Roadha Mihaaru
ވިހެއުމުން އެޗްއާރުސީއެމުން ހަ މަހުގެ ޗުއްޓީއެއް ދެނީ

ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީއެއް ދޭން އެޗްއާރުސީއެމުން ނިންމައިފި

08 މާޗް 2018

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) ގެ އަންހެން މުވައްޒަފުން ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) ގެ އަންހެން މުވައްޒަފުން ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.

އެޗްއާރުސީއެމުން މިއަދު ބުނި ގޮތުގައި އެޗްއާރުސީއެމްގެ އަންހެން މުވައްޒަފުންނަށް އިނާޔަތެއްގެ ގޮތުގައި ވިހެއުމުން އަންހެނުންނަށް ދޭ ޗުއްޓީގެ މުއްދަތު އިތުރުކޮށް، މާބަނޑު އަންހެނުންނަށް "ފްލެކްސިބަލް ބްރޭކް" ގެ ގޮތުގައި އެއް ގަޑިއިރު ދިނުމަށް ވަނީ ނިންމައިފަ އެވެ. އެއީ އެމީހުންނަށް ދޭ މެންދުރު ކެއުމުގެ އެއް ގަޑިއިރާއެކު އަންހެން މުވައްޒަފުންނަށް ދެ ގަޑިއިރުގެ ބްރޭކެއް ލިބޭނެ އެވެ.

މީގެ ކުރިން، އެޗްއާރުސީއެމްގެ އަންހެން މުވައްޒަފުން ވިހެއުމުން ދެނީ ތިން މަސް ދުވަހުގެ ޗުއްޓީއެކެވެ.

އެޗްއާރުސީއެމުން ބުނީ، އަންހެނުންނަށް ހާއްސަ އިނާޔަތެއް ދޭން ނިންމީ އެ ކޮމިޝަންގެ މުވައްޒަފުން ވަޒީފާގައި ދެމިތިބުމާއި މަތީ ފަންތީގެ މަގާމުތަކަށް ދިއުމުގައި ދިމާވާ ގޮންޖެހުންތައް ނައްތާލައި، މަސައްކަތުގެ މާހައުލުގައި ހަމަހަމަކަން ގާއިމު ކުރުމަށް މަގުފަހި ކުރަން ކަމަށެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި އަނބިމީހާ ވިހެއުމާ ގުޅިގެން އެޗްއާރުސީއެމްގެ ފިރިހެން މުވައްޒަފުންނަށް ޗުއްޓީގެ ގޮތުގައި 10 ދުވަސް ލިބޭނެ އެވެ. އަދި އަންހެން މުވައްޒަފަކަށް ދަރިއަކު ލިބޭ ހިސާބުން ފެށިގެން ދަރިފުޅުގެ އުމުރުން ދޮޅު އަހަރު ވަންދެން އޮފީސް ގަޑީގައި ދަރިފުޅު ގާތުގައި ކޮންމެ ދުވަހަކު އެއް ގަޑިއިރު ހޭދަ ކުރެވޭނެ އެވެ.

އެޗްއާރުސީއެމުން ބުނީ އެ ކޮމިޝަންގެ މުވައްޒަފުންގެ ނިސްބަތަށް ބަލާއިރު، 67 ޕަސަންޓަކީ އަންހެނުން ކަމަަށެވެ. އަދި ކޮމިޝަންގެ ޑިޕާޓްމަންޓުތަކުގެ ތެރެއިން 55 ޕަސަންޓަކީ އަންހެނުން ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ. އެ ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި އަންހެން ތިން ބޭފުޅުން ތިއްބަވަ އެވެ.

އެއީ، ކޮމިޝަންގެ ރައީސާ އައިމިނަތު އީނާސް އާއި ކޮމިޝަންގެ މެމްބަރު ނައިވީން އަބްދުﷲ އާއި އައިޝަތު އަފްރީން މުހައްމަދެވެ.