12 ވަނަ ބައި
12 ވަނަ ބައި
ދެހަފްތާ ފަހުން ޝާހިދު މާލެ އައީ މުދާ އުފުލާ ބޯޓުގައެވެ. އޭނާ އައިގޮތަށް ޒިލާލު ހޯދަން ދިޔަ އެވެ. ތަރިންދު މެދުވެރިކޮށް ރޯދައަށް އެއްޗެހި ގެންނަން އޯޑަރު ދިންވާހަކަ ޒިލާލު ކިޔައިދިނެވެ. އަދި ރަށު ފިހާރައަށް ބައެއް އެއްޗެހި ނަގާގޮތަށް ހަމަޖެހުނުކަން ވެސް ބުނެދިނެވެ.
"އަހަރުމެންވެސް ތިޔަ އެއްޗެތި އުފުލާނެތާ" ޝާހިދު ބުނެލިއެވެ. އަދި އޭނާ އަތޮޅުތެރޭ އެހެން ރަށު މީހުންނާ ވެސް ވާހަކަ ދައްކާނަން ކަމުގައި ބުނެލި އެވެ. ޝާހިދު އެހެން އިނދެގެން އެކިއެކި ވާހަކަ ދައްކަމުން ދިޔައެވެ. ވިޔަފާރި ފުޅާކޮށް އިތުރު ކުރާނެ ގޮތުގެ މޮޅެތި ޕުލޭންތަކުގެ ވާހަކައެވެ.
އޭނާގެ އެކުވެރިޔާގެ ވާހަކަތައް އަޑުއަހަން އިންދާ ކުއްލިއަކަށް ގުރޭޝާ އޭނާގެ ހިތުތެރެއަށް ވަދެގަތެވެ. އެޔާއެކު އެގުޅުން ހަމަ އަސްލުގައި ވެސް ކައިވެންޏާ ހަމައަށް ދިޔައީތޯ އާހާ ހިތްވިއެވެ. އެހެން ނަމަވެސް ނުކެރުނެވެ.
ޝާހިދު އެތާނގައި އިނދެފައި ތަރިންދުއަށް ގުޅާލިއެވެ. އަދި ތިން މީހުން އެރޭ ބައްދަލުވާ ގޮތަށް ހަމަޖެހުނެވެ.
ޒިލާލު އާއްމުކޮށް ރޭގަނޑު ފިހާރައަކަށް ނުދެ އެވެ. ދިޔަޔަސް ދާނީ ބަންދުކުރާ ގަޑިއަށެވެ. އެއީ ޝިއުނާގެ ބައްޕަ އޭނާގެ ކައިރީ ބުނެފައިވާ ގޮތެވެ. ރޭގަނޑަކީ އަންހެނުންނާއެކީ ހޭދަކުރާ ވަގުތުކަމަށް ހަދާށޭ އެންމެ ފުރަތަމަ ދުވަހުވެސް ޙަނީފު ވަނީ ބުނެފައެވެ.
އެރޭ ޝިއުނާ ބޭނުންވީ އަޒީމާމެން ގެއަށް ގޮސްލާށެވެ. ޝާޑު އާއި އެކީ ތާކަށް ދާން ހަމަ ޖައްސާފައޭ މިއައީ ޒިލާލު ބުނެލިއެވެ.
އޭނާ މިހާރު އުޅެނީ އަތޮޅުގެ މުދާ އުފުލާ ބޯޓެއްގައި ކަމަށް ޒިލާލު ބުނުމުން އެއީ އޭނާ ހޯދައިދިން ވަޒީފާތޯ ޝިއުނާ އަހާލިއެވެ. އެ ހިނދު ޒިލާލު އާނއެކޭ ބުނަން ބޯޖަހާލީ އެ ހެދުނީ ދޮގެއްކަން އެނގިހުރެ، އެކަމާ ކުށްވެރިކަން އަމިއްލައަށް އިހުސާސްވާ ހާލުގައެވެ.
