Roadha Mihaaru

އޭސީސީން ބުނަނީ ޝުޖާއުއާ ގުޅޭ މައްސަލައިގެ ރިޕޯޓުގެ ތަހުގީގު ކުރާތާ ދުވަސްތަކެއް ވެއްޖެ ކަމަށް

ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ހިންގާފައިވާ ބައެއް މުއާމަލާތްތަކަކާ ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތައްޔާރުކުރި ރިޕޯޓުގައި ހިމެނޭ މައްސަލަތަކުގެ ތަހުގީގު ކުރާތާ "ދުވަސްތަކެއް" ވެފައިވާ ކަމަށް އޭސީސީން މިއަދު ބުނެފި އެވެ.

ޝުޖާއުއާ ގުޅޭ ރިޕޯޓުގެ މައްސަލަ ބަލާތާ ދުވަސްތަކެއް!

ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ހިންގާފައިވާ ބައެއް މުއާމަލާތްތަކަކާ ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތައްޔާރުކުރި ރިޕޯޓުގައި ހިމެނޭ މައްސަލަތަކުގެ ތަހުގީގު ކުރާތާ "ދުވަސްތަކެއް" ވެފައިވާ ކަމަށް އޭސީސީން މިއަދު ބުނެފި އެވެ.

ޝުޖާއުއާ ގުޅުން ހުރި ކުންފުނިތަކަކުން ކޮށްފައިވާ މާލީ މުއާމަލާތުތަކާ ގުޅޭ ގޮތުން އެފްއައިޔޫ އިން ތައްޔާރު ކޮށްފައިވާ ރިޕޯޓެއް މީގެ ދެ ދުވަސް ކުރިން ސޯޝަލް މީޑިއާގައި އާންމުވުމާ އެކު އޭނާ ވިދާޅުވީ، އެއީ ސައްހަ އެއްޗެއްކަން ނުވަތަ ނޫންކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"ސަބަބަކީ އެކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ރަސްމީ އިދާރާއަކުން އަޅުގަނޑަށް ލިބިފައި ނުވާތީ އެވެ،" ޝުޖާއު ވިދާޅުވެފައި ވެ އެވެ.

އެކަމަކު، އެ ރިޕޯޓާ ގުޅޭ ގޮތުން "މިހާރު" އިން މިއަދު ސުވާލު ކުރުމުން އޭސީސީގެ އިސް އޮފިޝަލަކު ވިދާޅުވީ، އެފްއައިޔޫގެ ރިޕޯޓު ލިބިފައިވާ ކަމަށާއި އޭގައި ބުނެފައިވާ މައްސަލަތައް ބަލާތާ "ދުވަސްގަނޑެއް" ވެއްޖެ ކަމަށެވެ.

"ފުލުހުން ފޮނުވާ ރިޕޯޓާއި އަދި އެފްއައިޔޫގެ ރިޕޯޓުތަކުގައި ހުންނަ މައްސަލަތައް އަޅުގަނޑުމެން އިސް ނަގައިގެން ބަލަންޖެހޭ ހާލަތްތަކުގައި ބަލަމުން ދޭ އަބަދުވެސް. އެގޮތުގެ މަތިން އެފްއައިޔޫގެ ރިޕޯޓުގައި ހިމެނޭ ކަންކަން ވެސް އަޅުގަނޑުމެން ބަލަމުންދާތާ ދުވަސްގަނޑެއް ވެއްޖެ. އެއީ އާންމު ޕްރޮސެސްއެއް. އަޅުގަނޑުމެންގެ މެންޑޭޓަށް ފެތޭ ނަމަ އެ ކަމެއް ބަލާނެ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް އޭސީސީން ނުދެ އެވެ.

ފުލުހުން ވެސް އިއްޔެ ބުނެފައި ވަނީ ޝުޖާއުއާ ގުޅޭ އެފްއައިޔޫގެ ރިޕޯޓުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެކަމަކު، އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ވެސް ނުދެ އެވެ.

