮވައިގެން ސްޓޭޖާއި ދިމާލަށް މިސްރާބު ޖެހިއެވެ. އެވަގުތު ޝިއުނާގެ ހަނދާނަށް އައީ އޭނާ އެންމެ ފުރަތަމަ އެރަށަށް އައި ދުވަހުގެ ރެއެވެ. ހަމަ އެ ސްޓޭޖުމަތީ ބޮޑުބެރު ޕުރެކްޓިސް ކުރާތަނުގައި ހުރެފައި އައިސް ފިހާރައަށް ދާން ހިނގާށޭ ކިޔާފައި ޝިއުނާގެ އަތުގައި ޒިލާލު ހިފި ރެއެވެ. އެއީ އެމަންޒަރު ބަލަން ގުރޭޝާ ހުރީމާ އޭނާ ޖެލަސްކުރަން ކުރިކަމެކޭ ބުނަމުންނެވެ.
ޝިއުނާ ގޮސް އަނެއްކާވެސް ހުއްޓުނީ ޒުހުދާމެން ކައިރިއަށެވެ. ޒިލާލު އެބަ އަންނަމޭ ކިޔާފައި އޭނާގެ ރައްޓެހި ފިރިހެނުންގެ ތެރެއަށް ވަދެގެން ގޮސް ގެއްލުނެވެ. އޭރު ސްޓޭޖް ކައިރީ ކުޑަކުއްޖެއް އުރާލައިގެން ގުރޭޝާ ހުއްޓެވެ. އޭނާގެ ކައިރީގައި އެހެން ދެ އަންހެނަކު ވެސް ތިއްބެވެ.
ރަށުން ބޭރުން އައިސް އުޅޭ ގުރޫޕްގެ އައިޓަމްތައް ނިމުނީމާ ޒުހުދާ އާއި ޝިއުނާއާ ދެމީހުން ގެއަށް އައީއެވެ. އޭރު ބޮޑުބެރު ޖަހަން ފަށައިފިއެވެ. އެޔާއެކު ބޭބެމެން އަވަހަކަށް ނާންނާނެއޭ ޒުހުދާ ބުނެލިއެވެ.
އަލްވާން ގެނެސް އެނދަށްލާފައި އޭނާގެ ކައިރީގައި ޝިއުނާ ވެސް އޮށޯވެލީއެވެ. އޭނާ ޒިލާލުގެ އިންތިޒާރުގައި އެތައްއިރަކު އޮތެވެ. އެކަމަކު އޭނާގެ ހަބަރެއް ނުވިއެވެ.
އެހެންއޮއްވާ ޝިއުނާއަށް ނިދިފައި އަނެއްކާވެސް ނުބައި ހުވަފެނެއް ފެނުނެވެ. އޭނާ ނިދާފައި އޮއްވާ ކަޅުބުޅާ އެނދަށް އަރާ އިނދެގެން ޝިއުނާއަށް ގޮވީއެވެ. ޝިއުނާއަށް ހޭލެވުނީމާ އެބުޅާ އިޝާރާތުން ޝިއުނާ ކައިރީގައި އަންނާށޭ ބުނެލިއެވެ. މިގެންދަނީ އެއްޗެއް ދައްކާށޭ ބުނަމުން އެސޮރު ހިނގައިގަތެވެ. ޝިއުނާ ވެސް އެސޮރުގެ ފަހަތުން މަގުމައްޗަށް ނުކުތެވެ. އޭރު މަގުމަތީގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ޝިއުނާ ކުޑަކޮށް ޖެހިލުންވިއެވެ. ވަރަށް ބިރުންހުރެ އަހަރެން ތި ގެންދަނީ ކޮންތާކަށް ކޮންއެއްޗެއް ދައްކަންތޯ އެހިއެވެ. އެއަށް އެއްވެސް ޖަވާބެއް ނުދީ އެސޮރު ހިނގަމުން ދިޔައީއެވެ. ވަކި ހިސާބަކުން އެބުޅާ ގެއްލުނެވެ. އޭރު ޝިއުނާއަށް ހުރެވުނީ ނޫކުލައިގެ ދޮރާއްޓެއް ލާފައި ހުރި ގެއެއްގެ ކައިރީގައެވެ. އެއީ ގުރޭޝާމެންގެކަން ޝިއުނާއަށް ވިސްނުނީ އިރުކޮޅަކުންނެވެ.
ޝިއުނާއަށް ހޭލެވެނީ އެތަނުން ގެއަށް ދާނެ ގޮތެއް ނޭނގިގެން ހާސްވެގެން އުޅެނިކޮންނެވެ.
އޭރުވެސް ޒިލާލުއެއް ގެއަކަށް ނާދެއެވެ. ޝިއުނާ ޒިލާލުއަށް ގުޅިއެވެ. އެކަމަކު އޭނާ ފޯނަކަށް ޖަވާބެއް ނުދިނެވެ. އެހިސާބުން ޝިއުނާ ވަރަށް ކަންބޮޑުވިއެވެ. އަނެއްކާ ދެވަނަ ފަހަރަށް ވެސް ޒިލާލުގެ ފޯނަށް ގުޅީއެވެ. އެފަހަރު ޒިލާލު ބިޒީކޮށްލީއެވެ.
ނުނިމޭ
ދިގު ވާހަކަ: ޑައިރީއަށް ފަހު - 22
ދިގު ވާހަކަ: ޑައިރީއަށް ފަހު - 21
ދިގު ވާހަކަ: ޑައިރީއަށް ފަހު - 20
ދިގު ވާހަކަ: ޑައިރީއަށް ފަހު -19
ދިގު ވާހަކަ: ޑައިރީއަށް ފަހު - 17
ދިގު ވާހަކަ: ޑައިރީއަށް ފަހު -16
ދިގު ވާހަކަ: ޑައިރީއަށް ފަހު - 15
ދިގު ވާހަކަ: ޑައިރީއަށް ފަހު - 14
ދިގު ވާހަކަ: ޑައިރީއަށް ފަހު - 13
ދިގު ވާހަކަ: ޑައިރީއަށް ފަހު - 12