Roadha Mihaaru

ޕްރިމިއާ ލީގުގައި ކުޅޭ ހަމްޒާ ބަންގްލަދޭޝް ގައުމީ ޓީމަށް

ބަންގްލަދޭޝް އާއިލާއަކަށް އިނގިރޭސި ވިލާތުގައި އުފަންވި، ޕްރިމިއާ ލީގުގެ ފުޓްބޯޅަ ކުޅުންތެރިޔާ ހަމްޒާ ދިވާން ޗައުދަރީ ބަންގްލަދޭޝް ގައުމީ ޓީމަށް ކުޅެން ފީފާ އިން ހުއްދަ ދީފި އެވެ.

ޕްރިމިއާ ލީގުގައި ކުޅޭ ހަމްޒާ ބަންގްލަދޭޝް ގައުމީ ޓީމަށް

ބަންގްލަދޭޝް އާއިލާއަކަށް އިނގިރޭސި ވިލާތުގައި އުފަންވި، ޕްރިމިއާ ލީގުގެ ފުޓްބޯޅަ ކުޅުންތެރިޔާ ހަމްޒާ ދިވާން ޗައުދަރީ ބަންގްލަދޭޝް ގައުމީ ޓީމަށް ކުޅެން ފީފާ އިން ހުއްދަ ދީފި އެވެ.

އުމުރުން 27 އަހަރުގެ ހަމްޒާ ވަނީ އިނގިރޭސި ވިލާތުގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފަ އެވެ. އޭނާ އޭރު ބުނީ ސީނިއާ ލެވެލްގައި ވެސް ކުޅެން ބޭނުންވަނީ އިނގިރޭސި ގައުމީ ޓީމަށް ކަމަށެވެ. އެކަމަކު ސީނިއާ ލެވެލްގައި އިނގިރޭސި ގައުމީ ޓީމުން ފުރުސަތު ނުލިބޭތީ އޭނާ ބަންގްލަދޭޝް އަށް ކުޅެން ބޭނުންވީ އެވެ.

ކުޅުންތެރިނަށް ގައުމީ ޓީމު ބަދަލުކުރެވޭނީ ފީފާގެ ހުއްދައިގެ ދަށުންނެވެ. ފީފާ އިން ޗައުދަރީ އަށް އެ ހުއްދަ ދިނީ، އާއިލީ ގޮތުން ބަންގްލަދޭޝް އަށް ނިސްބަތްވާތީ އެވެ. ހަމްޒާގެ މަންމަ އަކީ ބަންގްލަދޭޝް މީހެކެވެ. އޭނާގެ ބައްޕަ އަކީ ކެރީބިއަންގައި އޮންނަ ޖަޒީރާއެއް ކަމަށްވާ ގްރެނާޑާ މީހެކެވެ. އެހެންވެ އޭނާ އަށް އެ ގައުމުގެ ގައުމީ ޓީމަށް ވެސް ކުޅެވެން އޮތެވެ.

މި ނިންމުމާ އެކު ހަމްޒާ ވެގެންދާނީ ބަންގްލަދޭޝް ގައުމީ ޓީމަށް ކުޅޭ ޕްރިމިއާ ލީގުގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ހަމްޒާ އަކީ މިވަގުތު އިނގިރޭސި ވިލާތަށް އުފަން އޭޝިއާ ކުޅުންތެރިންގެ ތެރެއިން ޕްރިމިއާ ލީގުގައި ކުޅޭ ހަމައެކަނި ކުޅުންތެރިޔާ ވެސް މެ އެވެ.

ޑިފެންސިވް މިޑްފީލްޑަރުގެ މަގާމަށާއި، އަރިމަތިން ބެކަށް ވެސް ކުޅޭ ހަމްޒާ އަކީ ލެސްޓާގެ ޔޫތު އެކަޑަމީގެ އުފެއްދުމެކެވެ. އޭނާ ވަނީ އެ ކްލަބުގެ ސީނިއާ ޓީމަށް 129 މެޗު ކުޅެދީފަ އެވެ.

ބަންގްލަދޭޝް ގައުމީ ޖާޒީގައި ހަމްޒާ ކުޅޭ ފުރަތަމަ މެޗަކަށް ވާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ މާޗު 25 ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗެވެ.

ދެކުނު އޭޝިއާ ކުޅުންތެރިންގެ ތެރެއިން މީގެ ކުރިން ޕްރިމިއާ ލީގުގައި ކުޅެފައިވަނީ ޕާކިސްތާނުގެ ޒޭޝް ރަހްމާން އެވެ. އޭނާ ވެސް ވަނީ ޕާކިސްތާނަށް ބަދަލުވުމުގެ ކުރިން އިނގިރޭސި ވިލާތުގެ ޔޫތު ގައުމީ ޓީމުތަކަށް ކުޅެފަ އެވެ.