Roadha Mihaaru
ޝަރަފުވެރި އެވޯޑް ދިން އިރު ވެސް އޮތީ ހިޔާނާތް!

ޝަރަފުވެރި އެވޯޑް ދިން އިރު ވެސް އޮތީ ހިޔާނާތް، ސޮއިކުރަނީ ނަޒާހަތްތެރިކަން ކުރިއަރުވަން!

26 އޮކްޓޯބަރ 2024

ދާދި އިހަށް ދުވަހަކު ފެންމަތިވި މައްސަލައަކުން ފަށަމާ ހިނގާށެވެ؛ ސްޕޯޓްސް މިނިސްޓްރީން މި މަހު ބޭއްވި ރާއްޖޭގެ ސްޕޯޓްސް އެވޯޑްސްގައި އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ރަނގަޅު އެސޯސިއޭޝަންގެ އެވޯޑް ގެންދިޔަ ހޭންޑްބޯޅަ އެސޯސިއޭޝަންގެ ފައިސާގެ މައްސަލަތަކެއް އެ އެވޯޑަށް ފަހު އެތައް ބައެއްގެ ސަމާލުކަމަށް އައެވެ. ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި މިވަގުތު ބާއްވާ އެންމެ ކުލަގަދަ ހަފުލާގައި އެ އެސޯސިއޭޝަނަށް ޝަރަފުވެރި އެ އެވޯޑް ދިން އިރު ވެސް، ޖެނެރަލް ސެކްރެޓަރީ އަބްދުﷲ އަންވަރު ހުރީ މަގާމުން އެކަހެރި ކޮށްފަ އެވެ. މިއީ ޝަރަފުވެރި އެވޯޑް އުފުލައިލިއިރު އެ އެސޯސިއޭޝަންގެ އެތެރޭގެ ހާލަތު ހުރި ގޮތެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދާދި އިހަށް ދުވަހަކު ފެންމަތިވި މައްސަލައަކުން ފަށަމާ ހިނގާށެވެ؛ ސްޕޯޓްސް މިނިސްޓްރީން މި މަހު ބޭއްވި ރާއްޖޭގެ ސްޕޯޓްސް އެވޯޑްސްގައި އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ރަނގަޅު އެސޯސިއޭޝަންގެ އެވޯޑް ގެންދިޔަ ހޭންޑްބޯޅަ އެސޯސިއޭޝަންގެ ފައިސާގެ މައްސަލަތަކެއް އެ އެވޯޑަށް ފަހު އެތައް ބައެއްގެ ސަމާލުކަމަށް އައެވެ. ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި މިވަގުތު ބާއްވާ އެންމެ ކުލަގަދަ ހަފުލާގައި އެ އެސޯސިއޭޝަނަށް ޝަރަފުވެރި އެ އެވޯޑް ދިން އިރު ވެސް، ޖެނެރަލް ސެކްރެޓަރީ އަބްދުﷲ އަންވަރު ހުރީ މަގާމުން އެކަހެރި ކޮށްފަ އެވެ. މިއީ ޝަރަފުވެރި އެވޯޑް އުފުލައިލިއިރު އެ އެސޯސިއޭޝަންގެ އެތެރޭގެ ހާލަތު ހުރި ގޮތެވެ.

އަންވަރަށް ކުރާ ތުހުމަތަކީ ފައިސާ އަށް ހިޔާނާތްތެރިވުމެވެ. އޭނާ އަށް ދޭ މުސާރައިގެ އިތުރުން އެސޯސިއޭޝަންގެ ބަޖެޓުން 500،000ރ. އާ ގާތް ކުރާ އަދަދަކަށް ފައިސާގައި ޖެހިފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ. އޭނާ އެކަން ކުރީ ހޭންޑްބޯލް މޯލްޑިވްސްގެ ނައިބު ރައީސް އަބްދުﷲ ސަލީމްގެ ސޮއި ފޯޖުކޮށްގެން ކަމަށް ތުހުމަތުކޮށް، ހޭންޑްބޯޅައިގެ މީހަކު ވަނީ އަމިއްލަ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހަޅައިފަ އެވެ.

