Roadha Mihaaru
ކެމިކަލްގެ އަސަރު އެންމެ ބޮޑަށް ހުންނަނީ ސްޓްރޯބެރީގައި

ކެމިކަލްގެ އަސަރު އެންމެ ބޮޑަށް ހުންނަނީ ސްޓްރޯބެރީގައި

11 މާޗް 2017

އާންމުކޮށް ވިއްކަން ހުންނަ ދަނޑުވެރިކަމުގެ ބާވަތްތަކުގެ ތެރެއިން، ފަނިފަކުސަ މަރަންޖަހާ ބޭސް ނުވަތަ ޕެސްޓިސައިޑްގެ އަސަރު އެންމެ ބޮޑަށް ހުންނަ އެއްޗަކީ ސްޓްރޯބެރީ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އާންމުކޮށް ވިއްކަން ހުންނަ ދަނޑުވެރިކަމުގެ ބާވަތްތަކުގެ ތެރެއިން، ފަނިފަކުސަ މަރަންޖަހާ ބޭސް ނުވަތަ ޕެސްޓިސައިޑްގެ އަސަރު އެންމެ ބޮޑަށް ހުންނަ އެއްޗަކީ ސްޓްރޯބެރީ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އެމެރިކާގެ ދިރާސާ ގްރޫޕެއް ކަމަށްވާ އެންވަޔަރަމެންޓަލް ވާކިން ގްރޫޕް (އީޑަބްލިޔުޖީ) ގެ މި އަހަރުގެ ރިޕޯޓްގައި، އެންމެ ތަޣައްޔަރު އެއްޗެއްގެ ގޮތުގައި ސްޓްރޯބެރީ ހިމެނުނު އިރު މިދިޔަ އަހަރުގެ ލިސްޓުގައި ވެސް ސްޓްރޯބެރީ އޮތީ އެންމެ ކުރީގަ އެވެ.

އީޑަބްލިޔުޖީ އިން އެތައް ހާސް އެއްޗެއް ޓެސްޓްކުރި އިރު އޭގެ ތެރެއިން 70 ޕަސެންޓް އެއްޗެހީގައި ކޮންމެވެސް ޕެސްޓިސައިޑެއްގެ އަސަރު ހުރެ އެވެ. އެގޮތުން އެކި ބާވަތުން، 178 ވައްތަރެއްގެ ޕެސްޓިސައިޑް ފާހަގަވި އެވެ.

އީޑަބްލިޔުޖީގެ ސީނިއާ އެނަލިސްޓް ސޮންޔާ ލަންޑާ ވިދާޅުވީ މޭވާ އާއި ތަރުކާރީން ޕެސްޓިސައިޑްގެ އަސަރު ފެނުނު ކަމުގައި ވިޔަސް ތަރުކާރީ އާއި މޭވާ ގިނައިން ކެއުމަކީ ސިއްހަތަށް ފައިދާހުރި ކަމެއްގެ ގޮތުގައި ބަލަން ޖެހޭނެ ކަމަށެވެ.

"އެކަމަކު މި ހެދި ލިސްޓުގައި، ޕެސްޓިސައިޑްގެ އަސަރު އެންމެ ބޮޑަށް ހުރި ކަމަށް ދައްކާ ބާވަތްތައް ބޭނުންކުރާ ނަމަ ހޯދަން އެންމެ ރަނގަޅީ ކެމިކަލް ބޭނުން ނުކޮށް ކުރާ ދަނޑުވެރިކަމުން ހައްދާ (އޯގެނިކް) ތަކެތި،" ލަންޑާ ވިދާޅުވި އެވެ.

ދިރާސާކުރުމަށް ސާމްޕަލް ނެގި ސްޓްރޯބެރީ، ސްޕިނާޗް، ޕީޗް، ނެކްޓަރީން، ޗެރީ އަދި އާފަލުގައި، ގާތްގަނޑަކަށް ހަމަ ހުރިހާ އެއްޗެއްގައި ވެސް ޕެސްޓިސަޑްގެ އަސަރު ހުއްޓެވެ. ޕެސްޓިސައިޑްގެ އަސަރު އެންމެ ބޮޑަށް ހުރި އެއްޗަކީ ސްޓްރޯބެރީ ކަމަށް ވާއިރު އެކި ސްޓްރޯބެރީން ތަފާތު 20 ވައްތަރެއްގެ ޕެސްޓިސައިޑް ފެނުނެވެ.

"ސްޓްރޯބެރީ ފަދަ ބާވަތްތަކުގައި ޕެސްޓިސައިޑްގެ އަސަރު ބޮޑީ އެ ފަދަ ބާވަތްތަކާ އެކި ފާޑުގެ ފަނިފަކުސަ ދޯޅުކަމުން، މޭވާ ސަލާމަތްކުރުމަށް ގިނައިން ޕެސްޓިސައިޑް ޖަހާތީ. އަދި މިއީ ސީދާ ވެލީގައި ހައްދާ އެއްޗިއްސަށް ވެފައި ފެނުގެ އަސަރު ގަދަޔަށް ހުންނާތީ އާއި ތޮށިގަނޑުން މޭވާއަށް މާބޮޑު ހިމާޔަތެއް ވެސް ނުލިބޭތީ ޕެސްޓިސައިޑްގެ އަސަރު ބޮޑަށް ކުރަނީ،" ލަންޑާ ވިދާޅުވި އެވެ.

ދިރާސާއިން ދެއްކި އެންމެ ތަޣައްޔަރު މޭވާ އާއި ތަރުކާރީ:

ސްޓްރޯބެރީ، ސްޕިނާޗް، ނެކްޓަރީން، އާފަލު، ޕީޗް، ޕިއާސް، ޗެރީ، މޭބިސްކަދުރު، ސެލެރީ، ޓޮމާޓޯ، ސްވީޓް ބެލް ޕެޕާ އަދި އަލުވި

ކެމިކަލްގެ އަސަރު އެންމެ ކުޑަ ކަމަށް ދެއްކި:

ސްވީޓް ކޯން، އެވޮކާޑޯ، އަލަނާސި، ކެބެޖް، ފިޔާ، ފްރޯޒަން ސްވީޓް ޕީސް، ފަޅޯ، އެސްޕަރަގަސް، އަނބު، ބަށި، ހަނީޑިއު މެލަން، ކިވީ، ކެންޓަލޫޕް، ކޯލިފްލާވާ އަދި ގްރޭޕް ފްރުޓް