Roadha Mihaaru
މާޅޮހު ކައުންސިލުން ބައި މިލިއަނެއްހާ ރުފިޔާ ގެއްލިއްޖެ

މާޅޮހު ކައުންސިލުން ބައި މިލިއަނެއްހާ ރުފިޔާ ގެއްލުމުން ފިޔަވަޅު އަޅަން އަންގައިފި

11 ޑިސެމްބަރ 2024

އއ. މާޅޮހު ކައުންސިލްގެ ތިޖޫރީން ފަސް ލައްކައެއްހާ ރުފިޔާގެ ގެއްލި އަދި އުސޫލުތަކާ ހިލާފަށް ގިނަ އަދަދެއްގެ ފައިސާ ހަރަދު ކޮށްފައިވާތީ އެ މައްސަލަތައް ބަލައި، ފިޔަވަޅު އަޅަން އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އަންގަވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އއ. މާޅޮހު ކައުންސިލްގެ ތިޖޫރީން ފަސް ލައްކައެއްހާ ރުފިޔާގެ ގެއްލި އަދި އުސޫލުތަކާ ހިލާފަށް ގިނަ އަދަދެއްގެ ފައިސާ ހަރަދު ކޮށްފައިވާތީ އެ މައްސަލަތައް ބަލައި، ފިޔަވަޅު އަޅަން އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އަންގަވައިފި އެވެ.

އޮޑިޓް އޮފީހުން މިދިޔަ ހަފުތާގައި ނެރުނު މާޅޮހު ކައުންސިލްގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން މާޅޮހު ކައުންސިލްގެ ބޭންކް އެކައުންޓުތަކުންނާއި ތިޖޫރީން 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ނެގި ފައިސާގެ ތެރެއިން 492،867ރ. ގެއްލިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ކައުންސިލްގެ އެކައުންޓުން ނެގި ފައިސާގެ ތެރެއިން ތިޖޫރީ އަށް ނުވައްދާ 255،584ރ. އާއި ކައުންސިލް އިދާރާގެ އެކި ބޭނުންތަކަށް ކަމަށް ބުނެ އޮޅުވާލައިގެން އެކައުންޓުން ނެގި 112،500ރ. ހިމެނެ އެވެ. އަދި މުވައްޒަފުންނަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ދޭންޖެހޭ ވަރަށް ވުރެ އިތުރަށް ތިޖޫރީ އާއި ބޭންކު އެކައުންޓުން ނެގި 82،579ރ. އާއި ނަގުދު ފައިސާގެ ތެރެއިން ކައުންސިލްގެ ބޭންކް އެކައުންޓަށް ޖަމާކުރަން ނެގި ފައިސާގެ ތެރެއިން 42،204ރ. ބޭންކް އެކައުންޓަށް ޖަމާކޮށްފައިނުވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި ބަލައިގެންފައިވަނީ 593،490ރ. އެވެ. ނަމަވެސް ބޭންކަށް ޖަމާ ކޮށްފައިވަނީ އެހެނިހެން ފައިސާ ހިމެނޭ ގޮތަށް ޖުމްލަ 298،335ރ. ކަމަށް އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ވެ އެވެ.

މީގެ އިތުރުން މުވައްޒަފުންގެ މުސާރަ އާއި އެލަވަންސް ދިނުމަށާއި ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ތިޖޫރި އާއި ބޭންކް އެކައުންޓުތަކުން ފައިސާ ނަގާއިރު، އަސްލު ނަގަންޖެހޭ އަދަދަށް ވުރެ ބޮޑު އަދަދެއް ނަގާފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

އެގޮތަށް ނަގާ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައި ހުރި ކަމަށް އެ ރިޕޯޓުގައިވެ އެވެ. އަދި އެކަން ކޮށްފައިވަނީ ކައުންސިލްގެ އިސްވެރިންގެ ސޮއި އަމިއްލައަށް ކޮށްގެން ކަމަށް އެ ކައުންސިލްގައި މާލީ ކަންތައްތައް ބަލަހައްޓަމުން ދިޔަ އޭރުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު އެއްބަސްވެފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

އެހެންވެ، އެ މައްސަލަ ތަހުގީގު ކުރުމަށް އޮޑިޓަ ޖެނެރަލް ވަނީ އަންގަވައިފަ އެވެ.

