މީގެ ހަ މަސް ދުވަސްކުރިން ޒަހަމްތަކަކާ އެކު ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ އޮޓޯޕްސީ ނުހަދަން ފުލުހުން ނިންމި ނިންމުކީ ގޯސް ނިންމުމެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.
25 ފެބުރުއަރީ 2025
މީގެ ހަ މަސް ދުވަސްކުރިން ޒަހަމްތަކަކާ އެކު ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ އޮޓޯޕްސީ ނުހަދަން ފުލުހުން ނިންމި ނިންމުކީ ގޯސް ނިންމުމެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.
ޒަކިއްޔާއަށް އިންސާފު ހޯދައިދޭން ގޮވާލައި މިފަހުން އެރަށުގައި ކުރަން ފެށި ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އިހުސާނާއި ފުލުހުންގެ އިސްވެރިން ވަނީ ހޮޅުދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް ސުވާލު އުފެއްދީ މަރުގެ ބައެއް މައްސަލަތަކުގައި ޕޯސްޓްމޯޓަމް ހަދާއިރު ހަށިގަނޑުގެ ބޭރު ފުށުން ވެސް ގިނަ ޒަހަމްތަކެއް ފެންނަން އޮތް ޒަކިއްޔާގެ ޕޯސްޓްމޯޓަމެއް ނުހެދީ ކީއްވެތޯ އެވެ.
އެ މައްސަލާގައި އިހުސާން ވިދާޅުވީ މީގެ ކުރިން ވެސް އެތައް އޮޓޯޕްސީއެއް ހަދާފައިވާ ބޭރުގެ ބޭފުޅަކު ހަށިގަނޑު ބެއްލެވި ކަމަށެވެ. އެކަމަކު އޮޓޯޕްސީއެއް ހެދުމަށް ރާއްޖެއިން ބޭރަށް ނުފޮނުވާ ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ތިބޭފުޅުން އާދައިގެ ޕެތަލޮޖިސްޓެއް ކަމަށް، އެހެން ނަމަވެސް އެއީ މީގެ ކުރިން އެތައް އޮޓޮޕްސީއެއް ހަދާފައިވާ ރާއްޖޭގައި އެވަގުތު އެވައިލަބަލްކޮށް އެހެން މަސައްކަތެއްގައި އައިސް ހުރި ބޭފުޅެއް. އެހެންނަމަވެސް އަޅުގަނޑު ގަބޫލެއް ނުކުރަން އޭރު އޮޓޯޕްސީ ނުހަދާ ދޫކޮށްލި ދޫކޮށްލުން އެއީ އެންމެ ރަނގަޅުކަމެއް ކަމަށް."
"ގަބޫލުކުރަން އެ ދުވަހު އޮޓޯޕްސީއަކަށް ފޮނުވުނު ނަމަ އަޅުގަނޑުމެންނަށް މިއަދު މި ވާހަކައެއް ނުދައްކާނެ،" އާންމުންގެ ކަންބޮޑުވުންތަކާ ގުޅިގެން އިހުސާން ވިދާޅުވި އެވެ.
ޒަކިއްޔާ މަރުވެފައި އޮތް ދުވަހުގެ ރޭ، އޭނާގެ ހަށިގަނޑު މާލެ ގެނަ އެވެ. އެކަމަކު ތަހުލީލުތަކެއް ކުރުމަށް ފަހު އަނބުރާ ހަށިގަނޑު ފޮނުވާލީ ރަށަށެވެ.
އެ މައްސަލާގައި ފުލުހުންގެ ބައެއް އިހުމާލުތައް ވެސް ހުރިކަން ގަބޫލުކުރައްވާކަން ފާހަގަކުރައްވައި އިހުސާން ވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް އެރަށަށް ވަޑައިގެންނެވުނީ މާލަހުން ކަމަށާއި އެކަމަށް މާފަށް އެދޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ޒަކިއްޔާގެ މަރަށް ފަހު، އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުނުކުރާތީ ނަފްސާނީ ބިރުވެރިކަމެއް ރަށު ތެރޭގައި އެބަ އޮތް ކަމަށް އެ ބައްދަލުވުމުގައި ބައެއް މީހުން ބުންޏެވެ.
އެހެންވެ، އިހުސާން ވިދާޅުވީ ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާ ކުރެއްވުމަށް ފަހު، ނަފްސާނީ އެހީތެރިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ބޭރުގެ އެހީ ވެސް ހޯދައިގެން ތަހުގީގުކުރަމުން އަންނަ އެ މަރުގެ މައްސަލާގައި ލިބެންޖެހޭ ރިޕޯޓެއް އަދި ނުލިބޭ ކަމަށާއި އެ ރިޕޯޓު ލިބުމުންނާއި ރަށުގެ ރައްޔިތުންގެ ވާހަކަތައް އަޑު އައިގެން މައްސަލަ ތަހުގީގު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އަވަސް އަރުވާލައިގެން މައްސަލަ ބަލަން އުޅެގެން މުހިއްމު ކަންތައްތަކެއް އުނިވެދާނެ އެވެ.
"އިރާދަކުރެއްވިއްޔާ ތިބޭފުޅުންނަށް ވެސް އަދި އަޅުގަނޑުމެންނަށް ވެސް ތަސައްލީއެއް ލިބޭވަރުގެ ތަހުގީގެއް އަޅުގަނޑުމެން ނިންމާލާނަން." މިނިސްޓަރު ވިދާޅުވި އެވެ.
ޒަކިއްޔާގެ މަރުގެ މައްސަލާގައި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އޮތުމުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި އެޗްއާރުސީއެމުން ވެސް އެ މައްސަލަ ދަނީ ބަލަމުންނެވެ. އިހުސާން ވަނީ ތަހުގީގީ އިދާރާތަކަށް އެެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ. އެ މައްސަލާގައި ރަށުގެ މީހުން، އޭނާގެ ފިރިމީހާއަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުން އަންނައިރު މިހާތަނަށް ފިރިމީހާގެ ފަރާތުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީ ބަލައިނުގަންނަން: ކޮއްކޮ
ޒަކިއްޔާގެ ހަށިގަނޑުނަގައި އޮޓޯޕްސީ ހަދައިދޭން އެދިއްޖެ
ޒަކިއްޔާ މަރުވީ އަމިއްލައަށްވީ ޒަހަމުން: އޮޓޮޕްސީ
ޒަކިއްޔާ ހަށިގަނޑުގެ ވާޗުއަލް އޮޓޮޕްސީއެއް ހަދައިފި
ހޮޅުދޫގައި މުޒާހަރާ ކުރި ދެ މީހަކު ހައްޔަރުކޮށްފި
ތަހުގީގަށް ވަގުތުނަގަނީ އާދައިގެ މަރަކަށް ނުވާތީ: ސީޕީ
ޒަކިއްޔާގެ މަރު: ހޯމް މިނިސްޓަރާއި ސީޕީ ހޮޅުދުއަށް
ނުފޫޒު އޮތްނަމަ ކުރީގެ ވެރިން ތިބޭނީ ޖަލުގައި:އިހުސާން
ޒަކިއްޔާގެ މަރުގެ މައްސަލަ އެޗްއާރުސީއެމުން ބަލަނީ
"ކެތްތެރިކަން ކޮޅުންލައިފި، ގަސްތުގައި މަރާލީ"