އެ ކޮމިޝަންގައި އޮތީ އަންވަރުގެ މައްސަލަ އެކަންޏެއް ނޫނެވެ. އެ އެސޯސިއޭޝަނުގެ ފަރާތުން ސްޕޯޓްސް އެވޯޑްސްގެ ހަފުލާގައި އެވޯޑާ ހަވާލުވާން ދިޔަ ރައީސް އަހުމަދު މުޖުތަބާގެ (މުޖޭ) މައްސަލަ ވެސް އޭސީސީގެ ތަހުގީގުގެ މޭޒުމަތީގައި އެބައޮތެވެ. އެ ދެ ބޭފުޅުންގެ ކޭސް އެ ކޮމިޝަނަށް ލިބިފައިވާކަން އޭސީސީގެ އޮފިޝަލަކު "މިހާރު" އަށް ކަށަވަރު ކޮށްދެއްވި އެވެ.

މުޖޭ އަށް ރައްދުވާ ތުހުމަތަކީ އެ އެސޯސިއޭޝަންގެ ރައީސަށް ދޭ އިނާޔަތް އެޑްވާންސްކޮށް 11 މަހަށް ވާ ވަރަށް އެއްފަހަރާ އޭނާ ނަގާފައިވާ މައްސަލަ އެވެ. އެއީ ކޮންމެ މަހަކަށް ޖެހޭ 4،500ރ. ގެ މަގުން 11 މަހަށް ޖެހޭ 49،500ރ. އެވެ.

ކުޅިވަރުގެ ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވީ، އެންމެ ރަނގަޅު އެސޯސިއޭޝަންގެ އެވޯޑް ދޭއިރު، ނަޒާހާތްތެރިކަމާއި ފައިސާ މެނޭޖު ކުރުމުގައި ދެފުށް ފެންނަ އުސޫލަކުން އަމަލުކޮށްފައި ވޭތޯ އެވޯޑް ކޮމިޓީން ނުބަލާ ނަމަ އެ އެވޯޑާ މެދު ސުވާލު އުފެދޭނެ ކަމަށެވެ.

ހެންޑްބޯލް އެސޯސިއޭޝަންގެ ރައީސް މުޖޭ (ވ) އާއި އެ އެސޯސިއޭޝަންގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ އަންވަރު (ކ): އެ ދެ ބޭފުޅުންގެ މައްސަލަ ވަނީ އޭސީސީ އަށް ހުށަހަޅާފަ

ހެންޑްބޯލް އެސޯސިއޭޝަންގެ ރައީސް މުޖޭ (ވ) އާއި އެ އެސޯސިއޭޝަންގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ އަންވަރު (ކ): އެ ދެ ބޭފުޅުންގެ މައްސަލަ ވަނީ އޭސީސީ އަށް ހުށަހަޅާފަ

"ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރުގެ އެވޯޑް ހަފުލާގައި، އެންމެ ރަނގަޅު އެސޯސިއޭޝަންގެ އެވޯޑް އެބަވޭ މިހާރު ޖޯކަކަށް ވެސް. ސަބަބަކީ އެންމެ ފަހުން ތި އެވޯޑް ލިބުނު ދެ އެސޯސިއޭޝަންގެ ހުރި މައްސަލަތައް ތިލަވެގެން އުޅެނީ،" ހޭންޑްބޯޅަ އާއި ބެޑްމިންޓަން އެސޯސިއޭޝަނަށް ދިމާވެގެން އުޅޭ ހާލަތާ ބެހޭގޮތުން ކުޅިވަރުގެ ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވި އެވެ.

"އެންމެ ހިންގުންތެރި އެންމެ ރަނގަޅު އެސޯސިއޭޝަނުގެ އެވޯޑް ދޭއިރު، މި ކްރައިޓީރިއާތައް ހިމަނަން ޖެހޭ. އެސޯސިއޭޝަނާ ގުޅޭ އެންމެހައި ކަމެއްގައި ނަޒާހާތްތެރިކަން ދެމެހެއްޓިފައި އެބަހުރިތޯ، ފައިސާ މެނޭޖުކޮށްފައި ވަނީ ޓްރާންސްޕޭރެންޓް އުސޫލަކުން ތޯ ބަލާފައި ނޫނީ ތި އެވޯޑެއް ދެވިގެން ވެސް ނުވާނެ ކަމަށް އަޅުގަނޑު ދެކެނީ."

