21 ވަނަ ބައި
21 ވަނަ ބައި
ކޮންމެ ކަމެއް ކޮށްގެން ވެސް މިކަމުން ސަލާމަތްވާން ބޭނުން ކަމުގައި އެވަގުތު ޝިއުނާ ބުނެލިއެވެ. އެޔާއެކު ރާޤީ ކިޔަވަން ފެށިއެވެ. ދިހަވަރަކަށް މިނެޓު ކިޔެވުނުތަނާ ޝިއުނާ އޭނާގެ ބޮލަށް ބަރުވާ ކަހަލަ ގޮތެއް ވާ ވާހަކަ ބުންޏެވެ. އޭގެ ފަހުން ގައިން ވަރު ނެތުނެވެ. އެނދުމައްޗަށް ވެއްޓުނަނުދީ ޢަލީ ރަޝީދާއި ޙަނީފުއާ ދެމީހުން ވެގެން ހިފަހައްޓަން ޖެހުނެވެ.
އެހެން ނަމަވެސް މާގިނައިރެއް ނުވަނީސް އޭނާގެ ގައިގަ ވަރުޖެހުނެވެ. ކުއްލިއަކަށް އިސް އުފާލާފައި ހުސޭނުއާ ދިމާލަށް ރުޅިއައިސްގެން ލޯ އަޅާލިއެވެ. އެޔާއެކު އެއީ ޝިއުނާގެ ބެލުން ނޫންކަން ހުސޭނުއަށް އިނގުނެވެ. އެވަގުތު އެކަކުވެސް ބިރު ނުގަންނައްޗޭ ވަކިން ޚާއްސަކޮށް ޒިލާލުއަށް އިޝާރާތް ކޮށްލަމުން ހުސޭނު ބުނެލިއެވެ. އޭރު ޝިއުނާ ފުން ފުން ނޭވާތަކެއްލަމުން ގެންދެއެވެ. އެހެން އިނދެލާފައި އިރުކޮޅަކުން އޭނާގެ ބައްޕައާ ދިމާލަށް މޫނު އަނބުރާލިއެވެ. އަދި ބޭނުންހާ އެއްޗެއް ނުހެދޭނެ ކަމަށާއި ދުވަސް ދުއްވާލާނެ ކަމުގެ އިންޒާރުދީ ހަޅޭއްލަވަން ފެށިއެވެ.
އެގޮތަށް އެ މުޢާމަލާތު ކުރަނީ ޝިއުނާ ނޫން ކަމަށާއި އެއީ ޝިއުނާގެ މައްޗަށް ބާރު ފޯރުވަމުންދާ ޖިންނި ކަމުގައި އެވަގުތު ހުސޭނު ކިޔައިދިނެވެ.
އިރުކޮޅަކުން އަނެއްކާވެސް ޝިއުނާ ހިމޭންވިއެވެ. އިސްދަށަށް ޖަހާލައިގެން ބޯ ތަޅުވަ ތަޅުވަ އިނެވެ. އިރުކޮޅަކުން ދެލޯވެސް މަރާލިއެވެ. އެނާ އެގޮތަށް އިރުގަނޑަކު އިންނަން ފެށީމާ ހުސޭނު އަނެއްކާވެސް ސުވާލު ކުރަން ފެށިއެވެ. ދެން ޝިއުނާ ވާހަކަ ދައްކަން ފެށިއިރު އޭނާގެ އަޑުވެސް ހުރީ މުޅިން ބަދަލުވެފައެވެ. ޝިއުނާ މެދުވެރިކޮށް ހުސޭނުގެ ސުވާލުތަކަށް ޖަވާބު ދިނީ އުބޭދުއެވެ.
