15 ވަނަ ބައި
15 ވަނަ ބައި
އޭނާ ގެނައި ކޮތަޅުގައި ހިފާފައި އޭގެ އެތެރެ ބަލައިލަމުން ޗިކަން ސަބްމެރީން ތޯ އަހާލިއެވެ. ޒިލާލު ބޯޖަހާލުމުން އޭނާ އެވަރު ހަނދާން އެބަހުރިދޯއޭ ހިނިތުންވެލާފައި ގުރޭޝާ ބުނެލިއެވެ. އެހިނދު ޒިލާލު އިސްޖަހާލިއެވެ. ޒިލާލު އަތުގައި ދެން ހުރި ކޮތަޅު މޭޒުމަތީގައި ބެހެއްޓިއެވެ. އޭގައި ވަނީ ބޮޑު ޖޫސް ޕެކެޓާއި ބިސްކޯދާ އަދިވެސް އޮރެންޖާއި އެކަހަލަ ބައެއް ކުދި ކާނާއެވެ. ޝާހިދު ހޭލީމާ ގިނައިން ދިޔާ އެއްޗެތި ދޭށޭ އޭނާ ބުނެލިއެވެ. އެޔާއެކު ގުރޭޝާ އަނެއްކާވެސް ހިނިތުންވެލަމުން އޭނާއަށް ޝުކުރު އަދާކުރިއެވެ.
"ހާސް ނުވޭ.. އޭނާ އޯކޭ ވާނެ އިރުކޮޅަކުން" ޒިލާލު ބުނެލިއެވެ. އަދި ދެންވެސް ކަމެއް ބޮޑުވެއްޖިއްޔާ އޭނާއަށް ގުޅާށޭ ބުނަމުން ޒިލާލު ދާން ހިނގައިގަތެވެ.
އެވަގުތު ގުރޭޝާ އޭނާގެ ކައިރިއަށް އައެވެ. އަދި ތެންކިޔޫއޭ ބުނަމުން ޒިލާލުގެ ގައިގަ ބައްދާލިއެވެ. ހަމަ ކުރިއެކޭވެސް އެއްގޮތަށެވެ. ގުރޭޝާގެ ހަށިގަނޑުގެ ހުރިހާ ވަނާތަކެއް ޒިލާލުގެ ގައިގަ ޖެހި ފިތޭވަރަށެވެ. ޒިލާލުއަށް ހީވީ އޭނާއަށް ފެންނަމުން ދިޔަ ހުވަފެންތަކުން ހުވަފެނެއްގެ ތެރެއަށް ވަދެވުނުހެންނެވެ. އޭނާއަށް ގުރޭޝާގެ ބުރަކަށީގައި އަތްޖައްސާލެވުނީ ބޭއިޚުތިޔާރުގައެވެ.
އެހިނދު ގުރޭޝާ އޭނާގެ ކޮނޑުގައި ބޯއަޅާލިއެވެ. އެ ހޫނު ނޭވާ ޒިލާލުގެ ކަންފަތާއި ދިމާލަށް ސީދާވިއެވެ. އެވަގުތު ގުރޭޝާ ވަރަށް މަޑުމަޑުން ކޮންމެވެސް ކިޔާލާފައި އޭނާގެ ކަންފަތާއި ދިމާލަށް ފުމެލިކަން އިހުސާސްވުމާއެކު ޒިލާލުގެ ގައިން ހީބި ނަގައިގެން ދިޔައެވެ. ކުއްލިއަކަށް އޭނާގެ ހިއްސުތައް މޯޅިއަކަށް ދެމިލުމުން އޭނާ އަވަސް އަވަހަށް ގުރޭޝާގެ ގައިން ދޫކޮށްލާފައި ދުރަށް ޖެހިލިއެވެ.
"ދެން ދަނީ" ޒިލާލު މަޑުމަޑުން ބުނެލިއެވެ. އަދި ކަމެއް ބޮޑުވެއްޖިއްޔާ ގުޅާލާށޭ ބުނެލިއެވެ. ގުރޭޝާ ހުރީއެވެ. ވަރަށް ފަރުވާތެރިކަމާއެކު އޭނާގެ މޫނަށް ބަލަހައްޓައިގެންނެވެ.