ސަރުކާރުން ދޭ އެވޯޑު އެ އެސޯސިއޭޝަނަކަށް ހައްގުވޭތޯ ކަނޑައަޅާނީ ކިހިނެއް ހެއްޔެވެ؟ ރާއްޖޭގައި އަދިވެސް އެސޯސިއޭޝަންތައް ގަވާއިދުން އޮޑިޓް ކުރުމުގެ ސަގާފަތެއް ނެތެވެ. އޮތީ އެ އެސޯސިއޭޝަނެއްގައި އެ ވަގުތަކު ތިބި ވެރިންތަކެއްގެ ބާރުގަދަކަމެވެ. ބާރާއި ނުފޫޒުގަދަ ވެރިންތަކެއް ނަމަ އެއީ ސަރުކާރަށް އަތްލެވޭ ބައެއް ނޫނެވެ. ނޫނީ ސަރުކާރުގެ ސިޔާސަތަކަށް އަންނަ ބަދަލަކުން ނުވަތަ އެ ވަގުތަކު އޮންނަ ސަރުކާރު ބަދަލުވެ، އަތްލެވޭ ހިސާބަށް ދާއިރު އޮންނަނީ މުޅި ބަޖެޓް އަމިއްލަ ބޭނުމަށް ހުސްކޮށްލައިފަ އެވެ. އެފްއޭއެމަކީ އެގޮތަށް އެންމެންގެ ލޯމަތީގައި ހަފުސްކޮށްލި އެސޯސިއޭޝަނެކެވެ.

މިހާރުގެ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެފައި ވަނީ އެސޯސިއޭޝަންތައް އޮޑިޓް ކުރުމަކީ ގަވާއިދުން ކުރާ ޕްރެކްޓިސްއަކަށް ހައްދަވާނެ ކަމަށެވެ. އެކަމަކު، އެ ކަމެއް ވެސް އަދި ނުފެނެ އެވެ.

އަސްލު މިކަން ނުކުރެވެނީ އެސޯސިއޭޝަންތަކުގެ މައްސަލައަކުން ވެސް ނޫން. މިއީ އަސްލު ސްޕޯޓްސް ކައުންސިލުގެ މައްސަލައެއް. ކޮމިޝަނާ އޮފް ސްޕޯޓްސްގެ މައްސަލައެއް،"--- ޝަމީމް

އެސޯސިއޭޝަންތަކުގެ ފައިސާ މެނޭޖުކުރުމުގެ ކަންކަން އޮތީ ދޯހަޅިގޮތަކަށެވެ. ސްޕޯޓްސް އޮގަނައިޒޭޝަން މެނޭޖްމެންޓްގެ ދާއިރާ އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ހުސައިން މުހައްމަދު ވިދާޅުވީ، އެ ހާލަތަށް އެސޯސިއޭޝަންތައް ދިޔައީ މޮނިޓާ ކުރަން ސަރުކާރުތަކުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާތީ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ފައިސާ ދޭ މީހުން އެކަންކަން ނުބަލާ ނަމަ ފައިސާ ލިބިގަންނަ މީހުން އެކަންކަމަށް ފަރުވާތެރި ނުވާނެ އެވެ.