އޭނާ އިބްރާހިމްބެގެ ބާރުގެ ދަށަށް ގެނައިގޮތް ކިޔައިދިނެވެ. އެރަށު ނިކަގަހަށް ސިހުރު ހަދާފައި ފަސް މޮހޮރު ޖެހި ވާހަކައެވެ. އަދި އޭނާ ގެނެސް ފަރީޝާ އޭރު ރައްޓެހިވެގެން އުޅުނު ފަހީމްއާ ދުރުކުރުވަން ހަވާލުކުރި ވާހަކައެވެ. ފަހީމް މަރުވީމާ އިބްރާހިމްބެ ހިތްހަމަ ނުޖެހުނު ވާހަކައެވެ. އަދި އެހިސާބުން އޭނާ ކައިރީ ފަރީޝާއާ ކައިރިނުވުމަށް ބުނި ވާހަކައެވެ. ދެން އޭނާއާ އިބްރާހިމްބެ ހަވާލުކުރީ ޙަނީފު މަތިން ފަރީޝާ ފޫހިވާނެ ގޮތެއް ހެދުމަށް ކަމުގައި އޭނާ ކިޔައިދިނެވެ. އެ ފުރުސަތުގެ ބޭނުން އޭނާ ވަރަށް ރަނގަޅަށް ހިފިން ކަމަށް އޭނާ ކިޔައިދިނެވެ. އޭނާގެ އެދުންތަކުގެ ޝިކާރައަކަށް ފަރީޝާ ހެދީ ލޯބިޖެއްސުމަށް ޖިންނިން ހަދާ ސިޙުރުތަކުގެ ތެރެއިން ސިޙުރެއް ފަރީޝާގެ މައްޗަށް ހަދައިގެން ކަމަށް ކިޔައިދިނެވެ.
އެ ހިސާބުން ފަރީޝާ ޙަނީފު ދެކެވީ ވަރަށް ވުރެ މާބޮޑަށް އޭނާ ދެކެ ލޯބިވާން ފެށިކަމަށް އުބޭދު ކިޔައިދިނެވެ.
"އަހަރެންގެ މީހެއް ފަރީޝާއަކީ. އޭނާގެ ބައްޕަ އޭނަ އަހަންނަށް ދިނީވެސް..ދިނުމަށްފަހު އެހެން އަތެއް ނުލެވޭނެ.!" ޝިއުނާ ތަންކޮޅެއް ބާރަށް ވާހަކަ ދެއްކިއެވެ.
"ފަރީޝާއަށް އިނގޭނެ އަހަރެންގެ ކިބައަކުން ސަލާމަތެއް ނުވެވޭނެކަން.. އެނާ އުޅުނީ އަހަންނަށް ނާންގާ ދަރިފުޅު ޙަނީފުއާ ހަވާލުކުރަން.. އެހެންވެގެން އަހަރެން ޝިއުނާ މަރާލަން އުޅުނީ.. އެކަމަކު ކަލޭވެއްޖެ އެދޭތެރެއަށް ވަންނަން!" ޙަނީފުއާ ދިމާލަށް އިޝާރާތްކޮށްލާފައި ޝިއުނާ އިހަށް ވުރެވެސް ބާރަށް ހަޅޭއްލަވައިގަތެވެ.
ޙަނީފުއަށް އޭނާގެ ދަރިފުޅު ގެންދެވުނީ އިބްރާހިމްބެއާ ހެދި ކަމަށާއި އޭގެ ބަދަލުގައި ފަރީޝާ އުމުރު ދުވަހަށް އެމީހުންނާއި ވަކިކޮށްލީ ކަމަށް ވެސް ބުނެދިނެވެ. އެއޮތްހާ ދުވަހުވެސް އޭނާ އުޅުނީ ފަރީޝާއާ އެކީގައި ކަމަށް ކިޔައިދިނެވެ. އަދި ފަރީޝާއަށް ރުޤްޔާކުރަންވެސް އުޅުނީމެންނުންހޭ، އެކަންވެސް ހުއްޓުވީ އޭނަ ކަމުގައި ބުންޏެވެ.
އެވާހަކަތައް އަޑުއަހަން އިންއިރު ފެންކަޅި ނުވާން ޙަނީފު ވަރަށް ހިތްވަރު ކުރިއެވެ.
