Roadha Mihaaru
ބިއްލޫރި ފަންގިފިލާ ފަހަނައަޅާ ދިއުން

ބިއްލޫރި ފަންގިފިލާ ފަހަނައަޅާ ދިއުން

08 މާޗް 2017

އަޅުގަނޑު ގްރޭޑް ހަތަރެއްގައި އުޅެނިކޮށް، އަހަރު ދެބައިވުމުން ދޭ ރިޕޯޓު ކާޑު ލިބި އެ ހުޅުވާލުމާއެކު ފެނުނީ އަޅުގަނޑުގެ އަހުލާގަށް 'ސީ' ގްރޭޑް ދީފައިވާ ތަނެވެ.

ޝޮކޯ ނޯޑާ ޝޮކޯ ނޯޑާ

ޖަޕާނުން ރާއްޖެ އަށް: އަންހެނުން ބާރުވެރިކުރުމުގެ މުހިންމުކަން

އަޅުގަނޑު ގްރޭޑް ހަތަރެއްގައި އުޅެނިކޮށް، އަހަރު ދެބައިވުމުން ދޭ ރިޕޯޓު ކާޑު ލިބި އެ ހުޅުވާލުމާއެކު ފެނުނީ އަޅުގަނޑުގެ އަހުލާގަށް 'ސީ' ގްރޭޑް ދީފައިވާ ތަނެވެ.

ގަބޫލުކުރެވޭނޭ ފަދައިން، އަޅުގަނޑުގެ މަންމަ އާއި ބައްޕަ އަށް ލިބުނީ ސިހުމެކެވެ. އަޅުގަނޑަކީ އަބަދުވެސް ކުލާހުން އެންމެ މަތީ ގްރޭޑްތައް ހޯދަމުން އައި ކުއްޖެކެވެ. އަޅުގަނޑުގެ ވެސް ހުރީ ހައިރާން ވެފަ އެވެ. ވިދިގެން އައި ރިޕޯޓް ކާޑު ލިބި، އޭގައި ވެސް އަޅުގަނޑުގެ އަހުލާގަށް މިފަދަ ގްރޭޑެއް ލިބުނެވެ. ނަމަވެސް މިފަހަރު ޓީޗަރުގެ ކޮމެންޓު ކިޔާލުމުން ކަންވެގެން އުޅޭ ގޮތް އަޅުގަނޑަށް ވިސްނުނެވެ. "ޝޯކޯ ކުދިންނާ މުހާތަބުކުރާ ގޮތް މިހާރު ރަނގަޅުވަމުން އެބަ ދޭ، ރިވެތި އަންހެން ކުއްޖެއް ގޮތުގައި އުޅެން ފަށައިފި،" އަޅުގަނޑުގެ ޓީޗަރު ލިޔެފައިވެ އެވެ.

އަޅުގަނޑަށް ވިސްނުނީ، އެހެނިހެން ކަންކަމުގެ އިތުރުން، އަޅުގަނޑުގެ އަހުލާގާ މެދު މިފަދައިން ޓީޗަރު ލިޔުއްވީ 'ޕީ.އީ' ގަޑީގައި އަޅުގަނޑު އެހެން ފިރިހެން ކުދިންނާއެކު ގަހަށް އަރައި ސަކަރާތް ޖަހަން އުޅޭތީ އެވެ. އަދި އަޅުގަނޑު އެ އުމުރުގައި ވެސް މިނިވަން ހިޔާލުތަކާއި ވިސްނުންތައް އެހާ މަޑުމައިތިރި ނޫން ގޮތަކަށް ފާޅުކުރީތީ، ޓީޗަރުގެ އެ ފަދައިން ލިޔުއްވީކަން މިހާރު ވިސްނެ އެވެ. އަޅުގަނޑުގެ މައިންބަފައިންގެ ތުންފަތަށް އަނެއްކާ ވެސް ހިނިތުންވުމެއް ވެރިވީ، ޖެހިގެން އައި ދެ އަހަރު އަޅުގަނޑުގެ ޓީޗަރު ބަދަލުވެ، އަހުލާގަށް 'އޭ' ގްރޭޑް އަނެއްކާ ލިބެން ފެށުމުންނެވެ.