ޒިލާލު އާއި ޝާހިދުއާއި ދެމީހުން ހުޅުމާލެއަށް ދާން ނައްޓާލީ ނުވައެއް ޖެހިތަނާއެވެ. ތަރިންދު އުޅޭ އެޕާޓްމެންޓް ހޯދުނީ ވަރަށް ހާލަކުންނެވެ. އެމީހުން ދިޔައިރު އެހެން ދެމީހަކު އެޕާޓްމެންޓުގައި ތިއްބެވެ. ޒިލާލުގެ ލޮލުގައި އަޅައިގަތީ މޭޒުމަތީގައި ހުރި ފުޅިއާއި ހުސް ތަށިތަކެވެ.
ތަރިންދު އެމީހުން ކައިރީގައި ބޯނީ ކޮންއެއްޗެއްތޯ އަހާލިއެވެ. ޒިލާލު އެއްވެސް އެއްޗެއް ބޭނުން ނޫން ކަމަށާއި އޭނާ މިއައީ ގެއިން ކައިގެން ކަމުގައި ބުންޏެވެ. އެވަގުތު އެގެއަށް އައިސް ތިބި އިންޑިޔާ ދެމީހުން ދާން ވެގެން ތެދުވިއެވެ. އެމީހުން ނުކުތީމާ އެޕާޓުމެންޓުގެ ދޮރު ތަޅުލާފައި އައިސް އަނެއްކާވެސް އެމީހުން ބޭނުމީ ކޮންއެއްޗެއްތޯ އަހާލާފައި މޭޒުމަތީގައި ހުރި ފުޅިއަށް އިޝާރާތްކޮށްލިއެވެ.
"ޔެސް!" އޭނާ އަޑަށް ބާރުލާފައި ބުނެލިއެވެ. އޭނާ ބޯނީ އެކަމުގައި ބުނެލިއެވެ.
ޒިލާލުގެ ގައިން ހީބި ނަގައިގެން ދިޔައެވެ. އޭނާއަށް މިފެންނަނީ އަދި ޝާހިދުގެ ނުފެންނަ ފަރާތެކެވެ. ޝާހިދުއަށް ތަށި އަޅާދެމުން ހަމަ އެކައްޗެއްވެސް ބޭނުމެއް ނޫން ހެއްޔޭ ތަރިންދު ޒިލާލު ކައިރީ އަހާލިއެވެ.
"މައި ފުރެންޑު އިޒް އަ ވެރީ ... ވެރީ... ސޯލިހު މޭން!" ޝާހިދުއަށް އިނގިރޭސިން ބުނެދޭން ނޭނގުނީމާ ދިވެހި ބަސް ލައިގެން ޖުމްލަ ނިންމާލިއެވެ.
ތަރިންދުއާއި ދެމީހުން ދެތަށި އަޅައިގެން ތަށި ޖައްސާ 'ޗިއާރސް' ކިޔާފައި ބޯންފެށިއެވެ. ތަށިން ކޯވަރެއް ބޯލާފައި ދެންވެސް ޝާހިދު ކުރިއަށް ގެންދިއީ ޒިލާލުގެ ވާހަކައެވެ. އޭނާއަކީ 'ގުޑް މުސްލިމް' އެކޭ އެންމެފަހުން ބުނެލިއެވެ. އެޔާއިކުގައި އޭނާގެ ކުރިމަތީގައި އެމީހުން އެކަން ކުރާތީ އަނެއްކާ ހިތްހަމަ ނުޖެހޭތޯ ތަރިންދު ސުވާލުކުރިއެވެ. އޭނާއަށް އޯކޭ ކަމުގައި ޒިލާލު ބުނެލިއެވެ. އަދި އޭނާ ކުރިން އުޅުނީ ރިސޯޓުގައި ކަމަށާއި މިއީ އޭނާއަށް އަލަށް ފެންނަ މަންޒަރެއް ނޫންކަމުގައި ވެސް ބުނެދިނެވެ.
