Roadha Mihaaru

ޕޯޗުގަލް އާއި ފްރާންސަށް އިންޒާރެއް، ސްޕެއިން ސަލާމަތްވީ ކިރިޔާ

ޔޫއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ފްރާންސް އާއި ޕޯޗުގަލް ބަލިވި އިރު، އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން ފަހު ވަގުތު ބަލި ނުވެ ސަލާމަތް ވެއްޖެ އެވެ.

ނޭޝަންސް ލީގުގައި ޕޯޗުގަލް އާއި ފްރާންސަށް އިންޒާރެއް

ޔޫއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ފްރާންސް އާއި ޕޯޗުގަލް ބަލިވި އިރު، އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން ފަހު ވަގުތު ބަލި ނުވެ ސަލާމަތް ވެއްޖެ އެވެ.

ރޭ ނެދަލެންޑްސްގައި ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ސްޕެއިން އާއި ނެދަލެންޑްސް ބައްދަލުކޮށް އެއްވަރުވީ 2-2 އިންނެވެ.

މެޗުގެ ނުވަވަނަ މިނިޓުގައި ނިކޯ ވިލިއަމްސް ސްޕެއިން އަށް ލީޑު ނަގައިދީފައި ވަނިކޮށް ނެދަލެންޑްސް އަށް އެއްވަރު ކޮށްދިނީ ކޯޑީ ގަކްޕޯ އެވެ. ދެވަނަ ހާފު ފެށިގޮތަށް ޓިޖާނީ ރެއިންޑާސްގެ ގޯލަކުން ނެދަލެންޑްސް ލީޑު ނެގި އެވެ.

ސްޕެއިން ނަތީޖާ އެއްވަރު ކުރި ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ސްޕެއިން ނަތީޖާ އެއްވަރު ކުރި ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

މެޗު ނިމެނިކޮށް ޖެރޯލް ހާޓޯ އަށް ރަތް ކާޑު ދެއްކުމުން އެކަކު މަދުކޮށް ކުޅެމުން ދިޔަ ނެދަލްންޑްސްއާ ސްޕެއިން އެއްވަރު ކުރީ އިތުރު ވަގުތުގައި މިކެލް މޮރީނޯ ޖެހި ގޯލުންނެވެ.

އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާ، އަމިއްލަ ގައުމުގައި ވަރުގަދަ ފްރާންސްގެ މައްޗަށް ކުރި ހޯދީ 2-0 އިންނެވެ. އެޓީމަށް މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނަގަން ޕެނަލްޓީއެއް ލިބުނު ނަމަވެސް، އަންޑްރޭ ކްރެމެރިކް ފޮނުވާލި ބޯޅަ ގޯލްކީޕަރު މައިކް މައިނާން ދިފާއު ކުރި އެވެ. އެޓީމަށް ލީޑު ނަގައިދިނީ އަންޓޭ ބުޑިމިއޭ އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލީޑު ފުޅާ ކުރި ގޯލު ޖަހައިދިނީ އިވާން ޕެރިސިޗް އެވެ.

ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ވަނީ ރޭގެ މެޗުގައި ފުލްކޮށް ކުޅެފައި.-- ފޮޓޯ: އޭއެފްޕީ

ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ވަނީ ރޭގެ މެޗުގައި ފުލްކޮށް ކުޅެފައި.-- ފޮޓޯ: އޭއެފްޕީ

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބްރޫނޯ ފެނާންޑޭޒް އާއެކު ކުޅުނު ޕޯޗުގަލް ރަށުން ބޭރުގައި ބަލިވީ ޑެންމާކާ ވާދަކޮށް 1-0 އިންނެވެ. ޑެންމާކްގެ ހަމައެކަނި ލަނޑު މެޗު ނިމެން ގާތްވެފައި ވަނިކޮށް ޖަހައިދިނީ ރަސްމުސް ހޮއިލަންޑް އެވެ.

ކުއާޓާ ފައިނަލްގައި ދެން ވާދަ ކުރަނީ ޖަރުމަނާއި އިޓަލީ އެވެ. އިޓަލީގައި ކުޅުނު މި މެޗު ޖަރުމަނު ކާމިޔާބު ކުރީ ފަހަތުން އަރައި 2-1 އިންނެވެ.

ޖަރުމަނުން އެއްވަރު ކުރި ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ޖަރުމަނުން އެއްވަރު ކުރި ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ނިއުކާސަލް ޔުނައިޓެޑާ އެކު މިދިޔަ ހަފްތާ އިނގިރޭސި އެފްއޭ ކަޕް ތަށި އުފުލާލި ސަންޑްރޯ ޓޮނާލީގެ ގޯލަކުން އިޓަލީ މެޗުގެ ނުވަވަނަ މިނިޓުގައި ލީޑު ނެގި ނަމަވެސް ޖަރުމަނުން ވަނީ ފަހު ހާފުގައި ނަތީޖާ އަނބުރާލައިފަ އެވެ. ޖަރުމަނަށް އެއްވަރު ކޮށްދިނީ ޓިމް ކްލެއިންޑިއެންސް އެވެ. އަދި މޮޅުވި ލަނޑު ޖަހައިދިނީ ލިއޯން ގޮރެޓްޒްކާ އެވެ.

ކުއާޓާ ފައިނަލްގެ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހުގެ ރެއެވެ.