ސްޕޯޓްސް އެވޯޑް ހަފުލާގައި މިނިސްޓަރު އަބްދުﷲ ރާފިއު ވާހަކަ ދައްކަވަނީ: ގަވާއިދުން އޮޑިޓް ކުރުން ޕްރެކްޓިސްއކަަށް ހައްދަވާނެ ކަމަށް އޭނާ މިދިޔަ އަހަރު ވިދާޅުވި --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްޕޯޓްސް އެވޯޑް ހަފުލާގައި މިނިސްޓަރު އަބްދުﷲ ރާފިއު ވާހަކަ ދައްކަވަނީ: ގަވާއިދުން އޮޑިޓް ކުރުން ޕްރެކްޓިސްއކަަށް ހައްދަވާނެ ކަމަށް އޭނާ މިދިޔަ އަހަރު ވިދާޅުވި --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ފާއިތުވި އެއްވެސް ސަރުކާރަކުން ވެސް ނެތް އެސޯސިއޭޝަންތަކުގެ ހިނގުން ހަރުދަނާ ކުރުވުމަށް އެކަށީގެންވާ ޒިންމާދާރު ވިޔަވަޅުތަކެއް އަޅުއްވާފައެއް. މި ދެންނެވީ ހަރުދަނާ ނިޒާމެއްގެ ތެރޭގައި މޮނިޓަ ކުރެވޭނެ ފިޔަވަޅުތަކެއް އެކުލަވާލައްވައި ތަންފީޒީ މަރުހަލާއަކަށް ގެނައި ތަނެއް ފެނިފައެއް ނެތް ހަމަގައިމު ވެސް. ފައިސާ މެނޭޖްކުރުން ވެސް އޮތީ ހަމަ މިބީދައިން ދޫކޮށްލެވިފައި،" ހުސައިން ވިދާޅުވި އެވެ.

"ފައިސާ ދޭ މީހުން އެ ކަންކަމަށް ނުބަލަންޏާ ފައިސާ ލިބިގަންނަ މީހުން ކޮންމެހެން ނޫޅޭނެތާ އެ ކަންކަމަށް މާބޮޑަށް ފަރުވާތެރިވެގެން އުޅޭކަށް."

ރާއްޖޭގައި ކުޅޭ ކުޅިވަރުތަކުގެ ތެރެއިން 99 ޕަސެންޓަކީ ގައުމީ އެސޯސިއޭޝަންތަކަށް ނިސްބަތްވާ ކުޅިވަރުތަކެވެ. ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ސަރުކާރުގެ ބަޖެޓުން ކޮންމެ އަހަރަކު ފައިސާ ދެ އެވެ. ބޭރުގެ މުބާރާތްތަކަށް ދާން ޓިކެޓް ހަމަޖައްސައި ދެނީ ވެސް ސަރުކާރުގެ ބަޖެޓުންނެވެ. ކުރީގެ ސަރުކާރުން ނިންމާފައި ވަނީ ގައުމީ ކުޅިވަރު އެސޯސިއޭޝަންގެ ދަރަޖަ ލިބިފައިވާ ކޮންމެ އެސޯސިއޭޝަނަކަށް މަދުވެގެން 500،000ރ. ކޮންމެ އަހަރަކު ދިނުމަށެވެ.

އެކަމަކު، އެ ފައިސާ ދޭއިރު ފައިސާ ހަރަދުކުރުމާއި ބަލަހައްޓައި ގެންގުޅުމުގައި އެސޯސިއޭޝަންތަކުން ދެން ހަދާ ގޮތެއް ބެލޭނެ ނިޒާމެއް ނެތި ފައިސާ ދިނުން އެއީ ކުރެވިގެން ވާނެ ކަމެއް ނޫނެވެ. ދައުލަތުގެ ފައިސާ ވަންނަ ކޮންމެ އެސޯސިއޭޝަނެއްގެ ދޮރުގައި ޓަކި ޖަހައި ބެލޭނެ ނިޒާމެއް އޮންނަން ޖެހޭނެ ކަމަށް ހުސައިން ވިދާޅުވި އެވެ.

"ސަރުކާރުން ފައިސާ ދޭ ކަމަށް ވަންޏާ އެ ފައިސާ އަށް ވީ ގޮތެއް ބެލުމުގެ ހުރިހާ އިހުތިޔާރެއް ސަރުކާރަށް އޮންނާނެ. އެ ކަންކަން ބެލޭނެ ހަރުދަނާ މޮނިޓަރިން އަދި ގުޅުން ހުރި ކޮންޓްރޯލްސްތައް ގާއިމުކުރެވެން ޖެހޭނެ. މިފަދަ ހުޅުވާލެވިފައިވާ ޒަމާނެއްގައި ކޮންމެހެން މަޖުބޫރު ކަމެއް އެއީ އަޅުގަނޑަށް ފެންނަ ގޮތުގައި. އެހެން ނޫނީ ވާނެ ގޮތް މި ފެންނަނީ،" އޭނާ ވިދާޅުވި އެވެ.