"ޒިލާއެއް ނުކުރަންދޯ އެކަހަލަ ކަމެއް؟".
"ކޮން؟" ޒިލާލުއަކަށް އެސުވާލުއެއް ނުވިސްނުނެވެ.
"ޝާޑު ވާހަކަ ދެއްކީމާ އެދުވާ ވަހެއް .. ތީނަގެ އަނގަޔަކުން ނުދުވާ!" ގުރޭޝާ ބުނެލިއެވެ.
ޒިލާލުއަށް އެބުނި އެއްޗެއް އެނގުނެއްކަމަކު ނޭނގޭ ކަމަށް ހަދާލިއެވެ. ޒިލާލު ނުވިސްނާ ހުއްޓާ ކުއްލިއަކަށް ގުރޭޝާ ކައިރިވިއެވެ. މަދު ސިކުންތު ކޮޅެއްގެ ބީހިލުމަކަށްފަހު ދުރަށް ޖެހިލިއެވެ. އަދި ލިބުނު ކުއްލި ސިހުމުގައި ހަރަކާތެއް ގެންނަން ނޭނގިފައި ހުރި ޒިލާލުއާ ދިމާލަށް ހިނިތުންވެލިއެވެ.
"ހާސްނުވޭ... ޔަގީން ކޮށްލަން ބޭނުންވީ" އޭނާ ލާނެއް ގޮތަކަށް ބުނެލިއެވެ.
އޭނާގެ ފިރިމީހާ މަސްތުވާ އެއްޗެތި ބޭނުންކުރާކަން އޭނާއަށް އެނގޭ ކަމުގައި ބުންޏެވެ. އަދި އެ އޮތީ ރާ ބޮވުނުލެއް ގިނަކަމުން ތަންދޮރު ކުޑަވެ ވެއްޓިފައިކަންވެސް އޭނާއަށް އިނގޭ ކަމުގައި ބުންޏެވެ.
"އަސްލު ބޭނުންވީ ޒިލާވެސް މިހާރު އެކަހަލަ ކަންތައް ކުރަނީތޯ ބަލާލަން.. އެހެންވެ ގުޅީ" ގުރޭޝާ ކިޔައިދިނެވެ. "ވަރަށް އުފާވެއްޖެ ... ހަމަ ކުރިއެކޭވެސް އެއްގޮތް!" ގުރޭޝާ ބުނެލިއެވެ.
ޒިލާލު މުޅި މޫނުމަތިން ލަދުން ގޮސް ރަތްވެގެން ދިޔައެވެ. ޝާޑު ދިފާއުކުރަން ދޮގެއް ހެދުނީތީ މާފަށް ވެސް އެދުނެވެ. އަދި އޭނާ ގުޅީ އެ ދިޔަތާކަށް ގޮއްސައޭ ކިޔާފައި ޒިލާލު ސަލާމަތްވުމަށް އަނެއްކާވެސް ދޮގެއް ހަދަން މަޖުބޫރުވީއެވެ. އޭނާ އަވަސް އަވަހަށް އެތަނުން ނުކުތެވެ.
"ބޮޑުކަމެއް ޖެހުނީމާ ގުޅޭނީ އަހަރެން އަންބުލޮކް ކުރީމަދޯ؟" ޒިލާލު ދޮރުމައްޗަށް ނުކުތުމުން ގުރޭޝާ ބުނެލިއެވެ.
އެގެއިން ނުކުމެގެން ސައިކަލަށް އަރާފައި ނައްޓާލުމުގެ ކުރިން އޭނާ ގުރޭޝާގެ ނަމްބަރު އަންބޮލް ކުރިއެވެ. އަދި ގުރޭޝާގެ ބަދަލުގައި ޝާހިދު ޖަހާފައި އެ ނަމްބަރު ސޭވް ކުރިއެވެ. އޭރު ޒިލާލު ހުރީ ވަރަށް ބޮޑަށް ހިތްއަވަސްވެ ހާސްވާ ގޮތެއް ވެފައެވެ. އަދި ކޮންމެވެސް ވަރަކަށް ބޮލަށް ބަރުވެލާގޮތް ވެސް ވެފައެވެ.