އަހަރުތައް ފާއިތުވެ، އަޅުގަނޑުގެ ފުރަތަމަ ވަޒީފާ އަށް ކުރިމަތިލީމެވެ. ވަޒީފާގެ ފުރަތަމަ ދުވަހު، ބޮސްގެ ފުރަތަމަ ސުވާލަކަށް ވީ އަޅުގަނޑު ކައިވެނި ކުރުމަށް ފަހު ވެސް ވަޒީފާ އަށް ނިކުންނާނަންތޯ އެވެ. ޖަވާބުގައި ވަޒީފާ އަދާކުރާނަމޭ ބުނީމެވެ. އޮފީހުގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފަކަށް މިފަދަ ސުވާލެއް ނުކުރާނެކަން އަޅުގަނޑަށް އެނގެ އެވެ. އަޅުގަނޑު ވެގެންދިޔައީ އޮފީހަށް ވަތް އެންމެ ހަގު އަންހެން މުވައްޒަފަށެވެ. އެހެންކަމުން އެކި ގަޑިގަޑީގައި އޮފީހަށް ވަންނަ މުވައްޒަފުންނަށް ހެނދުނުގެ ސައި ތައްޔާރު ކޮށްދިނުން ވެގެންދިޔައީ އަޅުގަނޑުގެ އެންމެ ފުރަތަމަ އެއް މަސައްކަތަށެވެ.

ފިރިހެނުންގެ މެޖޯރިޓީ އޮންނަ އޮފީހެއްގައި އަންހެނަކަށް މިފަދައިން މަސައްކަތް ކުރަން ޖެހުމުން، އެ މީހުން ގޭތެރޭގައި ވެސް އަންހެނުންނަށް ހިތާނޭ ގޮތާއި، އަންހެނުން ލައްވާ ކުރުވާނޭ މަސައްކަތްތައް ވަރަށް ރަނގަޅަށް ދޭހަވެގެންދެ އެވެ. ޖަޕާނުގައި 'ވަޒީފާ އަދާކުރުމުގެ ހަމަހަމަ ފުރުސަތުގެ ގާނޫނު' ތަންފީޒުކުރަން ފެށުނުތާ 30 އަހަރު ވީ އިރު ވެސް އަންހެނުންނަށް މިފަދަ މަސައްކަތްތައް ކުރަން ޖެހުމަކީ އާންމު ކަމެކެވެ. އެއްވެސް ސުވާލެއް ނުކުރެވި، ޖަދަލު ނުކުރެވި އޮތް ކަމެކެވެ. އަޅުގަނޑުގެ މަސައްކަތް ފެށުނުތާ ހަ މަސް ދުވަހުގެ ތެރޭގައި ކެރިގެން މިކަމާ ދެކޮޅު ހެދީމެވެ. އަދި އޮފީހުގައި މިފަދައިން ތަފާތު ނުކުރުމަށް އެދުނީމެވެ. އެކަކަށް ވެސް އަޅުގަނޑާ ދެކޮޅު ހަދާކަށް ނުކެރުނެވެ.

މިފަދަ ކަންކަން އަދުގެ މަސައްކަތުގެ މައިދާނުން ނުފެނުނަސް، އަދިވެސް އަންހެނުން މަސައްކަތަށް ނުކުތުމަށް އެކިއެކި ގޮންޖެހުންތައް ކުރިމަތިވެ އެވެ. އަންހެނުން މަސައްކަތް ކުރުމާ މެދު ވިސްނޭ ނޭދެވޭ ވިސްނުންތައް އަދިވެސް މުޖުތަމައުން ނުފިލަ އެވެ. މިކަމުގެ ސަބަބުން ހުނަރުވެރި، މޮޅު އެތަކެއް އަންހެނުންނެއް މަސައްކަތަށް ނިކުމެ، މުސްތަގްބަލެއް ބިނާކުރުމަށް ޖެހިލުންވެ އެވެ. ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މަސައްކަތް ކުރުމަށް ހުރަސް އެޅޭތީ، މުޅި ދުނިޔެ އަށް އެކަމުގެ އަސަރު ކުރެއެވެ. އިގްތިސާދީ ނަޒަރަކުން މިކަން ދޭހަކުރާނަމަ، އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (ILO) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަންހެނުންނާއި ފިރިހެނުންނާއި ދެމެދު އޮންނަ މަސައްކަތްތެރި ކަމުގެ ފަރަގު ކުޑަކުރެވިއްޖެނަމަ، އަހަރަކަށް އިތުރު 1.6 ޓްރިލިއަން ޑޮލަރުގެ އާމްދަނީ ދުނިޔެއިން އުފެއްދޭނެ އެވެ.