އެމްއޯސީ ކޮންގްރެސްގައި އެސޯސިއޭޝަނަކުން ވޯޓް ދެނީ --- ފައިލް ފޮޓޯ: އިސްމާއީލް ތޯރިގް |އެމްއޯސީ

އެމްއޯސީ ކޮންގްރެސްގައި އެސޯސިއޭޝަނަކުން ވޯޓް ދެނީ --- ފައިލް ފޮޓޯ: އިސްމާއީލް ތޯރިގް |އެމްއޯސީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި "އަރުތަ"އިގެ ނަމުގައި އެތުލީޓުންގެ ޓްރޭނިން ސްކޮލާޝިޕް ޕްރޮގްރާމެއް ތައާރަފު ކުރި އެވެ. އެ ޕްރޮގްރާމްގެ ދަށުން އެތުލީޓުންނަށް ދޭން ކަނޑައެޅި ފައިސާ ޖަމާކުރީ އެ އެތުލީޓެއް ނިސްބަތްވާ އެސޯސިއޭޝަންތަކުގެ އެކައުންޓަށެވެ.

މައުލޫމާތު އެނގޭ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ބައެއް އެސޯސިއޭޝަންތަކުން އަރުތައިގެ ފައިސާ މެނޭޖުކުރުމުގައި ވެސް އުސޫލުތަކެއް ހިފަހައްޓާފައި ނެތް ކަމަށެވެ. އެކަމަކު، ސަރުކާރުގެ އިދާރާއަކުން އެސޯސިއޭޝަންތަކާ އެކަމާ ބެހޭގޮތުން ސުވާލެއް ވެސް ކޮށް ނުލަ އެވެ. އަރުތަ ޕްރޮގްރާމްގައި ބައިވެރިވި އެތުލީޓުންނަށް ވެސް އެ ފައިސާއިން ކުރި ހަރަދުތަކުގެ ތަފުސީލު ވެސް ގިނަ އެސޯސިއޭޝަންތަކުން ހިއްސާ ކޮށްފައެއް ނެތެވެ.

"އަރުތައިގެ ފައިސާ އެސޯސިއޭޝަންތަކަށް ލިބެން ފެށި ފަހުން، ހުންނާނެ ވަރަށް ގިނަ ގޯސްތަކެއް ހެދިފައި އެ ފައިސާ މެނޭޖުކުރުމުގައި. މޮނިޓަރިން އިންސްޓްޓިއުޓްތަކުން ވަދެ ބަލާލީމާ އެނގޭނެ ކިހާ ބޮޑެތި މައްސަލަތަކެއް ހުރިކަން،" އޮފިޝަލް ވިދާޅުވި އެވެ.

އެފްއޭއެމްގެ ކުރީގެ ވެރިންނަށް ތުހުމަތު ކުރެވުނު ފައިސާގެ މައްސަލަތައް އިސްވެ ތިލަ ކުރެއްވި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، އެސޯސިއޭޝަންތަކަށް ފައިސާ ދޭއިރު އެ ބަޖެޓުން ކުރަނީ ކޮން ކަމެއްތޯ ސްޕޯޓްސް ކައުންސިލުން ބަލަން ޖެހޭނެ ކަމަށެވެ.

ފައިސާ ދޭ މީހުން އެ ކަންކަމަށް ނުބަލަންޏާ ފައިސާ ލިބިގަންނަ މީހުން ކޮންމެހެން ނޫޅޭނެތާ އެ ކަންކަމަށް މާބޮޑަށް ފަރުވާތެރިވެގެން އުޅޭކަށް."--- ހުސައިން

ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފްގެ ދައުރުގައި ސްޕޯޓްސް ކައުންސިލްގެ މެންބަރުކަން ކުރެއްވި ޝަމީމް ވިދާޅުވީ އެ ކައުންސިލުގައި ހުންނަވައިގެން އެ ކަންކަމަށް ފިޔަވަޅުތައް އަޅަން މަސައްކަތް ކުރެއްވި ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ބަޖެޓް ދޫކުރުމަށް ތައްޔާރުވަމުން އައި ދުވަސްވަރު ވެސް ކަމަށް ވާތީ، އެ ކަންކަން މޮނިޓާ ކުރާނެ އުސޫލެއް އޭނާ ހުށަހެޅުއްވި ކަމަށެވެ.

