Roadha Mihaaru

ތިލަމާލެ ބްރިޖަށް މިހާތަނަށް ހަތަރު ބިލިއަނެއްހާ ރުފިޔާ ހޭދަވެއްޖެ

މާލެ ސަރަހައްދު ގުޅުވާލުމަށް ހިންގާ ބިޔަ ޕްރޮޖެކްޓު، ތިލަމާލެ ބްރިޖު މަޝްރޫއަށް މިހާތަނަށް ހަތަރު ބިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފި އެވެ.

ތިލަމާލެ ބްރިޖަށް މިހާތަނަށް 4 ބިލިއަނެއްހާ ރުފިޔާ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

20 މާޗް 2025

މާލެ ސަރަހައްދު ގުޅުވާލުމަށް ހިންގާ ބިޔަ ޕްރޮޖެކްޓު، ތިލަމާލެ ބްރިޖު މަޝްރޫއަށް މިހާތަނަށް ހަތަރު ބިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ކޮންސްޓްރަކްޝަން މިނިސްޓްރީން މި މަހުގެ 6 ވަނަ ދުވަހު "މިހާރު"އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ޖީއެސްޓީ ނުހިމަނައި ތިލަމާލެ ބްރިޖަށް މިހާތަނަށް ވަނީ 251،563،940 ޑޮލަރު ހަރަދުކޮށްފަ އެވެ. އެއީ ރުފިޔާއިން ބަލާނަމަ 3.8 ބިލިއަން ރުފިޔާ އެވެ.

އިންޑިއާގެ ލޯނު އެހީގައި މާލެ-ވިލިމާލެ-ގުޅީފަޅު އަދި ތިލަފުށި ގުޅުވާލަން ހިންގާ މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވެ އެވެ. އެއީ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ.

މިނިސްޓްރީން ބުނީ މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ބްރިޖުގެ 51 ޕަސެންޓު ނިމިފައިވާ ކަމަށެވެ. އެ މަޝްރޫއު ނިންމައި ސަރުކާރާ ހަވާލުކުރުމަށް ކަނޑައަޅާފައިވަނީ ސެޕްޓެމްބަރު 30، 2026 އެވެ.

ނިމިދިޔަ ސަރުކާރުން ބްރިޖުގެ އެއްބަސްވުމުގައި ސެޕްޓެމްބަރު 16، 2021 ގައި ސޮއިކުރީ އެ ހުރިހާ މަސައްކަތެއް މެއި 17، 2024 އަށް ނިންމާ ގޮތަށެވެ. ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވަނިކޮށް، ކުރީގެ ސަރުކާރު ނިމެން އެއް ދުވަހަށް ވެފައިވަނިކޮށް، ނޮވެމްބަރު 16، 2023 ގައި އެ އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށް އިތުރުކުރީ އެވެ.

ހަތަރު ރަށް ގުޅުވާލާ ބްރިޖު ބަހާލާފައި ވަނީ ދެ ބަޔަކަށެވެ. މާލެއިން ފެށިގެން ގުޅިފަޅާ ހަމައަށް ބަލަނީ "އޭ" ސެކްޝަންގެ ގޮތުގަ އެވެ. އެ ތިން ރަށް ގުޅާލަން ފުރަތަމަ އެއްބަސްވީ 27 މަސް ދުވަހުން ނިންމާ ގޮތަށެވެ. ޝެޑިއުލާ އެއްގޮތަށް މަސައްކަތް ގެންދިޔަ ނަމަ، މިދިޔަ އަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހު އޮންނަން ވާނީ މާލެއިން ފެށިގެން ގުޅީފަޅާ ހަމައަށް ގުޅުވާލައިފަ އެވެ.

ނަމަވެސް، ފަހުން ސޮއިކުރި ސަޕްލިމެންޓްރީ އެގްރިމެންޓުގައި ވަނީ ސެކްޝަން އޭ ނިންމަން ދިން މުއްދަތު 54 މަސް ދުވަހަށް އިތުރުކޮށްފަ އެވެ. އެގްރިމެންޓުގައި މިހާރު އޮތީ މާޗު 31، 2026ގެ ކުރިން ސެކްޝަން އޭ ނިންމާ ގޮތަށެވެ. އަދި ޑިސެމްބަރު 31، 2025އާ ހަމައަށް މާލެ-ވިލިނގިލީ ގުޅުމާލުމަށް ވެސް އެއްބަސްވެފައިވެ އެވެ.

ސެކްޝަން ބީ އަކީ ގުޅީފަޅުން ފެށިގެން ތިލަފުއްޓާ ހަމައަށެވެ. ގުޅީފަޅާއި ތިލަފުށި ގުޅުވާލަން ފުރަތަމަ ދިނީ 32 މަސް ދުވަހެވެ. ތާވަލާ އެއްގޮތަށް މަސައްކަތް ގެންދިޔަ ނަމަ މެއި 27، 2024 ގެ ކުރިން އޮންނާނީ އެ ހިސާބުތައް ގުޅުވާލައިފަ އެވެ. ނަމަވެސް، ކުރީގެ ސަރުކާރުން ވަނީ ބީ ސެކްޝަން ދިން މުއްދަތު 65 މަސް ދުވަހަށް އިތުރުކޮށް ސެޕްޓެމްބަރު 30، 2026 އަށް ދަންމާލައިފަ އެވެ.