Roadha Mihaaru
ކެފޭތަކުގައި ސިނގިރޭޓް ނުބޮވޭ ގޮތް ހަދަން ބޭނުން

ކެފޭތަކުގައި ސިނގިރޭޓް ނުބޮވޭ ގޮތް ހަދަން ގިނަ ބަޔަކު ބޭނުން: ޕޯލް

10 އެޕްރީލް 2018

ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ފެންނަ ކަމަށް، އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ނެންގެވި ސޯޝަލް މީޑިއާ ޕޯލަކުން ދައްކައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ފެންނަ ކަމަށް، އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ނެންގެވި ސޯޝަލް މީޑިއާ ޕޯލަކުން ދައްކައިފި އެވެ.

ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ މެމްބަރު އަދި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް އޭނާގެ ޓުވިޓާ އެކައުންޓުން ނެގި ޕޯލުގެ ނަތީޖާ ދައްކަނީ ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ކުރުމަށެވެ. ބޭނުންވަނީ ކެފޭ، ރެސްޓޯރެންޓްތަކުގައި ދުންފަތުގެ އިސްތިއުމާލު ނުކުރާ ގޮތަށްތޯ ސުވާލުކޮށް ނެގި ޕޯލަށް 3,478 މީހުން ވޯޓް ދިންއިރު އޭގެ ތެރެއިން 59 ޕަސެންޓް ބުނަނީ އާއެކޭ އެވެ. ދުންފަތުގެ އިސްތިއުމާލު ކުރެވޭގޮތަށް ހަދަން އެދުނީ 41 ޕަސެންޓް މީހުންނެވެ.

އަފްއާލްގެ ޕޯލް---

ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި ވެސް ގާނޫނެއް ހަދައި އަންނަނީ ތަންފީޒު ކުރަމުންނެވެ. ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުވާ ގޮތުން ކެއިންބުއިމުގެ ހިދުމަތް ދޭ ތަނެއްގައި ދުންފަތުގެ އިސްތިއުމާލްކުރެވޭނީ އެހެން މީހުންނަށް ދުމުގެ އަސަރުނުކުރާ ގޮތަށް ހާއްސަކުރަން ޖެހޭ ވަކި ބައެއްގަ އެވެ. ނަމަވެސް ރާއްޖޭގެ ގިނަ ރެސްޓޯރެންޓްތަކެއް ދުންފަތް ވިއްކުމަށް ހާއްސަކޮށްފައިވެ އެވެ. އެގޮތުން ޒުވާނުންނަށް ހާއްސަކޮށް ޝީޝާ ވިއްކުމަށް އިސްކަން ދޭ ތަންތަން ހުރެއެވެ.

އަފްއާލް ވިދާޅުވީ ދުނިޔޭގެ ތަރައްގީވެފައި ގައުމުތަކުގައި ކެފޭ ރެސްޓޯރެންޓްތަކަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ތަންތަން ކަމަށް ވާއިރު ގިނަ ދިވެހިން ވެސް މިއަދު ބޭނުން ވަނީ އެ ގޮތް ކަމަށެވެ.

އޭޑީކޭގެ އެމްޑީ އަފްއާލް: ދުންފަތާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް-- ފޮޓޯ: ނިޝާން އަލީ/މިހާރު

އޭޑީކޭގެ އެމްޑީ އަފްއާލް: ދުންފަތާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް-- ފޮޓޯ: ނިޝާން އަލީ/މިހާރު

ހާބަރު ސަރަހައްދުގައި އެސްޓީއޯ އިން މިހާރު ތަރައްގީކުރަމުން އަންނަ ފުޑް ކޯޓުތަކުގައި ދުންފަތުގެ އިސްތިއުމާލްކުރަން ހުއްދަ ނުދޭން ސިއްހީ މާހިރުންގެ އެދުމާ އެކު އެސްޓީއޯއިން ވެސް ވަނީ ނިންމައިފަ އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމުން ކެފޭ، ރެސްޓޯރެންޓް ވިޔަފާރިތަކަށް ގެއްލުންވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫންކަން މިހާރު އަންނަ ބަދަލުތަކުން ހާމަވާ ކަމަށް ވެސް އަފްއާލް ވިދާޅުވި އެވެ.

"ވިޔަފާރި ދަށްވާނެ ކަމަށް ބުނުމަކީ ދެކެވޭ ވާހަކަތައް. ވިޔަފާރި ދަށް ކަމަށް އެނގިފައެއް ނެތް. މާލޭގެ ވަރަށް މަޝްހޫރު ތަންތަން އެބަހުރި ސިނގިރޭޓް ނުބޯ ތަންތަން. އެ ތަންތަނުގެ ވިޔަފާރި ދަށެއް ނޫން. އެފަދަ ތަންތަނަށް އާއިލާތަކަށް އެކުގައި ދެވޭ،" އަފްއާލް ވިދާޅުވި އެވެ.

Harbour food court thakugai Cigarette buin manaa

Harbour food court thakugai Cigarette buin manaa

The most trusted news source in the Maldives

Mihaaru

ފުޑް ކޯޓުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރަން ހުއްދަ ނުދޭން ނިންމުން--

މިހާރަކަށް އައިސް މާލޭގައި ގިނައިން ހުޅުވާ އަދި މީހުންނަށް އެންމެ މަގުބޫލް ތަންތަނަކީ ވެސް ދުންފަތުގެ އިސްތިއުމާލު ނުކުރާ އިންޑޯ ތަންތަންކަން އަފްއާލް ފާހަގަ ކުރެއްވި އެވެ.

ހެލްތް މިނިސްޓްރީންގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ އާބާދީގެ 37 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލު ކުރެ އެވެ. ރާއްޖެއިން މަރުވާ މީހުންގެ 81 ޕަސެންޓް މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މަރުވާ މީހުންނެވެ. އޭގެ ތެރެއިން ގިނަ ބަލިތައް ގުޅިފައިވަނީ ދުންފަތުގެ އިސްތިއުމާލާ އެވެ.

ކެފޭ، ރެސްޓޯރެންޓްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް 1990 އިން ފެށިގެން ދުނިޔޭގެ އެކިއެކި ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި ދިރާސާތައް ވަނީ ކުރަން ފަށައިފަ އެވެ. އޭގެ ނަތީޖާތަކަށް އަމާޒުކޮށް ތަރައްގީވެފައިވާ ގައުމުތަކާއި ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ކެފޭ، ރެސްޓޯރެންޓްތަކަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ތަންތަންކަމުގައި އަންނަނީ ކަނޑައަޅަމުންނެވެ.

ސިއްހީ މާހިރުން ބުނާގޮތުގައި ކެފޭ، ރެސްޓޯރެންޓްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުމަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ގެނެވޭނެ ވަރަށް ރަނގަޅު ބަދަލަކަށް ވެގެންދާނެ އެވެ. އޭގެ ސަބަބުން ބޮޑެތި ބަލިތައް ޖެހޭ މީހުންގެ ނިސްބަތް މަދުކުރެވޭނެ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.