Roadha Mihaaru

ކާބޯތަކެތީގެ ވަގުތީ ގަވާއިދަށް އަމަލުކުރުމުގެ މުއްދަތު އިތުރުކޮށްފި

ކާބޯތަކެތީގެ ހިދުމަތްދޭ ކެފޭ/ރެސްޓޯރަންޓުތަކާއި ގޭގައި އުފައްދާ ކާބޯތަކެތި ހެދުމުގައި އަމަލުކުރަންޖެހޭ ވަގުތީ ގަވައިދަށް އަމަލުކުރަން ފަށަންޖެހޭ މުއްދަތު އިތުރުކޮށްފި އެވެ.

ކާބޯތަކެތީގެ ވަގުތީ ގަވާއިދަށް އަމަލުކުރަން ވަގުތު ދީފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

25 ފެބުރުއަރީ 2025

ކާބޯތަކެތީގެ ހިދުމަތްދޭ ކެފޭ/ރެސްޓޯރަންޓުތަކާއި ގޭގައި އުފައްދާ ކާބޯތަކެތި ހެދުމުގައި އަމަލުކުރަންޖެހޭ ވަގުތީ ގަވައިދަށް އަމަލުކުރަން ފަށަންޖެހޭ މުއްދަތު އިތުރުކޮށްފި އެވެ.

"ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓަރީކޮށް ލައިސަންސް ދޫކުރުމުގައި އަމަލުކުރާނެ އިންތިގާލީ އުސޫލު ބަޔާންކުރާ ގަވާއިދު" ގައިވާ ގޮތުން ކާބޯތަކެތީގެ ހިދުމަތްދޭ ހުރިހާ ތަންތަނާއި ފަރާތްތަކުން ވެސް މިމަހުގެ 23 ގެ ކުރިން ރަޖިސްޓްރީވާން ޖެހެ އެވެ.

އޭގައިވާ ގޮތުން އެމްއެފްޑީއޭގައި ނުވަތަ ދައުލަތުގެ އެހެން އިދާރާއެއްގައި ރަޖިސްޓްރީކޮށްފައިވާ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި އެތަންތަނުގައި އުޅޭ މީހުން ލައިސަންސް ހޯދުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހެ އެވެ.

އެމްއެފްޑީއޭ އިން ބުނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވާލުމަށް ކަނޑައަޅާފައިވާ ގަވާއިދުތަކުގެ ތެރެއިން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ގުޅޭ ގަވާއިދުތަކަށް އަމަލުކުރަން ފެށެންދެން، ރަޖިސްޓްރީކުރުމާއި ލައިސަންސް ދޫކުރުމުގައި އަމަލުކުރާނީ އިންތިގާލީ އުސޫލު ބަޔާންކުރާ ގަވައިދަށް ކަމަށެވެ.

"ވީމާ، މި ގަވާއިދަށް އަމަލުކުރާ އަދި ތަންފީޒުކުރާ ފަރާތްތަކަށް މިކަން އެންގުމަށްޓަކައި އިއުލާން ކުރީމެވެ،" އެމްއެފްޑީއޭގެ އިއުލާނުގައިވެ އެވެ.

އެކަމާ ގުޅިގެން އެމްއެފްޑީއޭގެ އޮފިޝަލަކު ވިދާޅުވީ ކާބޯތަކެތީގެ ގަވާއިދު ފައިނަލްކޮށް މިއަދު އޭޖީ އޮފީހަށް ފޮނުވޭނެ ކަމަށެވެ. އަދި ރޯދަ މަހުގެ ތެރޭގައި ގަވާއިދު އާންމުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ ގަވާއިދު އާންމުކުރެވެން ދެން ވަގުތީ ގަވާއިދަށް އަމަލުކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ވަގުތީ ގަވާއިދުގައިވާ ގޮތުން ރަޖިސްޓްރީވުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ލިބޭއިރު ރަޖިސްޓަރީނުކޮށް ކާބޯތަކެތީގެ ހިދުމަތް ދިނުމަކީ ނުވަތަ ވިޔަފާރިކުރުމަކީ މަނާ ކަމެކެވެ. ރަޖިސްޓްރީ ނުކޮށް ކާބޯތަކެތީގެ ހިދުމަތް ދޭނަމަ އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައިގެން 10،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

ކާބޯތަކެއްޗާ ބެހޭ ގަވައިދުތައް ހަރުކަށިކޮށްފައި ވަނީ މާލޭގައި ސާފުތާހިރުކަން ކުޑަ ތަންތަނުގައި ބިދޭސީން ކާބޯތަކެތި ތައްޔާރުކުރާ މައްސަލަ މި ފަހުން ބޮޑުވެގެންނެވެ. މިދިޔަ އަހަރުގެ އިމިގްރޭޝަނުން ހިންގި ބައެއް އޮޕަރޭޝަންތަކަށް ފަހު އާންމުކުރި ވިޑިއޯ އާއި ފޮޓޯތަކުން ފެންނަ ގޮތުގައި ދިވެހިން ކެއުމަށް ބޭނުންކުރާ ބާވަތްތައް އެއްވެސް ސާފުތާހިރު ކަމެއް ނެތް ގޮތަށް ތައްޔާރުކުރާ ގިނަ އަދަދެއްގެ ތަންތަން މާލޭގައި އެބަ ހުއްޓެވެ.