Roadha Mihaaru

ޕޮލިސް ފްލެޓް އެޅުމުގައި ޕޮލްކޯއަށް ކުރާ ތުހުމަތުތައް އަވަސް މައްސަލައެއްގެ ގޮތުގައި ބަލަނީ

ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯ އިން ވަކި ބަޔަކަށް ފައިދާވާ ގޮތަށް ހުޅުމާލޭގައި ފްލެޓު އިމާރާތްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފި އެވެ.

ޕޮލިސް ފްލެޓް މައްސަލާގައި އޭސީސީން އަވަސް ތަހުގީގެއް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

28 ޖެނުއަރީ 2025

ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯ އިން ވަކި ބަޔަކަށް ފައިދާވާ ގޮތަށް ހުޅުމާލޭގައި ފްލެޓު އިމާރާތްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޮޑިޓާ ޖެނަރަލްގެ އޮފީހުން ނެރުނު އޮޑިޓު ރިޕޯޓުގައި ބުނީ ފްލެޓްތަކަށް މިހާތަނަށް 1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އެއީ، 355 މިލިއަން ރުފިޔާގެ ގެއްލުމުގައި ހިންގާފައިވާ މަޝްރޫއެއް ކަމަށެވެ.

އެ ރިޕޯޓުގައިވާ ގޮތުން މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކޮންޓްރެކްޓަރުންނާ އެކު ވެފައިވާ އެއްބަސްވުންތަކަށް އެކި ފަހަރު މަތިން ބޮޑެތި ބަދަލުތައް ގެނެސްފައިވެ އެވެ. ކޮންޓްރެކްޓަރުން ނިންމާ މަސައްކަތްތަކަށް ފައިސާ ދެއްކުމުގެ ބަދަލުގައި އެކި ނަންނަމުގައި ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

އެ މުއާމަލާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަށް ނުވަތަ ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ މަގްސަދު ކަންކަން ކޮށްފައިވާ ކަމަށް ބެލެވޭތީ އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް އޭސީސީ އާއި އެހެން ތަހުގީގީ އިދާރާތަކަށް ހުށަހެޅުމަށް ވެސް އޮޑިޓުގައި ލަފާ ދީފައިވެ އެވެ.

އެ މައްސަލާގައި އޭސީސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އަވަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުންދާ ކަަމަށެވެ. އެއީ ބަލަމުންދާ މައްސަލައަކަށްވާތީ ތަފްސީލު ދޭން އުނދަގޫ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެކަން އަވަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާއިރު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ވަނީ އޭސީސީން ހިންގާ ތަހުގީގުތައް ލަސްވަމުންދާ ކަމުގެ ޝަކުވާ ލިބޭތީ އެ ކޮމިޝަންގެ ތަހުގީގުތައް އަވަސްކުރަން އަމުރެއް ނެރުއްވައިފަ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ މަޝްރޫއުގެ މަސައްކަތްތައް ނުނިމި ލަސްވެގެން ދިއުމާއި ކޮންޓްރެކްޓަރަށް ސީދާ ފައިދާވާ ގޮތަށް އަދި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ. އެހެންވެ، އެކަންކަން ކުރިއަށް ދިޔައިރު ޕޮލްކޯގެ ޑިރެކްޓަރުންގެ ބޯޑުގައި ތިބި ފަރާތްތަކާއި އިސްވެރިން، އެކަމުގައި ބަލަންޖެހޭ ކަންކަން ބަލައި ފިޔަވަޅު އަޅާފައިނުވާތީ އެ ފަރާތްތައް ޒިންމާކުރުމަށް ވެސް އޮޑިޓު އޮފީހުން ވަނީ ބުނެފަ އެވެ.

ޖޫން، 23، 2013 ގައި ފެށި ފުލުހުންގެ ހައުސިން ޕްރޮޖެކްޓް، ބްލޫސް ހައުސިން، އެންމެ ފުރަތަމަ ހަވާލުކުރީ ނޫމަޑި ކިޔާ ކުންފުންޏަކަށެވެ. އޭރު ރާއްޖޭގައި ހަރަކާތްތެރިވަމުން އައި ނޫމަޑިއާ ހަވާލުކޮށްގެން އެ މަޝްރޫއު ކުރިއަށް ގެންދިޔައީ ނޫމަޑިން ކޮންޓްރެކްޓަ ފައިނޭންސް ކުރާ އުސޫލުންނެވެ. އެކަމަކު ސިޔާސީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި ފައިސާގެ ދަތިކަމާ ހެދި ނޫމަޑީގެ އެގްރިމެންޓް ޖެނުއަރީ 27، 2016 ގައި ބާތިލް ކުރި އެވެ.

ދެން އެ މަޝްރޫއު ހިންގާފައި ވަނީ އައިލެންޑް އެކްސްޕާޓުންނެވެ. އެކަމަކު ކޮވިޑާ އެކު ކުންފުނި ބަނގުރޫޓުވެ، މަޝްރޫއު އިތުރަށް ކުރިއަށް ނުގެންދެވުމުން އެއްބަސްވުން އުވާލީ އެވެ. އޭގެ ފަހުން އެ ފްލެޓްތަކުގެ މަސައްކަތްކުރީ އަަމިން ކޮންސްޓްރަކްޝަނުންނެވެ. އެކަމަކު 2022 ގައި އެ މަޝްރޫއު އެއްކޮށް ނިންމަން އޮތަސް ފަހުން ނިންމީ މުއްދަތު އިތުރުކޮށްދީގެންނެވެ.

އެ މަޝްރޫއުގެ ދަށުން އިމާރާތް ކުރި ތިން ކޮޓަރީގެ 361 ފްލެޓުގައި މިދިޔަ އަހަރުން ފެށިގެން ފުލުހުން އަންނަނީ ދިރިއުޅެމުންނެވެ.