Roadha Mihaaru
ދިގަލި ރިސޯޓުގެ ވަޒީފާތަކަށް 300 މީހުން ހޯދަނީ

ދިގަލި ރިސޯޓުގެ ވަޒީފާތަކަށް 300 އެއްހާ މީހުން ހޯދަނީ

10 މާޗް 2017

ރ. ދިގަލީގައި އަލަށް ހެދި ފަސް ތަރީގެ ރިސޯޓުގެ އެކި ވަޒީފާތަކަށް 300 އެއްހާ މީހުން ހޯދަން ނިންމައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރ. ދިގަލީގައި އަލަށް ހެދި ފަސް ތަރީގެ ރިސޯޓުގެ އެކި ވަޒީފާތަކަށް 300 އެއްހާ މީހުން ހޯދަން ނިންމައިފި އެވެ.

ޔުނިވާސަލް އެންޓަޕްރައިސަސް ހިންގަން ފަށާ "ދިގަލި މޯލްޑިވްސް" ގައި ވަޒީފާ އަދާކުރަން ޝައުގުވެރިވާ މީހުންގެ "އޯޕަން ޑޭ" އެއް މާދަމާ ހެނދުނު 10:00 ން ރޭގަނޑު 8:00 އަށް އަމީނިއްޔާ ސްކޫލްގައި ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ކޮރަލް އެޖް އިން ތަރައްގީކުރި ރިސޯޓް ހުޅުވަން ހަމަޖެހިފައި ވަނީ އަންނަ މޭ އެއްވަނަ ދުވަހުގަ އެވެ.

ރާއްޖޭގައި އެންމެ ގިނަ ރިސޯޓް ހިންގާ، ޔުނިވަސަލް އެންޓަޕްރައިސަސްގެ ދިގަލި ރިސޯޓުގެ އެންމެ އިސް މަގާމުތަކަށް މުވައްޒަފުން ހޯދުމަށް މިދިޔަ ނޮވެމްބަރު މަހު ވެސް އިއުލާން ކުރި އެވެ.

ޔުނިވާސަލްގެ އޮފިޝަލަކު ވިދާޅުވީ މި ފަހަރު މުވައްޒަފުން ހޯދުމަށް ހަމަޖެހިފައި ވަނީ ވެއިޓަރުންނާއި ރޫމްބޯއިން އާއި އުޅަނދުފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިންނާއި ގެސްޓް ސާވިސް ޓީމަށް ކަމަށެވެ. އޭގެ އިތުރުން އެސިސްޓެންޓް ފައިނޭންޝަލް ކޮންޓްރޯލާ، އެސިސްޓެންޓް ކްރެޑިޓް ކޮންޓްރޯލާ، އެސިސްޓެންޓް ފްރަންޓް އޮފީސް މެނޭޖަރު، ފްރަންޓް އޮފީސް ސްޕަވައިޒަރު ފަދަ މަގާމުތަކަށް ވެސް މީހުން ހޯދަން ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރ. ދިގަލީ ހަދާ ރިސޯޓްގެ ވިލާއެއް: އަންނަ މޭ އެކެއްގައި ހުޅުވާ މި ރިސޯޓުގައި ތަފާތު އެކި ފެންވަރުގެ 180 ވިލާ ހުރޭ. ފޮޓޯ.--- ޔުނިވާސަލް އެންޓަޕްރައިސަސް.

ރ. ދިގަލީ ހަދާ ރިސޯޓްގެ ވިލާއެއް: އަންނަ މޭ އެކެއްގައި ހުޅުވާ މި ރިސޯޓުގައި ތަފާތު އެކި ފެންވަރުގެ 180 ވިލާ ހުރޭ. ފޮޓޯ.--- ޔުނިވާސަލް އެންޓަޕްރައިސަސް.

"މިފަހަރު ނަގާ މުވައްޒަފުންނަށް ރިސޯޓް ހުޅުވުމާ ހަމައަށް މުސާރައިގެ އިތުރުން ފިކްސްޑް ސާވިސް ޗާޖެއް ލިބޭނެ. އަޅުގަނޑުމެން ބޭނުން ވަނީ ތަޖުރިބާ ލިބިފައިވާ ހުނަރުވެރި ދިވެހިން،" އޮފިޝަލް ވިދާޅުވި އެވެ.

ދިގަލި ރިސޯޓުގައި ވަޒީފާ އަދާކުރާ ދިވެހިންނަށް ހިލޭ ވައިފައި އާއި ސިއްހަތަށް ފައިދާ ހުރި ކާނާ އާއި ހިތްހަމަޖެހޭ ފެންވަރުގެ އެކޮމަޑޭޝަނަކާއި އަ ލާ ކާޓޭ ކޮފީ ޝޮޕެއް އަދި ޖިމް، ޕޫލް، ޓީޓީ، ފުޓުބޯޅަ ކުޅެވޭނެ އިންތިޒާމް ވެސް ހަމަޖެހިފައި ހުންނާނެ ކަމަށް ޔުނިވާސަލް އިން ބުންޏެވެ.

ރ. މީދޫ ކައިރީގައި އޮންނަ ދިގައްޔަކީ ހިތްގައިމު ފަޅެއް އޮންނަ، ތަފާތު އެކި ކެޓަގަރީތަކުގެ 180 ވިލާ ހިމެނޭ ރިސޯޓެކެވެ. އެގޮތުން 19 ބީޗް ބަންގަލޯ، 24 ވޯޓާ ވިލާ، 33 ބީޗް ޑިލަކްސް ބަންގަލޯ، 64 ބީޗް ވިލާ، ޕޫލާއެކު 20 ބީޗް ވިލާ، ޕޫލާއެކު 16 ލެގޫން ވިލާ، ޕޫލާއެކު ތިން ބީޗް ސުއިޓް އަދި ދިގަލި ސުއިޓްގެ ނަމުގައި ހާއްސަ ސުއިޓެއް ވެސް ހުރެ އެވެ. އަދި ޓޫރިސްޓުންނަށް ބޭނުންވާ ކެއުންބުއިމުގެ ހިދުމަތް ދޭ ތަފާތު އަށް ރެސްޓޯރަންޓް އާއި ބާ ހުރެ އެވެ. ދިގަލީގައި 12 ޓްރީޓްމަންޓް ރޫމް ހިމެނޭ ސްޕާއަކާއި މޫދު ކުޅިވަރުތަކާއި ޑައިވިން އަދި ފިޓްނަސް ސެންޓަރެއްގެ ހިދުމަތް ވެސް ލިބެން ހުންނާނެ އެވެ. ރ. އަތޮޅުގައި މިހާރު ވެސް ދެ ރިސޯޓް ހިންގަ އެވެ.