ޝަމީމް: އޭނާ ވިދާޅުވީ ސްޕޯޓްސް ކައުންސިލުގައި ހުންނަވައިގެން ކުރި މަސައްކަތުގެ ނަތީޖާ އަކީ އެ ކައުންސިލުން އޭނާ ވަކި ކުރުން ކަމަށް  --- ފައިލް ފޮޓޯ:ނިޝާން އަލީ | މިހާރު

ޝަމީމް: އޭނާ ވިދާޅުވީ ސްޕޯޓްސް ކައުންސިލުގައި ހުންނަވައިގެން ކުރި މަސައްކަތުގެ ނަތީޖާ އަކީ އެ ކައުންސިލުން އޭނާ ވަކި ކުރުން ކަމަށް --- ފައިލް ފޮޓޯ:ނިޝާން އަލީ | މިހާރު

"އެސޯސިއޭޝަންތަކަށް ބަޖެޓް ދޫކުރުމުގެ ކަންކަން ހިނގަން ފަށާތީ އަޅުގަނޑު ދެންނެވިން ސަރުކާރުންނޭ ބަޖެޓް މި ދޫކުރަނީ. ސަރުކާރުން ބަޖެޓް ދީފައި އެކަން މޮނިޓާ ކުރަން އަޅުގަނޑުމެންނާ [ސްޕޯޓްސް ކައުންސިލް] ހަވާލުކޮށްފައޭ މި އޮންނަނީ. އަޅުގަނޑު ބޭނުމޭ ބަލަން ބަޖެޓުން ކުރާ ކަންތައް،" އޭރު ސްޕޯޓްސް ކައުންސިލުން ކުރި މަސައްކަތް ޝަމީމް ވިދާޅުވެ ދެއްވި އެވެ.

"ދެން އަޅުގަނޑު ބުނިން ހުރިހާ އެސޯސިއޭޝަނަކުން ބަޖެޓް ހަދައިގެން ސްޕޯޓްސް ކައުންސިލުން ކަނޑައަޅާ ކޮމިޓީއަކަށް ތީތި ގެންދާށޭ. ދެން އަޅުގަނޑުމެން އިވެލުއޭޓް ކޮށްފައި ބުނާނަމޭ ބަޖެޓް ދޭނަން ތޯ، ނުދޭނަން ތޯ. ފަހަރަކު އެސޯސިއޭޝަނެއް ގެނެސްފައި މި އަހަނީ ކީއްހޭ މި ފައިސާ އިން ތި ކުރަނީ."

