Roadha Mihaaru

ދިގު ވާހަކަ: ޑައިރީއަށް ފަހު - 13

13 ވަނަ ބައި

ދިގު ވާހަކަ: ޑައިރީއަށް ފަހު - 13

13 ވަނަ ބައި

"އުހޫ.. ދެން އެހެނެއްނޫން .. އެކަމަކުވެސް ތޭންކްސް ޓު ހައިޝަމް.. ފޯ ގިވިން މީ ޓުރަސްޓު އިޝޫސް!" ޝިއުނާ އަނގަޔަށް ވައްތަރު ޖައްސާލަމުން ބުނެލިއެވެ.

"ޝިއޫ.... ދެން އެންމެނެއް އެއްގޮތެއް ނުވާނެއެއްނު!" އަޒީމާ ވިސްނައިދިނެވެ.

ޝާހިދު ދެން މާލެއައީ ރޯދަ ނިމެން ކައިރިވެފައި ވަނިކޮށެވެ. އޭނާ އެފިހާރަ ދޮށަށް ދިޔައިރު ޒިލާލު އުޅެނީ ފިހާރަ ބަންދުކޮށްފައި ގެއަށް ދާށެވެ. އޭރު ހަވީރު ފަސްގަޑި ބައިވަނީއެވެ. އެހެންކަމުން ޒިލާލު ރޯދަވީއްލަން ގެއަށް ދިޔައި އޭނަ ގޮވައިގެންނެވެ.

ޝިއުނާއަށް ޝާހިދު ފެނުމުން މީހަކާ އިނީތީ އެކަމަށް މަރުޙަބާ ކިޔެވެ. އެހިސާބުން ޝިއުނާގެ ބައްޕަ ސުވާލު ކުރެއްވުމުން އޭނާގެ އަންހެނުންނަކީ ހަމަ ރަށު ކުއްޖެއް ކަމަށާއި އެއީ ރަށު ސްކޫލު ޓީޗަރެއް ކަމުގައި ކިޔައިދިނެވެ. އޭރު އެންމެން ތިބީ ކާމޭޒު ދޮށުގައެވެ. ޝާހިދު އެވާހަކަ ދައްކަމުން ގެންދިޔަ ވަގުތު އެ ވާހަކައަށް ކުޑަ ވެސް ޝައުޤުވެރިކަމެއް ޒިލާލު ނުދޭކަން ޝިއުނާއަށް ފާހަގަވިއެވެ.

ކައި ނިމިގެން ޒިލާލުމެން ބޭރަށް ނައްޓާލީއެވެ. ޝާހިދު މާލެއަންނަ ދުވަސްކޮޅެއް ވެއްޖިއްޔާ އޭނާއާއި އެކީގައި ޒިލާލު ރޭގަނޑު ބޭރަށް ދެއެވެ. ގެއަށް އަންނާނީވެސް ފުދޭވަރަކަށް ލަހުންނެވެ. އެދެމީހުން އެދަނީ ކޮންތާކަށް ބާވައެވެ؟ ގޮސް ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ދައްކަނީ ކޮން ވާހަކައެއް ބާވައެވެ؟ ޝިއުނާއަކަށް ވިސްނާ ވިސްނާ ހަމަ ނޭނގުނެވެ.

އެރޭ އަޒީމާ އެގެއަށް އައިމާ ޝިއުނާ އެވާހަކަ ދެއްކިއެވެ. އެ ދެމީހުން އެކީގައި ބޭރަށް ދާ ރެއަކު ވެއްޖިއްޔާ ގެއަށް އަންނާނީ ވެސް ފުދޭވަރަކަށް ލަހުން ކަމަށް ވެސް އޭނާ ބުނެލިއެވެ.

"އެމީހުން ދަނީ ޝާޑުގެ ކޮންމެވެސް ރައްޓެއްސެއް ކައިރިއަށް ކަން ނޭގެ.. ހުޅުމާލެއަށް... ހެލްމެޓް ހިފައިގެން ވިއްޔަ ދަނީ" ޝިއުނާ ކިޔައިދިނެވެ. "މަގޭ ހިތަށް އަރާ އެއްޗެއް ބުނަންތަ؟ .. އެދެމީހުން އެއްވީމާ ދައްކާނީ ކޮންވާހަކައެއްބާވައޭ؟ ހަމަ ގައިމުވެސް ގުރޭޝާގެ ވާހަކައެއް ނުދައްކާނެދޯ؟" ޝިއުނާ ހީގަތެވެ.