އަޅުގަނޑު ވަޒީފާގެ މައިދާނަށް ނިކުމެ މަސައްކަތްކުރަން ފެށިތާ 20 އަހަރު ވެފައިވާއިރު، މިއަދު އަޅުގަނޑުގެ ވަށައިގެން ވަނީ ދިވެހިރާއްޖޭގެ ރީތި ގޮނޑުދޮށްތަކެވެ. ނަމަވެސް ހިތާމައަކީ ޖަޕާނާއި އެތަކެއް މޭލު ދުރުގައި ވަޒީފާ އަދާކުރި ނަމަވެސް، އަދި މި ދެ ގައުމުގެ ސަގާފަތާއި އާދަކާދަ ނުހަނު ތަފާތުވިޔަސް، ހިތާ ކުޅެލާ އެތަކެއް ކަމެއް ރާއްޖޭގެ ދާއިރާތަކުން ވެސް ފެންނާތީ އެވެ. އަޅުގަނޑު ބައިވެރިވާ ގިނަ ޖަލްސާ/ބައްދަލުވުންތަކުގައި ކޮފީ ގިރައިދެނީ އަދިވެސް އަންހެނުންނެވެ. އަދި ގައުމީ ތަރައްގީ އަށް މަސައްކަތް ކުރާ ޕާރޓްނަރުންނާއެކު އެއްމޭޒެއްދޮށުގައި މަޝްވަރާކުރާއިރު، ލީޑަޝިޕް ރޯލުތަކުގައި ގިނައިން ތިބެނީ ފިރިހެނުންނެވެ.

އަމަލީ މައިދާނުގައި ޒުވާން ވަކީލުންނާއި، މަދަނީ ޖަމިއްޔާތަކާއި، ކައުންސިލްތަކާ ބައްދަލުކުރާއިރު އަންހެންކުދިންނާ އަޅުގަނޑު ބައްދަލުވަނީ މަދު ފަހަރެއްގަ އެވެ. ދެހާސް ހަތަރު ވަނަ އަހަރުގެ ބޯހިމެނުމުގައި ދައްކާ ގޮތުން ފިރިހެން ކުދިންނަށް ވުރެ އަންހެން ކުދިން ސާނަވީ އިމްތިހާންތަކުން މަތީ މާކްސް ހޯދަ އެވެ. ނަމަވެސް، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ އުމުރުގެ އަންހެނުންގެ ތެރެއިން އާމްދަނީ ލިބޭ ފަދަ ވަޒީފާއެއް އަދާކުރަނީ ދެބައިކުޅަ އެއްބަޔަށް ވުރެ މަދު އަންހެނުންނެވެ. ޒުވާން އަންހެން ކުއްޖަކު ކިތަންމެ މޮޅަށް ކިޔަވާފައި ހުރި ނަމަވެސް، މައިންބަފައިންނާއި ދުރުގައި ވަޒީފާ އަދާކުރުމަށް ސަގާފީ އަދި އިޖްތިމާއީ ގޮންޖެހުންތައް ހުރެ އެވެ. އާހިރު ނަތީޖާ އަކީ އާއިލާ ނުވަތަ ވަޒީފާ، މިދެކަމުގެ ތެރެއިން ކޮންމެވެސް އެއް ކަމެއް ހިޔާރު ކުރަން ޖެހޭ ކަމަށް ގިނަ އަންހެން ކުދިންނަށް ގަބޫލުކުރެވުމެވެ. އަންހެން ކުދިންނަށް ލިބެންޖެހޭ ފުރުސަތުތައް ހަނިކުރާ މިފަދަ ނޭދެވޭ އާދަކާދަތަކުގެ ސަބަބުން މުޖުތަމައުގެ ގިނަ މައިދާންތަކުން އަންހެނުން ގެއްލިގެންދެ އެވެ.

