Roadha Mihaaru
ކައުންސިލްތަކުގައި އަންހެނުން ގިނަވުމަކީ ބޮޑު ކުރިއެރުމެއް

އާ ކައުންސިލްތަކުގައި އަންހެނުން ގިނަވުމަކީ ބޮޑު ކުރިއެރުމެއް: އަފްޝަން

13 ޖޫން 2021

އަލަށް އިންތިހާބު ކުރި ކައުންސިލުތަކުގައި އަންހެނުންގެ ދައުރު ކުރިއަށް ވުރެ ބޮޑުވުމަކީ ގައުމުގެ ތަރައްގީ އަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ސީއީއޯ އަފްޝަން ލަތީފު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަލަށް އިންތިހާބު ކުރި ކައުންސިލުތަކުގައި އަންހެނުންގެ ދައުރު ކުރިއަށް ވުރެ ބޮޑުވުމަކީ ގައުމުގެ ތަރައްގީ އަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ސީއީއޯ އަފްޝަން ލަތީފު ވިދާޅުވެއްޖެ އެވެ.

ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާ އެކު ކައުންސިލުތަކުގެ 33 ޕަސެންޓަކީ މިހާރު އަންހެނުންނެވެ.

ސިޔާސީ ދާއިރާގައި ވެސް އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ އަފްޝަން މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ގާނޫނުން އަންހެނުންނަށް ޚާއްސަކުރި 33 ޕަސެންޓާ އެކު ކައުންސިލްތަކުގައި އަންހެނުންގެ ދައުރު ފުޅާވެފައިވާ ކަމަށެވެ.

އިންތިހާބުކޮށްފައިވާ 900 އަށް ވުރެ ގިނަ ކައުންސިލަރުންގެ ތެރޭގައި 300 އަށް ވުރެ ގިނަ ކައުންސިލަރުންނަކީ އަންހެނުންނެވެ.

"އަޅުގަނޑަށް ފާހަގަކުރެވޭ ކެމްޕެއިންތަކުގައި އަބަދު ވެސް އިސްކޮށް އުޅުއްވާނީ އަންހެނުން. އެކަމަކު ވޯޓު ހޯދާނީ ފިިރިހެން ކެނޑިޑޭޓް. އެ ފިރިހެން ކެނޑިޑޭޓް ހޮވިގެން މޭޒު ދޮށުގައި ނިންމުން ނިންމަން މި ތިއްބަވަނީ ވެސް އެ ބޭފުޅުން އެކަނި،" ކުރިން ހުރި ބައެއް ކަންބޮޑުވުންތައް އަފްޝަން ޚިއްސާކުރެއްވި އެވެ.

"އެކަމަކު ވަރަށް ގިނަ ފަހަރު، ރަށުގެ ތަރައްގީގެ ވާހަކަތައް ދެއްކެވޭއިރު އަދި ނިންމުތައް ނިންމުމުގެ މަރުހަލާގައި އަންހެނުންގެ އަޑު ނީވުނީމާ، ބައެއް ފަހަރު އެ ނިންމުންތަކުގެ ފުރިހަމަކަން އެބަ ގެއްލޭ."

އަފްޝަން ވިދާޅުވިގޮތުގައި ރަށުގެ ތަރައްގީއާ މެދު ކަންކަން ނިންމުމުގައި އަންހެނުންނާއި ފިރިހެނުންގެ ވިސްނުމުގައި ވެސް ވަރަށް ބޮޑު ފަރަގެއް ހުރެ އެވެ. އެހެންވީމާ، އެންމެ ރަނގަޅު ނިންމުންތަކެއް ނިންމޭނީ ދެ ފަރާތުގެ ބަސް ވެސް އަޑުއަހަައިގެން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން، މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އެލްޖީއޭގެ ސީއީއޯ އަފްޝަން، މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

"އަންހެން ބޭފުޅުން ގިނަ ފަހަރަށް އާއިލާގެ ޒިންމާތައް އުފުއްލަވަނީ، ކުޑަކުދިންނާއި ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި މި ކަހަލަ ކަންތައްތައް ވެސް. އެހެންވެ، އެ ބޭފުޅުން މާ ބޮޑަށް އެބަ ވިސްނަވާ ރަށުގެ ތަރައްގީގެ އިތުރުން އިޖުތިމާއީ ގޮތުން ހުންނަ މައްސަލަތައް ހައްލުކުރުމާ މެދު ވެސް،" އަފްޝަން ވިދާޅުވި އެވެ.

"ފިރިހެން ބޭފުޅުންގެ ވިސްނުން ގިނަ ފަހަރަށް، ބޮޑަށް މި ހުންނަވަނީ މިސާލަކަށް ރަށުގެ ބަނދަރު ނުވަތަ އިންފްރާސްޓްރަކްޗާގެ ކަންކަން ކުރިއަރުވަން."

ޓްރާންސްޕޭރަންސީ އާއި ޔޫއެންޑީޕީ ފަދަ ތަންތަނުން ހަދައިފައި ހުރި ދިރާސާތަކުން ވެސް ކައުންސިލްތަކަށް އަންހެނުން އައުމަށް ކުރިން ހުރި ދަތިތައް ގިނަ ކަން ފާހަގަވާން އެބަހުރި ކަމަށް އަފްޝަން ވިދާޅުވި އެވެ. އަދި ޕާޓީ ނިޒާމުގެ ތެރެއިން ވެސް، ޕްރައިމަރީގައި ގިނަ ފަހަރަށް ހަމަ ފެއިލް ވާނީ އަންހެން ކެނޑިޓޭޓުން ކަމަށެވެ.

އެކަމަކު ކައުންސިލްގެ އާ ގާނޫނުން މިހާރު އަންހެނުންނަށް ދީފައި އޮތް 33 ޕަސެންޓްގެ ރިޒަވޭޝަނާ އެކު އެ ދަތިތަކަށް ރަނގަޅު ހައްލެއް ލިބިފައިވާ އޭނާ ގަބޫލުކުރައްވަ އެވެ.

"އެ ސީޓް ގެރެންޓީއާ އެކު މިހާރު އަންހެން ބޭފުޅުންނަށް ވެސް އެބަ އޮތް ފުރުސަތު، ނިންމުން ނިންމާ މޭޒަށް އައިސް މަޝްވަރާކޮށް، ހިޔާލުފާޅުކުރަން. އެއީ އަޅުގަނޑަށް ގަބޫލުކުރެވެނީ ތަރައްގީ އަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް،" އަފްޝަން ވިދާޅުވި އެވެ.