Roadha Mihaaru
އަންހެން ކެންޑިޑޭޓުންނަށް އެމްޑީޕީން މާލީ އެހީ ދެނީ

އިންތިހާބުތަކުގައި ވާދަކުރާ އަންހެން ކެންޑިޑޭޓުންނަށް އެމްޑީޕީން މާލީ އެހީ ދެނީ

07 މާޗް 2017

އިންތިހާބުތަކުގައި ވާދަކުރާ އަންހެން ކެންޑިޑޭޓުންގެ ކެމްޕޭނަށް އިދިކޮޅު އެމްޑީޕީން މާލީ އެހީ ދޭން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިންތިހާބުތަކުގައި ވާދަކުރާ އަންހެން ކެންޑިޑޭޓުންގެ ކެމްޕޭނަށް އިދިކޮޅު އެމްޑީޕީން މާލީ އެހީ ދޭން ނިންމައިފި އެވެ.

މާދަމާ ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކެމްޕޭންތަކުގައި ވާދަކުރަން މާލީ އެހީތެރިކަން ނުލިބުމަކީ އިންތިހާބީ މަގާމްތަކަށް އަންހެނުން ވާދަކުރަން ކުރިމަތިވެފައި އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަންހެން ކެންޑިޑޭޓުންގެ ކެމްޕޭނަށް ފައިސާ ދޭން ނިންމީ ދައުލަތުގެ އިސް މަގާމުތަކާއި އިންތިހާބުކުރާ މަގާމްތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރަން މަގު ފަހިކޮށްދިނުމުގެ ގޮތުން ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

އެ ޕާޓީން ބުނީ ދިވެހި ދައުލަތުގެ ކޮންމެ މުއައްސަސާއެއްގައި ވެސް އެންމެ ހަރަކާތްތެރި އަދި އެންމެ މަސައްކަތްތެރި ބަޔަކީ އަންހެނުން ކަމަށް ވިއަސް، ކަންކަން ނިންމާ ފެންވަރުގަ އާއި އިންތިހާބީ މަގާމުތައް ތަމްސީލްކުރާ އަންހެނުން މަދު ކަމަށެވެ.

"ދިވެހިރާއްޖޭގެ އަންހެނުންނަށް މިފަދަ މަގާމުތަކުގައި ވާދަކުރުމަށާއި އިންތިހާބުތަކުގައި ބައިވެރިވުމަށް ތަފާތު އެކި ގޮންޖެހުންތައް ހުރި ކަން ފާހަގަކުރަމެވެ. ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ އެކި މަގާމްތައް ތަމްސީލްކުރާ އަންހެނުންގެ ނިސްބަތް ފަސް އިންސައްތަ އަށް ވުރެ ވެސް ދަށެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

ދިރާސާތަކާ ހަވާލާދީ އެ ޕާޓީން ބުނި ގޮތުގައި އިސް މަގާމުތަކުގައި އަންހެނުންގެ ހިއްސާ ދަށްވަނީ އަންހެނުންނާ މެދު މުޖުތަމައުން ދެކޭ ގޮތާއި އާއިލީ ޒިންމާތަކުގެ ސަބަބުންނެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާ ހަވާލާދީ އެ ބަޔާނުގައި ބުނީ އެމްޑީޕީގައި ހަމަހަމަ ފުރުސަތުތަކެއް އުފައްދައި ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާކުރުމުގައި އަންހެނުންގެ ދައުރު ބޮޑުކުރާނެ ކަމަށެވެ. އެމްޑީޕީ މެމްބަރުންގެ 50 ޕަސެންޓް ހިއްސާ ކުރަނީ އަންހެނުން ކަން ފާހަގަކުރައްވައި އެ ޕާޓީގެ އަންހެނުންގެ ރޫހަކީ އަގު ނުކުރެވޭ ފަދަ މަސައްކަތްތަކެއް ކުރާ ގުނަވަނެއް ކަމަށް ވިދާޅުވި އެވެ.

އަންހެނުންގެ ރޫހުގެ ރައީސް ޝިފާ މުހައްމަދު ވިދާޅުވީ އެ ޕާޓީގެ އަންހެން މެމްބަރުންނަކީ ކޮންމެ ދުވަހަކު ވެސް އެންމެންގެ ހައްގުގައި ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުން އަންނަ ބައެއް ކަމަށެވެ. އަދި އެމްޑީޕީގެ އަންހެނުންނަކީ އަނިޔާވެރިކަމާއި ބޭއިންސާފާއި ބިރު ފަހަނައަޅައި އިންސާނީ ހައްގުތައް ދިފާއު ކުރުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނި ގޮތުގައި އެ ޕާޓީގެ އަންހެނުންގެ ރޫހަކީ ޕާޓީ އަށް ވަރަށް މުހިއްމު ގުނަވަނެއް ކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ފާހަގަކުރައްވަ އެވެ.

"މި ޕާޓީ އުފެދުނީއްސުރެ ވެސް ޕާޓީ ކުރިއަރުވައި، ކޮންމެ ހިނދަކު ވެސް ޕާޓީ އަށް ދިރުންދެނީ އަންހެނުން. ދިވެހިރާއްޖެ އާއި ޕާޓީގެ އެންމެ އިސް މަގާމުތަކުގައި ތިބުމަށް އަޅުގަނޑުމެން އެދެނީ އަންހެނުން،" ނަޝީދު ވިދާޅުވި އެވެ.