"ދެން ސާބަސް ޝިއު.... އަހަރުމެންގެ ވާހަކަ ނޫނަސް މި ފިރިހެންވެރިން ވެސް ދައްކާނެ ވާހަކަ ހުންނާނެއެއް ނޫންތަ؟ މިސާލަކަށް ވިޔަފާރީގެ ވާހަކަ... ބަލާބަލަ މަގޭ ފިރިމީހާ! އޭނާ މީހަކަށް ގުޅައިގެން ގަޑި ދެ ގަޑިއިރު ވެސް ހުރެދާނެ ކޮންމެވެސް މޮޅު އައު އީޖާދެއްގެ ވާހަކަ ދައްކަން ވެސް"

"ތެދެއްތީ... އެކަމަކު ވެސް..." އެހެން ބުނެލާފައި ޝިއުނާ ފާޑަކަށް ދެކޮނޑު ހަލުވާލިއެވެ. އޭނާއަކަށް އެގުޅުމާއި މެދު އެހާ ހިތްހަމައެއް ނުޖެހެވެއެވެ. އެއީ ކީއްވެގެން ކަމެއް ޙުދު އޭނާއަށްކަށްވެސް ނުވިސްނެއެވެ. " މަށަށް ވަރަށް އޮޑު" ޝިއުނާ އެޖުމްލަ ފުރިހަމަ ކޮށްލިއެވެ.

އަޒީމާ ބޯހޫރާލާފައި އެދެމީހުންގެ ދެމެދުގައި ދެން ހިނގާނީ ކޮންކަމެއް ހެއްޔޭ އަހާލިއެވެ. އަދި ތިހާ ބޮޑަށް ކަންތައްތަކާ ނުވިސްނާށޭ ކިޔާ ނަސޭހަތްދިނެވެ.

"ހަނދާން އެބަހުރިތަ ޒިލާ ރަށަށް ދިޔަފަހަރު ގުރޭޝާއާ ވާހަކަ ދައްކަފާނެތީ ކަންބޮޑުވެގެން އުޅުނީމެއްނު.. މިހާރު ބަލާ ހަމަގައިމުވެސް ދެން އެ ޗާންސެއް ނުލިބޭނެ އެއްނު.. ޒިލާގެ ކުލޯޒް ފުރެންޑެއްގެ ވައިފް އެއީ މިހާރު......އެހެންވީމާ އެއީ ރަނގަޅަކަށް ވީކަމެއްނު؟ "

އަޒީމާ އެބުނީ ތެދުވާހަކައެއް ކަން ޝިއުނާއަށްވެސް ގަބޫލު ކުރެވުނެވެ. އެހެންނަމަވެސް ޝިއުނާއަކަށް މުޅިއަކުން ހިތްހަމައެއް ނުޖެހެވުނެވެ.

ތަރިންދުމެން ވަގަށް ވިއްކާ އެއްޗެތީގެ ތެރޭގައި މަސްތުވާ އެއްޗެތި ހިމެނޭކަން ޒިލާލުއަކަށް ކުރިއަކުން ނޭނގެއެވެ. ހިތަކަށްވެސް ނާރައެވެ. އޭނާއަށް އެކަން އެގުނީ އެރޭ ތަރިންދުއާއި ޝާހިދުއާއި ދެމީހުންގެ ދެމެދުގައި ދެކެވުނު ވާހަކައަކުންނެވެ.

"އޭ! ކަލޭމަން އެކަހަލަ އެއްޗެތިވެސް ވިއްކަންތަ؟" ޒިލާލުއަށް އަހާލެވުނެވެ.