"ތިބުނާ މޮޅު އިބްރާހިމްބެއަކަށް އެއްކަމެއްވެސް ނުކުރެވުނު!" އެހެން ބުނެފައި ޝިއުނާ ހަމަ ބާރަށް ހޭންފެށިއެވެ. އިރުކޮޅެއް ވަންދެން ހީހީފައި އަނެއްކާވެސް ޝިއުނާގެ އަޑު މަޑުވިއެވެ. ދެން އިބްރާހިމްބެ އުޅުނީ އޭނާގެ ކާފަ ދަރިއަށް ހުރިހާ އެއްޗެއް ކިޔައިދޭން ކަމުގައި ބުނެލިއެވެ. އިބްރާހިމްބެގެ ދުވަސް ދުއްވާލީ އެހެންވެގެން ކަމަށްވެސް އޭނާ ކިޔައިދިނެވެ.
"ދެންވެސް ކަލޭމެންނެއް އެކަމެއް ނުހުއްޓީމެއްނު!" އެހެންބުނަމުން ޝިއުނާ ޒިލާލުއާ ދިމާލަށް ބަލަން ފެށިއެވެ. ހަމަ ރުޅިއައިސް ދެލޯ ބޮޑުކޮށްގެން އިނދެއެވެ. އެތަން ފެނުމުން ޒިލާލު ބިރުގަތެވެ.
"އެދޭތެރެއަށް މީނދަ މީހާ ފާވާން ވެއްޖެވިއްޔަ.. ކީއްކުރަން އެޑައިރީ ނަގަންވީ؟ އަހަރުމެން ދެމީހުންގެ ވާހަކަތައް އެއްކޮޅުން އަނެއްކޮޅަށް ކިޔާފައި އަދި ނުކިޔަމޭ ކިޔާފައި ދޮގުހެދީ... މާރަނގަޅު މީހަކަށް ހެދިގެން ތިއުޅޭނީ ކަލޭގެ ފަތިފުށް ކިޔާލަން ވީތަ؟"
އެހެން ބުނެފައި ޝިއުނާގެ ހަށިގަނޑަށް ގެނައި ކުއްލި ޙަރަކާތަކުން ޙަނީފު އާއި ޢަލީ ރަޝީދުއާ ދެމީހުން ދެކޮޅަށް ފޮޅާލިއެވެ. ފަހަތަށް އެނބުރި ޒިލާލުގެ ޓީޝާޓު ގައި ހިފާ އޭނާއާ ދިމާލަށް ދަމައިގަތެވެ. ވަގުތުން ޙަނީފު އާއި ޢަލީ ރަޝީދުއާ ދެމީހުންވެގެން އެތަނުން ޒިލާލު ދުރުކުރުވިއެވެ. އެޔާއެކު ޝިއުނާ އެނދުގައި ބާއްވާފައި ގައިމަތީގައި ރަޖާއަޅާފައި ރަނގަޅަށް ހިފެހެއްޓުމަށް ހުސޭނު އެދުނެވެ.
އޭރުވެސް ޝިއުނާ މެދުވެރިކޮށް އުބޭދު ވާހަކަ ދައްކަމުން ގެންދިޔައެވެ. އޭނާ ޒިލާލު ދެކެ ރުޅިއަންނަނީ ހަމަ އެކަނި ޑައިރީ ނެގީތީއެއް ނޫންކަމުގައި ބުނެލިއެވެ. އޭނާ ޝިއުނާ އުފަލުގައި ގެންގުޅެމުން އިބްރާހިމްބެގެ ދަރިފަސްކޮޅު އިތުރު ކުރީމާ ކަމަށްވެސް ގޮވާލިއެވެ. "ދުވަސް ދުއްވާލާނަން .. އެކުޑަސޮރުގެ ވެސް ދުވަސް ދުއްވާލާނަން!" ޝިއުނާ އަޑުގެ ނެތްތަނަށް ގޮވަމުން ގެންދިޔައެވެ.