ޝާހިދު އާއި ތަރިންދު އާއި ދެމީހުން އެތާނގައި ތިބެގެން ދެއްކި ވާހަކައިން އެދެމީހުން އެކީގައި މިކަން ކުރާ މިއީ ފުރަތަމަ ފަހަރު ނޫންކަން ޒިލާލުއަށް ދޭހަވިއެވެ. ޒިލާލު ކަންބޮޑުވީ އެތަނުން ނުކުމެގެން މާލެ ދަން ޖެހޭނެތީ އެކަމާއެވެ. އެމީހުން ދަނިކޮށް ޕޮލިސް ހުއްޓުވައިފިއްޔާ ދެން ވާނީ ކިހިނެތް ހެއްޔެވެ؟ އޭނާގެ އެކުވެރިޔާ ހުރީ ހަމައަކު ނޫންކަން އެމީހުންނަށް އެނގޭނެއެވެ. އެހިސާބުން އޭނާވެސް އެނގިހުރެ ނާންގާ ހުރިކަމުގެ ކުށުގައި ބެދޭނެ ބާވައެވެ؟
އެންމެ ފަހުން އެހާ ލަސްނުވަނީސް ދާން ވަނެއޭ ޒިލާލު އިނދެފައި ބުނެލިއެވެ. އެޔާއިއެކު ތަރިންދު އެތެރެއަށް ވަދެފައި އެއްޗެތި އަޅާފައި ހުރި ކޮތަޅެއް ނެރުނެވެ. މިއީ އެމީހުންގެ ސައިޑް ބިޒްނަސްގެ ފެށުން ކަމުގައި ބުނަމުން އެކޮތަޅު ޝާހިދުގެ އަތަށް ދިއްކޮށްލިއެވެ. އެއީ ޓޭޕް އަޅާ ބަންދުކޮށްފައި އޮތް ކަޅުކުލައިގެ ކޮތަޅެކެވެ.
އެކޮތަޅު ސައިކަލު މަޑިދަށަށް ލައިދޭށޭ ކިޔާފައި ޒިލާލުގެ އަތަށް ދިނީ މަގުމައްޗަށް ނުކުމެފައެވެ. އޭގާއި ހުރީ ދަތް އުނގުޅާބޭސް ފާޑުގެ އުރައިގައި ހުރި އެއްޗެތިތަކެއް ކަން އޭގައި އަތްޖެހުމުން ޒިލާލުއަށް އެނގުނެވެ. އެވަގުތު އެއީ ކޯޗެއްތޯ އޭނާ އަހާލިއެވެ.
"ތީގައި ހުރިއެއްޗެއް އެނގުމަށް ވުރެ ނޭނގުނިއްޔާ ރަނގަޅުވާނީ!" ޝާހިދު ބުނެލިއެވެ.
"އެޔޯ؟"
"އެއީ ތީގައި ހުންނާނީ މުސްކުޅިވެރިންނަށް ބޭނުންވާ ކަހަލަ ބޭސް.. މިބުނީ ރަށު ސަލީމްބެ މެން ބިޓުން ހޯދަމުން ދުވާމީހުންނަށް" އެހެން ބުނެފައި އޭގައި ވަނީ ކޮން އެއްޗެއްކަން ބުނެދިނެވެ. އޭއީ ރަށް ރަށަށް ވަރަށް ބޮޑު އަގުގައި ވިއްކޭ އެއްޗެއް ކަމަށް ވެސް އޭނާ ކިޔައިދިނެވެ.
ޝާޑު އާއި ތަރިންދު އާއި ދެމީހުން މިއޮތީ މަށަށް ނާންގާ މިކަން ރާވަ ނިންމާފަތާއޭ އެވަގުތު ޒިލާލުގެ ހިތަށް އެރިއެވެ.
އޭނާ ހިތްހަމައެއް ނުޖެހުނެވެ. ވަގަށް ކަންތައް ކުރާކަށް ނުވާނެއޭ ބުނެލިއެވެ.
"ކައޭއަށް ކެރޭނެތަ ބަފާބެއަށް މިއެއްޗެތި ދައްކަން؟" ޝާހިދު ހީގަތެވެ. އެޔާއިއެކު ޒިލާލު އިސްދަށަށް ޖަހާލިއެވެ. އޭނާގެ އެކުވެރިޔާ އެބުނީ ތެދެކެވެ. އެފާޑުގެ އެއްޗިއްސަކީ ފާޅުގައި ވިއްކޭނެ އެއްޗެއްސެއް ނޫންކަން އޭނާއަށްވެސް ޤަބޫލު ކުރެވުމެވެ.