އެފްއައިޔޫގެ ރިޕޯޓުގައިވާ ގޮތުން، ޝުޖާއުގެ އޮފިޝަލް އިވެންޓްސްއާ އެކު އިތުރު ހަތަރު ކުންފުންޏަކުން ވަނީ މުއާމަލާތްކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސްވޯން ފެމިލީ އާއި ސްޓޯ ޕްރޯސް ޓްރޭޑިން އާއި ކުއިކް ޝުއާ އަދި ޑީކިއު ހޯލްޑިންސް އެވެ. އަދި މި ރިޕޯޓު ތައްޔާރުކުރީ އޭގައި ބުނާ ގޮތުން ޝުޖާއުގެ އިތުރުން އޭނާގެ އާއިލާއާ ގުޅުން އޮންނަ ބައެއް ކަމަށްވާ މުހައްމަދު ނާފިޒާއި އަހުމަދު އަދުހަމްއާ ބެހޭ ގޮތުންނެވެ.

މީގެ ތެރެއިން ނާފިޒަކީ ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެކެވެ. އަދުހަމަކީ އޮފިޝަލް އިވެންޓުގެ އެއް ހިއްސާދާރެވެ. އަދުހަމް ގެންދަވަނީ ޕީއެސްއެމްގެ ބޯޑުގެ މެމްބަރުކަން ވެސް ކުރައްވަމުންނެވެ.

އާންމުވެފައިވާ ލިޔުންތަކުން ފެންނަ ގޮތުގައި ނޮވެމްބަރު 1، 2023 އިން ޖެނުއަރީ 2024 އަށް ޝުޖާއު އާއި އާއިލާގެ މި ދެ މެންބަރުންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ސަރުކާރުގެ އެކި އިދާރާތަކުން 42.5 މިލިއަން ރުފިޔާ އެކި އިވެންޓުތަކާ ގުޅުވައިގެން ދީފަ އެވެ.

ނޮވެމްބަރު 13، 2023 ގައި ފިނޭންސް މިނިސްޓްރީން ސިފައިންގެ ކުންފުނި، ސިވެކަށް ދެއްކި 23 މިލިއަން ރުފިޔާގެ ތެރެއިން 13 މިލިއަން ރުފިޔާ އޮފިޝަލް އިވެންޓްސް އަށް ދޫކުރި ކަމަށް ރިޕޯޓުގައި ބަޔާން ކޮށްފައި ވެ އެވެ. ފިނޭންސް މިނިސްޓްރީން ސިވެކަށް ދޫކުރި ކަމަށް ބުނާ 23 މިލިއަން ރުފިޔާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ހަރަދުތަކެވެ.

އޭގެ ތެރެއިން 13 މިލިއަން ރުފިޔާ އޮފިޝަލް އިވެންޓްސް އަށް ދޫކުރުމުން ފައިސާގެ ބައެއް ގޮސްފައި ވަނީ އެފްއައިޔޫގެ ރިޕޯޓުގައި ބުނާ ދެ ކުންފުންޏަކަށެވެ. އެއީ ޑީކިއު ހޯލްޑިންސް އަށް 4.2 މިލިއަން ރުފިޔާ އަދި ކުއިކް ޝުއާ އަށް 2.3 މިލިއަން ރުފިޔާ އެވެ.

އޮފިޝަލް އިވެންޓްސް އަށް ސިވެކުން ދޫކުރި ފައިސާގެ ތެރެއިން 8 މިލިއަން ހަރަދުކުރީ އޮފިޝަލް އިވެންޓްސްގެ ހިއްސާދާރުންނަށް ދެ އެޕާޓްމަންޓެއް ގަތުމަށް ކަމަށް ވެސް އެފްއައިޔޫގެ ރިޕޯޓު ކަމަށް ބުނާ ރިޕޯޓުގައި ބުންޏެވެ. އޭގައި ބުނާ 8 މިލިއަނަކީ ކޮމިޓްމަންޓު ފީ އެވެ. ކޮންމެ އެޕާޓްމަންޓެއްގެ އަގަކީ 20 މިލިއަން ރުފިޔާ އެވެ.

