Roadha Mihaaru
"ނަތަންޔާހޫ ރާއްޖެ އަތުވެއްޖެ ނަމަ ހައްޔަރުކުރާނަން"

ނަތަންޔާހޫ ރާއްޖެ އަތުވެއްޖެ ނަމަ ހައްޔަރުކުރާނަން: އިހްސާން

28 ނޮވެމްބަރ 2024

ވަކި މީހަކު އިސްތިސްނާނުކޮށް ބައިނަލްއަގުވާމީ ކޯޓުތަކުގެ އަމުރުތައް ރާއްޖެއިން ތަންފީޒުކުރާނެ ކަމަށާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރު ވެސް ތަންފީޒުކުރާނެ ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވަކި މީހަކު އިސްތިސްނާނުކޮށް ބައިނަލްއަގުވާމީ ކޯޓުތަކުގެ އަމުރުތައް ރާއްޖެއިން ތަންފީޒުކުރާނެ ކަމަށާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރު ވެސް ތަންފީޒުކުރާނެ ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރާއްޖެއަކީ އިންޓަނޭޝަނަލް ކޯޓުތަކުގެ އަމުރުތައް ވަކި މީހަކު އިސްތިސްނާނުކޮށް ތަންފީޒުކުރާނެ ގައުމެއް ކަމަށެވެ.

ނަތަންޔާހޫ ހައްޔަރުކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން އަމުރު ނެރެފައިވާ މި ދަނޑިވަޅުގައި އޭނާ ރާއްޖެ އަތުވެއްޖެ ނަމަ ހައްޔަރުކުރާނެތޯ ސޯޝަލް މީޑިއާގައި ބައެއް މީހުން ސުވާލުކޮށްފައިވެ އެވެ.

ޢިހުސާން "މިހާރު" އަށް ވިދާޅުވީ ނަތަންޔާހޫ ރާއްޖެ އަޔަސް ހައްޔަރު ކުރާނެ ކަމަށާއި ރާއްޖެއިން ބައިނަލްއަގުވާމީ ކޯޓުތަކުގެ ނިންމުންތަކަށް ތަބާވެ، އަމުރުތައް ތަންފީޒުކުރާނެ ކަމަށެވެ.

ނަތަންޔާހޫ އާއި އިޒްރޭލުގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރަކަށް މިދިޔަ މެއި މަހު އެދުނީ އައިސީސީގެ ޕްރޮސެކިޔުޓާ ކަރީމް ޚާން އެވެ. އެއީ ފަލަސްތީނުގައި ހިންގަމުންދާ ބަނޑައްޖެއްސުމާއި، މީހުން މެރުމާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ގުޅިގެންނެވެ.

އެ މައްސަލައާ ގުޅިގެން ނަތަންޔާހޫ އާއި ގަލަންޓް އަދި ހަމާސްގެ އަސްކަރީ ވެރިޔާ މުހައްމަދު ޟައީފް ހައްޔަރުކުރަން އައިސީސީއިން އަމުރު ނެރުނީ މިދިޔަ ބުރާސްފަތި ދުވަހެވެ.

އެއަށްފަހު، އެކި ގައުމުތަކުން ވަނީ ނަތަންޔާހޫ އެ ގައުމަކަށް ހިނގައްޖެ ނަމަ އަމުރު ތަންފީޒުކުރާނެ ކަމަށް ބުނެފަ އެވެ.