ޒިލާލު ގެއަށް ދިޔައިރު ޙަނީފު ވެސް ފިހާރަ ލައްޕާފައި ގެއަށް އައިސް ޓީވީ ހުޅުވައިގެން އިނެވެ. ޒިލާލު ވަނުމުން ބަދިގެ ތެރެއިން ހުސްނާ ގޮވާލާފައި ދަރިފުޅު ކައިފިންތޯ އަހާލިއެވެ. އެވަގުތު ޒިލާލު ހުރީ އެމީހުންނާ ކުރިމަތިލާ ވާހަކަ ދައްކާ ކަހަލަ މޫޑެއްގައި ނޫންކަމުން އެ ސުވާލަށް އާނއެކޭ ބުނެލާފައި ގޮސް ކޮޓަރިއަށް ވަނީއެވެ.
އޭރު ޝިއުނާ އޮތީ ނިދާފައެވެ. ޝިއުނާ ބަނޑުބޮޑުވިފަހުން އާދަޔާ ޚިލާފަށް ގިނައިން ނިދައެވެ. ވަކިން ޚާއްސަކޮށް ރޭގަނޑު ކެއުމަށްފަހު ދެން އޭނާ ބޭނުންވާނީ އޮށޯންނާށެވެ. މިފަދަ ވަގުތެއްގައި އޭނާއާ ކުރިމަތިލާން ނުޖެހުނު ކަން އެއީ ނަސީބެކޭ ޒިލާލުގެ ހިތަށް އެރިއެވެ.
ޝިއުނާ ހޭލަފާނެތީ ވަރަށް މަޑުމަޑުން އެއްޗެތި ބަދަލުކޮށް ހަދައިގެން އައިސް އޮށޯތީއެވެ. އޭނާ ލޯ މަރާލުމާއިއެކު ފެންނަން ފެށީ ގުރޭޝާއެވެ. އެކަމާ އޭނާއަށް އުނދަގޫވިއެވެ. އެހެންނަމަވެސް އެހިނގާ ދިޔަ ކުޑަކުޑަ ހާދިސާއާއި އެމަންޒަރު އޭނާގެ ހިތުން ފިލުވާލެވޭނެ ގޮތެއް ނުވިއެވެ.
އަނެއްދުވަހު ޒިލާލު ގޮސް ފިހާރަ ހުޅުވާފައި ޝާހިދުގެ ޚަބަރެއް ބަލައިލަން އޭނާގެ ފޯނަށް ގުޅާލިއެވެ. އެފޯނަށް ޖަވާބު ދިނީ ގުރޭޝާއެވެ. ފަތިހު ހޭލާފައި ޖޫސް ބޮއެގެން ވަރަށް ބޮލުގައި ރިއްސައޭ ބުނެފައި އަލުން ނިދީކަމަށް އެނާ ކިޔައިދިނެވެ. އޭރު ގަޑިން ނުވަގަޑި ބައި ވެއްޖެއެވެ. ގުރޭޝާ ހުރީ ސައި ނުބޮއެކަން އެނގުމުން ސައިބޯން ދަމާހޭ ޒިލާލު ބުނެލިއެވެ. އަދި ތިރީހަކަށް މިނެޓް ފަހުން އައި. ޖީ. އެމް. އެޗް ކައިރިއަށް އައުމަށް ބުނެފައި ފޯނު ބޭއްވިއިރު ޒިލާލުގެ ހިތް އަވަސްވެއްޖެއެވެ. އޭނާއަށް ކުރެވެން މިއުޅެނީ ކޮންކަހަލަ ކަމެއްބާވައޭ ހިތަށް އެރީއެވެ.
ގާތް ރައްޓެއްސެއްގެ އަންހެނުން ސައި ނުބޮއެ ހުރީމާ އެހީތެރި ވެދެނީއޭ އޭނާގެ ހިތަށް އެރުވިއެއް ކަމަކު ޙަޤީޤަތަކީ އޭނާ ގުރޭޝާއާ ދިމާވެ ވާހަކަ ދައްކާލަން ހިތް އެދުނު ކަމެވެ. ހޮސްޕިޓަލު ކެންޓީނަށް ދާން އޭނާ ނިންމީ ވަރަށް ވިސްނާފައެވެ. އެއްކަމަކީ އެ ހިސާބުން ދަންނަ މީހަކާ ދިމާވިއަސް ވާހަކައެއް ހަދާލަން ފަސޭހަ ވާނެތީއެވެ. އޭގެ އިތުރުން އެއީ ގުރޭޝާއަށް ހިނގާލާފައި ދެވޭހާ ކައިރިއެވެ.
