Roadha Mihaaru
ޒުވާން ހޭންޑްބޯޅަ ދެ ޓީމު ވެސް ފެށީ އިތުބާރާ އެކު

ޒުވާން ހޭންޑްބޯޅަ ދެ ޓީމު ވެސް މޮޅުވެ އިތުބާރު ހޯދައިފި

11 ޖުލައި 2024

އައިއެޗްއެފް ޓްރޮފީގައި ވާދަކުރާ ރާއްޖޭގެ 18 އަހަރުން ދަށާއި 20 އަހަރުން ދަށުގެ ގައުމީ ހޭންޑްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބުކޮށްފި އެވެ.

އައިއެޗްއެފް ޓްރޮފީގައި ވާދަކުރާ ރާއްޖޭގެ 18 އަހަރުން ދަށާއި 20 އަހަރުން ދަށުގެ ގައުމީ ހޭންޑްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބުކޮށްފި އެވެ.

އިންޑިއާގެ ޖައިޕޫރުގެ ސަވާއީ މަން ސިންގް އިންޑޯ ސްޓޭޑިއަމްގައި އިއްޔެ ފެށި އައިއެޗްއެފް ޓްރޮފީ މުބާރާތުގައި ރާއްޖެ ހިމެނެނީ ޒޯން 2 ގަ އެވެ. މި ޒޯންގައި ރާއްޖެ ވާދަކުރަން ޖެހެނީ ނޭޕާލްގެ އިތުރުން އިންޑިއާ އާއި ބަންގްލަދޭޝްއާ އެވެ.

އެންމެ ފުރަތަމަ ކުޅުނު 18 އަހަރުން ދަށުގެ މެޗުގައި ރާއްޖޭން މޮޅުވީ ނޭޕާލާ ވާދަކޮށް 36-31 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިވެހި ޓީމުގެ ޝަހީމް ލަހުފާން އަހުމަދު އެވެ.

18 އަހަރުން ދަށުގެ ހޭންޑްބޯޅަ ޓީމު، ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ގާފު ސްޕޯޓްސް

18 އަހަރުން ދަށުގެ ހޭންޑްބޯޅަ ޓީމު، ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ގާފު ސްޕޯޓްސް

ވިހި އަހަރުން ދަށުގެ ޓީމުން ނޭޕާލް ބަލިކުރީ 30-28 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިވެހި ޓީމުގެ ގޯލްކީޕަރު ހުސެއިން ޔަނާލް އަކްރަމް އެވެ.

ދެ ވަނަ މެޗުގައި މިއަދު ދެ ޓީމު ވެސް އިންޑިއާއާ ދެކޮޅަށް ނުކުންނައިރު، ލީގު ބުރުގެ ފަހު މެޗުގައި ހުކުރު ދުވަހު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ލީގު ބުރުގައި ރޭންކިންގެ ގަދަ ދެ ޓީމު ފައިނަލް ކުޅެން ހަމަޖެހިފައި ވާއިރު، ތިން ވަނަ އަދި ހަތަރު ވަނައިގައި ނިންމާ ޓީމަށް އޮންނާނީ ތިން ވަނަ ހޮވާ މެޗެވެ.

މިދިޔަ އަހަރު ރާއްޖޭގެ 17 އަހަރުން ދަށާއި 19 އަހަރުން ދަށުގެ އަންހެން ޓީމު ވަނީ އައިއެޗްއެފް ޓްރޮފީގައި ވާދަކޮށްފަ އެވެ. ދެ ޓީމު ވެސް ވަނީ ނޭޕާލާ ވާދަކޮށް މޮޅުވެގެން ތިން ވަނަ ހޯދައިފަ އެވެ.