ލިޔެކިޔުންތައް ވެސް ރަނގަޅަށް ނުބަލަހައްޓާ

ކައުންސިލް އިދާރާ އަށް ނަގުދު ފައިސާގެ ގޮތުގައި ބަލައިގަނެފައިވާ އާމްދަނީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ގަވާއިދުން ބޭންކު އެކައުންޓަށް ޖަމާކޮށްފައިނުވާކަން ވެސް އޮޑިޓް ރިޕޯޓުން ހާމަވި އެވެ. އޭގެ އިތުރުން ބޭންކު އެކައުންޓުން ގިނަ އަދަދެއްގެ ނަގުދު ފައިސާ އެކި ފަހަރު ނެގުމަށް ފަހު އެ ފައިސާ އާއްމުކޮށް ތިޖޫރީގައި ބަހައްޓައިގެން އެކި ކަންކަމަށް ހަރަދުކޮށްފައިވާ ކަމަށް ބުންޏެވެ.

ފައިސާ ބެލެހެއްޓުމާއި ހަރަދުތައް ބެލެހެއްޓުމާއި ކަންކަން ރަނގަޅަށް ބަލަހައްޓާފައިނުވާއިރު، ފައިސާގެ ހިސާބުތައް ބެލެހެއްޓުމާ ގުޅޭ އިދާރީ ހިންގުން ހަރުދަނާ ކުރަން އިސްލާހީ ފިޔަވަޅު އަޅާފައި ނުވުމާއި އެކަމުގައި ކައުންސިލް އިސްވެރިންގެ ޒިންމާތައް އަދާކޮށްފައިނުވާ ކަމަށް ރިޕޯޓުގައި ބުނެ އެވެ.

އެ ރިޕޯޓްގައިވަނީ އެކިފަހަރު މަތިން އަށް ޗެކަކުން 255،584ރ. ނެގިޔަސް، އެ ފައިސާ ނެގި ބޭނުމާއި އެ ފައިސާ ހަރަދުކޮށްފައިވާ ބޭނުން އެނގޭ އެއްވެސް ލިޔެކިޔުމެއް ކައުންސިލް އިދާރާގައި ނެތް ކަމަށެވެ.

"ފައިސާ ހަރަދުކުރުމުގެ ކުރިން ތައްޔާރުކުރަންޖެހޭ ޕޭމަންޓު ވައުޗަރުތަކާއި ފައިސާ ހަރަދުކުރުމުގެ ކުރިން ހުންނަންޖެހޭ އެހެނިހެން ސަޕޯޓިން ޑޮކިއުމެންޓް ކައުންސިލްގެ އިދާރާގައި ފެންނަން ނެތްކަން ފާހަގަ ކުރެވެ އެވެ. މީގެ އިތުރަށް އަށް ޗެކަކުން ނަގާފައިވާ ފައިސާ ކައުންސިލްގެ އިދާރާގެ ތިޖޫރީއަށް ވައްދާފައި ނުވާކަން ތިޖޫރީ ބާކީކުރާ ފޮތުން އެނގެން އޮތްކަން ވެސް ފާހަގަ ކުރެވެ އެވެ،" އެ ރިޕޯޓުގައި ވެ އެވެ.

އެ ފައިސާގެ ތެރެއިން ޗެކް ނަމްބަރު 312 އިން ނަގާފައިވާ 48،298ރ. ފިޔަވައި އެހެން ޗެކްތަކުގައި ހިމެނޭ ފައިސާ ބޭންކުން ނަގާފައިވަނީ ކައުންސިލް އިދާރާގެ ކުރީގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުގައި ހުރި މުވައްޒަފެވެ.

ފައިސާ ނެގީ ލިޔެކިޔުންތައް ފޯޖުކޮށްގެން

ކައުންސިލް އިދާރާގެ ބޭންކު އެކައުންޓުތަކުން 2017 އަދި 2018 ވަނަ އަހަރުގެ ތެރޭގައި ޖުމްލަ 112،500ރ. އިތުރަށް ނެގުމަށްފަހު އެ ފައިސާ ކައުންސިލް އިދާރާގެ ތިޖޫރީއަށް ނުވައްދާ ހުރިކަން ފާހަގަކުރެވޭ ކަމަށް އޮޑިޓު އޮފީހުން ބުންޏެވެ. އެ ފައިސާ އިތުރަށް ނަގާފައިވަނީ ލިޔެކިޔުން ފޯޖުކޮށްގެންނާއި ފައިސާ ނަގަންޖެހޭ އަދަދަށް ވުރެ ބޮޑު އަދަދެއް ޖެހުމަށްފަހު، ޗެކްތަކުގައި ހިމަނައިގެންނެވެ. އަދި އިތުރަށް ނެގި ފައިސާ ތިޖޫރިއަށް ވައްދާފައިނުވާ ކަމަށް ވެސް ބުންޏެވެ.