ޝަމީމް ވިދާޅުވިގޮތުގައި، ބައެއް އެސޯސިއޭޝަންތަކުން އެ އަހަރު ނުވަ މުބާރާތް ބާއްވާނެ ކަމަށް ވެސް ބުންޏެވެ. އެކަމަކު، އޭގެ ކުރީގެ އަހަރު އެ އެސޯސިއޭޝަނުން އެއްވެސް މުބާރާތެއް ބާއްވާފައި ނުވާކަން ވެސް ފާހަގަވެފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"ދެން އަޅުގަނޑު [އެ އެސޯސިއޭޝަންތަކުން ސްޕޯޓްސް ކައުންސިލަށް ހާޒިރުވި މަންދޫބަށް] ދެންނެވިން، މިދިޔަ އަހަރު އެއްވެސް މުބާރާތެއް ނުބޭއްވޭ ބަޔަކަށް މި އަންނަ އަހަރު ނުވަ މުބާރާތް ބޭއްވޭނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަންވީ ކޮން ހަމަޔަކުންކަން،" އޭރު ޗެސް އެސޯސިއޭޝަނުން ހުށަހެޅި ޕްރަޕޯޒަލް ބަޖެޓާ ބެހޭގޮތުން ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުބާރާތަކަށް ބަޖެޓް ދޫކުރާ އިރު އެ މުބާރާތެއްގެ ސަބަބުން އެ ކުޅިވަރަކަށް އަންނާނެ ކުރިއެރުމަކީ ކޮބައިކަން ވެސް ބުނެދޭން ވެސް ގިނަ އެސޯސިއޭޝަންތަކަށް ނޭނގޭ ކަމަށެވެ. ބޭރުގެ މުބާރާތްތަކަށް ދާން ބަޖެޓް ހޯދަން ހުށަހަޅާ އިރު ވެސް އެ މުބާރާތުން ލިބޭނެ ކުރިއެރުން އެސޯސިއޭޝަންތަކަށް ބުނެ ނުދެވޭ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"މިސާލަކަށް އަންޑަ ފިފްޓީން ޓީމެއް މުބާރާތަކަށް ގެންދަންޏާ އޭގެ މާނައަކީ މި އަންނަ އަހަރު އަންޑަ ސެވެންޓީން އަށް، ތިން އަހަރު ފަހުން އަންޑަ ޓުވެންޓީ އަށް. ފަސް އަހަރު ފަހުން ސީނިއާ ޓީމަށް. އެހެންވީމާ ފަސް އަހަރު ފަހުން ސީނިއާ ޓީމަށް އަރާ ކުޅުންތެރިން ތައްޔާރު ކުރަންށޭ މުބާރާތަށް ދަނީ،" ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑު ބުނިން ކިޔައި ދީބަލާށޭ ކޮންމެ މުބާރާތަކުން އަލްޓިމޭޓްލީ ނެރެން ބޭނުންވާ ނަތީޖާ. އެއްޗެހި ލިޔެގެން އަންނާށޭ. އައިސް ކޮންވިސް ކޮށްދޭށޭ ތި ފައިސާ ދޭން ޖެހޭ ކަމަށް."

ސްޕޯޓްސް ކައުންސިލު މެންބަރެއްގެ ގޮތުގައި ހުންނަވައިގެން އެސޯސިއޭޝަންތަކުގެ ފައިސާއާ ގުޅޭ ކަންކަން ހަރުދަނާ ކުރަން އެ ފިޔަވަޅުތައް އެގޮތަށް ގެންދިއުމުން ނަތީޖާ އަކަށް ވީ އެ ކައުންސިލުން ޝަމީމް ވަކިކޮށް ބޭރުކޮށްލުމެވެ.

"އެ ޕްރެޝާކޮށް އެގޮތަށް ގެންދަން ހިފަހައްޓާލީމާ މަހްލޫފް ވިދާޅުވެއްޖެ ތިކަން ތިގޮތަކަށް ނުވާނެ ނޫން ހޭ. އަޅުގަނޑު ބުނެފިން ލާރި ދެންޏާ އެ ލާރިން ނެރޭ ނަތީޖާ ކޮންވިސްކޮށްދޭށޭ ލާރި ދޭ މީހާ އަށް. އޭރުން އަޅުގަނޑުމެން ކައުންސިލުން މިނިސްޓަރަށް ލަފައެއް ދޭނަމޭ އޯކޭއޭ މި ލާރި ދޭން ފެނެޔޭ. މި ލާރި ދޭކަށް ނުފެނެޔޭ. އެ ލަފާ ވެސް ދޭނަމޭ ލިޔުމުން. ދިނީމާ އޮންނާނެ ނޫންހޭ ފެންނަން،" ޝަމީމް ވިދާޅުވި އެވެ.