ޝާހިދު ބަނދަރުމައްޗަށް ފައިބާފައި މާދަމާ ހެނދުނު ފިހާރައަށް ދަމުން އެކޮތަޅު ގެނެސްދޭށޭ ބުނީމާ ޒިލާލު އަދި ވަކިން ކަންބޮޑުވިއެވެ. އެހެން ނަމަވެސް އެހެން ގޮތެއް ނެތިގެން އެހިފައިގެން އޭނާ ގެއަށް އައީއެވެ. ޒިލާލު ނިދަން އޮތް އިރުވެސް ވިސްނެނީ އެކޮތަޅާއި ދޭތެރޭގައެވެ. ސައިކަލު މަޑިދަށުގައި ހުއްޓާ އޭނާގެ ބަފާބެއަށް ނޫނީ އެހެންމީހަކަށް ފެނިއްޖިއްޔާ ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟ އޭނާގެ ހިތުތެރޭ ކޮންމެވެސް ކަހަލަ ގޮތް ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ. އޭނައަށް މިކުރެވެނީ ކޮންކަހަލަ ކަމެއް ހެއްޔޭ ހިތަށް އެރީއެވެ.
އަނެއްދުވަހު ޝާހިދު ގުޅުމުގެ ކުރިން ޒިލާލު ހުރީ އެކޮތަޅު ހިފައިގެން ގޮސް ބޯޓު ކައިރީގައެވެ. އޭނާއަށް ބިރުން ނުވެސް ނިދުނޭ ބުނުމުން ޝާހިދު ފެށީ ހޭށެވެ. ޝާހިދު ފުރައިގެން ދިޔައީ އެއެއްޗެތި ވިއްކާފައި ލިބޭފައިދާއިން ތިންބައިކުޅަ އެއްބައި ޒިލާލުއަށް ދޭނަން ކަމުގައި ބުނެފައެވެ.
އޭގެ ދެހަފްތާ ފަހުން ޝާހިދު އަނެއްކާވެސް މާލެއައެވެ. ޒިލާލުއާއި ދިމާވުމުން ހަތް ހާސް ރުފިޔާ ދިއްކޮށްލިއެވެ. އެއީ އެމީހުންގެ ވިޔަފާރި ފައިދާ ކަމުގައި ބުނަމުންނެވެ. އޭގައި ހިފަން ޒިލާލު ކުޑަކޮށް ޖެހިލުންވިއެވެ. އެހެންނަމަވެސް އެކަން ޝާހިދުއަށް އަންގާކަށް ބޭނުމެއް ނުވިއެވެ. އޭނާ އެގެންގޮސް އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކުރިއެވެ. ޙަޤީޤަތުގައި ޒިލާލުވެސް މިހާރު ލާރި ބޭނުމެވެ. ރަށުގައި އަމިއްލަ ފިހާރައެއް ހުޅުވައިގެން ވިޔަފާރި ކުރުމުގެ ޚިޔާލު މިހާރު އޭނާގެ ސިކުނޑިތެރެއަށް ވަންނަން ފަށައިފިއެވެ.
އެރޭ ވެސް ހުޅުމާލެއަށް ތަރިންދު ކައިރިއަށް ދާން ޝާހިދު ބޭނުންވިއެވެ. އެރެއަކީ ޝިއުނާގެ އޮފީސް ކުއްޖެއްގެ ގެއަށް ކޮންމެވެސް ކެއުމަކަށް ދާންޖެހޭ ރެއެއްކަމުން ޒިލާލުއަށް ދެވެން ނެތްކަމުގައި ބުނީއެވެ. އެހެންނޫނަސް ޒިލާލު އެމާހައުލުގައި އިންނަން ދާކަށް ބޭނުމެއް ނޫނެވެ.
ޖެހިގެންއައި ދުވަހު ޝާހިދު ފިހާރައަށް އައީ ކޮތަޅެއް ހިފައިގެންނެވެ. ހަމަ ކުރިއެކޭވެސް އެއްގޮތަށް ސެލޯޓޭޕް އަޅާ ބަންދުކޮށްފައިވާ އެތެރެ ނޭނގޭ ކޮތަޅެކެވެ. އަނެއްކާވެސް ޝާހިދު ފުރަން ވަންދެން އެ ކޮތަޅާއި ހަވާލުވާން ޒިލާލުއަށް ޖެހުނެވެ. ޒިލާލު ކަންބޮޑުވިއެވެ. ސައިކަލު މަޑިދަށުގައި އެ ބަހައްޓަންޏާ ހެލްމެޓެއް ނުބޭއްވެ އެވެ. ޙަނީފުއަށް ނުފެނުނަސް ޝިއުނާއަށް އެފެނިގެން ސުވާލުކޮށްފާނެތީ ކަމުގައި އޭނާ އޮޅުންފިލުވައިދިނެވެ.
