Roadha Mihaaru

އުލިގަމުގައި އިމިގްރޭޝަންގެ އޮފީހަކާ އެކު ހިދުމަތް ފުޅާކުރަނީ

ހއ. އުލިގަމުގައި އިމިގްރޭޝަންގެ ހިދުމަތް ފުޅާކުރުމަށް އާ އޮފީހެއް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އުލިގަމުގައި އިމިގްރޭޝަންގެ އާ އޮފީހެއް އަޅަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

27 މާޗް 2025

ހއ. އުލިގަމުގައި އިމިގްރޭޝަންގެ ހިދުމަތް ފުޅާކުރުމަށް އާ އޮފީހެއް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. އިމިގްރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ކޮންޓްރޯލަރު އަހުމަދު ފަސީހު އެވެ.

އާންމުކޮށް ބޭރުގެ ޔޮޓްތައް ބަނދަރުކުރާ އަދި އިހަވަންދިއްޕޮޅުގެ ބަންކަރިންގެ ހިދުމަތަށް ބޭނުންވާ ވަސީލަތްތައް މިހާރު ވެސް ގާއިމުކޮށްފައިވާ އުލިގަމުގައި މިހާރު އިމިގްރޭޝަންގެ ހިދުމަތް ދެމުން އަންނަނީ އެމްއެންޑީއެފްގެ އިމާރާތަކުން ދީފައިވާ ކުޑަ ޖާގައެއްގަ އެވެ.

އުލިގަމުގައި އިމިގްރޭޝަން އޮފިީހެއް އެޅުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރުމުގެ ރަސްމިއްޔާތު: މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އަދި އިމިގްރޭޝަން ކޮންޓްރޯލަރު އަހުމަދު ފަސީހު-- ފޮޓޯ: އެމްޓީސީސީ

އިމިގްރޭޝަނުން ބުނީ އުލިމުގައި އިމިގްރޭޝަންގެ އާ އިމާރާތެއް އެޅުމުން އިހަވަންދިއްޕޮޅުގައި ފަށާފައިވާ އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތާ ގުޅިގެން ބޭރު ގައުމުތަކުން ރާއްޖެ އަންނަ އުޅަނދުފަހަރުގެ ދަތުރުވެރިންނާއި ފަޅުވެރިންނަށް އިމިގްރޭޝަން ކްލިއަރެންސް ދިނުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ.

މިހާރު އުލިގަމުގައި އިމިގްރޭޝަންގެ ހިދުމަތް ދެނީ އެ އޮފިސަރުން ތިބެގެން، ހަމައެކަނި ސީޕޯޓުގެ ހިދުމަތެވެ. ނަމަވެސް އާ އިމާރާތް ގާއިމުކުރެވުމާ އެކު ޕާސްޕޯޓާއި ވިސާ ފަދަ، އިމިގްރޭޝަންގެ އެހެނިހެން ހިދުމަތްތައް ލުއިފަސޭހަކަމާ އެކު ފޯރުކޮށްދެވި، އިހަވަންދިއްޕޮޅުގައި އިމިގްރޭޝަންގެ ހިދުމަތްތައް އިތުރަށް ފުޅާވެ، ތަރައްގީވެގެންދާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

ރާއްޖޭގެ އެންމެ އުތުރުގެ ސަރަހައްދުން ސްރީ ލަންކާ އާއި އިންޑިއާގެ އިތުރުން މެލޭޝިއާ އަދި ތައިލެންޑް ފަދަ ގައުމުތަކުން ރެޑްސީ ހުރަސްކޮށް ޔޫރަޕަށް ގިނަ އަދަދެއް ޔޮޓުތައް ދަތުރު ކުރާއިރު މަޑުކޮށްލާ މަންޒިލެއްގެ ގޮތުގައި އުލިގަން އޮންނަނީ މަޝްހޫރުވެފަ އެވެ. އަހަރަކު 100-150 ޔޮޓު އުލިގަމުގައި ބަނދަރު ކުރާއިރު، އެ ޔޮޓުތަކަށް އެންމެ އެކަށީގެންވާ ގޮތެއްގައި މިހާތަނަށް ހިދުމަތް ދިނުމަށް ގޮންޖެހުން ބޮޑެވެ.