ޝުޖާއުގެ ރައްދު

އެފްއައިޔޫގެ ރިޕޯޓު އާންމުވުމާ އެކު، ޝުޖާއު ވިދާޅުވީ، ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގެ ތެރެއިން އޭނާގެ ކުންފުނިން ރާއްޖޭގައި ކުރަނީ ކާމިޔާބު މަސައްކަތްތަކެއް ކަމަށެވެ.

"ރައީސް ޔާމީން، ރައީސް ސާލިހް އަދި ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި ވެސް ހެދިފައިވާ އުސޫލުތަކުގެ ތެރެއިން އެކި ޕްރޮޖެކްޓުތައް ވާނީ ކާމިޔާބު ކަމާއެކު ހިންގާފަ އެވެ. އަދި މިފަދަ މަސައްކަތްތަކުގެ ބިޑުތައް އަޅުގަނޑުމެންގެ ކުންފުންޏަށް ކާމިޔާބުވެފައި ވަނީ ތަޖުރިބާ އާއި މަސައްކަތުގެ ފެންވަރު ވަރަށް ބޮޑު ތަނުން ރަނގަޅުވީމާ ކަމީ ފެންނަން އޮތް ހަގީގަތެކެވެ. އެ ކަންކަން އަޅުގަނޑުމެންގެ މަސައްކަތްތަކުން ފެންނާނެ އެވެ،" ދިފާއުގައި ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ކަމަށް ވިޔަސް އަދި ދިވެހި ކޮންމެ ރައްޔިތަކަށް ވެސް މިނިވަންކަމާ އެކު، ވިޔަފާރިކޮށް އުޅުމަށް ލިބިދޭ ހައްގުގެ ތެރެއިން، އޭނާގެ ވިޔަފާރި ފުޅާކޮށް، ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށް ވަޑައިގަތުމަކީ އުންމީދެކެވެ.

"އަަޅުގަނޑާއި އަޅުގަނޑު ހިއްސާ އޮންނަ އެއްވެސް ކުންފުންޏަކާ ގުޅޭގޮތުން މިއަދާ ހަމައަށް ވެސް އަދި ދުވަހަކު ވެސް އެއްވެސް އިދާރާއަކުން އެއްވެސް ކަމެއް ސާފުކޮށް އެއްވެސް މައްސަލައެއް ބަލާފައެއް ނެތެވެ. އަދި އިންޝާﷲ، ބަލަންޖެހޭ މައްސަލައެއް ނުވެސް އޮންނާނެ އެވެ. އަދި އެއްވެސް މައްސަލައެއް ބަލަން އޮތް ނަމަ ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރައްވާނެ އެވެ،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު މާލިއްޔަތު ކޮމިޓީން ވަކިކޮށްފި

އެފްއައިޔޫގެ ރިޕޯޓު އާންމުންނަށް ފެންމަތިވެ، ބޮޑު މައްސަލަގަނޑަކަށް ވެފައި ވަނިކޮށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ވެސް ޝުޖާއު މިއަދު ވަނީ ވަކިކޮށްފަ އެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވި ގޮތުން ޝުޖާއުގެ ބަދަލުގައި މަޖިލިހުގައި މާލީ ކަންކަމާ ގުޅޭ އެންމެ މުހިންމު އެއް ކޮމިޓީ އަށް ހަމަޖެއްސެވީ ގުރައިދޫ ދާއިރާގެ މެމްބަރު ހަނާން މުހައްމަދު ރަޝީދެވެ. ޝުޖާއު ބަދަލުކުރެއްވީ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީއަށެވެ.