03 ޑިސެމްބަރ 2024
އާއިޝަތު އީޝަލް އަލީ އެންމެ މޮޅީ ކޮން ކަމަކަށް ހެއްޔެވެ؟ ޖަވާބަކީ އޭނާ މިހާތަނަށް ކުރިމަތިލީ ކޮންމެ ކަމެއްގަ އެވެ. ކިޔެވުމަށް ބަލާއިރު އޭނާ އަކީ އޯ ލެވެލްގައި ރާއްޖޭގެ އެއް ވަނަ އެވެ. ކުޅިވަރަށް ބަލާއިރު އޭނާ އަކީ ހޭންޑްބޯޅަ އާއި ނެޓްބޯޅައިގައި ރާއްޖޭގެ އެންމެ އުއްމީދީ އެއް ކުޅުންތެރިޔާ އެވެ. ސްކޫލުގެ އިތުރު ހަރަކާތްތަކުގައި ވެސް އެހާމެ ކާމިޔާބެވެ.
އާއިޝަތު އީޝަލް އަލީ އެންމެ މޮޅީ ކޮން ކަމަކަށް ހެއްޔެވެ؟ ޖަވާބަކީ އޭނާ މިހާތަނަށް ކުރިމަތިލީ ކޮންމެ ކަމެއްގަ އެވެ. ކިޔެވުމަށް ބަލާއިރު އޭނާ އަކީ އޯ ލެވެލްގައި ރާއްޖޭގެ އެއް ވަނަ އެވެ. ކުޅިވަރަށް ބަލާއިރު އޭނާ އަކީ ހޭންޑްބޯޅަ އާއި ނެޓްބޯޅައިގައި ރާއްޖޭގެ އެންމެ އުއްމީދީ އެއް ކުޅުންތެރިޔާ އެވެ. ސްކޫލުގެ އިތުރު ހަރަކާތްތަކުގައި ވެސް އެހާމެ ކާމިޔާބެވެ.
މިއީ ހަމައެކަނި އޭނާގެ ހުނަރާއި، ގާބިލްކަމެއް ނޫނެވެ. ބުރަ މަސައްކަތް ވެސް މެ އެވެ. އަދި މަންމަ އާއި ބައްޕަ ދޭ ސަޕޯޓް ވެސް ބޮޑު ދައުރެއް އަދާކުރެ އެވެ. އެ ހުރިހާ ކަމަކާ އެކު އީޝަލް، 17، ހޯދަމުން އަންނަ ކާމިޔާބީތަކުން އަމިއްލަ ނަފްސަށް ލިބޭ ރީތި ނަމަ ވުރެ އޭނާ އުފާވާ އެހެން ކަމެއް އެބައޮތެވެ. އެއީ ކިޔެވުމާއި ކުޅިވަރަކީ އެކުއެކީގައި ގެންދެވޭނެ އަދި އޭގެ ތެރެއިން އެއް ކަމަކުން މޮޅުވުމަކީ އަނެއް ކަމަކުން ނާކާމިޔާބުވާން ޖެހުން ނޫންކަން ސާބިތުކޮށްދެވުމެވެ.
އީޝަލްގެ މަންމަ ހައްވާ ޒީނާ ވެސް ދަރިފުޅާ މެދު އެންމެ ފަހުރުވެރިވަނީ ވެސް އެ ސަބަބާ ހެދި އެވެ.
"ކިޔެވުމާއި، ކުޅިވަރާއި، އަދަބީ ކަންކަމާއި، ކުރެހުމާއި... މި ހުރިހާ ކަމެއްގައި އުޅެމުން އޯ ލެވެލް އިން އެ ހޯދި ނަތީޖާ އާއި ކުޅިވަރުގައި އެ ހޯދާ ކާމިޔާބީ... މާޝާﷲ ވަރަށް ފަހުރުވެރިވޭ،" ޒީނާ ބުންޏެވެ.
އަހުމަދިއްޔާ ސްކޫލުގެ ޔޫކޭޖީގައި އީޝަލް ކިޔަވަމުންދިޔައިރު އޭނާގެ ކިބައިގައި ކުޅިވަރުގެ ހުނަރުހުރިކަން ފާހަގަކުރެވި، އެ ދިމާލަށް އެންމެ ފުރަތަމަ ގެންދިޔައީ މަންމަ ޒީނާ އެވެ. އޭރު އޭނާ ދިޔައީ ވަރަށް ގިނަ ކުޅިވަރުތަކެއްގައި ބައިވެރިވަމުންނެވެ. އެތުލެޓިކްސް އާއި ބާސްކެޓްބޯޅަ އާއި ނެޓްބޯޅައިގައި ވެސް މެ އެވެ. އޭރު އެއީ ސްކޫލުގެ މުބާރާތްތަކުގަ އެވެ. ނަމަވެސް، ގްރޭޑް ފަހެއްގައި އުޅެމުން އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގައި ދެއްކި ކުޅުމާ އެކު ކޯޗުންނަށް ވެސް އީޝަލް އަކީ ތަފާތު ކުޅުންތެރިއެއްކަން އެނގުނެވެ.
އީޝަލް (ވ-2) އޭނާގެ މަންމަ އާއި ބައްޕަ އަދި ކޮއްކޮއާ އެކު.
އޭނާ ސްކޫލުގައި އުޅެމުން، އެ ކުޅިވަރެއްގެ ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ކުޅޭ ހޭންޑްބޯޅައިގެ ތެރެއަށް އީޝަލް އަށް ވަދެވުނީ ވެސް އެ ހިސާބުންނެވެ. އީޝަލްގެ ނެޓްބޯޅަ ކޯޗު، އަދި ރާއްޖޭގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ނަފްހާ އާމިރާ (ނައްފަ) އަށް އީޝަލްގެ ކިބައިން ހޭންޑްބޯޅަ މޮޅަށް ކުޅެވިދާނެ ކަމުގެ ހުނަރުތަކެއް ފާހަގަކުރެވިގެން އެ ކުޅިވަރަށް އައުމަށް ދައުވަތު ދިނީ އެވެ. އެކަމަކު އެޑިއުކޭޝަން މިނިސްޓްރީގެ ގަވާއިދު ބުނާ ގޮތުގައި ކޮންމެ ކުޅުންތެރިޔަކަށް ވެސް ކުޅެވޭނީ ދެ ޓީމު ކުޅިވަރުކަމުން ނެޓްބޯޅަ އާއި ބާސްކެޓްބޯޅައިގައި ކުރިއަށް ދިޔައީ އެވެ.
ނަމަވެސް ފަހުން ބާސްކެޓްބޯޅައާ ދުރުވެ، އީޝަލް އިހުތިޔާރުކުރީ ނެޓްބޯޅައާ އެކު ހޭންޑްބޯޅަ އެވެ. އެ ހިސާބުން ކުޅިވަރުގައި އޭނާ ކުރިއަށް އެރީ އެހާމެ ބާރު ސްޕީޑުގަ އެވެ. އުމުރުން 15 އަހަރުގައި، ރާއްޖޭގެ ކްލަބްތަކުން ފުރުސަތު ލިބެން ފެށި އެވެ. އަދި މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް އައިއެޗްއެފް 17 އަހަރުން ދަށުގެ ހޭންޑްބޯޅަ މުބާރާތުގައި ވާދަކުރަން ނެގި ޔޫތު ގައުމީ ޓީމުން ފުރުސަތު ލިބުނެވެ. އެ މުބާރާތުން ރާއްޖެ ލޯ މެޑަލް ހޯދިއިރު އީޝަލް ވެގެންދިޔައީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އަށެވެ. ލޯ މެޑަލް މެޗުގައި ނޭޕާލް އަތުން 41-10 ގެ ބޮޑު ތަފާތަކުން ރާއްޖެ މޮޅުވިއިރު އީޝަލް 15 ލަނޑު ޖެހި އެވެ.
ހައިރާންވާން ޖެހެނީ ދެނެވެ. އޭނާ ހޭންޑްބޯޅައިގެ ކްލަބް މުބާރާތްތަކާއި، ގައުމީ ޓީމަށް އެ ކުޅުނީ ގްރޭޑް ނުވައެއްގައި ބުރަކޮށް ކިޔަވަމުންނެވެ. މެޑަލް ހޯދައިގެން ރާއްޖެ އައިއިރު ފަހު ޓާމް ޓެސްޓަށް ބާކީ އޮތީ ހަފުތާއެކެވެ. ކިޔަވަން އެހާ މޮޅު ކުއްޖަކު، ޓެސްޓް އެހާ ކައިރީގައި އޮއްވާ ކުޅެން ބޭރަށް ފޮނުވުމުން އީޝަލްގެ މަންމަ އާއި ބައްޕައާ މެދު ބައެއް މީހުން ނުރުހުން ވެސް ފާޅުކުރި އެވެ.
"އަޅުގަނޑުގެ ފުރިހަމަ އިތުބާރު އޮވޭ އީޝަލް ކުޅެން ދިޔަޔަސް ކިޔެވުމަށް ސަތޭކަ ޕަސެންޓް އެފަޓްލާނެކަން،" ޒީނާ ބުންޏެވެ.
"މީހުން ވަރަށް ފާޑުކިޔާ ކުޅެން ފޮނުވާތީ. އެކަމަކު އަޅުގަނޑު ކޮންމެ ދުވަހަކު ވެސް އީޝަލް އަށް ކުޅެން ފުރުސަތު ދެން."
އީޝަލް ހޭންޑްބޯޅަ މެޗެއްގެ ތެރެއިން.
އީޝަލް އެ ފަހަރުގެ ޓެސްޓުން ވެސް ރަނގަޅު ނަތީޖާއެއް ހޯދައި، ދެން އައި އޯ ލެވެލް އިމްތިހާނުން ހުރިހާ މާއްދާއަކުން 'އޭ' ސްޓާ ހޯދައި ރާއްޖޭގެ އެއް ވަނައިގައި ހިމެނުނެވެ. ހަމައެކަނި، އެއެއް ނޫނެވެ. އިތުރު ހަރަކާތްތަކަށް ވެސް ވަގުތު ދީ ކާމިޔާބީ ހޯދި އެވެ. އަދަބީ މުބާރާތްތަކުގައި ވެސް ރަނގަޅު ކާމިޔާބީތަކެއް ހޯދި އެވެ. ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ރައްޔިތުންގެ މަޖިލީހުން ބޭއްވި ކުރެހުމުގެ މުބާރާތުން ވެސް އެއް ވަނަ އޭނާ ހޯދި އެވެ.
އީޝަލް ބުނީ ކުޅުމަކީ އޭނާގެ ކިޔެވުމަށް ވެސް ފައިދާކުރާ ކަމެއް ކަމަށާއި ހާއްސަކޮށް އޯ ލެވެލް އާއި އޭ ލެވެލް ކިޔަވާއިރު ކުރިމަތިވާ ސްޓްރެސް އިން ސަލާމަތްވަނީ ކުޅުމުގެ ތެރެއިން ކަމަށެވެ.
"ކުޅެލަން ގޮސް އައިސް ކިޔަވަން ވަރަށް ފަސޭހަ އަޅުގަނޑަށް،"
ޒީނާ ބުނި ގޮތުގައި ކުޅިވަރު ކުޅުމުން ފިޒިކަލީ ފިޓްވުމުގެ ސަބަބުން ކިޔެވުން ފަދަ ބުރަބޮޑު ކަމެއްގައި އުޅޭއިރު އީޝަލް އަށް ފަސޭހަވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ކުޅިވަރުން، ދިރިއުޅުމުގެ އެތައް ކަމެއް ދަސްވުމަކީ ވެސް އޮތް ފައިދާއެއް ކަމަށް އޭނާ ބުންޏެވެ.
"ބަލިވުމާއި، މޮޅުވުން... މިކަންކަން އެބަ ދަސްވޭ ކުޅިވަރުގެ ތެރެއިން."
އީޝަލް ހޭންޑްބޯޅަ މެޗަކަށް ފަހު ފޮޓޯއަކަށް ހުއްޓިލައިގެން.
އީޝަލް ދެކޭ ގޮތުގައި ކުޅޭ ކުދިންނަށް ނުކިޔެވޭނެ ކަމަށް ދެކުމަކީ، ކުރީއްސުރެ މީހުންނަށް ވިސްނިފައި އޮތް ގޯސް ވިސްނުމެއް ކަމަށާއި، ރަނގަޅަށް ވަގުތު ބަހާލައިގެން ކުރިއަށްދާ ނަމަ ދެ ކަން އެކުއެކީގައި ގެންދެވޭނެ ކަމަށެވެ.
"ކުޅުމަކީ ކިޔެވުމަށް ދަށްވާކަމެއް ނޫން. އީޝަލް ދޭން ބޭނުންވާ މެސެޖެއް އެއީ،"
އީޝަލް ރޯލްމޮޑެލުންގެ ގޮތުގައި ދެކޭ އޭނާގެ ކޯޗުންގެ ތެރޭގައި ހިމެނޭ ނައްފަ އާއި އާއިޝަތު ރީމާ އާއި ފާތިމަތު ރިޝްމާ (ރިޝްޓޯ) އަކީ ވެސް ކުޅެމުން، ވަޒީފާއަދާކުރަމުން، އާއިލީ ޒިންމާތައް ނަގާ މީހުންނެވެ.
ޒީނާ ބުނި ގޮތުގައި، ކުރިމަތިލާ ކޮންމެ ކަމެއްގައި އީޝަލް ކާމިޔާބު ހޯދުމުގެ އަނބެއް ސިއްރަކީ އޭނާ އެކަންކަން ހާސިލްކުރަން ބޭނުންވެގެން އެކަންކުރުމެވެ. އީޝަލް އަކީ ކުޑައިރުއްސުރެ ޓާގެޓްތަކެއް ހަދައި އެކަންކަމަށް ވާސިލްވާން އަމިއްލަ އަށް މަސައްކަތްކުރާ ކުއްޖެކެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން ޕޭރެންޓް ބުނެގެން މަޖުބޫރުން ކިޔަވާ ކުއްޖަކު އެ ލެވެލް އަށް ދާނޭ. ކުއްޖާ ވެސް އެފަޓްލައިގެން، ކުއްޖާ ވެސް ކިޔަވަން ބޭނުންވެގެން މޮޅު ކުއްޖަކަށް ވެވޭނީ،"
އީޝަލް "މިހާރު" އަށް އިންޓަވިއުދެނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އީޝަލްގެ ކާމިޔާބީގައި އިސްކަންދަރު ސްކޫލަށް ވެސް ޒީނާ ޝުކުރުވެރިވެ އެވެ. ޕްރައިމަރީ ގްރޭޑުގައި އީޝަލް ކިޔަވާނެ ސްކޫލެއް ކަނޑައެޅުމުގެ ތެރޭގައި އީޝަލްގެ ބައްޕަ އަލީ އިސްމާއީލް ބޭނުންވި ގޮތަށް އިސްކަންދަރު އިހުތިޔާރުކުރެވުމަކީ ކުޅިވަރުން ކުރިއަށް ދިއުމަށް އެޅުނު މުހިއްމު ފިޔަވަޅެވެ. އިސްކަންދަރަކީ ޒަމާނުއްސުރެ ކުޅިވަރަށް ވެސް ބޮޑު ސަމާލުކަމެއްދޭ، އަދި އިންޓަ ސްކޫލް ފެންވަރުގައި އަބަދުވެސް ބޮޑު ކާމިޔާބީތަކެއް ހޯދަމުން އަންނަ ސްކޫލެކެވެ.
