Roadha Mihaaru

ޒަހަމްވެގެން ފަރުވާ ހޯދަން ހޮސްޕިޓަލަށް ވަނުމުން އެތަނަށް ވެސް އިޒްރޭލުން ބޮން އަޅައިފި

އިޒްރޭލުން މަރަން ބޭނުންވާ މީހުންގެ ލިސްޓުގައި ހިމެނޭ ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރެއްގެ ގެޔަށް ބޮން އެޅުމުން ވެސް އޭނާ ޒަހަމްތަކަކާ އެކު ސަލާމަތްވެގެން ހޮސްޕިޓަލަށް ފަރުވާ ހޯދަން ދިއުމުން އެތަނަށް ބޮން އަޅައި އޭނާ އަވަހަރާކޮށްލައިފި އެވެ.

އެންމެ މީހަކު މަރާލަން އިޒްރޭލުން ހޮސްޕިޓަލަށް ހަމަލާ

އިޒްރޭލުން މަރަން ބޭނުންވާ މީހުންގެ ލިސްޓުގައި ހިމެނޭ ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރެއްގެ ގެޔަށް ބޮން އެޅުމުން ވެސް އޭނާ ޒަހަމްތަކަކާ އެކު ސަލާމަތްވެގެން ހޮސްޕިޓަލަށް ފަރުވާ ހޯދަން ދިއުމުން އެތަނަށް ބޮން އަޅައި އޭނާ އަވަހަރާކޮށްލައިފި އެވެ.

"އިޒްރޭލުގެ އަސްކަރިއްޔާއިން އަވަހާރަކޮށްލީ ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރު އިސްމާއިލް ބަރްހޫމް،" ހަމާސްގެ އޮފިޝަލަކު ނަން ނުޖެހުމަށް އެދި އޭއެފްޕީއަށް ވިދާޅުވި އެވެ.

އިޒްރޭލުން ވަނީ "ޓެރަރިސްޓުންގެ އިސް މީހަކަށް" ހަމަލާ ދިން ކަމަށް ބުނެފަ އެވެ. އަދި އެއީ ބަރްހޫމް އަށް އަމާޒުކުރި ހަމަލާއެއް ކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޒް ވެސް ވަނީ ބުނެފަ އެވެ.

"މިދިޔަ އަންގާރަ ދުވަހުގެ ފަތިހު ޚާން ޔުނިސްގައި ހުންނަ އޭނާގެ ގެއަށް އަމާޒުކޮށް ދިން ވައިގެ ހަމަލާގައި ބަރްހޫމް އަށް ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާ ހޯދަމުން ދިޔަ ޚާން ޔުނިސްގެ ނާސިރު ހޮސްޕިޓަލުގެ އޮޕަރޭޝަން ރޫމަށް ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ބޮން އެޅި،" ހަމާސްގެ އޮފިޝަލް ވިދާޅުވި އެވެ.

އޭއެފްޕީގެ ފޮޓޯތަކުން ފެންނަ ގޮތުގައި އިޒްރޭލުން ހަމަލާދިން ކަމަށް ބުނާ ހަތަރު ބުރީގެ އިމާރާތް ނުވެއްޓި ސަލާމަތުން ހުއްޓަސް އަލިފާން ރޯވެ ވަނީ އަނދައިފަ އެވެ. އިޒްރޭލުން ބުނީ މިއީ "ވަރަށް އިތުބާރު ހުރި އިންޓެލިޖެންސް މައުލޫމާތަށް، ބޭނުންވާ މިންވަރަށް ހަތިޔާރު ބޭނުންކޮށްގެން" ދިން ހަމަލާއެއް ކަމަށެވެ.

ބަރްހޫމް އަކީ މިދިޔަ ހަފްތާގައި އިޒްރޭލުން އަލުން ޣައްޒާއަށް ހަމަލާ ދޭން ފެށި ފަހުން އަވަހާރަކޮށްލި ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ހަތަރު ވަނަ މެމްބަރެވެ.

ހަމާސް ޖަމާއަތުން ހިންގާ ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލު ސިފައިން ނާސިރު މެޑިކަލް ކޮމްޕްލެކްސްގެ ތެރޭގައި ހުންނަ ސާޖަރީ ބިލްޑިންއަށް އަމާޒުކޮށް ހަމަލާ ދިން އިރު އެތަނުގައި އެތައް ބަލި މީހުންނެއް ތިބި ކަމަށެވެ. އަދި ހަމަލާގައި އެތަނުގައި ވަރަށް ބޮޑަށް އަލިފާން ރޯވި ކަމަށް ބުންޏެވެ.

ހަމަލާގައި މަރުވީ އެންމެ މީހެއް ކަމަށާއި އެކަމަކު މެޑިކަލް ސްޓާފުންނާއި ބަލި މީހުންގެ އެތައް ބަޔަކު ޒަހަމްވި ކަމަށް ވަނީ ބުނެފަ އެވެ.