ޒިލާލު ދެލޯ ފޮހެމުން ގެންދާ މަންޒަރު ބަލަން އިރުކޮޅަކު ހިމޭނުން އޮވެލާފައި އަނެއްކާވެސް ފެށިއެވެ. "ގުރޭޝާ.!" އެހެންބުނަމުން މަލާމާތުގެ ހިނިގަނޑެއް ޖަހާލިއެވެ. " ހުކުރު ދުވަހު ހުކުރަށް ނުގޮސް ކަލޭ ގުރޭޝާ ކައިރިއަށް ވަދެ އޮތްވާހަކަ ކިޔައިދޭން ވީތަ؟"
އެހިސާބުން ޒިލާލުއަކަށް އެތާނކު ނީދެވުނެވެ. ތެދުވެގެން އެކޮޓަރި ތެރެއިން ނުކުތީއެވެ. އެވަގުތު ހުސޭނުއާ ދިމާލަށް ކަލޭވެސް މިތަނުން ނިކުމެގެން ދާށޭ މީކީ ކަލެޔާ ބެހޭކަމެއް ނޫނޭ ޝިއުނާ ގޮވަމުން ދިޔައެވެ. އެކަމަކު އޭނާ ކިޔެވުން ވަރުގަދަ ކޮށްލިއެވެ. އަދި އެންމެން ވެސް އޭނަ ދައްކާ ވާހަކައަށް ނުބަލާ ކިޔަވަމުން ގެންދިޔުމަށް އިރުޝާދު ދިނެވެ. އިރުކޮޅެއް ވެސް ނުވެ އުބޭދު ޝިއުނާ ދޫކޮށްލާފައި ދިޔައީއެވެ.
ޝިއުނާ އިރުކޮޅެއްފަހުން ލޯ ހުޅުވާލިއެވެ. އަދި ނިދުނީ ދޯއޭ ވަރަށް ބޮޑަށް ސޮރީއޭ ބުންޏެވެ. އަދި ވަރަށް ބަނޑުހައިވެއްޖެ ކަމުގައާއި ވަރުބަލިވެއްޖެ ކަމުގައި ބުނެދިނެވެ. ޝިއުނާއަކަށް ހިނގާދިޔަ އެއްވެސް ކަމެއް ނޭނގުނެވެ.
އޭނާ ޒިލާލު ކޮބައިތޯ އަހާލިއެވެ. އަދި އޭނާއަށް ނިދުނީމާ ކިޔެވުން ކުރިއަށް ނުގެންދެވުނު ދޯ އޭ ހުސޭނުއާ ދިމާލަށް ބުނެލިއެވެ.
އޭރު ޒިލާލު އިނީ މަގުމަތީގައި އޭނާގެ ސައިކަލު މަތީގައެވެ. އޭނާ އިނީ ގަނޑުވެފައެވެ. ދެން ހަދާނެ ގޮތެއް ނޭނގިފައެވެ. އޭނާ އެތަނުގައި އިންދާ ހުސޭނު ނިކުމެ ނަސޭހަތް ދޭން ފެށިއެވެ. މިވަގުތު ހިތްވަރު ދެރަނުކޮށް މިކަމާ ކުރިމަތިލާށޭ ބުންޏެވެ. ދެން އޮތީ ސިޙުރުތައް ބާތިލުކުރުން ކަމަށާއި އޭރުން އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެއޭ ބުނެލިއެވެ.
ޖެހިގެން އައިރޭ ކިޔަވަން ފެށީ އުބޭދުގެ ބާރުކަނޑުވާލާ އަދި ހުރިހާ ސިޙުރުތަކެއް ބާޠިލު ކުރުމުގެ މަޤްޞަދުގައެވެ. ކިޔެވުން ފެށުނުތަނާ އުބޭދު ހާޒިރުވެފައި ފެށީ އިންޒާރުގެ ބަސްތަކާއި އޭނާގެ ގަދަ ވާހަކަ އާއި އާރާއި ބާރުގެ ވާހަކަ ދައްކާށެވެ. އެހެންނަމަވެސް ކިޔެވުން ހުއްޓާނުލައި ކުރިޔަށް ގެންދިޔުމުން އުބޭދު ނިކަމެތިވެ ގޮތް ހުސްވާގޮތް ވުމުން އާދޭސް ކުރަން ފެށިއެވެ. އެންމެ ފުރަތަމައިނުން ވެސް އެދުނީ އިބްރާހިމްބެ އޭނާގެ މައްޗަށް ހަދާފައިވާ ސިހުރު ބާތިލު ކޮށްދިނުމަށެވެ. ނިކަގަހުގައި ޖަހާފައި ހުރި މޮހޮރުތައް ނަގައިދޭށޭ ކިޔަން ފެށިއެވެ.