ދިހައެއް ޖަހަން ކައިރިވީމާ ޒިލާލު ދާން ތައްޔާރުވިއެވެ. އޭރު ޝިއުނާގެ ބައްޕަވެސް ފިހާރައިގައި އިނެވެ. އެހެންކަމުން މީހަކާ ބައްދަލުކޮށްލާފައި އެބަ އަންނަމޭ ބުނެފައި، ޙަނީފު އިތުރު ސުވާލެއް ކުރުމުގެ ކުރިން އޭނާ އަވަހަށް ނުކުތީއެވެ.
ހޮސްޕިޓަލު ދޮށަށް ގޮސްފައި ޒިލާލު ގުރޭޝާގެ ނަމްބަރަށް ގުޅާލިއެވެ. އޭރު އޭނާ އަންނަނީއެވެ. އެހިސާބުން ޒިލާލުގެ ހިތުގެ ވިންދު އަނެއްކާވެސް އަވަސް ވާން ފެށިއެވެ. އަދި މުޅިގަޔަށް ކުއްލިއަކަށް ފިނިގަނޑެއް އަރައިގެން ދިޔަކަން އިހުސާސްވިއެވެ. ކުރަން މިއުޅެވޭ ކަމެއްގެ ސަބަބުން ވީގޮތެއް ކަމުގައި އަމިއްލަ ނަފްސަށް ޤަބޫލުކޮށްދިނެވެ.
ގުރޭޝާ ހުރީ ވަރަށް އާދައިގެ އަތްދިގު ޓީޝާޓަކާއި ޖިންސެއް ލާފައެވެ. އޭނާއައިސް ޒިލާލުގެ ކުރިމައްޗަށް ހުއްޓުނުއިރު ހުރީ މުޅި މޫނުން އޮށްދާހިއްލާފައެވެ. އޭނާގެ ދަބަހުން ޓިޝޫއެއް ނަގާފައި މޫނު ފޮހެލިއެވެ. އޭނާ ސައިބޯކަށް ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވީ ކޮފީއެއް ބޯލައިގެން ސައިބޯ އެއްޗެތި ޕެކް ކޮށްގެން ކޮޓަރިއަށް ގެންދާށެވެ.
ކޮފީއަށާއި ޓޭކްއަވޭ އަށް އޯޑަރު ދީފައި ދެމީހުން މޭޒެއްގެ ދޮށުގައި އިށީނެވެ. ގުރޭޝާ ވަރަށް އުފާވެލާފައި ޒިލާލުއާ ދިމާލަށް ހިނިތުންވެލިއެވެ. އަދި އޭނާގެ ނަމްބަރު އަންބުލޮކް ކުރީތީ ވަރަށް އުފާވެއްޖެ ކަމުގައި ބުނެލިއެވެ. ޒިލާލުއަށް އިނދެވުނީއެވެ. އެ މޫނަށް ބަލަހައްޓައިގެންނެވެ. އޭރު އޭނާގެ ހިތާއި ނަފްސަށް ހަމަ ކުރީގައި ވެސް ކުރި އަސަރުތަށް ތިލަވާން އުޅޭކަން އިހުސާސް ވާން ފަށައިފިއެވެ. އެހަށިގަނޑުގައި ބީހިލުމުން ކުރުވި އިހުސާސްތައް ސިކުނޑި ތޭރެގައި އާދަޔާޚިލާފަށް އާވެ އާލާވާން ފެށިއެވެ.
