Roadha Mihaaru

މަރަޑޯނާގެ މަރާ ގުޅިގެން މެޑިކަލް ޓީމަށް ދައުވާ ކުރަނީ

އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ އެންމެ ފަހު ދުވަސްކޮޅު، އޭނާއަށް ފަރުވާ ދިނުމުގެ ޒިންމާ އުފުލި މެޑިކަލް ޓީމުން އިހުމާލުވެގެން އޭނާ މަރާލި ކަމުގެ ދައުވާ އުފުލަން ނިންމައިފި އެވެ.

މަރަޑޯނާގެ މަރާ ގުޅިގެން މެޑިކަލް ޓީމަށް ދައުވާ ކުރަނީ

އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ އެންމެ ފަހު ދުވަސްކޮޅު، އޭނާއަށް ފަރުވާ ދިނުމުގެ ޒިންމާ އުފުލި މެޑިކަލް ޓީމުން އިހުމާލުވެގެން އޭނާ މަރާލި ކަމުގެ ދައުވާ އުފުލަން ނިންމައިފި އެވެ.

އާޖެންޓީނާގެ ބީނޯސް އޭރީސްގައި މިއަދު ޝަރީއަތް ފެށުމަށް ހަމަޖެހިފައި ވާއިރު، މަރަޑޯނާ މަރު ވުމުގެ ޒިންމާ ނަގަން ޖެހޭނީ ފަރުވާ ދިނުމުގައި އިހުމާލުވި ހަތް މެޑިކަލް އޮފިސަރުން ކަމަށް އެ ގައުމުގެ ޕްރޮސެކިއުޓަރުން ވަނީ ބުނެފަ އެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި މަގުބޫލު މަރަޑޯނާ އުމުރުން 60 އަހަރުގައި 2020 ވަނަ އަހަރު މަރުވީ، ސިކުނޑީގައި ލޭކޮޅެއް ގަޑުވެގެން ކުރި އޮޕަރޭޝަނަށް ފަހު ރަނގަޅުވަމުން ދަނިކޮށް، ނިދާފައި އޮއްވައި ހާޓް އެޓޭކެއް ޖެހިގެންނެވެ.

އޭރު އޭނާ ވަނީ ހޮސްޕިޓަލުން ގެއަށް ވެސް ބަދަލު ކޮށްފަ އެވެ. ގޭގައި ފަރުވާގެ ކަންކަން ކުރިއަށް ގެންދިޔަ ނަމަވެސް ޑިއުޓީގައި ތިބި ނަރުހުންނަށް އޭނާ މަރުވި ސީދާ ގަޑިއެއް ވެސް ބުނެދެވިފައެއް ނުވެ އެވެ.

ކުރިން މަސްތުވާތަކެއްޗާއި ބަނގުރަލަށް ދެވި ހިފައި، އޭނާގެ ބަރުދަން ވެސް ވަރަށް މަތިވި އެވެ. އޭނާއަށް ވަނީ 2007 ވަނަ އަހަރު ވެސް ހާލު ސީރިއަސް ވެގެން ހޮސްޕިޓަލުގައި ދެ މަހެއްހާ ދުވަހު ފަރުވާ ދީފަ އެވެ. ނަމަވެސް މިނިވަން މެޑިކަލް ޕެނަލްއަކުން ހާމަ ކުރި ގޮތުގައި 2020 ވަނަ އަހަރު މަރަޑޯނާ މަރުވެފައި ވަނީ އޭނާއަށް ފަރުވާ ދިން ޑޮކްޓަރުންގެ ޓީމުގެ ފަރުވާކުޑަ ކަމުންނެވެ.

މައްސަލަ ބަލަން މަސައްކަތްކުރަމުން އަންނަ ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި، ސިކުނޑީގެ އޮޕަރޭޝަނަށް ފަހު އޭނާ ގެއަށް ދޫކޮށްލާފައި ވަނީ ހޮސްޕިޓަލުގައި ދޭންވާ އެކަށީގެންވާ ފަރުވާ ނުދީ މާ އަވަހަށެވެ. އަދި ގޭގައި ފަރުވާ ދީފައި ވަނީ އެކަށީގެންވާ މެޑިކަލް ޕްރޮޓޮކޯލްތަކާ ހިލާފަށް، އިންތިހާއަށް ފަރުވާ ކުޑަކޮށެވެ. މީގެ އިތުރުން ފަރުވާއަށް ބޭނުންވާ މުހިއްމު ސާމާނު ކަމަށްވާ ޑިފިބްރިލޭޓަރާއި އޮކްސިޖަން ވެސް ނެތް ކަމަށާއި، ހިތް ހުއްޓިގެން މަރުވުމުގެ 12 ގަޑިއިރު ކުރިން އޭނާގެ ހާލަތު ގޯސްވެފައިވާ މިންވަރު މޮނިޓާ ކުރެވުފައި ނުވާކަމަށް ވެސް ޕްރޮސެކިއުޓަރުން ބުނެ އެވެ.

މަރަޑޯނާގެ މެޑިކަލް ޓީމުން އިހުމާލުވެގެން އޭނާ މަރާލި ކަމުގެ ދައުވާ ސާބިތު ވެއްޖެ ނަމަ އެ މީހުންނަށް 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ދައުވާ ލިބޭ މެޑިކަލް ޓީމުގައި ހިމެނެނީ؛

- ލިއޮޕޮލްޑޯ ލޫކޭ: މަރަޑޯނާގެ ޕާސަނަލް ޑޮކްޓަރު އަދި ނިއުރޯސާޖަން. ސިކުނޑީގެ ސާޖަރީ ހަދައި، އޭނާ ގެއަށް ބަދަލުކުރުމުގެ ކަންކަން ބެލެހެއްޓީ ޑރ. ލޫކޭ.

- އަގުސްޓިނާ ކޮސާޗޯވް: ހާސްކަމާއި ޑިޕްރެޝަނަށް ބޭސްތައް ލިޔެދިން ސައިކިއޭޓްރިސްޓް.

- ކާލޯސް ޑިއާޒް: މަރަޑޯނާ ބަނގުރަލަށް ދެވިހިފި ހިފުމަށް ފަރުވާ ދިން އެޑިކްޝަން ސްޕެޝަލިސްޓް.

- ނޭންސީ ފޯލިނީ: މަރަޑޯނާގެ ހޯމް ކެއާ މެނޭޖްމަންޓްގައި ހަރަކާތްތެރިވި ޑޮކްޓަރު.

- މަރިއާނޯ ޕެރޯނީ: މަރަޑޯނާގެ ފަރުވާ ބަލަހައްޓަމުން ދިޔަ ނާސިން ކޯޑިނޭޓަރު.

- ރިކާޑޯ އަލްމިރޯން: މަރަޑޯނާގެ ސިއްހީ ހާލަތު ދުވަހުން ދުވަހަށް މޮނިޓާ ކުރުން ހަވާލުކޮށްފައިވާ ނަރުސް.

- ޕެޑްރޯ ޕަބްލޯ ޑި ސްޕަގްނާ: މަރަޑޯނާގެ މެޑިކަލް ޓީމުގެ ބައެއްގެ ގޮތުގައި ހިމެނުނު ކްލިނިކަލް ފިޒިޝަން.

މި ޓީމުގައި ދެން ހިމެނޭ ނަރުސް ގިސެލާ ޑަހިއާނާ މެޑްރިޑް ވަނީ ފަހުން ވަކި ޝަރީއަތެއް ބާއްވަން އެދިފަ އެވެ.