Roadha Mihaaru
އެމެރިކާގައި ޓްރަކަކުން ޖައްސައި އެތައް ބަޔަކު މަރައިފި

އެމެރިކާގައި ޕިކަޕް ޓްރަކަކުން ޖައްސައި އެތައް ބަޔަކު މަރާލައިފި

02 ޖެނުއަރީ 2025

އެމެރިކާ ސިފައިންގޭގައި ކުރިން އުޅެފައިވާ މީހަކު ނިއު އޯލިއަންސްގައި އާ އަހަރު ފާހަގަކުރަން އެއްވެފައި ތިބި ބައެއްގެ ތެރެއަށް ޕިކަޕް ޓްރަކެއްގައި ވަދެގަތުމުގެ ސަބަބުން، މަދުވެގެން 15 މީހަކު މަރުވެއްޖެ އެވެ.

އެމެރިކާ ސިފައިންގޭގައި ކުރިން އުޅެފައިވާ މީހަކު ނިއު އޯލިއަންސްގައި އާ އަހަރު ފާހަގަކުރަން އެއްވެފައި ތިބި ބައެއްގެ ތެރެއަށް ޕިކަޕް ޓްރަކެއްގައި ވަދެގަތުމުގެ ސަބަބުން، މަދުވެގެން 15 މީހަކު މަރުވެއްޖެ އެވެ.

އެފްބީއައި އިން ބުނީ ހަމަލާ ދިން މީހާއަކީ ޓެކްސަސްގެ، އުމުރުން 42 އަހަރުގެ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޝަމްސުއްދީން ޖައްބާރު ކަމަށެވެ. އޭނާ އަކީ ހިއުސްޓަންގައި މަސައްކަތްކުރާ ރިއަލް އެސްޓޭޓް އެޖެންޓެއް ކަމަށާއި އޭނާ އަކީ އަސްކަރިއްޔާގެ އައިޓީ ސްޕެޝަލިސްޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މީހެއް ކަމަށް ވެސް ބުންޏެވެ.

އޮފިޝަލުން ބުނީ މިކަން ކުރި މީހާއާ ބައިވެރިވާ އެހެން ބަޔަކު ތިބި ނަމަ އެ ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެ އެވެ.

ފުލުހުންގެ ސުޕްރިންޓެންޑެންޓް އޭން ކިރްކްޕެޓްރިކް ޖައްބާރަކީ "ޓެރަރިސްޓެއް" ގެ ގޮތުގައި ސިފަކޮށްފައިވާއިރު، އެފްބީއައި އިން ބުނެފައި ވަނީ "ވެހިކަލްގައި އައިއެސްގެ ދިދައެއް ހުރި" ކަމަށެވެ.

"ޓެރަރިސްޓް ޖަމާއަތްތަކާ އޭނާއާ ގުޅުން ހުރި މިންވަރު ދެނެގަތުމުގެ މަސައްކަތް އެފްބީއައި އިން ދަނީ ކުރަމުން،" އެ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެމެރިކާގައި ހަމަލާ ދިން އުމުރުން 42 އަހަރުގެ ޝަމްސުއްދީން ޖައްބާރު

އެމެރިކާގައި ހަމަލާ ދިން އުމުރުން 42 އަހަރުގެ ޝަމްސުއްދީން ޖައްބާރު

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ މިއީ ވަރަށް ފިނޑި އަމަލެއް ކަމަށް ސިފަކުރައްވައިފަ އެވެ. އަދި ޖައްބާރު ވަނީ ހަމަލާ ދިނުމުގެ ކުރިން އިންޓަނެޓްގައި ވީޑިއޯތަކެއް ޕޯސްޓްކޮށްފައި ކަމަށާއި އޭނާއަށް މިކަމުގައި ހިތްވަރު ލިބިފައިވަނި އައިއެސްގެ ސަބަބުން ކަމަށް ބެލެވޭ ކަންތައްތަކެއް އޭގައި އެބަހުރި ކަމަށް ބައިޑެން ވިދާޅުވި އެވެ.

އެފްބީއައި އިން ބުނީ މިކަން ޖައްބާރާ ހިސާބުން އެކަނި ނިމުނީ ކަމަށް އަދި ބަލައިގެން ނުވާނެ ކަމަށާއި އެހެންވެ އިތުރު ބަޔަކު އުޅޭތޯ ބަލަމުން އަންނަ ކަމަށެވެ.