"އެ ފައިސާއިން ކޮށްފައިވަނީ ކޮން ކަމެއް ކަމާއި އެ ފައިސާ ހަރަދުކޮށްފައިވަނީ ކައުންސިލް އިދާރާގެ ބޭނުމަށްކަން އެނގޭނެ ލިޔެކިޔުން ކައުންސިލްގެ އިދަރާގައި ނެތްކަން ފާހަގަކުރެވެ އެވެ. އިތުރަށް ފައިސާ ނެގުމަށް ބޭނުންކޮށްފައިވާ ޗެކްތަކުގެ ކައުންޓަ ފޮއިލްތަކުގައި ޖަހާފައިވާ އަދަދަށް ވުރެ އިތުރު ފައިސާ އެ ޗެކުތައް ބޭނުންކޮށްގެން ބޭންކު އެކައުންޓުން ނަގާފައިވުމާއި ބައެއް ފަހަރު ޗެކްތަކުގެ ކައުންޓަ ފޮއިލްތަކުގައި ސޮއިނުކޮށް ބޭންކު އެކައުންޓުތަކުން ފައިސާ ނަގާފައިވާކަން މި އޮޑިޓަށް ލިބިފައިވާ ލިޔެކިޔުންތަކުން ފާހަގަކުރެވެ އެވެ."

ކައުންސިލްގެ އިދާރާގެ މުވައްޒަފުންނަށް 2017 އަދި 2018 ވަނަ އަހަރުގެ ތެރޭގައި މުސާރަ އާއި އެލަވަންސްގެ ގޮތުގައި ދޭންޖެހޭ ފައިސާގެ އަދަދާއި މުވައްޒަފުންނަށް ދީފައިވާ މުސާރަ އާއި އެލަވަންސްގެ ހިސާބުތައް ބެލިއިރު، ނަގުދު ފައިސާއިން މުސާރަ ދޭ ވޭސްޓް މެނޭޖްމަންޓު މުވައްޒަފުންނާއި މިސްކިތުގެ މުވައްޒަފުންނަށް މުސާރަ ދޭންޖެހޭ އަދަދަށް ވުރެ އިތުރަށް ދިނުމަށް އެކި ފަހަރުމަތިން 82،579ރ. ނަގާފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

މީގެ އިތުރުން މުސާރައިގެ ގޮތުގައި ދޭންޖެހޭ ފައިސާއަށް ވުރެ އިތުރަށް ޖުމްލަ 60،365ރ. މުސާރަ ޝީޓުތަކުގައި ހިމެނުމަށްފަހު ތިޖޫރީން ނަގާފައިވެ އެވެ. އަދި މިސްކިތުގެ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ދޭންޖެހޭ އަދަދަށް ވުރެ އިތުރަށް 22،214ރ. އެކައުންޓުތަކުން ނަގާފައިވެ އެވެ.

އޮޑިޓް ރިޕޯޓުން ބުނީ އަމިއްލަ ބޭނުންތަކަށް ނަގަން މެދުވެރިވީ ކައުންސިލް އިދާރާގެ ފައިސާ ބެލެހެއްޓުމާއި އެ ފައިސާއިން ހަރަދު ކުރުމުގެ ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް މާލިއްޔަތު ގަވާއިދާ އެއްގޮތަށް ފުރިހަމަ ކޮށްފައިވޭތޯ ކައުންސިލްގެ އިދާރާގެ މާލީ ޒިންމާދާރުވެރިޔާ ބަލާފައިނުވާތީ ކަމަށެވެ.

ކައުންސިލް އިދާރާއިން 2017-2018 ވަނަ އަހަރުގެ ތެރޭގައި ކުރި ހަރަދުތަކުގެ ތެރެއިން ޕޭމަންޓު ވައުޗާ ތައްޔާރުނުކޮށް ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ވެސް އެ ރިޕޯޓުގައިވެ އެވެ. އަދި ޕޭމަންޓް ވައުޗާ ތައްޔާރު ކޮށްފައިވާ ހަރަދުތަކުގެ މުއާމަލާތްތަކުގެ ތެރެއިން ވެސް ޕޭމަންޓު ވައުޗަރާއެކު ހިމަނަންޖެހޭ ހުރިހާ ލިޔެކިޔުމެއް ހަމަކޮށް ފުރިހަމަކޮށްފައިވަނީ 141،825ރ. ހަރަދުކުރި 24 މުއާމަލާތެއްގައި ކަމަށް އެ ރިޕޯޓުގައިވެ އެވެ.

ޕޭމަންޓު ވައުޗާ ތައްޔާރު ކޮށްފައި ވިޔަސް، ޕޭމަންޓް ވައުޗަރާއެކު ހިމަނަންޖެހޭ ހުރިހާ ލިޔެކިޔުމެއް ހަމަނުކޮށް ގާތްގަނޑަލަށް 1.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.