18 އެޕްރީލް 2021
އޭނާގެ އެކިއެކި ހިދުމަތްތަކާއި އިސްނެގުން އަބަދުވެސް ފޭސްބުކުން ފެނެއެވެ. އަންހެނުންގެ ކޮމިޓީގެ ކޮންމެވެސް ހަރަކާތެކެވެ. ދަނޑުވެރިކަން ކުރާ ފޮޓޯތަކެވެ. އަދި މަހަށް ގޮސް ނަގާފައި ހުންނަ ފޮޓޯތަކާއި ކުޅިވަރު ކުރިއެރުވުމަށް ކުރާ މަސައްކަތްތަކެވެ.
އޭނާގެ އެކިއެކި ހިދުމަތްތަކާއި އިސްނެގުން އަބަދުވެސް ފޭސްބުކުން ފެނެއެވެ. އަންހެނުންގެ ކޮމިޓީގެ ކޮންމެވެސް ހަރަކާތެކެވެ. ދަނޑުވެރިކަން ކުރާ ފޮޓޯތަކެވެ. އަދި މަހަށް ގޮސް ނަގާފައި ހުންނަ ފޮޓޯތަކާއި ކުޅިވަރު ކުރިއެރުވުމަށް ކުރާ މަސައްކަތްތަކެވެ.
އެހެންވެ، ޚުދު އޭނާ ވެސް ގަބޫލުކުރަނީ ރައްޔިތުން އޭނާ އަށް ކައުންސިލްގެ ގޮނޑިއަކަށް ހޮވައިދޭނެ ކަމަށެވެ. އޭގެ ސަބަބުތައް ވެސް ސާރަތު އާދަމް (ސާރާ) ކިޔައިދިނެވެ.
"މި ރަށުގެ ރައްޔިތުންނަށް ހިންގާ އެއްވެސް ހަރަކާތެއް ނުހުންނާނެ އަޅުގަނޑު ބައިވެރިނުވާ ކަމެއް. އަޅުގަނޑަކީ ރަށުގައި ފިރިހެނުންނެކޭ އެއްގޮތަށް ކަންކަމުގައި އިސްނަގައިގެން މަސައްކަތް ކުރާ މީހެއް. އަދި ކުރަން ނިންމާ ކަމެއް އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެސް ކޮށް ނިންމުން އެއީ އަޅުގަނޑުގެ އަމާޒެއް،" 47 އަހަރުގެ ސާރާ ބުންޏެވެ.
ރަށުގައި ބޭއްވި އިޖުތިމާއީ ހަރަކާތެއްގައި ސާރާ
ނިމިގެންދިޔަ ލޯކަލް ކައުންސިލްގެ އިންތިހާބުގައި އދ. ދިގުރަށުން 10 މީހުންނާ ވާދަކޮށް ސާރާ ގޮނޑި ހޯދީ އެންމެ މަތިން ވޯޓު ހޯދައިގެންނެވެ. އެ ނަތީޖާއާ އެކު އޭނާއަށް އިހުސާސް ކުރެވުނީ ރަށުގެ ރައްޔިތުން އޭނާގެ ހިދުމަތް "އެއްފަހަރުން ބަލައިގެންފި" ކަމަށެވެ.
"ވަރަށް ބޮޑު އުފަލެއް ލިބިއްޖެ. ވަރަށް ބޮޑަތި ގޮންޖެހުންތަކާ އެކު ވެސް ގޮނޑި ކާމިޔާބު ކުރެވުނީތީ، އަދި އެންމެ މަތިން ވޯޓު ލިބުނީމާ މާބޮޑަށް ވެސް އުފާވެއްޖެ،" ދެ ކުދިންގެ މަންމަ ބުންޏެވެ.
ސާރާއަކީ ރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ވެސް މެންބަރެކެވެ.
"އަޅުގަނޑު މި ކޮމެޓީގައި 20 އަހަރު ވެއްޖެ ހިލޭ ސާބަހަށް މަސައްކަތް ކުރާތާ. މި ކޮމެޓީގެ ރައީސާކަން ކުރާތާ މިއީ 15 ވަނަ އަހަރު. އެހެންކަމުން ރަށު ކައުންސިލްގެ ގޮނޑިއަކީ އަޅުގަނޑަށް ހައްގު ގޮނޑިއެއް ކަމަށް އަޅުގަނޑު އަބަދުވެސް ގަބޫލުކުރަން،" އޭނާ ކިޔައިދިނެވެ.