ފިހާރަމަތީގައި މުދާ ރައްކާކުރަން ބަހައްޓާ ތާނގައި ފޮރުވާފައި ބަހައްޓާނީއޭ ޝާހިދު ސިއްރު ސިއްރުން ބުނެލިއެވެ. ޒިލާލު އިޝާރާތުން އެފިހާރައިގައި އުޅޭ ބަންގްލަދޭޝް ކުއްޖާ ދައްކާލިއެވެ.
އެޔާއެކު ޝާހިދު އޭނާއަށް ގޮވާ ގެނެސް ލާރި ދީފައި ސިގިރޭޓް ފޮއްޓެއް ގަނެގެން ގެނެސްދޭން އެދުނެވެ. އޭނާ ނުކުމެގެން ދިޔުމުން ޝާހިދު ފާރައަށް ބަހައްޓާފައި ޒިލާލު ހަރުގަނޑުން އަރާ ފިހާރައިގެ މުދާތަކުގެ ތެރޭގައި އެ ކޮތަޅު ފޮރުވިއެވެ.
އެފަހަރު ޝާހިދު ރަށަށް ދިޔަގޮތަށް ގޮސް ގުރޭޝާއާއި ކައިވެނި ކުރީއެވެ. އެވާހަކައެއް އޭނާ ޒިލާލު ކައިރިއަކު ނުބުނެއެވެ. އޭނާ ބުނިހާވެސް އެއްޗަކީ އޭނާ ރޯދަމަހު ކުރީކޮޅު ޗުއްޓީ ނަގާވާހަކައެވެ. އަދި ދެން އޭނާ އަންނާނީ އީދަށް މުދާ ބަލާ އަންނަ ދަތުރުގައި ކަމަށެވެ. ޝާހިދު އޭނާ ގާތުގައި އެ ވާހަކަ ނުބުނީ ޕާޓީއަށް ދަޢުވަތު ނުދޭންވެގެން ބާވައޭ ޒިލާލުގެ ހިތަށް އެރިއެވެ.
އެޕާޓިގެ ފޮޓޯތައް މުޅި ފޭސްބުކުގައި އޮތެވެ. ޒިލާލު އެ ފޮޓޯތައް ބޮޑުކޮށްގެން ބަލަމުން ގެންދިޔައިރު، ގުރޭޝާ އަދިވެސް ހަމަ ވަރަށް ރީއްޗޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ގުރޭޝާ ހުރީ ފިޔާތޮށި ކުލައިގެ ވިދާ ފޮތީގެ ހެދުމެއްގައެވެ. ޝާހިދުގެ އަތުގައި ހިފައިގެން ހިނިތުންވެލާފައި ހުރިއިރު އޭނާ ހުރީ ވަރަށް އުފާވެފައިކަން މޫނުމަތިން އިނގެއެވެ.
ގުރޭޝާ އަދިވެސް އޭނާ މަތިން ހަނދާން ކުރާނެ ބާވައޭ އެވަގުތު ޒިލާލު ހިތަށް އެރިއެވެ. ޒިލާލުއަށް މިފަހަކަށް އައިސް ދޭތެރެ ދޭތެރެއިން ގުރޭޝާ ހުވަފެނުން ފެނެއެވެ. މުޅިންވެސް ފެންނަނީ ދެމީހުން ރައްޓެހިވެގެން ނުވަތަ އިނދެގެން އުޅެނިކޮންނެވެ. އެންމެ ގިނައިން ފެންނަނީ ދެމީހުން އެކީގައި ގައިގޯޅިވެގެން އުޅޭ ހުވަފެންތަކެވެ. އެއީ ކީއްވެގެން ފެންނަ ހުވަފެންތަކެއް ކަމެއް ޒިލާލުއަކަށް ހަމަ ނުވިސްނުނެވެ. އެކަހަލަ ހުވަފެނެއް ފެންނަ ދުވަހަކު ވެއްޖިއްޔާ އޭނާގެ ދުވަސް މުޅިން ޚަރާބުވެއެވެ. އޭނާއަށް އެދުވަހަކު ގުރޭޝާ އާއި މެދު ޚިޔާލު ކުރެވޭތީއެވެ.
