Roadha Mihaaru

ތަމްރީނުތަކަށް ފަހު އައިތަނާ ހޭންޑްބޯޅައިގެ މޮޅު ކުޅުންތެރިޔާ ޔަޝްމު ގައުމީ ޓީމުން "ވަކިކޮށްފި"

މެލޭޝިއާގެ ތަމްރީނުތަކަށް ފަހު މާލެ އައި މުހައްމަދު ޔަޝްމު އަހުމަދު ހޭންޑްބޯޅަ ގައުމީ ޓީމުން އެކަހެރި ކޮށްފި އެވެ.

ހޭންޑްބޯޅަ ގައުމީ ޓީމުން ޔަޝްމު "ވަކިކޮށްފި"
ހުސެއިން ހަބީބް
ހުސެއިން ހަބީބް

11 ސެޕްޓެމްބަރ 2025

މެލޭޝިއާގެ ތަމްރީނުތަކަށް ފަހު މާލެ އައި މުހައްމަދު ޔަޝްމު އަހުމަދު ހޭންޑްބޯޅަ ގައުމީ ޓީމުން އެކަހެރި ކޮށްފި އެވެ.

ސޯޝަލް މީޑިއާގައި ޔަޝްމު ބުނީ، މެލޭޝިއާގައި އޭނާ ތަމްރީނު ހެދީ ހޭންޑްބޯލް މޯލްޑިވްސްގެ ހުއްދައާ އެކު ކަމަށެވެ. ނަމަވެސް މާލެ އައި ތަނުން ފިޓްނަސް ޓެސްޓަ ހަދަން އޭނާ އަށް ގުޅި ކަމަށާއި އެކަމަކު އެ ޓެސްޓް ހަދަން ނުދިއުމުން އޭނާ ގައުމީ ޓީމު "ވަކިކޮށްފައިވާ" ކަމަށް ބުންޏެވެ.

"އަހަރެން މާލެ އަށް އައީ ވިސާގެ މުއްދަތު ހަމަވާތީ އެވެ. މާލެ އަށް އައިތާ މާގިނަ އިރެއް ނުވެ، އެސޯސިއޭޝަނުން އަހަންނަށް ގުޅައި، ބުނީ ޓެސްޓަކަށް އައުމަށެވެ. އަހަރެން ދަތުރުކޮށްފައި އައިތާ މާގިނަ އިރެއް ނުވާތީ، އެ ވަގުތު ޓެސްޓެއް ހަދަން ދާން އަހަންނަށް ފަސޭހައެއް ނޫނެވެ،" ސޯޝަލް މީޑިއާ ޕޯސްޓުގައި ޔަޝްމު ލިޔެފައި ވެ އެވެ.

"އެ ދުވަހުން ފެށިގެން، އަހަރެން ގައުމީ ޓީމުން ވަކިކުރި ސަބަބާ ބެހޭ ގޮތުން ތަފާތު ވާހަކަތައް އަޑުއިވެ އެވެ."

ޔަޝްމު ބުނިގޮތުގައި، ގައުމީ ޓީމުން އޭނާ ވަކިކުރި ސަބަބާ ބެހޭ ގޮތުން އެކި ވާހަކަތައް އަޑު އިވެ އެވެ.

އޭގެ ތެރޭގައި ޓެސްޓު ހަދަން ނުދިޔަ މައްސަލައިގެ އިތުރުން އެހެން ސަބަބުތައް ވެސް ބައެއް ކޯޗުން ފެންމަތި ކުރާ ކަމަށް އެންމެ ފަހުގެ ސްޕޯޓްސް އެވޯޑްގައި ރާއްޖޭގެ އެންމެ މޮޅު ހޭންޑްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދި ޔަޝްމު ލިޔެފައި ވެ އެވެ.

ކްލަބް ލެވެލްގައި ޔަޝްމު އަށް އިރުޝާދު ދިން ކޯޗަކު ބުނީ މެލޭޝިއާގެ ތަމްރީނުތަކަށް ފަހު ޔަޝްމު މާލެ އައީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. އަދި އޭނާގެ ފިޓްނަސް ޓެސްޓް ހަދަން މިދިޔަ ހޮނިހިރު ދުވަހު ދާން އެންގި އެވެ.

