Roadha Mihaaru

އޭސީސީގެ ރައީސް ޝާމިލް ދޮގު ހެކި ދިން ކަމަށް ބުނެ ޖިނާއީ ތަހުގީގު ހިންގަން ފަނޑިޔާރު އަޒްމިރަލްދާ ފުލުހަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާ ގުޅޭގޮތުން ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާދަމް ޝާމިލްގެ މައްސަލަ ތަހުގީގުކުރަން ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ފުލުހަށް ހުށަހަޅައިފި އެވެ.

ދޮގުހެކި ދިން ކަމަށް ބުނެ ޝާމިލްގެ މައްސަލަ ފުލުހަށް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

06 އެޕްރީލް 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާ ގުޅޭގޮތުން ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާދަމް ޝާމިލްގެ މައްސަލަ ތަހުގީގުކުރަން ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ފުލުހަށް ހުށަހަޅައިފި އެވެ.

އަޒްމިރަލްދާގެ ވަކީލުން ނެރުނު ބަޔާނުގައި ބުނީ އޭސީސީން ޖިނާއީ ތަހުގީގެއް ފަށާފައި ނުވަނީސް، ފަނޑިޔާރުގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ޝާމިލް ސިޓީއެއް ފޮނުވުމަކީ ދޮގު މައުލޫމާތު ދިނުން ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އެހެންވެ، އެ މައްސަލައިގައި އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް ފުލުހަށް ވަނީ ހުށަހަޅައިފަ އެވެ. އޭގެ އިތުރުން ފަނޑިޔާރު އަޒްމިރަލްދާއަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރި މައްސަލައިގައި ވެސް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އޭނާގެ ފަރާތުން ވަނީ ޕޮލިހަށް ހުށަހަޅައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލާގެ އަޑުއެހުމެއް ފަށަން ތައްޔާރުވެފައި ވަނިކޮށް، ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަޒްމިރަލްދާ ހިމެނިވަޑައިގަންނަވާ ގޮތަށް އިތުރު ދެ ފަނޑިޔާރުން މިދިޔަ ފެބްރުއަރީ 26 ވަނަ ދުވަހު ސަސްޕެންޑުކުރީ އޭސީސީން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެވެ.

އެކަމަކު، އެ ކޮމިޝަނުން ބަލަނީ ކޮން މައްސަލައެއް ކަމެއް މިހާތަނަށް އަދި ހާމައެއް ނުކުރެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅުމުން ވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ތުހުމަތުކޮށް އޭސީސީން ތަހުގީގު ކުރަމުން ދަނީ ކޮން މައްސަލައެއް ކަމެއް ނުބުނެ އެވެ.

އަޒްމިރަލްދާ ވަނީ ޝާމިލް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ދޮގު މައުލޫމާތު ހިމެނި ކަމަށް ތުހުމަތު ކުރައްވައި، އޭސީސީއަށް ވެސް މިދިޔަ މަހު މައްސަލަ ހުށަހަޅައިފަ އެވެ. އެ ކޮމިޝަނުން މައްސަލަ އޮތީ ބަލައިގެންފަ އެވެ.