Roadha Mihaaru

ދުންފަތުގެ ޖެނެރޭޝަން ބޭންއާ ގުޅޭ ގޮތުން ޑަބްލިއުއެޗްއޯއާ އެކު މަޝްވަރާކޮށްފި

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އެކަމުން ދުރުކުރަން "ޖެނަރޭޝަން ބޭން" އަކަށް ދިއުމާ ގުޅޭ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އާ އެކު މަޝްވަރާކޮށްފި އެވެ.

ޖެނެރޭޝަން ބޭންއަށް ދާން ޑަބްލިއުއެޗްއޯއާ މަޝްވަރާކޮށްފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

08 އެޕްރީލް 2025

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އެކަމުން ދުރުކުރަން "ޖެނަރޭޝަން ބޭން" އަކަށް ދިއުމާ ގުޅޭ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އާ އެކު މަޝްވަރާކޮށްފި އެވެ.

ހެލްތު މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނަރޭޝަން ބޭން ތައާރަފުކުރުމަށް ކަމާގުޅުން ހުރި ފަރާތްތަކުގެ ހިޔާލު ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

އެ މަަސައްކަތުގެ ދަށުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ޑަބްލިއުއެޗްއޯ އާއި ޔުނިސެފްގެ އޮފިޝަލުންނާ ބައްދަލުކުރައްވައި އެކަމުގެ މަޝްވަރާތައް ކުރައްވައިފަ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ޖެނަރޭޝަނަލް ބޭން ކާމިޔާބުކަމާ އެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭ ގޮތުން އެ އިދާރާތަކުން ވަނީ މިނިސްޓްރީއަށް ލަފާދީފަ އެވެ.

ޖެނަރޭޝަން ބޭންއަކަށް ދިއުމަށް ތިން ހިޔާލެއް ސަރުކާރުން ގެންގުޅެ އެވެ. އެއީ 2000 ވަނަ އަހަރު ނުވަތަ 2004 ވަނަ އަހަރު ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ހުރިހާ ކުދިންނަށް މުޅި އުމުރަށް ދުންފަތް ބޭނުންކުރުން މަނާ ކުރުމަށެވެ.

އެކަމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ސޯޝަލް މީޑިއާގައި ޕޯލްއަކަށް ހުޅުވާލައްވައިފަ އެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި މިފަދަ ނިންމުމެއް ނިންމަން ޖެހުނީ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ޒުވާނުން ދުންފަތު ވަބާގައި ޖެހި، އެކަމުން ސަލާމަތްނުވެގެން އުޅޭ މަންޒަރު ފެންނަމުންދާތީ އެވެ.

ދުވަސްވީ މީހުންނަށް ވުރެ، ޒުވާން ކުދިން ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރަން ފަށާ ހިސާބުން އެކަމުން ސަލާމަތްކުރަން އުޅެފި ނަމަ ފަސޭހަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން ވެސް ވަނީ މަނާކޮށްފަ އެެވެ. ވޭޕް ބޭނުންކުރާ ނަމަ، ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަން ގާނޫނުގައި ހިމަނާފައިވެ އެވެ.