ޔަޝްމުގެ މަންމަ އަދި ހޭންޑްބޯޅަ އެސޯސިއޭޝަންގެ ކުރީގެ އެކްސްކޯ މެންބަރު މުއުމިނާ އާދަމް (މޫންޓީ) ބުނީ ފިޓްނަސް ޓެސްޓް ހަދަން ޔަޝްމު އަށް ދެވެން ނެތް ކަމަށް ބުނުމުން، ޓެސްޓް ނުހެދި ނަމަވެސް އެ ތަނަށް ހާޒިރުވެ ހުންނަން އެސޯސިއޭޝަނުން އެންގި ކަމަށެވެ.

އެކަމަކު އެ ތަނަށް ޔަޝްމު ހާޒިރު ނުވުމުން ދެން އޭނާ އަށް އެންގީ ގައުމީ ޓީމުން އެކަހެރި ކޮށްފައިވާ ކަމަށެވެ.

ކުރިން ވާހަކަ ދެއްކި ކޯޗު ވެސް ބުނީ އެ ތަނަށް ނުދިޔަ ކަމަށް ބުނެ ގައުމީ ޓީމުން ވަކި ކުރުމަކީ ހަރުކަށި ފިޔަވަޅެއް ކަމަށެވެ.

"މެލޭޝިއާގައި ރަނގަޅު ތަމްރީނުތަކެއް ހަދާފައި އައި ކުޅުންތެރިޔަކު ގައުމީ ޓީމުން އެކަހެރި ކުރަން ޖެހޭނީ މަގުބޫލު ސަބަބެއް ދައްކާފައި. އެ ތަނަށް އޭނާ ނުދިޔައޭ ކިޔާފައި ގައުމީ ސްކޮޑުން އެކަހެރި ކުރުން އަހަންނަށް ހީވަނީ އެއީ މާ ބޮޑުވަރުހެން." ކޯޗު ބުންޏެވެ.

މޫންޓީ ބުނިގޮތުގައި، ކުޅުންތެރިންގެ ކޯޑް އޮފް އެތިކްސްއެއް ހަދާފައި އޮތް ނަމަ އެ ފިޔަވަޅު އެޅީ އޭގެ ކޮން މާއްދާއަކުން ކަން އެސޯސިއޭޝަނުން އަންގަން ޖެހޭ އެވެ. އެކަމަކު އެފަދަ އެއްވެސް އެންގުމެއް ވެސް އެސޯސިއޭޝަނުން އަންގާފައި ނުވާ ކަމަށް ބުންޏެވެ.

މެލޭޝިއާގައި ހެދި ތަމްރީނުތަކާއި އެ ގައުމުގައި ކުޅުނު މުބާރާތުގެ މައުލޫމާތުތައް ވެސް އެސޯސިއޭޝަނަށް ގަވާއިދުން އަންގާފައި ވާނެ ކަމަށް ޔަޝްމު ބުންޏެވެ. އަދި މެލޭޝިއާގައި ހޭދަކުރި ދެ މަހާ ބައިގެ މުއްދަތުގައި އޭނާގެ ހާޒިރީ އަށް ބަލައި ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދޭ އިނާޔަތް ވެސް އޭނާ އަށް ދީފައިވާ ކަމަށް ޔަޝްމު ބުންޏެވެ.

ޔަޝްމު އަށް އެޅި ފިޔަވާޅާ ބެހޭގޮތުން، ގައުމީ ޓީމުގެ ކޯޗިން ޕެނަލްގައި އެންމެ އިސްކޮށް މަސައްކަތް ކުރާ ހުސައިން އަޒްހަމް ބުނީ އެ މައްސަލައިގައި ރަސްމީކޮށް އެއްޗެއް ބުނާނީ އެސޯސިއޭޝަނުން ކަމަށެވެ.

ހޭންޑްބޯލްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ، އެސޯސިއޭޝަނުން ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި އެ މައްސަލައިގައި އެސޯސިއޭޝަނުން ބަޔާނެއް ނެރޭނެ ކަމަށެވެ.

"އަޅުގަނޑުމެން ބަޔާނެއް ނެރެ ތި މައްސަލަ ސާފުކޮށް ދޭނަން،" މުޖޭ ވިދާޅުވި އެވެ.