އެމްއޯސީގެ ކޮންގްރެސްގައި ކުޅިވަރު އެސޯސިއޭޝަނެއްގެ އިސްވެރިޔަކު ބައިވެރި ވަނީ --- ފައިލް ފޮޓޯ: އެމްއޯސީ

އެމްއޯސީގެ ކޮންގްރެސްގައި ކުޅިވަރު އެސޯސިއޭޝަނެއްގެ އިސްވެރިޔަކު ބައިވެރި ވަނީ --- ފައިލް ފޮޓޯ: އެމްއޯސީ

އޭނާ ވިދާޅުވީ އެސޯސިއޭޝަންތަކުގެ ފައިސާ މެނޭޖުކުރުމުގެ ކަންކަން ހަރުދަނާ ކުރުމަށް އޮތް ގޮތަކީ އެސޯސިއޭޝަންތައް ހިންގުމުގެ މިނިމަމް ސްޓޭންޑަޑްތަކެއް އެކުލަވާލުން ކަމަށެވެ.

"އަސްލު މިކަން ނުކުރެވެނީ އެސޯސިއޭޝަންތަކުގެ މައްސަލައަކުން ވެސް ނޫން. މިއީ އަސްލު ސްޕޯޓްސް ކައުންސިލުގެ މައްސަލައެއް. ކޮމިޝަނާ އޮފް ސްޕޯޓްސްގެ މައްސަލައެއް،" ޝަމީމް ވިދާޅުވި އެވެ.

"އެއީ ކޮމިޝަނާ އޮފް ސްޕޯޓްސް އާއި ސްޕޯޓްސް ކައުންސިލުގެ މައިގަނޑު ކަމަކީ ވެސް މޮނިޓާ ކުރުން. މޮނިޓާ ކޮށްފައޮ ޔަގީން ކުރުން އެ މީހުން [އެސޯސިއޭޝަންތަކުން] ލާރި ބޭނުންކުރަނީ ރަނގަޅަށް ތޯ ބެލުން."

ކުޅިވަރު އެސޯސިއޭޝަންތަކުގެ ބައެއް ވެރިންގެ ހިޔާނާތާއި ކޮރަޕްޝަންގެ މައްސަލަތައް މެކުހަށް ޖަހާފައިވާއިރު، އޭސީސީން ވަނީ "ޕަޗަސް" ގެ ނަމުގައި ކުޅިވަރުގެ ނަޒާހާތްތެރިކަން ދެމެހެއްޓުމުގެ ޕްރޮގްރާމެއް ވެސް އިފުތިތާހުކޮށްފަ އެވެ. އެކަމަކު، ފެންނަނީ ހައްތާ ގޯސްވާ ތަނެވެ.

ޕްރޮމޯޓިން އެންޓި-ކޮރަޕްޝަން އޮނެސްޓީ އެންޑް އެކައުންޓެބިލިޓީ އިން ސްޕޯޓްސް (ޕަޗަސް) އަކީ ކުޅިވަރު ދާއިރާގައި ހިނގާ ނުވަތަ ހިނގާފާނެ ކޮރަޕްޝަންގެ އަމަލުތަކުން ސަލާމަތްކޮށް، ކުޅިވަރަކީ ނަޒާހާތްތެރިކަމާ އެކު ކުރިއަށް ގެންދެވޭ ކަމަކަށް ހެދުމުގެ މަގްސަދުގައި ފެށި ޕްރޮގްރާމެކެވެ.

އެކަމަކު އެއީ ވެސް ހަމައެކަނި ފޮޓޯގަނޑެއް ނަގާލަން ކުރި ކަމެއް ނަމަ އޭގެ ބޭނުމެއް ނެތެވެ. ދިވެހި ކުޅިވަރު ދާނީ ހައްތާ ވެސް ފަހަތަށެވެ. ދިވެހި ކުޅިވަރުގެ ހާލަތަކީ ބައެއް ފަހަރު ޝަރަފުވެރި އެވޯޑް ވެސް މި ދޫކޮށްލެވެނީ ކޮރަޕްޝަންގެ ތުހުމަތު އޮންނަ އެސޯސިއޭޝަންތަކަށެވެ. އެކަމަކު، ސޮއި މި ކުރަނީ ކުޅިވަރުތައް ނަޒާހަތްތެރިކަމާ އެކު ހިންގުމުގެ ލިޔުމެއްގަ އެވެ. އަނެއްކޮޅުން ނުސީދާކޮށް ކޮރަޕްޝަނަށް މި ދެނީ ހިތްވަރެވެ. ސާބަހެވެ.