ކަން މިހެން އޮތް ނަމަވެސް، އުންމީދުން ފުރިގެންވާ ވެއްޓެއް ވަށައިގެން ފެނެ އެވެ. މިދިޔަ އަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން، ރާއްޖޭގައި ކުރިއަރަމުން އަންނަ ޒުވާން އަންހެން ކުދިންނާ ބައްދަލުކޮށްލުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ. މިކުދިން މުސްތަގްބަލުގައި އަދާކުރަން ބޭނުންވަނީ ކޮން ކަހަލަ ވަޒީފާއެއްތޯ ސުވާލު ކުރެވުމުން، ލިބުނު ޖަވާބުތަކުގެ ތެރޭގައި ޑިފެންސް މިނިސްޓަރު، ހޮޓެލް މެނޭޖަރު، އަދި ސިޔާސީ ލީޑަރުން ފަދަ ޖަވާބުތައް ހިމެނެ އެވެ. އަޅުގަނޑުގެ އެ އުމުރުގައި އެފަދަ ޖަވާބުތައް ދޭން ހިތަކަށް ވެސް ނާރާނެ އެވެ.

އަޅުގަނޑު ބައެއް ފަހަރު ހިތަށް އަރައެވެ. މިހާރު އަދާކުރަމުން މިދާ ވަޒީފާ އާ މެދު އަޅުގަނޑުގެ ގްރޭޑް ހަތަރެއްގެ ޓީޗަރާ ފުރަތަމަ ވަޒީފާގެ ބޮސް ހިތަށް އަރާނީ ކީކޭ ބާވަ އެވެ. އެ މީހުންގެ އަމަލުތަކުން އަޅުގަނޑަށް ދޭހަވެގެން ދިޔައީ، އަންހެނުންނަށް ސްކޫލު ދައުރުގައި ވެސް، މަސައްކަތުގެ މައިދާނުގައި ވެސް ކުރިމަތި ވަނީ ބިއްލޫރި ފުރާޅެއް އެކަންޏެއް ނޫންކަމެވެ. އަންހެނުންގެ ގާބިލިއްޔަތުކަން ދަނީ ބިއްލޫރި ފާރުތަކުން ވެސް ހިފެހެއްޓެމުން ކަމެވެ. އަޅުގަނޑުމެން ވަނީ އާދަކާދަ އާއި ސަގާފަތުގެ ބޮޑު ފޮށްޓެއްގެ ތެރޭގައި ބަންދުކުރެވިފަ އެވެ. މިފޮށިން ނުކުތުމަކީ 'ހަމަހަމަ ފުރުސަތުގެ ގާނޫނެއް' ތައާރަފްކުރުމަށް ވުރެ އުނދަގޫ ކަމެކެވެ. އަޅުގަނޑަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ އަޅުގަނޑުގެ މައިންބަފައިންނާއި، ފިރިމީހާ އާއި، އެކުގައި މަސައްކަތް ކުރާ އަންހެނުންނާއި ފިރިހެނުން ވެސް މިފަދަ ބިއްލޫރި ފަންގިފިލާތައް ފުނޑުފުނޑުކޮށްލުމަށް ދޭ އެއްބާރުލުމެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަންހެނަކަށް ވިޔަސް، ފިރިހެނަކަށް ވިޔަސް، ބޮޑެތި ހުވަފެންތައް ދުށުމާއި ދިރިއުޅުމުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެކަކު އަނެކަކަށް ވާގިވެރިވާން ޖެހޭނެ އެވެ. ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުން އަޅުގަނޑަށް ލިބުނު މެސެޖަކީ ތަރައްގީގެ ނަމުގައި އަޅުގަނޑުމެން އަންހެން ކުދީންނާއި ފިރިހެން ކުދީން ވެސް ބާކީ ނުކުރާނެ ކަމެވެ. އަޅުގަނޑުމެން މި ބަންދުކުރުވާ ބިއްލޫރި ފާރުތައް އެކީއެކައްޗަކަށް ފުނޑުފުނޑުކޮށްލަމާ ހިނގާށެވެ. ބިއްލޫރި ފަންގިފިލާ ފޫ އަޅުވާލާ އެންމެންގެ ފުރިހަމަ ގާބިލިއްޔަތު ހާސިލްކުރަން އަޒުމް ކަނޑައަޅަމާ ހިނގާށެވެ.