އޭނާ ކޮއްކޮގެ ފޯނުން އަޑުއިވުނު ވާހަކަތައް އެއީ ތެދު ވާހަކައަކަށް ވެއްޖިއްޔާ އޭނާއަށް ގުރޭޝާ ދޫކޮށްލެވުނީ ދޮގު އިލްޒާމެއްގެ މައްޗަށެވެ. އެކަމާވެސް އޭނާއަށް ވިސްނެއެވެ. އެޔެއް އޮޅުންފިލުވަން ކިތަންމެ ވަރަށްކަށްވެސް ހިތް އެދެއެވެ. ބައެއް ފަހަރަށް އޭނާއަށް ގުޅާފައި ވާހަކަ ދައްކަންވެސް ޒިލާލު ހިތަށް އަރައެވެ. އެކަމަކު ދެން ޒިލާލުއަކަށް ނުކެރޭނެއެވެ. ބޭނުމެއްވެސް ނޫނެވެ. ގުރޭޝާ އަކީ މިހާރު އޭނާގެ ގާތް މީހެއްގެ އަންބެކެވެ.
ގުރޭޝާގެ ކައިވެނި ފޮޓޯތައް ޝިއުނާއަށްވެސް ފެނުނެވެ. ޒުހުދާގެ ފޭސްބުކު އިންނެވެ. އޭނާ އެފޮޓޯތައް އަޒީމާއަށްވެސް ދެއްކިއެވެ. އޭނާ ނަލަ ހެދިލާފައި ހުރިއިރު ހަމަ ވަރަށް ރީއްޗެވެ. ގުޜޭޝާ އަކީ އެރަށުގައި ހުރި އެންމެ ރީތި ކުއްޖާއޭ އެބުނަނީ ހަމަ ތެދު ވާހަކައެކޭ އަޒީމާ ބުނެލިއެވެ. އަދި އޭނާގެ ފިރިއަކަށް އެވީ ފިރިހެން ކުއްޖާއަކާ އެއްގޮތަކަށް ވެސް ނުގުޅެއޭ ވެސް ބުނެލިއެވެ.
"ހަނދުކޭތަ ހިފާފައެއްނު މިހިރީ!" އަޒީމާ މަޖާވެލިއެވެ. އެހިނދު ޝިއުނާ ފޯނު އަތުލާފައި އަލުން އެ ފޮޓޯއަށް ބަލާލިއެވެ. ގުރޭޝާ ކައިރީގައި ޝާހިދު ހުރި އިރު ކުރިއަށް ވުރެވެސް ކަޅު ކަމަށް އޭނާ ދައްކައެވެ.
"ހޫމްމް ދޯ... އެކަމަކު ލޯތްބަކީ ކަނުއެއްޗެއްނު" ޝިއުނާވެސް ހިނިގަނޑެއް ޖަހާލިއެވެ. "ހަމަ ގައިމުވެސް އަހަރެން ވަރަށް އުފާވެއްޖެ ތިޔަ ކައިވެނި ވީތީ"
އަޒިމާ ބޯހޫރާލިއެވެ. އަދިވެސް ހަމަ ޒިލާލު ގެއްލިދާނެތީ ބިރުން އުޅެންތޯ އަހާލިއެވެ.
ނުނިމޭ
ދިގު ވާހަކަ: ޑައިރީއަށް ފަހު - 22
ދިގު ވާހަކަ: ޑައިރީއަށް ފަހު - 21
ދިގު ވާހަކަ: ޑައިރީއަށް ފަހު - 20
ދިގު ވާހަކަ: ޑައިރީއަށް ފަހު -19
ދިގު ވާހަކަ: ޑައިރީއަށް ފަހު - 18
ދިގު ވާހަކަ: ޑައިރީއަށް ފަހު - 17
ދިގު ވާހަކަ: ޑައިރީއަށް ފަހު -16
ދިގު ވާހަކަ: ޑައިރީއަށް ފަހު - 15
ދިގު ވާހަކަ: ޑައިރީއަށް ފަހު - 14
ދިގު ވާހަކަ: ޑައިރީއަށް ފަހު - 13