އީޝަލް މިހާރު އަންނަނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި އޭ ލެވެލް އަށް ކިޔަވަމުންނެވެ. މިއީ ކިޔެވުމުގައި ކުރިއަށް ވުރެ ބުރަ ދުވަސްތަކެކެވެ. އެކަމަކު ކުޅިވަރު ދުލެއް ނުކުރެ އެވެ. އޭނާ ވަނީ ދާދި ފަހުން ނިމުނު ގައުމީ ހޭންޑްބޯޅަ މުބާރާތުގައި ވެސް ވެސްޓް އެންޑަށް ކުޅެ، ގިނަ މެޗުތަކެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.
"ސްޕޯޓްސް އަބަދުވެސް އޮންނާނެ އީޝަލްގެ ހިތާ ކައިރީގައި،"
އީޝަލްގެ މިހާރުގެ އެންމެ ބޮޑު ޓާގެޓަކީ ނެޓްބޯޅަ ގައުމީ ޓީމަށް ކުޅެ އެ ކުޅިވަރުން ވެސް މެޑެއްޔެއް ރާއްޖެ އަށް ހޯދައިދިނުމެވެ. ނެޓްބޯޅަ އަކީ އަބަދުވެސް އޭނާގެ ފޭވަރިޓް ކުޅިވަރަށް ވާތީއާ އެކު އެވެ.
"އީޝަލް އަށް އިރާދަކުރެވިއްޔާ އެ އުއްމީދު ވެސް ހާސިލްވާނެ. އަޅުގަނޑުމެން އަބަދުވެސް ތިބޭނަން އީޝަލްއާ އެކު،" ޖަވާބުދިނީ ޒީނާ އެވެ.
މަންމަ ޒީނާ އާއި ބައްޕަ އަލީ އިސްމާއިލަކީ އީޝަލްގެ އެންމެ ބޮޑު ދެ ސަޕޯޓަރުންނެވެ. އީޝަލް ދެކޭ ގޮތުގައި މަންމަ އާއި ބައްޕަ ނެތް ނަމަ، މި ކާމިޔާބީތަކެއް ނުހޯދުނީހެވެ.
ހޭންޑްބޯޅަ:ގައުމީ ޗެމްޕިއަން ޖީބީ އާއި ރެޑްހޯކްސް
ޝަރަފުވެރި އެވޯޑް ދިން އިރު ވެސް އޮތީ ހިޔާނާތް!
ހޭންޑްބޯޅައިގެ ރައީސް އާއި ޖީއެސްގެ މައްސަލަ އޭސީސީއަށް
ޖަޕާން ބަލިކޮށް ރާއްޖޭން ސެމީގެ އުއްމީދު ދަމަހައްޓައިފި
ނެޓްބޯޅައިގައި ރާއްޖޭން އިންޑިއާ ވެސް ބަލިކޮށްފި
ހޭންޑްބޯޅައިގެ ޖީއެސް އަންވަރު މަގާމުން ވަކިކޮށްފި
މަލާމާތްތަކުން ގުޑުވައެއް ނުލުވެނު، އެރީ އެއްވަނަ އަށް
ސައުދީ އަތުން ގައުމީ ނެޓްބޯޅަ ޓީމަށް ތަފާތުބޮޑު މޮޅެއް
20 އަހަރުން ދަށުގެ ހޭންޑްބޯޅަ ޓީމަށް ބްރޯންޒް މެޑަލް
ޒުވާން ހޭންޑްބޯޅަ ދެ ޓީމު ވެސް ފެށީ އިތުބާރާ އެކު