އެކަންވާނީ އެންމެ ފަހުން ކަމަށާއި އޭގެކުރިން އޭނާ ކޮށްފައިވާ ކަންތައްތައް ކިޔައިދޭން ހުސޭނު އެދުމުން ފަހަރަކު ކަމެއް އުބޭދު ކިޔައިދޭން ފެށިއެވެ.
އެ އާއިލާ ދުއްވާލަން އެނާ ބޭނުންކުރީ ޒިލާލު ކަމުގައި ކިޔައިދިނެވެ. ޒިލާލުއަށް ހަމަލާ ދިނީ ގުރެޝާ ހަތިޔާރަކަށް ބޭނުންކޮށްގެން ކަމަށް ބުންޏެވެ. އޭނާ ޒިލާލުގެ ޓީޝާޓު ގެންގޮސް ސިހުރު ހަދާފައި އެރަށު ގަބުރުސްތާނުގައި ވަޅުލާފައިވާ ކަމަށް ކިޔައިދިނެވެ.
ޒިލާލު އެ ދަންވަރު ޙަމީދުއަށް ގުޅާފަ ވެގެން އުޅޭގޮތް ކިޔައިދީފައި ގަބުރުސްތާނުގެ މިވެނި ތަނެއްގައި އޮތް އެއްޗެއް ކޮނެގެން ނަގައިދޭން އެދުނެވެ.
ވަގުތުން މޯޑު އާއި މުބީން އާއި ދެމީހުން ގޮވައިގެން ސަހަރާއަށް ގޮސް އެތަން ކޮނެގެން އެ ހޯދާފައި ނެގިއެވެ. ޙަމީދުމެން ހިތުން އެކަން ކުރީ ވަރަށް ސިއްރުންނެވެ. އެހެންނަމަވެސް ހެނދުނު ވީއިރު މުޅި ރަށުތެރޭގައި އޮތީ ގުރޭޝާ ޒިލާލުއަށް ފަންޑިތަ ހެދި ވާހަކައެވެ. އެ ވާހަކަ އަޑުއިވުނީމާ އެންމެ ރުޅި އައީ ޒުހުދާއެވެ. އޭނާ ކައިރީގައި އޭހާ ރީއްޗަށް ވާހަކަ ދައްކާފައި ރޭވި ނުބައި ރޭވުން ނިކަން ދެކިބާލަށޭ ބުނަމުން ގުރޭޝާއާ ދިމާލަށް އޭނާ ދާން އުޅުނެވެ. އެހެންނަމަވެސް ޙަމީދު އެކަން މަނާ ކުރީއެވެ. އެކަމުގެ ސަޒާ އޭނާއަށް ދެއްވާނީ ހެއްދެވި ފަރާތުން ކަމަށް އޭނާގެ މަންމަ ވެސް ބުންޏެވެ.
އެހިސާބަށް ކަންތައް ދިޔުމުން ޒިލާލު އެންމެ ބުއްދިވެރި ގޮތަކީ ޒިލާލު އަމިއްލައަށް ޝިއުނާއަށް އެވާހަކަތައް ކިޔައިދިނުން ކަމުގައި ޝިއުނާގެ ބައްޕަ ވެސް އަދި ހުސޭނު ވެސް ލަފާދިނެވެ. ޒިލާލުއަށް އެކަން ކުރެވުނީ ސިހުރުގެ ބާރުގައި ކަން ޙަނީފު ޤަބޫލު ކުރާކަމަށް ވެސް ބުނެލިއެވެ.
އެޔާއެކު ޒިލާލުއަށް ކުޑަ ހިތްވަރެއް ލިބުނެވެ. އެހެންނަމަވެސް ޝިއުނާ ކުރިމައްޗަށް ހުއްޓުނު އިރު އޭނާ ވަނީ މުޅިން ފިނިވެފައެވެ.
