Roadha Mihaaru

ހަތަރު މެޗުން މޮޅުވެ ޒުވާން ނެޓްބޯޅަ ޓީމު ސެމީ އަށް

ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ، ރާއްޖޭގެ 21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމުން ދެކުނު ކޮރެއާގައި ކުރިއަށްދާ އޭޝިއަން ޔޫތު ނެޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ފަޅިން ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ހަތަރު މެޗުން މޮޅުވެ ޒުވާން ނެޓްބޯޅަ ޓީމު ސެމީ އަށް

ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ، ރާއްޖޭގެ 21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމުން ދެކުނު ކޮރެއާގައި ކުރިއަށްދާ އޭޝިއަން ޔޫތު ނެޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ފަޅިން ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އޭޝިއާގެ ގައުމުތައް ދެ ފަޅިއަކަށް ބަހާލައިގެން، މި މުބާރާތް ކުރިއަށްގެންދާއިރު އޭގެ ތެރެއިން ގްރޫޕް އޭ ގައި ހިމެނެނީ ރޭންކިންގެ އެންމެ މަތީ ހަ ގައުމެވެ. އެ ގައުމުން ވާދަކުރާނީ ލީގު ޗެމްޕިއަންކަމަށެވެ. އެއީ އިންޑިއާ، ސްރީ ލަންކާ، ސިންގަޕޫރު، މެލޭޝިއާ، އަދި ހޮންކޮން އެވެ.

ރާއްޖެ ހިމެނޭހެން އަނެއް ހަ ގައުމު އޮތް ގްރޫޕް ބީ އިން ވާދަކުރަނީ ކަޕް ޗެމްޕިއަންކަމަށެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ސައޫދީ އަރަބިއްޔާ، ޕާކިސްތާން، ދެކުނު ކޮރެއާ، ޗައިނީސް ޓައިޕޭ، އަދި ޖަޕާނެވެ.

ރާއްޖެ ވަނީ ޕާކިސްތާން ފިޔަވައި އަނެއް ހަތަރު ގައުމު އަތުން މޮޅުވެފަ އެވެ. ރާއްޖެ ސެމީ ފައިނަލަށް ދިޔައީ ދެ ވަނަ ޓީމުގެ ގޮތުގައި ކަމަށް ވުމުން ސެމީގައި ބައްދަލުކުރަން ޖެހޭނީ ޗައިނީސް ޓައިޕޭއާ އެވެ. އެ މެޗު އޮންނާނީ ބުރާސްފަތި ދުވަހު ހެނދުނު ރާއްޖެ ގަޑިން 10 ޖަހާއިރެވެ.

ރާއްޖޭގެ ޓީމުގައި ފަސް ކުޅުންތެރިން ފިޔަވައި މުޅިން ހިމެނެނީ ބައިނަލްއަގްވާމީ މެޗުތަކަށް އާ ކުޅުންތެރިންނެވެ. އެހެންވެ ތަޖުރިބާ މަދު ކުޅުންތެރިންތަކެއް ގޮވައިގެން އައިސް ވެސް ރަނގަޅު ނަތީޖާތަކެއް ނެރެވުމުން ކޯޗު ނީޝާ ހަލީމް ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ.

"ނަތީޖާގެ އިތުރުން ޕާފޯމަންސާ މެދު ވެސް ވަރަށް ހިތްހަމަޖެހޭ. ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު މި ފެންވަރުގައި ވާދަކުރަން އައިސް ރާއްޖޭން މި ނެރެނީ ވަރަށް ރަނގަޅު ނަތީޖާއެއް،" ނީޝާ ބުންޏެވެ.

މީގެ ތިން މަސް ކުރިން ތައްޔާރުވާން ފެށި ޓީމުން ވަނީ ތަޖުރިބާ ހޯދުމަށް ހޮންކޮން މުބާރާތެއްގައި މިދިޔަ ޖޫން މަހުގެ ކުރީކޮޅު ވާދަކޮށްފަ އެވެ. އެ މުބާރާތުން ރާއްޖެ ތިން ވަނަ ހޯދި އެވެ.

ރާއްޖޭގެ ނަތީޖާތައް:

ރާއްޖެ 51-26 ޗައިނީސް ޓައިޕޭ

ރާއްޖެ 59-32 ޖަޕާން

ރާއްޖެ 73-20 ސައޫދީ އަރަބިއްޔާ

ރާއްޖެ 129-03 ކޮރެއާ

ރާއްޖެ 39-49 ޕާކިސްތާން