Roadha Mihaaru
ފުޑް ކޯޓުގައި ސިނގިރޭޓް ބުއިން މަނާކުރަން އެދެފި

ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ގޮތަށް ފުޑް ކޯޓުތައް ހަދަން އެދެފި

10 ޖެނުއަރީ 2018

މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި އެސްޓީއޯއިން ތަރައްގީކުރާ ފުޑް ކޯޓުތަކުގައި ދުންފަތުގެ އިސްތިއުމާލު ނުކުރެވޭގޮތް ހަދަން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް މަސައްކަތްކުރާ ފަރާތްތަކުން އެދެފި އެވެ.

މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި އެސްޓީއޯއިން ތަރައްގީކުރާ ފުޑް ކޯޓުތަކުގައި ދުންފަތުގެ އިސްތިއުމާލު ނުކުރެވޭގޮތް ހަދަން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް މަސައްކަތްކުރާ ފަރާތްތަކުން އެދެފި އެވެ.

ހާބަރު ސަރަހައްދުގައި ތަރައްގީ ކުރާ 26 ކެފޭ ކުއްޔަށް ހިފަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާއިރު އެސަރަހައްދުގެ އެއްބައި ހާއްސަކުރަނީ ދުންފަތުގެ އިސްތިއުމާލު ކުރެވޭ ސަރަހައްދެއްގެ ގޮތުގަ އެވެ. އެސްޓީއޯއިން ހަދަމުން އަންނަނީ ތަފާތު ތިން ސައިޒެއްގެ ކެފޭތަކެވެ. އެ ކެފޭތަކުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރެވެނީ އިއްޒުއްދީން މަގާވީ ފަޅީގައި ހަދާ 12 ފުޑް ކޯޓުގަ އެވެ.

އެނގިފައިވާގޮތުގައި، ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ފުޑް ކޯޓް ސަރަހައްދުގައި ދުންފަތުގެ އިސްތިއުމާލުކުރަން ހުއްދަ ދޭން ނިންމި ނިންމުން ބާތިލުކުރަން އެސްޓީއޯއަށް އަންގައިފަ އެވެ. އެއީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން ކަޑައެޅުމުގެ ގަވާއިދުގެ ދަށުންނެވެ. އެކަމާ ގުޅޭގޮތުން އެޗްޕީއޭގެ ރަސްމީ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ގަވައިދުގައި ބުނާ ގޮތުން ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހާއްސަކޮށްފައިވާ ސަރަހައްދު ފިޔަވައި އެހެން ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމެކެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރަން ކަނޑައަޅާ ސަރަހައްދަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ދުމުގެ އަސަރު ނުކުރާނެހެން ހަދާފައިވާ ތަނަކަށް ވާންޖެހެއެވެ. ފުޑްކޯޓުގައި މި ޝަރުތުތައް ހަމަނުވާ ކަމަށްވެ އެވެ.

ދުންފަތުގެ ސަބަބުން ޅައުމުގައި ބޮޑެތި ބަލިތައް ޖެހުމާއި މަރުވާ މީހުންގެ ނިސްބަތް ރާއްޖޭގައި އިތުރުވަމުން އަންނަކަން ފާހަގަކޮށް ޓޮބެކޯ ކޮންޓްރޯލް ބޯޑުގެ މެމްބަރު އަދި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އާއިލާތަކާއި އެކި އުމުރުގެ ގިނަ ބަޔަކު ކެއިންބުއިމަށް ދާ ތަނެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހުއްދަ ދިނުމަކީ ނާތަހުޒީބު ނިންމުމެއް ކަމަށެވެ.

"ހަމައެކަނި އިމާރާތެއް ނޫން ތަރައްގީވާންވީކީ. އަޅުގަނޑުމެން ވިސްނަން ޖެހޭ ދުނިޔޭގަ މިހާރު ތަރައްގީވެފައިވާ ގައުމުތަކުގައި ފުޑްކޯޓުތައް ހިންގާއިރު ކަންކަން ކުރާ ގޮތް. މިހާރު ބޮޑު ތަނެއް ހުޅުވާއިރު އެކަންކަމަށް ބުރޫ ނާރާނެ ގޮތަށް ވިސްނަން ޖެހޭ،" ސިއްހީދާއިރާގައި ޚިދުމަތްކުރައްވާތާ 27 އަހަރު ވެފައިވާ އައްފާލް ވިދާޅުވި އެވެ.

"ދުމަކީ އިންޓެލިޖެންޓް އެއްޗެއް ނޫން. ވަކި ރޮނގެއް ދަމާފައި މިއީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ސަރަހައްދޭ ބުނުމުން ދުން ނުދާން. އިންޓެލިޖެންޓް ބަޔަކީ އިންސާނުން. އެހެންވީމަ އިންޓެލިޖެންޓްވާންވީ އިންސާނުން،"

ވަރަށް ގިނަ ގައުމުތަކުގައި އަންނަނީ ފުޑްކޯޓްތައް ފަދަ އާންމުން އެއްވެ އުޅޭ ތަންތަނުގައި ދުންފަތުގެ އިސްްތިއުމާލު ކުރުން މަނާ ކުރަމުންނެވެ.

ޓޮބެކޯ ކޮންޓްރޯލް ބޯޑުގެ ވައިސް ޗެއާ ޑރ. އައިޝަތު އަރޫނާ ވިދާޅުވީ ފުޑްކޯޓު ފަދަ އާންމުކޮށް ހުޅުވާލެވިފައިވާ ސަރަހައްދެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުއްދަ ދިނުމަކީ އޭގެ އިސްތިއުމާލު ނުކުރާ މީހުންނަށް ދުންފަތުގެ ދުމުގެ އަސަރު ކުރާނެ ކަމެއް ކަމަށެވެ.

"ދުންފަތަކީ ވިހައެއް. އަދި ސާފު ވައި ތަޣައްޔަރުކުރާ އެއްޗެއް. ފުޑްކޯޓް ފަދަ ތަންތަން ވާން ޖެހޭނީ ހުރިހާ އުމުރުފުރައެއްގެ އެންމެނަށް ހިދުމަތް ރައްކާތެރިގޮތުގައި ލިބޭނެ ތަނަކަށް،" އަރޫނާ ވިދާޅުވި އެވެ.

އެ ކަންބޮޑުވުންތަކާ ގުޅޭގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ މިކަމުގައި އަމަލުކުރާނީ އެޗްޕީއޭގެ ލަފާގެ މަތިން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.