ޒިލާލު ވަރަށް ހިތްވަރުކޮށްފައި އެވާހަކަތައް ޝިއުނާއަށް ކިޔައިދިނެވެ. ވަރަށް ދެރަވެފައި އިނދެގެންނެވެ. ހުރިހާ ވާހަކައެއް ކިޔައިދީ ނިމުމުން ޝިއުނާ ވީ ދެރައަށް ވުރެ ބޮޑަށް އައީ ރުޅިއެވެ. މިއޮއްހާ ދުވަހު އޭނާއަށް ޝައްކުވެގެން ސުވާލު ކުރީމާ ދޮގު ހެދީތީއެވެ. ޝިއުނާ ޒިލާލުއާ ދިމާލަށް އެއްޗެހި ކިއެވެ. ދެން އޭނާ ޒިލާލުއަށް އިތުބާރު ކުރާނީ ކިހިނެތް ހެއްޔޭ ބުނެލިއެވެ.
"ދެން ބޭނުމެއްނޫން ... އެކީގައި އުޅޭކަށް!" ޝިއުނާއަށް ރޮވުނެވެ.
ޒިލާލު އާދޭސް ކުރިއެވެ. އެއީ އޭނާގެ އަމިއްލަ ބާރުގައި ވީކަމެއް ނޫނޭ ބުނަމުން ގެންދިޔައެވެ. އެހެން ނަމަވެސް ޝިއުނާ އެއިން އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއް ނުވިއެވެ. ޒިލާލު އަތްލީމާ ވެސް ފޮޅުވާލީއެވެ.
"ދޭ.. އަހަރެން ދޫކޮށްލާފަ ތި ގުރޭޝާގެ ކައިރިއަށް ދޭ!... ނޫނީ މިގެއިން ނުކުމޭ.." ޝިއުނާ ރޮމުން ރޮމުން ކޮޓަރިން ނުކުތީއެވެ. އޭރު އަލްވާން ގޮވައިގެން ސިޓިން ރޫމްގައި އޭނާގެ މަންމަ އިނެވެ.
އެވަގުތު ގޭގައި ހުންނާކަށްވެސް އޭނަ ބޭނުމެއް ނުވިއެވެ. ޓެކްސީއެއް ގެނެސްގެން އަލްވާން ގޮވައިގެން ނައްޓާލީއެވެ. ގެއަށް އަންނާނީ ޒިލާލު ދިޔައީމާ ކަމުގައި މަންމަ ކައިރީ ބުނަމުންނެވެ.
ޝިއުނާ ދިޔައީ އަޒީމާމެންގެ އެޕާޓުމަންޓަށެވެ. އޭރު އަޒީމާ ވެސް އޮފީސް ނިމިގެން ގެއަށް އައިސް ހަމަ ވަނީއެވެ. ޝިއުނާ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އޭރު އޭނަ އިނީ ޒިލާލު ދެކެ ހަމަ ވަރަށް ފޫހިވެފައެވެ. ދެން ދުވަހަކުވެސް ޒިލާލު ދެކެން ބޭނުން ނޫންކަމުގައި އަޒީމާމެން ދެމަފިރިން ކައިރީގައި ކިޔަމުން ގެންދިޔައެވެ.
"އެންމެ ފަހަރަކު ދެފަހަރު ނޫނޭ އެކަން ކޮށްފައި ހުރީ.. ގެސްޓުހައުސް އިން ކުއްޔަށް ކޮޓަރި ހިފާފައި އެ ގުރޭޝާ ގަނޑު ގެނެސްގެން..." ޝިއުނާ އެހެން ބުނެފައި ލޯ ފޮހެލިއެވެ.
އެޚަބަރު ލިބުނު ހިސާބުން އަޒީމާމެންވެސް ތިބީ ހަމަ ހައިރާންވެ އަންތަރީސްވެފައެވެ. ޒިލާލުގެ ފަރާތުން އެކަހަލަ ކަމެއް ފެނިދާނެއޭ ދުވަހަކުވެސް ހިތަށް ނާރާކަމަށް ނަޝީދު ބުނެލިއެވެ.