އެޔާއިއެކީ ޝާހިދުއަށް އިސްދަށަށް ޖަހާލެވުނެވެ. އެހިނދު ޒިލާލުއަކަށް އެކަމެއް ނޭނގޭ ހެއްޔޭ ތަރިންދުއަށް އަހާލެވުނެވެ.

ޒިލާލުއަށް އޭނާގެ ފިހާރައިގައި މިފޮރުވައިދެވެނީ އާދައިގެ އެއްޗެއްސެއް ނޫންކަން ވިސްނުނީ އެހިސާބުންނެވެ. އޭނާ ވަރަށް ހިތްހަމަ ނުޖެހުނެވެ.

"މާ ބައިވަރެއް ނޫން.. ގިނަވާނީ ބޭސް!" ޝާހިދު ކިޔައިދިނެވެ.

ޒިލާލުއަށް ލިބުނު ޝޮކުގައި ބުނާނެއެއްޗެއް ނޭނގިފައި އެތައް އިރަކު ހުރެވުނެވެ. އެންމެފަހުން ތިކުރަނީ ރަނގަޅު ކަމެއްނޫން ކަމަށް ބުނެ، އޭނާ އެކަމުގައި ބައިވެރިވާން ބޭނުން ނޫންކަމަށް ބުނެލިއެވެ. އޭރު އޭނާއަށް ޝާހިދު ދެކެ ރުޅިއާދެވިއްޖެއެވެ. އޭނާއަށް އޮޅުވާލައިގެން، އޭނާ ލައްވާ އެފިހާރައިގެ ގުދަނުގައި މަސްތުވާ އެއްޗެހި ރައްކާ ކުރުވިތީއެވެ.

ޒިލާލު ގޮނޑިން ތެދުވިއެވެ. ދެން ތި ބިޒްނަސް ގައި މަށެއް ބައިވެރިއެއް ނުވާނަމޭ ކިޔާފައި އޭނާ އުޅުނީ އެތަނުން ނުކުންނާށެވެ.

އޭރު ޒިލާލު ދިވެހިން ދެއްކި ވާހަކަތައް ނޭނގިގެން ތަރިންދު އަހަމުން ދިޔައެވެ. ޝާހިދު ކުރުކޮށް ވީގޮތް ކިޔައިދިނެވެ.

"ޒިލާ ކާމް ޑައުން!" ތަރިންދު އޭނާގެ އަތުގައި ހިފާ އަލުން ބޭންދިއެވެ.

"ކައޭ ކޮންކަމަކާ ހާސްވަނީ؟ މިއީކީ ކައޭ ކުރާކަމެއް ނޫނެއްނު.. ހަމަ އެކަނި ކޮށްދޭންޖެހޭ ކަމަކީ މިއެއްޗެތި ފޮރުވާފައި ދުވަސްކޮޅަކަށް ބަހައްޓާލަ ދިނުން އެނިމުނީ" ޝާހިދު ވާހަކަ ދެއްކިއެވެ.

އެއާއިއެކު ތަރިންދުވެސް އޭނާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ކަމުގެ ރިސްކު މިނަގަނީ އަހަރުމެންނެއް ނޫންހޭ ތަރިންދު ބުންޏެވެ. އެކަމަކުވެސް ޒިލާލުއަށްވެސް ހަމަ އެއްވަރަށް ބައިއަޅާފައި ލާރި ދެމެއްނޫންހޭ ބުނެލިއެވެ.

މިޒަމާނުގައި ދުނިޔޭގައި ހުރިހާވެސް އެއްޗަކީ ފައިސާކަމާއި ލިބޭ އެއްޗަކުން ދެކޮޅު ޖެހުނަސް ފަހަށް ރައްކާކުރާނެ އެއްޗެއް ނޯވޭ ނޫންހޭ ޝާހިދު ކިއެވެ. ތަރިންދުވެސް އެކި ވާހަކަ ދެއްކިއެވެ. ލާރި އެއްވީމާ ރަށުގައި ގެސްޓުހައުސް ހެދުން ކަހަލަ އެތައް ކަމެއް ކުރެވޭނެ ނޫންހޭ ބުނެލިއެވެ. އެމީހުންވެސް މިތަކެތި ވިއްކުމުގެ ކަންތައް އަބަދަކު ނުކުރާނަން ކަމާއި ބޭނުންވަނީ ތަންކޮޅެއް އަވަހަށް ފައިސާ ކޮޅެއް އެއްކޮށްލަން ކަމަށް ތަރިންދު ބުނެދިނެވެ.