އޭނާ ބުނާގޮތުން ފައިސާގެ ދަތިކަމާހުރެ އަންހެނުންގެ ކޮމިޓީ އަށް އެހާ ގިނަ ހަރަކާތްތައް ހިންގަން ވަރަށް ދަތިވެއެވެ.
ސާރާ އޭނާގެ ގޭގައި ހައްދާފައިވާ ބައެއް ތަކެތި
"އެކަމަކު އެކި ފަރާތްތަކުގެ އެހީތެރިކަމާ އެކު ހުންނާނެ ކަންކަން ކޮށްފައި. މިހާރު ވެސް ރަށުގެ ބަނދަރު ސަރަހައްދުގައި މައިޒާނެއް ހެދުމުގެ މަސައްކަތް ވަނީ ފަށައިފައި. އަދި މަސްކަނޑާ ތަނެއް ހެދުމަށް ކައުންސިލުން ބިން ހޯދައި ފަންޑު ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން."
ސާރާ އަކީ ވަރަށް މަސައްކަތްތެރި އަންހެނެކެވެ. ދޯނި ފަހަރުގައި އެހެން މީހުންނާ އެކު މަސްވެރިކަމު ދެއެވެ. ގޮނޑުދޮށަށް ގޮސް ކުޑައިރުން ފެށިގެން މަސްވެރިކަން ކުރެއެވެ. ބޯ ކޮށައި ދެއެވެ. އޭނާ ބުނާގޮތުން ވަރަށް ގިނަ މަސައްކަތްތައް އަމިއްލަ އަށް ކުރަން އެނގެއެވެ.
"ބޯކޮށުމަކީ ވަރަށް ކުރީންސުރެ ވެސް ކުރަމުން އައި ކަމެއް. އެކަމު ރަށުގައި ސެލޫނެއް ހުޅުވުމުން ފަހުން އެހާ ބޮޑަކަށް ނުކުރަން. ފަހުން އެ ސެލޫން ބަންދުކުރުމާ ގުޅިގެން ރަށުގެ ވަރަށް ގިނަ ސްކޫލް ކުދިންގެ ބޯކޮށައިދެން މިހާރު ވެސް،" އޭނާ ބުންޏެވެ.
ސާރާ (ކ-3): ރަށުގައި ބާއްވާ ހުރިހާ ކަމެއްގައި ބައިވެރިވޭ
"ގޭގައި ހުންނަ ތަކެއްޗަށް ދިމާވާ ކަރަންޓުގެ ކުދިކުދި ކަންކަން ވެސް އަމިއްލަ އަށް ކޮށްލަން."
އޭނާ ގޯތީގައި ދަނޑުވެރިކަން ކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ. އެ ދަނޑުގައި މިހާތަނަށް އެތައް ބާވަތެއް ހައްދައިފި އެވެ. މޭވާ އާއި ތަރުކާރީ އާއި ތަފާތު ވައްތަރުގެ މާގަސްތައް މިހާރު ވެސް ހުރެއެވެ.
"ކޮވިޑާ ގުޅިގެން ބޮޑަށް މި މަސައްކަތް ކުރިއަށް މި ގެންދަނީ. ދަނޑުވެރިކަމުގެ ބާވަތްތަކާއި މާގަސް ހެއްދުން އަދި މަސްވެރިކަމު ދިއުމަކީ އަޅުގަނޑުގެ ހޮބީއެއް. އެކަމަކު ކޮންމެވެސް ވަރެއްގެ އާމްދަނީއެއް ވެސް ލިބޭ."
ސާރާ ކައުންސިލަށް ކުރިމަތިލި މިއީ ދެވަނަ ފަހަރެވެ. ކުރިން ފަހަރު އޭނާ ތަމްސީލުކުރާ ޖުމްހޫރީ ޕާޓީގެ އެހެން މެންބަރަކަށް ފުރުސަތު ދިނުމުގެ ގޮތުން ނަން އަނބުރާ ނެގީ އެވެ. މިފަހަރު މި ވާދަކުރީ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ދެ ގޮނޑިއަށެވެ.
