Roadha Mihaaru
މަނާ ތަންތަނުގައި ސިނގިރޭޓު ބޯނަމަ ހުއްދަ ބާތިލްކުރަނީ

ކެފޭތަކުގެ މަނާ ސަރަހައްދުގައި ސިނގިރޭޓު ބޯނަމަ ވިޔަފާރި ހުއްދަ ބާތިލް ކުރެވޭ ގޮތަށް ހަދަނީ

05 ޑިސެމްބަރ 2024

ކެފޭ/ރެސްޓޯރެެންޓު ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރަން ހުއްދަ ނޯންނަ ސަރަހައްދުތަކުގައި އެކަން ކުރާ ނަމަ އެ ތަނެއްގެ ވިޔަފާރި ހުއްދަ ބާތިލް ކުރެވޭ ގޮތަށް ދުންފަތް ކޮންޓްރޯލް ކުުރުމުގެ ގާނޫނު އިސްލާހު ކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކެފޭ/ރެސްޓޯރެެންޓު ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރަން ހުއްދަ ނޯންނަ ސަރަހައްދުތަކުގައި އެކަން ކުރާ ނަމަ އެ ތަނެއްގެ ވިޔަފާރި ހުއްދަ ބާތިލް ކުރެވޭ ގޮތަށް ދުންފަތް ކޮންޓްރޯލް ކުުރުމުގެ ގާނޫނު އިސްލާހު ކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މީގެ 14 އަހަރު ކުރިން އޮގަސްޓް 2010 ގައި އަމަލު ކުރަން ފެށި އެ ގާނޫނު ބުނާ ގޮތުން، މަނާ ތަނެއްގައި ދުންފަތުގެ އިސްތިއުމާލު ކުރާ ނަމަ 500ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އެކަމަކު، ގާނޫނުގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް ފަހަކަށް އައިސް އެކަން ތަންފީޒެއް ނުކުރެ އެވެ.

ހެލްތް މިނިސްޓްރީން މިއަދު ބެއްވި ބައްދަލުވުމުގައި މިނިސްޓަރު އަބްދުﷲ ނާޒިމާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ބައިވެރިވަނީ .-- ފޮޓޯ: މިނިސްޓްރީ

ހެލްތް މިނިސްޓްރީން މިއަދު ބެއްވި ބައްދަލުވުމުގައި މިނިސްޓަރު އަބްދުﷲ ނާޒިމާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ބައިވެރިވަނީ .-- ފޮޓޯ: މިނިސްޓްރީ

ހެލްތު މިނިސްޓްރީން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި "މިހާރު" އިން އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވީ، ތަންފީޒީ ކަންކަމަކީ އެންމެ ރަނގަޅަށް ނުވާ ކަންކަން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އެއީ ހަމައެކަނި ވިޔަފާރިކުރާ ފަރާތްތަކުން ރަނގަޅު ކުރަން ހުރި ކަންކަން ނޫން ކަމަށާއި އާންމު މީހާ ވެސް އެ ކަންކަމަށް އަމަލު ކުރަން ޖެހޭނެކަން އޭނާ ފާހަގަ ކުރެއްވި އެވެ. މީގެ ކުރިން ވިޔަފާރިތަކަށް ފިޔަވަޅު ނޭޅި ނަމަވެސް މިހާރު އިސްލާހު ކުރަން ހުށަހަޅާފައިވާ ގާނޫނުން އިތުރު ބާރުތަކެއް މިނިސްޓްރީ އަށް ލިބިފައިވާތީ އެކަމަށް ފިޔަވަޅު އަޅައި، އިތުރު ހައްލުތަކެއް ހޯދޭނެ ކަމަށް ހަސަން ވިދާޅުވި އެވެ.

"އެއީ އެ ތަންތަން ހިންގާ ފަރާތްތައް ޒިންމާ އެބަކުރެވޭ. އެ ވަގުތު އެތަން މެނޭޖުކުރާ މީހުންގެ އިތުރުން ތަނުގެ ވެރިފަރާތް ވެސް ޒިންމާ ކުރެވޭ ގޮތަށް މި ފަހަރުގެ ގާނޫނަށް އެބައިން ބަދަލެއް އައިސްފައި،" އޭނާ ވިދާޅުވި އެވެ.

މަނާ ތަނެއްގައި އަދި ހުއްދައާ ހިލާފަށް ދުންފަތުގެ އިސްތިއުމާލު ކުުރުމުން ގާނޫނުގައި މިހާރު ވެސް ބަޔާން ކޮށްފައިވާ ފިޔަވަޅުތަކުގެ އިތުރުން، އެ ތަނަކަށް ދޫކޮށްފައިވާ ވިޔަފާރިކުރުމުގެ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓުމަށް ނުވަތަ ބާތިލް ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމުގެ ބާރު މިނިސްޓްރީ އަށް އާ އިސްލާހުން ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިނގިރޭޓް ފޮއްޓެއްގައި ސިއްހަތުގެ އިންޒާރު ދީފައި-- މިހާރު ފޮޓޯ

ސިނގިރޭޓް ފޮއްޓެއްގައި ސިއްހަތުގެ އިންޒާރު ދީފައި-- މިހާރު ފޮޓޯ

އޭގެ އިތުރުން އެފަދަ ހާލަތެއްގައި ޖޫރިމަނާ ކުރުމުން ނުދައްކައިފި ނަމަ އަޅާނެ ފިޔަވަޅު ވެސް އަލަށް ގެންނަ ބަދަލުގައި ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"އެއީ މިސާލަކަށް ހެލްތުން އެ ތަނަށް [ކެފޭ/ރެސްޓޯރެންޓް ނުވަތަ ވިޔަފާރި] ދޫކޮށްފައި ހުންނަ ހުއްދަ ބާތިލް ކުރުމުގެ ފުރުސަތު އެބައޮތް މިހާރު ގާނޫނުން އަދި އޭގެ އިތުރުން އެ ވަރުން ވެސް އެތަން އިސްލާހު ނުވެއްޖެ ނަމަ އެ ތަނަށް ދޫކޮށްފައި އޮތް ވިޔަފާރީގެ ހުއްދަ ވަގުތީ ގޮތުން ހުއްޓުވައި ވަކި ހިސާބަކުން ބާތިލް ވެސް ކުރުމުގެ ފުރުސަތު އެބައޮތް،" ހަސަން ވިދާޅުވި އެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވެސް ވިދާޅުވީ އެ ކަމަކީ އެންމެން ގުޅިގެން ނޫނީ ނުކުރެވޭނެ ކަމެއް ކަމަށެވެ.

ސަރުކާރުން ވަނީ މިދިޔަ މަހުގެ 15 އިން ފެށިގެން ރާއް ޖެއަށް ވޭޕް އެތެރެކުރުން މަނާކޮށްފަ އެވެ. އަދި މި މަހު 15 އިން ފެށިގެން ރާއްޖޭގައި އެ ތަކެތި ބޭނުންކުރުން މަނާވާނެ އެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނު ތަންފީޒުކުރުމާއި އެ ގާނޫނު މިހާރަށް ވުރެ ހަރުކަށި ކުރުމަށް ބަދަލުތައް ގެންނަން ވަނީ ނިންމައިފަ އެވެ. މިގޮތުން، ސިނގިރޭޓާއި ބިޑި ފަދަ ދުންފަތުގެ ބާވަތްތަކުން ޑިޔުޓީ ވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަނީ ބޮޑުކޮށްފަ އެވެ.