އެފްބީއައިގެ ތަރުޖަމާނަކު ނިއު އޯލިއަންސްގެ ކޮރޯނާގެ އޮފީހާ ހަވާލާދީ އޭއެފްޕީއަށް ވިދާޅުވީ 15 މީހަކު މަރުވެފައިވާ ކަމަށާއި އިތުރު އެތައް ބަޔަކު ހަމަލާގައި ޒަހަމްވި ކަމަށެވެ.

ފުލުހުން ބުނީ މި ހަމަލާ ފެށީ 2025 ވަނަ އަހަރު ފެށުމުގެ އުފާ ފާޅުކުރާ މީހުން ޖަމާވެފައި އޮތް ފްރެންޗް ކުއާޓާގެ މެދުގައި، މެންދަމުން އަލިވެ 3:15 ހާއިރު ކަމަށެވެ.

ހުދު ކުލައިގެ ފޯޑް އެފް-150 އިލެކްޓްރިކް ޕިކަޕެއް، ހިނގާފައި ދިޔަ ބައެއްގެ ގައިގައި ޖެއްސި ކަމަށާއި ދެން އެތަނުން ނުކުތުމާ އެކު ފުލުހުން ދިން ހަމަލާތަކެއްގައި އޭނާ ވަނީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ. ހަމަލާ ބަދަލުކުރި އިރު ދެ ފުލުހަކު ވެސް ވަނީ ޒަހަމްވެފަ އެވެ. އެފްބީއައި އިން ބުނީ އަމިއްލައަށް ހަދާފައި އޮތް ދެ ބޮމެއް ވެސް ޓްރަކުން ފެނުނު ކަމަށެވެ.

އެމެރިކާގެ ނިއު އޯލިއަންސްގައި ހަމަލާ ދިން ސަރަހައްދު ބަންދުކޮށްފައި. -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ނިއު އޯލިއަންސްގައި ހަމަލާ ދިން ސަރަހައްދު ބަންދުކޮށްފައި. -- ފޮޓޯ: އޭއެފްޕީ

"މި މީހާ މަސައްކަތްކޮށްފައިވަނީ އަނިޔާ ދެވުނުހާ ބަޔަކަށް އަނިޔާ ދޭން،" ކިރްކްޕެޓްރިކް ވިދާޅުވި އެވެ.

އޭނާ ދުއްވަމުން ދިޔައީ ވަރަށް ބާރަށް ކަމަށާއި ބަޔަކަށް އަނިޔާ ދިނުމުގެ ގަސްތު އޮތް ކަމަށް ބެލެވޭނެ ކަންކަން އޭނާގެ އަަމަލުތަކުން ފެންނަ ކަމަށް ވެސް ކިރްކްޕެޓްރިކް ވިދާޅުވި އެވެ.

ޕެންޓަގަން އިން ބުނީ ޖައްބާރު 2007 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް އަސްކަރިއްޔާގައި ހިއުމަން ރިސޯސް ސްޕެޝަލިސްޓެއްގެ އިތުރުން އައިޓީ ސްޕެޝަލިސްޓެއްގެ ގޮތުގައި އަދި އޭގެ ފަހުން 2020 ވަނަ އަހަރާ ހަމައަށް އަސްކަރިއްޔާގެ ރިޒާވްގައި މަސައްކަތް ކޮށްފައި ކަމަށެވެ. އޭނާ 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އަފްޣާނިސްތާނު ހަނގުރާމައަށް ވެސް ގޮސް އުޅުނު ކަމަށާއި އަސްކަރީ ހިދުމަތް ނިމުނު އިރު އެއީ ސްޓާފް ސާޖަންޓްގެ މަގާމުގައި ހުރި މީހެއް ކަމަށް އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވި އެވެ.

އެމެރިކާގެ އިންހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ރަސްމީ އެއްވެސް އިދާރާއަކުން މިކަމާ ގުޅޭ ގޮތުން ބަޔާން ނެރުމުގެ ކުރިން ބަޔާން ނެރުއްވައި މި ހަމަލާ، އެމެރިކާއަށް ގާނޫނާ ހިލާފަށް ހިޖުރަކުރާ މީހުންނާ ގުޅުވައިފަ އެވެ. -- އޭއެފްޕީ