ހަވީރު ވީފަހުން ޝިއުނާ ބަލާ އޭނާގެ މަންމަ އެގެއަށް އައީއެވެ. ޝިއުނާގެ މަންމަ ވަރަށް ދެރަވެލާފައި ޒިލާލު ދަބަހަށް އެއްޗެހި އަޅައިގެން ނުކުމެގެން ހިނގައްޖެ ކަމުގައި ބުނެލިއެވެ.
ޝިއުނާގެ މަންމަ އާއި ބައްޕަ އޭނާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ޒިލާލުއަށް މަޢާފު ކުރާށޭ އެއީ އޭނާގެ ބާރުގައި ވީކަމެއް ނުނޭ ކިޔައި ވިސްނައި ދެވޭތޯ ބެލިއެވެ. އެހެންނަމަވެސް ޝިއުނާ ނޫނޭކޭ ބުނަން ބޯހޫރާލިއެވެ.
"މީ އުބޭދު ބޭނުންވި ގޮތް! އާއިލާ އެއްކޮށް ހަލާކުވީނު؟" ޙަނީފު ކުޑަކޮށް ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. އެވަގުތު ޝިއުނާ ފެންކަޅިވިއެވެ. އޭނާ ވެސް ޒިލާލު ދެކެ އަދިވެސް ލޯބިވެއެވެ. އެކަމަކު ޒިލާލު ވެސް އޭނާއަށް އެހެން އަންހެނަކާ އެކީގައި ބޭފަވާތެރި ވީއެވެ. އެކަން ބަލައިގަންނާނީ ކިހިނެތް ހެއްޔެވެ؟. އެންމެފަހުން އޭނާއަށް ވިސްނަން ވަގުތު ބޭނުންކަމުގައި ބުނެލިއެވެ.
ޒިލާލު އެގެއިން ނުކުމެގެން ދިޔަގޮތަށް ދިޔައީ ކުލީ ކޮޓަރިއަކަށެވެ. އޭނާ ހުރީ ވަރަށް ދެރަވެފައެވެ. ޝިއުނާ އޭނާދެކެ ރުޅިއައުން ހަމަ ހައްޤެވެ. އޭނަގެ ފޯނު ސައިލެންޓަށް ލައިގެން ކޮޓަރި އެނދުމަތީގައި އޮށޯވެލައިގެން އޮތީ ދެން ހަދާނެގޮތަކާއި މެދު ވިސްނާށެވެ. ގުރޭޝާ މަތިން ހިތަށް އެރުމާއެކު އޭނާގެ ދަތްކުޑި ވިކުނެވެ. ވިލިނގިލިން ދިމާވި ދުވަހު ބުނިގޮތަށް ޒިލާލުގެ އުފާވެރި ދިރިއުޅުން ބަރުބާދު ކޮށްލީތާއޭ އޭނާގެ ހިތަށް އެރިއެވެ. ޒިލާލުއަށް އޭނާގެ އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނެވެ. ގުރޭޝާ އެހެންބުނެފައިވާކަން ހަނދާން ނުކޮށްދިނިތީއެވެ.
ނުނިމޭ
ދިގު ވާހަކަ: ޑައިރީއަށް ފަހު - 22
ދިގު ވާހަކަ: ޑައިރީއަށް ފަހު - 20
ދިގު ވާހަކަ: ޑައިރީއަށް ފަހު -19
ދިގު ވާހަކަ: ޑައިރީއަށް ފަހު - 18
ދިގު ވާހަކަ: ޑައިރީއަށް ފަހު - 17
ދިގު ވާހަކަ: ޑައިރީއަށް ފަހު -16
ދިގު ވާހަކަ: ޑައިރީއަށް ފަހު - 15
ދިގު ވާހަކަ: ޑައިރީއަށް ފަހު - 14
ދިގު ވާހަކަ: ޑައިރީއަށް ފަހު - 13
ދިގު ވާހަކަ: ޑައިރީއަށް ފަހު - 12