ކޮންމެއަކަސް ޒިލާލު ގެއަށް އައިރު ވަކިގޮތެއް ނުނިންމެއެވެ. އޭނާ އެކަމާ ވަރަށް ވިސްނިއެވެ. އެމީހުން ބުނިހެން އޭނާގެ އެކައުންޓުވެސް މަޑުމަޑުން ގިނަވަމުން ގިނަވަމުން ގޮސް މީގެ ކުރިން އޭނާއަށް ދުވަހަކުވެސް އެއް ނުކުރެވޭހާ ގިނަ ފައިސާ އޭނާގެ އެކައުންޓަށް މިވީ ދުވަސްކޮޅުގެ ތެރޭގައި ޖަމާވެއްޖެއެވެ.

އެމީހުން އެބުނިހެން އޭނާގެ މާ ބޮޑު ބައިވެރިވުމެއް އެކަމުގައި ނެތެވެ. ޖެހޭހާވެސް ކަމަކީ ޝާހިދުއަށް ބޯޓަށް ލެވެންދެން އޭނާގެ ފިހާރައިގައި އެއެއްޗެތި ފޮރުވައި ދިނުމެވެ. އަޅެ ޝާޑުމެން އޭނާ ކައިރީގައި އެކޮތަޅުގައި ހުންނަނީ ކޮންއެއްޗެއްކަން ނުބުނިނަމަ އޭ ޒިލާލުގެ ހިތަށް އެރިއެވެ.

އަނެއްދުވަހު ޝާހިދުގެ އިތުރުން ތަރިންދުވެސް ގުޅާފައި އޭނާއާއި ވާހަކަ ދެއްކިއެވެ. އެހެންނަމަވެސް ޒިލާލު އެކަމަކާ އެއްގޮތަކަށްވެސް ހިތްހަމައެއް ނުޖެހެއެވެ. އޭނާއަށް އެކުރެވެނީ ގާނޫނީ ކުށެއްގެ އިތުރުން ދީނީގޮތުންވެސް މުޅިން ގޯސް ކަމެއްކަން އޭނާގެ ޟަމީރު ބުނެދޭތީއެވެ.

އޭނާ އެ ވިޔަފާރީގެ ތެރެއިން ނުކުންނާނެ ގޮތަކާ މެދު ވިސްނާ ވިސްނާވެސް ހަދާނެ ގޮތެއް ހަމަ ނުވިސްނުނެވެ. އޭނާ އެކަން ނުކޮށްދީފިއްޔާ ތަރިންދު އާއި އޭނާ އާއި އޮތް ރަސްމީ ވިޔަފާރީގެ ގުޅުން ކެޑިގެން ދާނެ ކަން ތަރިންދު ވަނީ އޭނާއާއި ދިމާލަށް ނުސީދާކޮށް ބުނެފައެވެ.

ތަރިންދުއާއި ގުޅިގެން ބޭރުން މުދާ ގެންނަން ފެށިފަހުން ޙަނީފުގެ ވިޔަފާރި އެތައް ތަނެއް ކުރިއަރައިގެން ގޮސްފިއެވެ. އެފިހާރައިން މުދާ ނަގާ ފަރާތްތައްވެސް ދުވަހުން ދުވަހަށް ގިނަވަމުން ދިޔައެވެ. ޒިލާލުމެންގެ ފިހާރައިން އެއްޗެތި ސަޕްލައިކުރާނެ ޑީލެއް ލިބޭތޯ މިހާރުވެސް ތަރިންދު ދަނީ މާލެ އަތޮޅު ރަށެއްގެ ދެތިން ގެސްޓުހައުސް އާއި ވާހަކަ ދައްކަމުން ކަމުންނެވެ.