"ދެން ތިގޮތަށް އަހަންނަށް ކެއަރ ކޮށްފާނެކަމަކަށް ހިޔެއްނުކުރަން!" ގުރޭޝާ އެހެންބުނެލިއަޑަށް ޒިލާލު އަށް އޭނާގެ ޚިޔާލުތަކުން އެނބުރި އާދެވުނެވެ. އޭނާ ފުން ނޭވާއެއް ދޫކޮށްލަމުން އެއީ ކީއްވެގެންތޯ އަހާލިއެވެ. އަދި މިހާރު ތީ ވަރަށް ގާތް ރައްޓެއްސެއްގެ އަންހެނުން ކަމަށާއި އެހެންވެ އޭނާ ކެއާ ކުރާނެއެއްނޫންހޭ ބުނެލިއެވެ. އެއަކަށް ގުރޭޝާ ޖަވާބެއް ނުދެއެވެ. ހަމަ އެ ހިނިތުންވުމުގައި ޒިލާލުއާ ދިމާލަށް ބަލަހައްޓައިގެން އިނީއެވެ. އެދެމީހުންގެ ހަތަރުކަޅި ހަމަވާގޮތަށެވެ. ޒިލާލު އެހަދަނީ ތެދެއް ނޫންކަން އޭނާއަށް އެނގޭ ކަހަލަ ގޮތަކަށެވެ.
ގުރޭޝާ ޝާހިދުގެ ވާހަކަ ދެއްކިއެވެ. އޭނާއާއި އިންއިރު އެއީ މަސްތުވާ ތަކެއްޗަށް އަޅުދާސް ވެފައިވާ މީހެއްކަން ނޭނގެ ކަމުގައި ބުންޏެވެ. އެކަމަކު މާގިނަ ދުވަހެއް ނުވަނީސް އޭނާއަށް އެކަން ފަޅާއެރީ ކަމުގައި ކިޔައިދިނެވެ. ގުރޭޝާ އެކަމާ ވަރަށް ކަންބޮޑު ވާކަމަށް ވެސް ބުންޏެވެ. އަދި އެކަން ހުއްޓުވަން ނަސޭހަތް ދޭން އޭނާ ޒިލާލު ކައިރީ އެދުނުވެ.
"ތިވާހަކަ އަބަދުވެސް އަހަރެން ދައްކަން!... ވަރަށް ނަސޭހަތް ދެން" ޒިލާލު ބުނެލިއެވެ.
"އަދި ދެން މާގިނަ މީހުންނަކަށް ނޭނގޭ ކަންނޭނގެ... އެކަމަކު ރޭގައި ވީހެން ވާން ފަށައިފިއްޔާ އެންމެންނަށްވެސް އިނގޭނެ ދޯ" ގުރޭޝާ ބުނެލިއެވެ.
"ހާސް ނުވޭ.. އަހަރެން އަނެއްކާވެސް ތިވާހަކަ ދައްކާނަން!" ޒިލާލު ޔަގީންކަން ދިނެވެ.
ދެން ގުރޭޝާ އެހީ ޝާޑު އާއި ބެހޭގޮތުން ވާހަކަ ދައްކަން އޭނާއާއި ގުޅިއަސް އެންމެ ރަނގަޅު ތޯއެވެ. ޒިލާލު އެ ހުއްދަ ދިނެވެ. އެކަމަކު ފޯނު ކުރުމުގެ ބަދަލުގައި މެސެޖް ކޮށްލުމަށް އެދުނެވެ. އޭރުން އޭނާއަށް ވަގުތު ވީމާ ގުޅާނަން ކަމުގައި ބުނެފައެވެ.
އެ ހިސާބުން ޝިއުނާގެ ވާހަކަ ގުރޭޝާ އެހިއެވެ. ޒިލާލުވެސް ބައްޕައަކަށް ވާން އުޅޭކަން ގުރޭޝާއަށް އޮތީ އެނގިފައެވެ. ޒިލާލުއަށްޓަކައި އުފާވާ ވާހަކަ ބުނެފައި އެދެމީހުންގެ ދޭތެރޭ މައްސަލަ ޖެހޭކަހަލަ އެއްކަމެއް ވެސް ކުރަން ބޭނުންނުވާކަމުގައި ވެސް ބުނެލިއެވެ. އަދި އޭނާއަކީ ވެސް މިހާރު ޒިލާލުއަށް ހެޔޮއެދޭ ރަހުމަތްތެރިއެއްގެ ގޮތުގައި ގަބޫލު ކުރާށޭ ވެސް ބުންޏެވެ.
