Roadha Mihaaru

އެފްއޭއެމްގެ ނިންމުމާ ދެކޮޅަށް ފީފާގެ ހައްރާޒު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުއްޓުވައިފި

ކުރިއަށް އޮތް އޭޕްރީލް މަހު ފުޓްބޯޅަ ސީޒަން ފަށަން، އެފްއޭއެމުން ނިންމާފައި ވަނިކޮށް ފީފާގެ މެންބަރު އެސޯސިއޭޝަންގެ ސީނިއާ މެނޭޖަރު އަހްމަދު ހައްރާޒު އެކަން ހުއްޓުވައިފި އެވެ.

ފީފާގެ ހައްރާޒު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުއްޓުވައިފި
ހުސެއިން ހަބީބް
ހުސެއިން ހަބީބް

27 މާޗް 2025

ކުރިއަށް އޮތް އޭޕްރީލް މަހު ފުޓްބޯޅަ ސީޒަން ފަށަން، އެފްއޭއެމުން ނިންމާފައި ވަނިކޮށް ފީފާގެ މެންބަރު އެސޯސިއޭޝަންގެ ސީނިއާ މެނޭޖަރު އަހްމަދު ހައްރާޒު އެކަން ހުއްޓުވައިފި އެވެ.

އެފްއޭއެމުން ނިންމާފައި ވަނީ އަންނަ މަހު 10 ގައި ފުޓްބޯޅަ ސީޒަން ފެށުމަށެވެ.

އެކަމަކު، މިހާރު އަށް އެނގިފައިވާ ގޮތުގައި އާ ސީޒަން ކުރިއަށް ނުގެންދަން ހައްރާޒު ވަނީ އެފްއޭއެމަށް އަންގައިފަ އެވެ. އަދި މިރޭ އެފްއޭއެމުން ވަނީ ފުޓްބޯޅަ ސީޒަން ނުފަށަން ފީފާއިން އަންގާފައިވާ ކަމަށް، ކްލަބްތަކުގެ ސަމާލުކަމަށް އެކަން ގެނެސްފަ އެވެ.

މި މަހު 16 ގައި އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހު ކުރުމަށް، ފީފާ އިން އެފްއޭއެމްގެ މެންބަރު ކްލަބްތަކާ އެކު ބޭއްވި ކޮންފަރެންސްގައި ވެސް ހައްރާޒު ވަނީ ފުޓްބޯޅަ ސީޒަން ނުފަށަން ބާރު އަޅައި ވާހަކަ ދައްކާފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފުޓްބޯޅަ ސީޒަން ނުފަށަން ހައްރާޒު، އެފްއޭއެމަށް އެންގީ އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ހުރި މައްސަލަތައް ހައްލު ކުރުމަށާއި ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލު ކުރި މައްސަލަތަކަށް އިސްކަން ދިނުމުގެ ގޮތުން ކަމަށް ބުނެ އެވެ.

"މިިހާރު" އަށް އެނގިފައިވާ ގޮތުގައި ހައްރާޒު އެފްއޭއެމަށް އަންގާފައި ވަނީ އޭޕްރީލްގައި ސީޒަން ނުފަށައި އޯގަސްޓް މަހު ދިވެހި ޕްރިމިއާ ލީގު ކުޅޭ ގޮތަށް ހަމަޖެއްސުމަށެވެ. އަދި ފީފާ އާއި ގުޅިގެން އަލުން ފުޓްބޯޅަ ކަލަންޑަރު އެކުލަވާލުމަށް ވެސް ހައްރާޒު އަންގާފައިވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.

ފީފާގެ ފަރާތުން ރާއްޖެއާ ގުޅޭ ކޭސް ބަލަހައްޓަނީ މިސްރަށް ނިސްބަތްވާ ހައްރާޒެވެ.

އާ ސީޒަނަށް ތައްޔާރުވުމަށް މިފަހަރު ދިވެހި ލީގުގައި ވާދަކުރާ 10 ކްލަބްގެ ތެރެއިން ގިނަ ކްލަބަކުން ވަނީ ޕްރެކްޓިސް ވެސް ފަށައިފަ އެވެ. ސީޒަނަށް ތައްޔާރުވުމަށް ކްލަބްތަކުން ވަނީ ގިނަ ހަރަދުތަކެއްކޮށް ކުޅުންތެރިން ވެސް ސޮއި ކުރުވައިފަ އެވެ. ބައެއް ކްލަބްތަކުން ވަނީ ބިދޭސީ ކޯޗުންނާއި ބިދޭސީ ކުޅުންތެރިން ވެސް ގެނެސްފަ އެވެ.

ފީފާގައި ހައްރާޒު އަދާކުރާ މަގާމުގެ ބޭނުންކޮށް އެފްއޭއެމްގެ ކަންކަމަށް އޭނާ ނުރަނގަޅު ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތައް ހައްރާޒަށް ކުރިން ވެސް އޮތީ ކުރެވިފަ އެވެ.

މި މަހު 15 ވަނަ ދުވަހުގެ ރޭ އެފްއޭއެމުން ބޭއްވި، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ކޯރަމް ގެއްލުވާލުމަށް ހައްރާޒު މަސައްކަތް ކުރި ކަމަށް ކޮންގްރެސްގައި ބައިވެރިވި ބައެއް ކްލަބްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.

އެރޭ ބޭއްވި ކޮންގްރެސް، ހަ ކްލަބަކުން ބޮއިކޮޓް ކުރި އެވެ. ކޮންގްރެސްގައި ހާޒިރީ އޮތީ ކިރިޔާ ކޯރަމް ހަމަވާ ވަރަށެވެ. އެހެންގެ ކޮންގްރެސްގައި ބައިވެރިވި ސީބީއެލް ކޮންގްރެސްއިން ބޭރު ކުރަން ހައްރާޒު މަސައްކަތް ކުރި ކަމަށް އެ ކްލަބުން ބުނެފައި ވެއެވެ.

އެފްއޭއެމްގެ ކުރީގެ އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފާ ގާތްގުޅުމެއް އޮންނަ ހައްރާޒު މަސައްކަތް ކުރަނީ އެފްއޭއެމްގެ ކުރީގެ ލީޑާޝިޕްގެ ބޭފުޅުންނަށް ކަންކަން މަގުފަހިވާ ގޮތަށް ކަމަށް ވެސް ބައެއް ކްލަބްތަކުން ހައްރާޒުގެ މައްޗަށް ތުހުމަތު ކުރެ އެވެ.

ހައްރާޒަށް ކުރާ އެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ ބަހެއް ހޯދަން "މިހާރު" ކުރި އީމެއިލަށް އޭނާ ޖަވާބެއް ނުދެ އެވެ.