ކޮންމެއަކަސް ހިތް ބިރުގަނެފައި ހުރެގެންވެސް ޒިލާލު އެއެއްޗެހި އެ ފިހާރައިގައި ކުރިއެކޭވެސް އެއްގޮތަށް ފޮރުވައިދެމުން ގެންދިޔައެވެ. އެކަމަކު އޭގައި ހުންނަނީ އަދި ނެތީ ކޮން އެއްޗެއްކަން އެނގޭކަށެއް ޒިލާލު ބޭނުން ނޫން ކަމުގައި ބުނަމުންނެވެ.

ޒުހުދާ ވިހަންވާއިރަށް ރަށަށް ދާން ވެގެން ޙަމީދު މާލެއައެވެ. އޭނާއަށް ޗުއްޓީއަށް އެންމެ މަހެއް ލިބުނީތީ އެކަމާ ހިތްހަމަ ނުޖެހިގެން އެވާހަކަ ޒިލާލު ކައިރީގައި ދެއްކިއެވެ. އެޔާއިއެކު ރަށުގައި ފިހާރައެއް ހުޅުވިއްޔާ ހިނގާނެތޯ ޒިލާލު އަހާލިއެވެ. އެއީ ރަނގަޅު ކަމެކޭ ޙަމީދު ބުނެލިއެވެ. ރިސޯޓުން ކެނޑިގެން ގޮސް ރަށުގައި ހުރެގެން އާމްދަނީ ލިބޭނެ ކަމެއް ކުރަން އޭނާވެސް ވިސްނާ ކަމުގައި ބުންޏެވެ.

" ކެފޭއެއް ކަހަލަ ތަނެއް ހަދަންވީ ... ރަނގަޅަށް ކުރެވިއްޖިއްޔާ ހެސް ކިޔާފައި ލާރި ލިބޭނެ އެކަމަކު ވަރަށް ބުރަކަމެއް އެއީ"

"މަށަށް ފެންނަނީ ފިހާރައެއް ހަދަން.. ތިގޭ ދޮރުމަތީގައި އެއޮތް ތަންކޮޅުގައި ހަމަ ހެޔޮވަރުގެ ފިހާރައެއް ހަދާލެވޭނެ.. ހުރޭ ބަފާބެއާއި ކުޑަކޮށް ވާހަކަ ދައްކާލާނަން.. ވަރަށް ހީވޭ އެހީވެދޭނެހެން" ޒިލާލު ޙިޔާލު ދިނެވެ. އަދި އޭނާ ފިހާރައިގައި މަސައްކަތް ކުރަން ފެށިފަހުން އެތަނަށް އައި ބަދަލުތައް ޙަމީދުއަށް ކިޔައިދިނެވެ.

"ހަނދާން އެބަހުރިތަ އެންމެ ފުރަތަމަ މަށަށް މިކަން ވާނެހޭ ކިޔައިގެން ބިރުން އުޅުނު ކަން؟"

ޙަމީދު އެހެން އެހުމުން ޒިލާލު ބޯޖަހާލިއެވެ. އޭނާ މިހާރު ވެސް ބިރުގަނެއެވެ. އެމީހުންގެ ވަގު ވިޔަފާރި ފަޅާ އަރާފާނެތީއެވެ. އޭނާ މިހާރު ބޭނުންވަނީ އެކަމުން ސަލާމަތް ވާނެ ގޮތެކެވެ. އެ ވާހަކަ ޙަމީދުއާ ދައްކަން ވެސް އޭނާގެ ހިތަށް އެރިއެވެ. އެކަމަކު ޝާހިދު އެއީ ޙަމީދުގެ ދެބެންގެ ދެދަރި ކޮއްކޮއެވެ. އޭނާ އެ ވާހަކަ ދައްކައިގެން އާއިލާ ތެރޭގައި ބޮޑު މައްސަލަތަކަކަށް ވާކަށް އޭނާ ބޭނުމެއް ނޫނެވެ.