ކޮފީ ބޮއެ ނިމިގެން ދެމީހުން އެކީގައި އެތަނުން ނުކުތީއެވެ. ދަންނަ އެއްވެސް މީހަކާ ނަސީބަކުން ދިމަލެއް ނުވެއެވެ. ގުރޭޝާ ހުންނަ ކުލީ ކޮޓަރި ހުންނަނީ މަޖީދީމަގުން އަނެއް ފަރާތުގައި ހުންނަ ގޯޅިއެއްގެ ތެރޭގައެވެ. އެހެންކަމުން ޒިލާލު ސައިކަލަށް އަރާފައި މަޖީދީމަގާއި ހަމައަށް ވައްޓާލަދެންތޯ ސުވާލު ކުރިއެވެ. ވަގުތުން ގުރޭޝާ ސައިކަލު ފަހަތަށް އެރިއެވެ. އޭނާ އެރިގޮތަށް އަރާ ހަމަޖެހިލާފައި ޒިލާލުގެ ގައިގަ އޭނާގެ ހަށިގަނޑު ޖައްސާލިއެވެ. އަދި ކުރީރޭ ފަދައިން ކަންފަތްކައިރީ ފުމެލިއެވެ. އެޔާއެކީ ޒިލާލުއަށް ނަފްސަށް ކޮންޓުރޯލު ނުކުރެވޭ ކަހަލަ އިހުސާސްތަކެއް ކުރުވަން ފެށިއެވެ. އޭނާ ވަރަށް ބާރަށް ދުއްވާފައިގޮސް މަޖީދީމަގު ކަންމައްޗަށް ސައިކަލު މަޑުކޮށްލިއެވެ.
"ތޭންކްސް ޑިއަރ!" ގުރެޝާ ފައިބާފައި ބުނެލިއެވެ. ޒިލާލު އިތުރަށް އެއްޗެއް ނުބުނެ ސައިކަލު ދުއްވާލީއެވެ. އޭނާ ގޮސް ފިހާރައަށް ވަންއިރުވެސް އޭނާގެ ހިތުގެ ހިނގުން ހަމައަކަށް ނޭޅެއެވެ.
ޝާހިދު ޒިލާލުއަށް ގުޅީ އެދުވަހު ހަވީރު ވީ ފަހުންނެވެ. މާރުކޭޓު ކައިރިން އޭނާ ނަގައިގެން ޒިލާލު މިސްރާބުޖެހީ ހާބަރާއި ދިމާލަށެވެ.
"ރޭގަދޯ އެއޮއްވީ ގޮތެއް!" ޝާހިދު ބުނެލިއެވެ.
"މަ އޭރުވެސް ބުނީމެއްނު!....... ކައޭ މިހާރު މާ މައްޗަށް ތި ދުއްވާލަނީ އިނގޭ" ޒިލާލު ހިތްހަމަ ނުޖެހިގެން ވާހަކަ ދެއްކިއެވެ.
"އުނހޫ އެހެނެއް ނޫނޭ... ތަރިންދު ކިޔައިދިން ގޮތުން ހަމަ ގޮތް ބަލައިލާހިތްވީ"
"ޝާޑޫ! މަ އަބަދުވެސް މި ކިޔަނީ ތިވާހަކަ! ކޮންޓުރޯލުން ނެއްޓުނީމާ މާ ރީއްޗެއް ނުވާނެ އިނގޭ.. ލިބޭ ކޮންމެ އެއްޗަކީ ގޮތް ބަލަން ޖެހޭ އެއްޗެއް ނޫންކަން ހަނދާން ކޮށްބަލަ!"
ނުނިމޭ
ދިގު ވާހަކަ: ޑައިރީއަށް ފަހު - 22
ދިގު ވާހަކަ: ޑައިރީއަށް ފަހު - 21
ދިގު ވާހަކަ: ޑައިރީއަށް ފަހު - 20
ދިގު ވާހަކަ: ޑައިރީއަށް ފަހު -19
ދިގު ވާހަކަ: ޑައިރީއަށް ފަހު - 18
ދިގު ވާހަކަ: ޑައިރީއަށް ފަހު - 17
ދިގު ވާހަކަ: ޑައިރީއަށް ފަހު -16
ދިގު ވާހަކަ: ޑައިރީއަށް ފަހު - 14
ދިގު ވާހަކަ: ޑައިރީއަށް ފަހު - 13
ދިގު ވާހަކަ: ޑައިރީއަށް ފަހު - 12