Roadha Mihaaru
ބޮޑަށް ސަމާލުކަން ދެނީ ރިޔާސީ އިންތިޚާބަށް: ޖޭޕީ

ބޮޑު ސަމާލުކަމެއް ދެނީ ރިޔާސީ އިންތިޚާބަށް، އަސްލު ސައިޒު ފެންނާނީ އެ އިންތިޚާބުން: ޖޭޕީ

03 މާޗް 2020

ޖުމްހޫރީ ޕާޓީން ބޮޑަށް ސަމާލުކަން ދެނީ ރިޔާސީ އިންތިޚާބށް ކަމަށާއި އަސްލު ސައިޒު ފެންނާނީ 2023 ގެ ރިޔާސީ އިންތިޚާބުން ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޖުމްހޫރީ ޕާޓީން ބޮޑަށް ސަމާލުކަން ދެނީ ރިޔާސީ އިންތިޚާބށް ކަމަށާއި އަސްލު ސައިޒު ފެންނާނީ 2023 ގެ ރިޔާސީ އިންތިޚާބުން ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން މި މަހުގެ 13 ވަނަ ދުވަހު ބާއްވާ ޖަލްސާއާ ގުޅޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އަދި ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ އެ ޕާޓީން މަސައްކަތް އެންމެ ބޮޑަށް މަސައްކަތް ކުރަނީ ރިޔާސީ އިންތިޚާބަށް ކަމަށެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ޖޭޕީގެ ފަރާތުން 127 ކެންޑިޑޭޓުން ވާދަކުރެ އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރަނީ އެ ޕާޓީގެ 56 ކެންޑިޑޭޓުންނެވެ.

ރިޔާޒު ވިދާޅުވީ ކެމްޕޭން ފަށަން ކާނިވަލުގައި ބާއްވާ ޖަލްސާ ވާނީ ބަޔަކަށް އަނެއްކާ ވެސް ހައިރާންކަން ގެނެސްދޭ ޖަލްސާއަކަށް ކަމަށެވެ. ހަރުގެތަކާއި ޖަގަހަތަކުގައި ބާއްވާ ޖަލްސާ ވެސް ޖޭޕީން ބާއްވާ ޖަލްސާތަކަށް ވުރެ މީހުން ގިނައެއް ނުވާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު އެ ޕާޓީގެ މަގުސަދަކީ މީހުން އެއްކުރުން ނޫންކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މަސައްކަތަކީ އިންތިޚާބު، ހާއްސަކޮށް ރިޔާސީ އިންތިޚާބަކަށް އެންމެ ވަރުގަދައަށް ތައްޔާރުވުން. މި ހުންނަ ކުދިކުދި އިންތިޚާބުގައި ބައިވެރިވުން އެއީ ޖޭޕީ އަށް އެހާ މުހިއްމު، އިސްކަންދޭ ކަމެއް ނޫން. އެކަމަކު ބައިވެރިވާން ބޭނުންވާ ބޭފުޅުންގެ ޝައުގު ހުންނަވަރަކުން އެ މީހުންނަށް ފުރުސަތުދޭ މަންޒަރު މިހާތަނަށް ފެނިފައި ހުންނާނީ،" ޖޭޕީގެ މައި ޖަގަހަ، މ. ކުނޫޒުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ޕީޕީއެމްގެ ކުރީގެ މެންބަރު ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކައުންސިލް އިންތިޚާބަށް މީހުން ނެރުމަށް ޖޭޕީގެ ލީޑަޝިޕުން އެހާ ބޮޑަކަށް މަސައްކަތެއް ނުކުރެ އެވެ. ނަމަވެސް، އެ އިންތިޚާބަށް ކުރިމަތިލީ ހުރިހާ އެންމެންނަށް ފުރުސަތު ދީފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެކަމަކު، އެކި ދާއިރާތަކަށް "ގަދަކަމުން" ކެންޑިޑޭޓުން ނެރެން މަސައްކަތް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީޕީއެމާއެކު ކޯލިޝަން ހެދީ ރައްޔިތުން ބޭނުންވެގެން ކަމަށް ވިއަސް ގާސިމާ މެދު އެ ޕާޓީން ކަންތައް ކުރީ އޭނާ ހަމަ ވިދާޅުވި ގޮތަށް ކަމަށް ރިޔާޒު ވިދާޅުވި އެވެ. އެކަމަކު ދެން ބާއްވާ ރިޔާސީ އިންތިޚާބަށް ޖޭޕީ ނުކުންނަނީ ކާމިޔާބުވާނެ ކަމުގެ އަޒުމެއްގައި ދުރާލައި ތައްޔާރުވެގެން ކަމަށް ވިދާޅުވި އެވެ.

"މިހާރު ދެން ތިބި ޕާޓީތަކަކީ ޗޮއިސް އެއް ނޫން ކަމަށް ގިނަ މީހުން ބުނާއިރު އަޅުގަނޑުމެން އެންމެން ވެސް ގަބޫލުކުރާ އެއް ހަގީގަތަކީ އެއާއެކުވޭ. ގާސިމް އިބްރާހިމަކީ މީހެއްގެ މައްޗަށް ހަސަދަވެރިވާނެ މީހެއް ނޫންކަން، އަނިޔާވެރިވާނެ މީހެއް ނޫންކަން. އެކަން އެމަނިކުފާނު ސާބިތުކޮށްދީފައިވަނީ. ޒާތީ ހަސަދައެއް އޮންނަ ބޭފުޅެއް ނޫންކަން ސާބިތުކޮށްދެއްވައި،" ރިޔާޒު ވިދާޅުވި އެވެ.

ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވީ ޖޭޕީގައި މިހާރު ތިއްބެވީ ސިޔާސީގޮތުން ތަޖުރިބާކާރު ބޭފުޅުން ކަމަށެވެ.

އޭނާ ވިދާޅުވީ ފަސް އަހަރުވަންދެން ޖޭޕީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ހުންނަވާނެ ކަމަށާއި ނަމަވެސް އޭގެ ފަހުން ޖޭޕިން ވެސް ނުކުންނާނެ ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ބަދަލުކުރީ ބަދަލަކަށް ކަމަށާއި އެކަމަކު ސަރުކާރުން ކުރާ ކަންތައްތަކާ ހިތްހަމަނުޖެހިގެން ޖޭޕީއާ ގިނަ ބަޔަކު ގުޅެމުންދާ ކަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް ހުރިހާ އެއްޗެއް ޓެސްޓު ކުރެވިއްޖެ. ޕީޕީއެމް ވެސް ޓެސްޓް ކުރެވިއްޖެ އެތައް ފަހަރެއްގެ މަތިން އެކި ނަން ނަމުގައި އެކި ގޮތްގޮތަށް. އެމްޑީޕީ ވެސް ޓެސްޓުކުރެވިއްޖެ އެކި ގޮތް ގޮތަށް އެކި ނަން ނަމުގައި ގައިމު ވެސް ދެ ޗޮއިސް ދެ ފަހަރު ޓެސްޓް ކުރެވިއްޖެ. އެކަމަކު ހަމަ ސޭމް... އެހެންވީމަ ރާއްޖޭގެ ރައްޔިތުންނަށް އެބަ ބޭނުންވޭ އިތުރު ޗޮއިސެއް. އެ ޗޮއިސް ހޯދުމަށްޓަކައި އެތައް ބަޔަކު ގުޅެމުންދަނީ މި ޕާޓީއާ،" އިލްހާމް ވިދާޅުވި އެވެ.