Roadha Mihaaru
ސުވާލު އުފެއްދުމުގެ ޖާގަ ނުދޭން އަލްހާން ޖޭޕީއާ ދުރަށް

އަލްހާންގެ ސިޔާސީ ވިސްނުމާ މެދު ސުވާލު އުފައްދާތީ ޖޭޕީން ވަކިވެއްޖެ

27 ފެބުރުއަރީ 2020

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރަކަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރަކަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

އަލްހާން ޓުވިޓާގައި ވިދާޅުވީ ޖުމްހޫރީ ޕާޓީން އޭނާ ވަކިވެވަޑައިގަތީ ޖޭޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި މޭޔަރަކަށް ނުކުންނެވުމުން އޭނާގެ ސިޔާސީ ވިސްނުމާ މެދު ސުވާލު އުފައްދަމުންދާތީ ކަމަށެވެ. އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ދެމިހުންނެވުމަކީ އޭނާގެ ސިޔާސީ މިނިވަންކަމާ މެދު އިތުރަށް ސުވާލު އުފައްދަން ޖާގަ ލިބޭނެ ކަމަކަށް ވާތީ އެ ފުރުސަތު ދޭން ބޭނުން ނުވާ ކަމަށް އަލްހާން ވިދާޅުވި އެވެ.

އަމިއްލަ ގޮތުން އިންތިޚާބަށް ވާދަކުރައްވާ އިރު ކެންޑިޑެސީ ވެސް އިލެކްޝަންސުން ބަލައިގެންފައިވާ ކަމުގެ ޔަގީންކަން ދެއްވި އެވެ.

"ޖޭޕީގެ ސިޔާސީ ހާލަތު އޮތް ގޮތުންނާއި އިންތިޚާބުގެ ޕްރައިމަރީއަކަށް ދާން ވާދަވެރިކަމެއް ވެސް ނެތުމާ އެކު އަޅުގަނޑު އަމިއްލަ ގޮތުން އިންތިޚާބަށް ނުކުތީ. އަޅުގަނޑަށް ތާއީދުކުރާ ޖޭޕީ އާއި އެމްޑީޕީގެ މެމްބަރުން ތިބުމާ އެކު ވަކި ޕާޓީއަކަށް ވުރެން މިނިވަންކޮށް ނުކުތުން ރަނގަޅު ކަމަށް އަޅުގަނޑަށް ފެނުނީ،" އަލްހާން "މިހާރު"އަށް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީއާ އަލްހާން ގުޅިވަޑައިގަތީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގަ އެވެ. ޖޭޕީގެ ޓިކެޓުގައި ހެންވޭރު އުތުރު ދާއިރާ އަށް ވާދަ ކުރެއްވި ނަމަވެސް އެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުއިއްޒެވެ.

އަލްހާންގެ ފުރަތަމަ ސިޔާސީ ޕާޓީއަކީ ޑީއާރުޕީ އެވެ. އޭގެ ފަހުން، އެމްޑީޕީއާ ގުޅިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވައި ފޭދޫ ދާއިރާގެ މެމްބަރުކަން ހޯއްދެވި އެވެ. އެމްޑީޕީގެ ނައިބު ރައީސްކަން ކުރެއްވި އެ ޕާޓީން އަލްހާން ވަކިކުރީ، ވަކި ބަޔަކު އެމްޑީޕީ ހައިޖެކްކޮށް، ޒުވާނުންނަށް ފުރުސަތު ބަންދުވެ، އިސްލާހަށް ފުރުސަތު ނެތް ކަމުގެ ފާޑުވިދާޅުވުންތަކާ އެކު ނުކުންނެވުމުންނެވެ.