Roadha Mihaaru

ޝުޖާއުއާ ގުޅޭ އިންޓެލިޖެންސް ރިޕޯޓް ފުލުހުން ތަހުގީގު ކުރަނީ

ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ހިންގާފައިވާ ބައެއް މުއާމަލާތްތަކަކާ ގުޅޭ ގޮތުން މަރުކަޒީ ބޭންކު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓުގެ މައްސަލައިގެ ތަހުގީގެއް ފުލުހުން ފަށައިފި އެވެ.

ޝުޖާއުއާ ގުޅޭ އިންޓެލިޖެންސް ރިޕޯޓް ތަހުގީގު ކުރަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

03 އޯގަސްޓް 2025

ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ހިންގާފައިވާ ބައެއް މުއާމަލާތްތަކަކާ ގުޅޭ ގޮތުން މަރުކަޒީ ބޭންކު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓުގެ މައްސަލައިގެ ތަހުގީގެއް ފުލުހުން ފަށައިފި އެވެ.

ސޯޝަލްމީޑިއާގައި އާއްމުކޮށްފައިވާ އެ ރިޕޯޓަކީ ސައްހަ އެއްޗެއްކަން ނުވަތަ ނޫން ކަން އެމްއެމްއޭ އިން މިހާތަނަށް ކަށަވަރެއް ނުކޮށްދެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރިޕޯޓުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން ޝުޖާއުގެ އޮފިޝަލް އިވެންޓްސްއާ އެކު އިތުރު ހަތަރު ކުންފުންޏަކުން ވަނީ މުއާމަލާތްކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސްވޯން ފެމިލީ އާއި ސްޓޯ ޕްރޯސް ޓްރޭޑިން އާއި ކުއިކް ޝުއާ އަދި ޑީކިއު ހޯލްޑިންސް އެވެ. އަދި މި ރިޕޯޓު ތައްޔާރުކުރީ އޭގައި ބުނާ ގޮތުން ޝުޖާއުގެ އިތުރުން އޭނާގެ އާއިލާއާ ގުޅުން އޮންނަ ބައެއް ކަމަށްވާ މުހައްމަދު ނާފިޒާއި އަހުމަދު އަދުހަމްއާ ބެހޭ ގޮތުންނެވެ.

ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު

ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު

މީގެ ތެރެއިން ނާފިޒަކީ ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެކެވެ. އަދުހަމަކީ އޮފިޝަލް އިވެންޓުގެ އެއް ހިއްސާދާރެވެ. އަދުހަމް ގެންދަވަނީ ޕީއެސްއެމްގެ ބޯޑުގެ މެމްބަރުކަން ވެސް ކުރައްވަމުންނެވެ.

އާންމުވެފައިވާ ލިޔުންތަކުން ފެންނަ ގޮތުގައި ނޮވެމްބަރު 1، 2023 އިން ޖެނުއަރީ 2024 އަށް ޝުޖާއު އާއި އާއިލާގެ މި ދެ މެންބަރުންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ސަރުކާރުގެ އެކި އިދާރާތަކުން 42.5 މިލިއަން ރުފިޔާ އެކި އިވެންޓުތަކާ ގުޅުވައިގެން ދީފައިވެ އެވެ.

ތުހުމަތުތައް ދޮގުކުރައްވައި ޝުޖާއު ވިދާޅުވީ، އޭނަގެ ކުންފުނިން ހުރިހާ ކަމެއް ވެސް ކުރަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް ކަމަށެވެ.

ނޮވެމްބަރު 13، 2023 ގައި ފިނޭންސް މިނިސްޓްރީން ސިފައިންގެ ކުންފުނި، ސިވެކަށް ދެއްކި 23 މިލިއަން ރުފިޔާގެ ތެރެއިން 13 މިލިއަން ރުފިޔާ އޮފިޝަލް އިވެންޓްސް އަށް ދޫކުރި ކަމަށް ރިޕޯޓުގައި ބަޔާން ކޮށްފައި ވެ އެވެ. ފިނޭންސް މިނިސްޓްރީން ސިވެކަށް ދޫކުރި ކަމަށް ބުނާ 23 މިލިއަން ރުފިޔާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ހަރަދުތަކެވެ.

އޭގެ ތެރެއިން 13 މިލިއަން ރުފިޔާ އޮފިޝަލް އިވެންޓްސް އަށް ދޫކުރުމުން ފައިސާގެ ބައެއް ގޮސްފައި ވަނީ އެފްއައިޔޫގެ ރިޕޯޓުގައި ބުނާ ދެ ކުންފުންޏަކަށެވެ. އެއީ ޑީކިއު ހޯލްޑިންސް އަށް 4.2 މިލިއަން ރުފިޔާ އަދި ކުއިކް ޝުއާ އަށް 2.3 މިލިއަން ރުފިޔާ އެވެ.

އޮފިޝަލް އިވެންޓްސް އަށް ސިވެކުން ދޫކުރި ފައިސާގެ ތެރެއިން 8 މިލިއަން ހަރަދުކުރީ އޮފިޝަލް އިވެންޓްސްގެ ހިއްސާދާރުންނަށް ދެ އެޕާޓްމަންޓެއް ގަތުމަށް ކަމަށް ވެސް އެފްއައިޔޫގެ ރިޕޯޓު ކަމަށް ބުނާ ރިޕޯޓުގައި ބުންޏެވެ. އޭގައި ބުނާ 8 މިލިއަނަކީ ކޮމިޓްމަންޓު ފީ އެވެ. ކޮންމެ އެޕާޓްމަންޓެއްގެ އަގަކީ 20 މިލިއަން ރުފިޔާ އެވެ.

ޝުޖާއު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ކަމަށް ވިޔަސް އަދި ދިވެހި ކޮންމެ ރައްޔިތަކަށް ވެސް މިނިވަންކަމާ އެކު، ވިޔަފާރިކޮށް އުޅުމަށް ލިބިދޭ ހައްގުގެ ތެރެއިން، އޭނާގެ ވިޔަފާރި ފުޅާކޮށް، ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށް ވަޑައިގަތުމަކީ އުންމީދެކެވެ.

ޝުޖާއު ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭގޮތުން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓު އާންމުވެފައި ވަނިކޮށް މިއަދު ވަނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާ އަބްދުﷲ އަޝްރަފް މަގާމުން ބަދަލުކޮށް އެ މަގާމަށް އިސްމާއިލް ސާޖިދު އައްޔަންކޮށްފަ އެވެ.

އެމްއެމްއޭ އިން ބުނީ އެ ބަދަލަކީ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ގެންނަމުންދާ ސްޓްރަކްޗަރަލް ބަދަލުތަކުގެ ތެރެއިން ބަދަލެއް ކަމަށެވެ.