ކޮންމެއަކަސް ޙަމީދު ފުރައިގެން ދިޔައީ ޒިލާލުއާއި އެކީގައި ފިހާރައެއް ހަދައިގެން ހިންގަން އެއްބަސްވެފައެވެ. ޒުހުދާ ވިހެއީމާ ޒިލާލު އާއި ޝިއުނާ ރަށަށް އައިސް އިތުރަށް އެ ވާހަކަ ދައްކައި މަޝްވަރާކުރަން ރާވައިފައެވެ. އެހެންމަވެސް ޒުހުދާ ވިހޭ އިރު ޝިއުނާ ބަލިވެއްޖެއެވެ. ގައިން ވަރު ދޫވެ މޭނުބައިކޮށް ކަންތައްތައް ވާން ފެށުމުން ޑޮކްޓަރަށް ގޮސް ޓެސްޓު ކުރިއިރު އޭނާ އިނީ ބަލިވެއެވެ. އެފަހަރު އޭނާ ޒިލާލުއާއި އެކީ ރަށަށް ދާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން ދެ ދުވަހަކަށް ރަށަށް ދިޔައީ ޒިލާލު އެކަންޏެވެ.

ޒިލާލު ދިޔައީ އެއްވެސް މީހެއް ކައިރީ ނުބުނެ އޭނާގެ އާއިލާއަށް ސަޕްރައިޒެއްގެ ގޮތުގައެވެ. އޭނާ ގޮސް ޒުހުދާ ކޮޓަރި ދޮރުމައްޗަށް ހުއްޓުނު ވަގުތު އޭނާގެ ލޮލުގައި އެންމެ ފުރަތަމައިނުންވެސް އަޅައިގަތީ ގުރޭޝާއެވެ. އޭނާ އިނީ ކުޑަމީހާ ބާލީސްމަތިގައި ބާއްވައިގެންނެވެ.

"ބޭބޭ!" ޒުހުދާއަށް ލިބުނު އުފަލުގައި ބާރަށް ބުނެވުނެވެ. އޭނާ އައީ ކޮންއިރަކުތޯ އާއި ޝިއުނާ ކޮބައިތޯ އާއި އެކި ސުވާލު ކުރަންފެށިއެވެ. ގުރޭޝާ އަވަސް އަވަހަށް ކުޑަމަންޖެ ޒުހުދާގެ އަތަށް ދީފައި ޒިލާލުއާއި ދިމާލަށް ބާލަވެސް ނުލާ ނުކުމެގެން ދިޔައީއެވެ.

ޒިލާލު ވަރަށް ބިރުންހުރެ ކުޑަމީހާ އުރާލިއެވެ. އޭރުވެސް އެމަންޖެ އޮތީ ނިދާފައެވެ. މާގިނައިރެއް ނުވަނީސް ޒިލާލުގެ މަންމަ އެތަނަށް އައެވެ. ޝިއުނާ ކޮބައިތޯ އާއި އޭނާ ނުގެނައީ ކީއްވެގެންތޯ ޒިލާލު ކުރެން އެއްސެވެ. ޒިލާލު ޝިއުނާއަށް ވީޑިއޯ ކޯލު ކުރިއެވެ. އޭރުވެސް ޝިއުނާ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ޒުހުދާމެން ޝިއުނާ ބަލީތޯ ބުނުމުން އާނއެކޭ ބުނަން ބޯޖަހާލިއެވެ. ޒިލާލު ފޯނު ހިފައިގެން ބޭބީގެ ކައިރިއަށް ދިޔައެވެ. އޭރުވެސް އޭނާ އޮތީ ވަރަށް ލޯބިކޮށް ނިދާލާފައެވެ.

"އަހަރުމެންވެސް ތި މަންޖެއަށް ހަދިޔާއެއް ގެންގޮސްދޭނަން... ތަންކޮޅެއް ފަހުން ދޯ ޒިލާ!" ޝިއުނާ ވާހަކަ ދެއްކީ ވަރަށް ހެވިފައި އޮވެގެންނެވެ. އެހިސާބުން ޒުހުދާއަށް އެބުނި އެއްޗެއް ވިސްނުނެވެ. ތިބުނީ މިމަންޖެއާ އެކީގައި ކުޅޭނެ ކުއްޖަކު އަންނަ ވާހަކަ ހެއްޔޭ ޒުހުދާ އަހާލިއެވެ.

ނުނިމޭ