ސާރާ: އޭނާ އަށް ކުރިމަތިވި ގޮންޖެހުންތައް ގިނަ
ސާރާ ބުނިގޮތުގައި މިފަހަރުގެ ކެމްޕޭނުގައި އޭނާ އަށް އެންމެ ބޮޑު ޗެލެންޖަކަށްވީ އޭނާ ތަމްސީލްކުރާ ޖުމްހޫރީ ޕާޓީގެ ތެރެއިން އިސްކޮށް ތިބި ބައެއް މީހުން އޭނާ އާ ދެކޮޅަށް މަސައްކަތް ކުރުމެވެ. މިއީ މިހެން ދިމާވެދާނެ ކަމެއް ކަން އޭނާ ފަހަރެއްގައި ވެސް ހިޔެއް ނުކުރެ އެވެ.
"އޭގެ ސަބަބުން ޕާޓީގެ ކެމްޕެއިން ރަނގަޅަށް ނުވެސް ކުރެވުނު. ވޯޓު ލައި ނިމެންދެން ވެސް އުޅެންޖެހުނީ އެކަމުން ސަލާމަތް ނުވެގެން."
ނަމަވެސް އެ ހުރިހާ ގޮންޖެހުންތަކުން ސަލާމަތް ކުރުމަށް އޭނާގެ އަތުގައި ހިފީ ފިރިމީހާ އަހުމަދު ފާއިޒެވެ.
"އަޅުގަނޑުގެ ފިރިމީހާ އަކީ އިންތިހާބުތަކުގެ ކެމްޕެއިންގައި ވަރަށް ބޮޑަށް އުޅެ އެކަމަށް ފަރިތަ މީހެއް. އެހެންވެ އޭނާ ޕްލޭން ކުރި ގޮތަށް ކެމްޕެއިން ކުރިއަށް ދިއައީ. އަދި ހާއްސަކޮށް ފިރިމީހާގެ އާއިލާ އާއި އަޅުގަނޑުގެ އާއިލާ އިން ވެސް ވަރަށް އެހީތެރިވި،" އޭނާ ބުންޏެވެ.
"އެންމެ އުފާވީ ރަށުގެ ހުރިހާ ފިކުރެއްގެ ރައްޔިތުން ވެސް އަޅުގަނޑަށް ވޯޓު ދިނީމަ. އެކަމަށް ޓަކައި އެ އެންމެންނަށް އަޅުގަނޑު އަބަދު ވެސް ޝުކުރު އަދާކުރާނަން."
އަންހެނުންގެ ދައުރު މަޖިލީހުގައި ބޮޑުކުރަންޖެހޭ: ގާސިމް
އަންހެނުންގެ ދުވަސް ފާހަގަކުރަން ނަހުލާގެ ޖަލްސާއެއް
ކައުންސިލްތަކުގައި އަންހެނުން ގިނަވުމަކީ ބޮޑު ކުރިއެރުމެއް
އަންހެނުންނަށް ގޮނޑި ޚާއްސަކުރި މައްސަލަ މާދަމާ ފަށަނީ
ކައުންސިލް އިންތިޚާބު މާޗުގައި ބާއްވަން ތައްޔާރުވަނީ
ކައުންސިލް އިންތިޚާބު ފަސްކުރަން އެދިވަޑައިގެންފި
ކޮވިޑް-19 އާ ގުޅިގެން ޖޭޕީގެ ޖަލްސާ ވެސް ފަސްކޮށްފި
ބޮޑަށް ސަމާލުކަން ދެނީ ރިޔާސީ އިންތިޚާބަށް: ޖޭޕީ
ޖޭޕީން ވެސް ކެމްޕޭނު ފަށަން ކާނިވަލަށް އެއްވަނީ
ސުވާލު އުފެއްދުމުގެ ޖާގަ ނުދޭން އަލްހާން ޖޭޕީއާ ދުރަށް